ލިޔުންތެރިޔާ
އަޙްމަދު
ވާހަކަ ލިޔުމާއި ސްކްރީންޕްލޭ ލިޔުމަށް ޝައުޤުހުރެ އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަން. އަޅުގަނޑު ލިޔުނު ސްކްރީންޕްލޭ ގަނެ، މަހްދީ އަޙްމަދު އަލުން ލިޔުނު ސްކްރީންޕްލޭ އަކަށް ހަދާފައިވާ ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ 12 އޯގަސްޓް 2014 ގައި ރިލީޒް ވާނެ. މިހާރު ރާއްޖެ.އެމްވީ އަށް "ހަނދުމަވަނީ" ގެ ނަމުގައި ވާހަކައެއް އެބަ ލިޔަން. އަޅުގަނޑުގެ ބްލޮގް Unmaday.blogspot.com އިން އަޅުގަނޑުގެ ވާހަކަތައް ކިޔާލެވޭނެ.
12 : ލިޔުނު ވާހަކަ
64 : ލައިކްސް
51 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

އެއްހާސް އަހަރު (3) ވަނަ ބައި

3 ވަނަ ބައި (ނުނިމޭ)
21 އޯގަސްޓް 2015
2
ބިރުވެރި
ހިތް ހަދިޔާ ކޮށްފައި ވާތީ .... ދާން އެކުގާ ބޭނުންވީމޭ (ސީޒަން 2) މިގެނެސްދެނީ "އެއް ހާސް އަހަރު" މި ނަމުގައެވެ. މިއީ ސީޒަން 1 ގެ ވާހަކައިގެ ބައެކެވެ.

******************************************

ބިޝާރާގެ މަންމަ މި ދުނިޔެ ދޫކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ. މަންމަ މަރުވިފަހުން ބިޝާރާ ބޭރަށް ނުނިކުންނަތާ ދުވަސްތަކަކަށްފަހު މިރޭ އޭނާގޮސް އެހެރީ އޭނާއަށް އެންމެ ހިތްގައިމު މާހައުލުގައެވެ. ހެނދުނުއްސުރެން ގަމަށް ބޯކޮށް ވެހެމުންދިޔަ ވާރޭ ހުއްޓާލީ އަށެއްގެ ޚަބަރު ކިޔަމުން ދަނިކޮށްނެވެ. ރުއްގަނޑު ތެރެއަށް ވަދެގެންދިޔައިރު ގަސްތަކުގެ ފަތްތަކުގައި ހުރި ފެންތިކިތަކުން ބިޝާރާގެ ހެދުން ތެންމަމުން ދިޔައެވެ. މާހައުލުވެސް ހީވަނީ ފިނިކަމުން ގަނޑުވެދާނެ ހެންނެވެ.


ބިޝާރާ ޢާއްމުކޮށް އިށީންނަ އައްޓާއި ހަމައަށް ދެވުނުއިރު މިރޭވެސް ޔަރަސް އެތާނގައި އިނެވެ. މިރޭ ބިޝާރާ އެތަނަށް ދިޔައީ ރީނދޫ ކުލައިގެ ފިނިފެންމަލެއް ހިފައިގެންނެވެ. ޔަރަސް އަށް ދިނުމަށެވެ. މިއީ ބިޝާރާއަށް އެތަނަށް އާދެވޭނެ އެންމެ ފަހު ރޭ ކަން އޭނާއަށް އެނގެއެވެ. ނަމަވެސް ޔަރަސް އަށް ބިޝާރާ އެހާ ކަމުނުދާކަން އޭނާއަށް އެނގެއެވެ. އެހެނަސް އޭނާ ބޭނުންވަނީ ޔަރަސްގެ ފަރާތުން ލިބިގެންދިޔަ އެކަނިފިލުވައިދިން އިޙްސާސަށްޓަކައި ވެސް ޝުކުރު އަދާކުރުމަށެވެ.

އަށްޓާއި ދިމާއަށް ބިޝާރާ އަންނަތަން ބަލަން ޔަރަސް އިނެވެ. ޔަރަސް އިނީ ފުދޭވަރަކަށް ބަނޑުހައިވެފައެވެ. އޭނާގެ ހަށިގަނޑު ތެރޭގައި ބިޝާރާގެ ހުރިހައި ލެޔެއް ބަހައްޓާނެ ޖާގަ ހަމަ ރަނގަޅަށްވެސް އެބަހުރިކަން އޭނާއަށް އެނގެއެވެ. އާއެކެވެ. ބިޝާރާގެ ފަރާތުން ޔަރަސް އަށް ލިބުނު ހުރިހައި ގޯނާއެއްގެ ބަދަލު މިރޭ ހިފުމަށްފަހު ނޫނީ އެންމެ ލެއި ތިއްކެއްވެސް ބޯކަށް އޭނާގެ ހިތެއް ނުބުނެއެވެ.

ބިޝާރާ ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. ޔަރަސް ބިޝާރާއަށް ބަލަން ފެށިއެވެ. އޭނާގެ ދެލޯވެސް މިރޭ ހުރީ މާބޮޑުކޮށް އެހާމެ ކަޅުކޮށެވެ. ބިޝާރާ ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ. އޭނާގެ އަތުން ފިނިފެންމަލުގައި ހިފަހައްޓާލައިގެންނެވެ. ޔަރަސް އަށް އެ މާ ދިނުމުން ޢަމަލުކުރާނީ ކިހިނެތްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާ ހުރީ ގޯހުން ގޯހަށް ކަންތައްތައް ހިނގައިދާނެ ކަމަށްވެސް ތައްޔާރުވެގެންނެވެ. އެ މަލުގައި ނުހިފާނެ ކަމަށް ތައްޔާރުވެގެންނެވެ. ނަމަވެސް ޔަރަސްގެ ކިބައިން ނުރައްކަލެއް އަތުވެދާނެ ކަމަކަށް ކުޑަކޮށްވެސް އޭނާގެ ޅަ ސިކުނޑިއަށް ނުވިސްނެއެވެ. އޭނާގެ ވިސްނުންހުރީ އެ މާ ޔަރަސް އަށް ދިނުމަށްފަހު އެ ހިތްގައިމު މާހައުލާއި އެ މާހައުލުން އަލަށް ލިބުނު ބީރައްޓެހި ރަޙްމަތްތެރިޔާ، ޔަރަސް ނުފެންނަ ހިސާބަށް މާދުރަށް ދިއުމަށެވެ.

ބިޝާރާ ލައިގެން ހުރި ހެދުމަށް ޔަރަސް ބަލައިލިއެވެ. ކަޅު ކުލައިގެ އަތްކުރު ޓޮޕް ކޮޅަކާއި ނޫ ކުލައިގެ ޖިންސެކެވެ. އޭނާގެ ނަސޭޙަތާއި އެއްގޮތަށް ރޭގަނޑުގެ ފުރަދަން ގަޑީގައި މީހުންގެ ލޮލުގައި އަޅައިގަތުން ކުޑަކުރުމަށް އޭނާ އެހެރީ އަނދިރި ކުލައެއްގެ ހެދުމެއް ލައިގެނެވެ. ފުން ވިސްނުމެއްގެ ތެރޭގައި ޔަރަސް އިނދެގެން ވިސްނަމުން ދިޔައީ މިރޭ އޭނާއަށް ލިބިފައިވާ ރޯއްޖާއި މެދުގައެވެ. ޒުވާން ތާޒާ ލޭ މާބޮޑު އުނދަގުލަކާއި ނުލައި ބޮއެލާނެ ފުރުޞަތު މިއޮއްގެން ތަނަވަސް ވަނީއެވެ. ބިޝާރާ ލާފައި ހުރި ބާރު ޓޮޕުން އޭނާގެ ހަށިގަނޑުގެ ލޫޅާފަތިކަން ފެންނަން ހުއްޓެވެ. ބަނިޔާދަން ހަށިގަނޑެކެވެ. މިރޭވެސް ބޮލުގެ އިސްތަށިގަނޑު އޮތީ ކްލިޕް ދައްޗަކުން އައްސާލާފައެވެ. އެހެނަސް އެހެން ރޭރެއާއި ޚިލާފަށް މިރޭ އޭނާގެ މޫނުމަތިން ފެންނަމުން ދަނީ ދޮންފޫޑު ކަމެވެ. އެހެނަސް ބިޝާރާ އަކީ ވެމްޕަޔަރެއް ނޫންކަން ޔަރަސް އަށް ޔަޤީނެވެ.

ކިތަންމެ ދޮންފޫޑަސް މިރޭވެސް ބިޝާރާގެ ގައިން އެ ތާޒާ މީރުވަސް ޔަރަސް އަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ޔަރަސް އަށް އިނދެވުނީ ކެތް މަދުވެފައެވެ. އޭނާގެ ދިގު ދެ ފޭރާދަތް ބިޝާރާގެ ކަރުދޮށަށް ކޮއްޕާލައި ބިޝާރާގެ ޒުވާން ތާޒާ ލޭގެ މީރުކަން އޭނާގެ އަނގަޔަށް އިޙްސާސް ކޮށްލުމަށެވެ.

ބިޝާރާ ވާހަކަ ދައްކަން ބޭނުންވިއެވެ. ނަމަވެސް އިސްނެގުމަށް މިރޭ ޖެހިލުން ވިއެވެ. ބިޝާރާގެ މޫނުމަތިން ބިރުގަންފައި ވާކަމުގެ އިޙްސާސެއް ޔަރަސް އަށް ފެނުނެވެ.

"އަހަރެން އެހާވަރަށް ބުނީމަވެސް އަނެއްކާ މިރޭވެސް އައީ ދޯ! އަހަރެން ބުނެފީމެއްނު އަހަރެން ކަލެޔާއި ކުރިމަތި ލުމަކަށް ދާކަށް ބޭނުމެއް ނޫނޭ!" ޔަރަސްގެ ރާގު މިރޭވެސް ހުރީ ހަރުކަށި ގޮތަކަށެވެ.

"އަހަރެން މިއައީ ތީނައަށް އެއްޗެއް ހިފައިގެން."

"އަހަރެން ކަލޭ އަތުން އެކައްޗެއްވެސް ބޭނުމެއް ނޫން." ތެދެކެވެ. ޔަރަސް ބޭނުންވަނީ ހަމަ އެކަނި ބިޝާރާގެ ހަށިގަނޑުގައި ހިނގަމުންދާ ލެއި ފޮދު އެކަންޏެވެ.

ބިޝާރާ ގަނޑުވި ކަހަލައެވެ. ޔަރަސްގެ ހިތެއް ނެތްކަން އިޙްސާސް ކުރެވުމުން ދެރަވިއެވެ. އެވަގުތު ޔަރަސް އޭނާގެ ޕްލޭނަށް ޢަމަލު ކުރަން ފެށުމުގެ ގޮތުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެކަމަކު މިރޭ އަހަރެން ކަލެޔަށް އެއްޗެއް ދޭނަން."

"ކީކޭ ތި ބުނީ؟" ބިޝާރާގެ މޫނުމައްްޗަށް ހާސްކަމާއި ބިރުވެރިކަން ވެރިވިއެވެ. ޔަރަސްގެ ހަށިގަނޑު ތެރޭގައި ވޭމްޕަޔަރުންގެ ހަށިގަނޑުގައި ހުންނަ ޚާއްޞަ ހޯމޯން މަސައްކަތް ކުރަން ފެށިއެވެ. އޭގެ ސަބަބުން ބިޝާރާގެ ލެޔަށް އިންތިހާއަށް އެދެވެން ފެށުނެވެ. އަށިން ތެދުވެ ބިޝާރާ އާއި ކައިރިއަށް ޖެހިލިއެވެ. ޔަރަސް އަކީ އިސްކޮޅުން ދިގު މީހެކެވެ. ބިޝާރާގެ ބޮލުން މައްޗަށް އޭނާގެ ބޯ އަރައެވެ. ޔަރަސްގެ ދިގު އިސްކޮޅު ފެނިފައި ބިޝާރާ އިތުރަށް ބިރުގަތެވެ. ބިޝާރާ ފަހަތަށް ޖެހެން ފެށިއެވެ. ޔަރަސް ބިޝާރާ އާއި ކައިރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ބިޝާރާ ގޮސް ލައިގަތީ އެތާ ހުރި ބޮޑު އުނިގަހުގައެވެ.

"ޕްލީޒް، އަހަރެން ދެން މިތާކަށް ނާންނާނަން." ތުރުތުރު އަޅަމުން ދިޔަ މަޑުމަޑު އަޑަކުން ބިޝާރާ އާދޭސް ކުރަން ފެށިއެވެ. "ހަމަ ހުވާ. ޤަބޫލު ކޮށްބަލަ، އަހަރެން ދެން ދުވަހަކުވެސް މިތަނަކަށް ނާންނާނަން."

ޔަރަސް މިހާރު ހުރީ ބިޝާރާ އާއި ނުހަނު ގާތުގައެވެ. ބިޝާރާގެ އަވަސްވެފައިވާ ނޭވާގެ ވަސް ޖެހޭހާވެސް ގާތުގައެވެ. ބިޝާރާގެ ތާޒާ ލޭގެ ވަސް އޭނާގެ ހިނދުރިން ބޭރުވަމުން އަންނަ ނޭވާ އިންވެސް ޔަރަސް އަށް ދުވައެވެ. އިސާހިތަކުން ބިޝާރާ ބިރުން ފިތްކެނޑިފައި ހުއްޓާ އޭނާއަށް ފެނިދާނެއެވެ. އެފަދަ ހިނދުކޮޅަކީ އޭނާއަށް ނުހަނު ބޮޑު އުފަލެއް ލިބޭ ހިނދުކޮޅެކެވެ.

ޔަރަސްގެ މޫނު ބިޝާރާ އާއި ކައިރި ކޮށްލިއެވެ. މިނިކާވަގެއް ހޭރިގަންނަ ގޮތަށް ޔަރަސްގެ ކަރު ތެރެއިން އަޑެއް ބޭރުކޮށްލިއެވެ. އޭރު އޭނާގެ ދިގުވެފައިވާ ދެ ފޭރާދަތް ނުހަނު ރީއްޗަށް ފެންނާން ހުއްޓެވެ.

ބިރުން ގޮސް ބިޝާރާއަށް މާނޭވާ ލާން ފެށުނެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. ނޭވާ އަވަސް ވެގެން ގޮސް ކޮށިވެސް އަރައިފިއެވެ. އެވަގުތު ޔަރަސް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ."ކަލެޔަށް ނޭނގެނީތަ، މަށާ ހަމައަށް ވައި ނޭޅޭށޭ ބުނީމަ މިތަނަށް އައުން ހުއްޓާލަން؟"

ބިޝާރާ އަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭގުނުތާނގާއި އޭނާގެ އަޑުވެސް ބޭރު ނުވީއެވެ.

"ޚާއްޞަކޮށް އަހަރެން ކަހަލަ ވޭމްޕަޔަރަކާ ވައިވެސް އެޅެން ނުވާނެ. އަހަރުމެންނަށް އިޙްތިރާމް ނުކުރާ މީހުންނާއި ދޭތެރޭ އަހަރުމެން އޯގާތެރި ވާނީ ކިހިނެތް؟"

"އަހަންނަކަށް ނޭނގޭ ތީ..."

"ވޭމްޕަޔަރ އެއްކަން ދޯ!" ވިހަ ހިނިގަނޑެއް ޖަހާލަމުން ބިޝާރާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކޮށްދިނީ ޔަރަސް އެވެ. އަމިއްލަ ދިފާޢުގައި ބިޝާރާ ވާހަކަދައްކަން ފެށިއިރު އޭނާގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ ދިރިއުޅުމުގައި ކަމެއް ގޯސްވެގެންދާނީ މިހާވަރަށޭ ހިތަށް އެރިއެވެ. މިހުރިހައި ދުވަހު އޭނާ އެ ރުއްގަނޑުތެރޭގައި އައިސް އެ އިންނަނީ ނޭނގިނަމަވެސް ވޭމްޕަޔަރަކާއި އެކުގައެވެ.

އެކަމަކު މިހާދުވަސް ވަންދެން ޔަރަސް މި ބިރުވެރިކަން ނުދައްކާ މަޑުކުރީ ކީއްވެގެން ހެއްޔެވެ؟ މިރެއަކީ އަހަރެން މަރާލުމަށް ނިންމާފައިވާ ރެއަކީ ނޫންބާވައެވެ؟ އެހެންވިޔަސް އެއްވެސް ފަރުވާލެއް ނެތެވެ. މި ދުނިޔޭގައި އަހަންނަށް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެއް ބިޝާރާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.

ވެމްޕަޔަރުންނާއި ބެހޭ ވަރަށް ގިނަ މަޢުލޫމާތު ބިޝާރާ އަށް އެނގެއެވެ. ޑްރެކިއުލަރ ގެ ހުރިހައި ވާހަކަތެއް އޭނާވަނީ ކިޔާފައެވެ. ފިލްމް ތައްވެސް ބަލާފައެވެ. މިހާރުވެސް ކޮންމެ ދުވަހަކުހެން ވޭމްޕަޔަރ ޑައިރީސް ސިލްސިލާ ބަލަމުން އަންނާތީ ވެމްޕަޔަރ އަކީ އޭނާއަށް އައު އެއްޗެއް ނޫނެވެ. އެހެނަސް ފިލްމް ތަކާއި ވާހަކަތަކުން އެނގޭގޮތުން އެއީ ނުހަނު ބާރުގަދަ އެއްޗެކެވެ. އިންސާނުންނަށް ލިބިފައިނުވާ އެތައް ބާރެއް ލިބިފައިވާ މަޚްލޫޤެކެވެ. އެހެނަސް މިހުރިހައި ވަގުތެއް ނެގީ ކީއްވެގެން ހެއްޔެވެ؟ ބޮޑު ކިއްލާއެއްގައި ނޫޅެ އޭނާ މިތާނގައި އެ ކުރަނީ ކީއްހެއްޔެވެ؟ ކޮންމެ ރެޔަކު އިންސާނެއްގެ ލޭ ނުބުޔަސް މިހާރު ވޭމްޕަޔަރ އަށް ދިިރިއުޅެވޭ އިރު ކޮންމެ ރެޔަކު އޭނާ މި ރުއްގަނޑު ތެރޭގައި އެ އިންނަނީ ކީއްކުރަން ހެއްޔެވެ؟

ސުވާލުތައް ހިތަށް ގިނަވަމުން ދިޔައިރު ބިޝާރާ އަށް ޔަޤީންކުރެވޭ އެއްކަމެއް އެބަ އޮތެވެ. މިރެޔަކީ އޭނާގެ އެންމެ ފަހު ރޭކަން އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

"އަހަ- އަހަރެން- އަހަރެންގެ ފަ-ފަ-ފަރާތުން އުނދަގޫ ކުރެވުނީތީ މަޢާފް ކުރޭ!"

"ކަލެޔަށް ކިތައް ފުރުޞަތު ތަ ދޭންވީ. ކަލެއަށް ވަގުތު ދެވުނުވަރު މަދީތަ؟ ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް، މިހާރު ވަގުތު ފާއިތުވެއްޖެ!"
(ނުނިމޭ)
ވާހަކަ ހާއްސަ ކުރަނީ އަޅުގަނޑުގެ ވާހަކަތަކަށް ލޯބިކުރާ ފަރާތްތަކަށް
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ