ލިޔުންތެރިޔާ
އަޙްމަދު
ވާހަކަ ލިޔުމާއި ސްކްރީންޕްލޭ ލިޔުމަށް ޝައުޤުހުރެ އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަން. އަޅުގަނޑު ލިޔުނު ސްކްރީންޕްލޭ ގަނެ، މަހްދީ އަޙްމަދު އަލުން ލިޔުނު ސްކްރީންޕްލޭ އަކަށް ހަދާފައިވާ ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ 12 އޯގަސްޓް 2014 ގައި ރިލީޒް ވާނެ. މިހާރު ރާއްޖެ.އެމްވީ އަށް "ހަނދުމަވަނީ" ގެ ނަމުގައި ވާހަކައެއް އެބަ ލިޔަން. އަޅުގަނޑުގެ ބްލޮގް Unmaday.blogspot.com އިން އަޅުގަނޑުގެ ވާހަކަތައް ކިޔާލެވޭނެ.
12 : ލިޔުނު ވާހަކަ
64 : ލައިކްސް
51 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

އެއްހާސް އަހަރު (3) ވަނަ ބައި

3 ވަނަ ބައި (ނުނިމޭ)
02 އޯގަސްޓް 2015
1
ބިރުވެރި
އެއްހާސް އަހަރު – ފުރަތަމަ ބައި

15 މާރޗް 2015 – ލ. ގަންފޮނަދޫ ސިޓީ

މަޑުމަޑު ހިނގުމެއްގައި ބިޝާރާ ހިނގަމުން ދިޔައިރު އޭނާ ލައިގެން ހުރި ތުނިތުނި ލޭސް ފޮތީގެ ހެދުމުގެ ރޫބައި ވަޔާ ވިހުރެމުން ދެއެވެ. އެ ހެދުން ބިޝާރާާ ލީ އޭނާގެ މަންމަ ހޮސްޕިޓަލަށް ގެންދަންވެގެންނެވެ. ބިޝާރާގެ މަންމަގެ ކަށީގެ މަދަށް ކެންސަރު ނުވަތަ ލުކޭމިއާ ޖެހުނު ފަހުން އޭނާގެ މަންމަގެ ބަލިހާލު މާބޮޑަށް ސީރިއަސް ވީއެވެ. އޭނާގެ މަންމަގެ ބައްޔަށް ދެމުން އަންނަ އެއްވެސް ފަރުވާއަކުން ޝިފާއެއް ލިބެމުން ނުދާކަމަށް މިއަދުވެސް ޑޮކްޓަރު ބުންޏެވެ. ބިޝާރާގެ މަންމަ ގަމު ގައި ހުންނަ ލާމު މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މީގެ ހަފުތާތަކެއް ކުރިން އެޑްމިޓް ކުރިފަހުންވެސް އެއްވެސް ވަރަކަށް ބަލިމަޑުކަން ރަނގަޅެއް ނުވެއެވެ. ލާމު މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ނަންހިނގާ ސްޕެޝަލިސްޓުންގެ ޓީމުން ބުނެފައިވަނީ ބިޝާރާގެ މަންމަ އަށް އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ.

ބިޝާރާއަށް ދުވަހުގެ އެންމެ ހިތްގައިމު ވަގުތަކީ އަބަދުވެސް ރޭގަނޑުގެ ވަގުތެވެ. ޚާއްޞަކޮށް އިރު އޮއްސި ރަތްވިލާ ލާ ވަގުތެވެ. ރޭގަނޑުގެ ވަގުތުގައި ހޮސްޕިޓަލް ސަރަޙައްދުން ކަސްޓަމާ ދިމާއަށް ދިއުމަށް އޮންނަ މަގުން އަތިރިމައްޗަށް ދިއުމަކީ ބިޝާރާ ވަރަށް ގިނައިން ކޮށްއުޅޭ ކަމެކެވެ. އެ ސަރަޙައްދަކީ ޢާއްމުކޮށް ގަމު މަތިމަރަދޫ އަވަށު މީހުން ގޮސް ނޫޅޭ ހިސާބެއް ނަމަވެސް ބިޝާރާ ޖެހިލުމެއް ނުވެއެވެ. އެ މަގުގެ ގޮނޑުދޮށުގައި އަޅާފައި އޮންނަ ފާލަމުގެ ދެކުނަށް އޮންނަ ރުއްގަނޑަކީ އޭނާއަށް އެންމެ ހިތްގައިމު އެއް މަންޒިލެވެ. އެ ހިސާބުގަނޑުން ރޭގަނޑު އިވެމުންދާ ފަނިފަޚުސަ އަޑަށް ބައެއް މީހުން ބިރުގަނެ ޖެހިލުންވި ނަމަވެސް އޭނާ ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ. އެފަދަ އަޑުތަކަށް އޭނާގެ ޟަމީރު އަބަދުވެސް މަރުޙަބާ ކިޔައެވެ. ބިޝާރާ އާއި އޭނާގެ މަންމަ ދިރިއުޅެމުން އައި ގޭގެ ފަޅުކަމަށްވުރެން ރުއްގަނޑު ތެރެއިން އިވޭ ފަނިފަޚުސަ ގޮވާއަޑުވެސް އޭނާއަށް މާ ހިތްގައިމެވެ.

އެހެން ރޭރެއަށް ވުރެން މިރޭ ވައިވެސް ބާރުހެން ހީވެއެވެ. ބިޝާރާގެ ތުނި ހެދުމުގެ ރޫބައިގައި ކަނޑާފައިފައި ކަންތަކުން އޭނާގެ ފައިގެ ތަނބި ކަށީގައި ތެޅެމުން ދެއެވެ. އޭނާގެ ބޮލުގެ ފަން އިސްތަށިގަނޑު ދެފަށަކަށް ގަތާލުމަށްފަހު ބޮލުގަ ޖަހާ ދައްޗަކުން ފުށަބޮލުގައި ހަރުކޮށްލާފައި ވެއެވެ. "ތިހެދުން ދަރިފުޅަށް ހަމަ އެންމެ ހެޔޮވަރު." ބިޝާރާ އަށް އެ ހެދުން ދެމުން އޭނާގެ މަންމަ ބުނެފައި ވެއެވެ. " ތި ހެދުން މަންމަ އަށް ހަމަ ފެންނަ އިރަށް ފުރަތަމަވެސް ހަނދާންވީ ދަރިފުޅުމަތިން، ގޮޑުދޮށަށް ހުޅިނަގައި ޖަހަމުންދާ ރާޅުތައް ދަރިފުޅަށް ކަމުދާ ގޮތަށް ތި ހެދުމުގެ ރޫބައިން ދަރިފުޅުގެ ތަނބިކައްޓަށް ރާޅުޖަހާ ކަމުގެ އިޙްސާސް ކުރެވޭނޭ މަންމަ ހިތަށް އެރީ". ތެދެކެވެ. ރާޅުޖަހާ މަންޒަރަކީ ބިޝާރާއަށް ވަރަށް ކަމުދާ މަންޒަރެކެވެ. އެ ގޮނޑުދޮށުގެ ހިމުން ދޮންވެލިގަނޑަށް ހުޅިނަގައި ޖަހަމުންދާ ރާޅުތަކުން އުފާވެރި މިއުޒިކެއް އުފައްދާ ކަމަށް ބިޝާރާ ދެކެއެވެ. ރުއްގަނޑުގެ ތެރެއަށް ދަތުރުދާ މީހުން އިށީނުމަށް އަޅާފައި ހުންނަ އަށިމަތީގައި ބިޝާރާ ވަރަށް ގިނަވަގުތު ހޭދަ ކުރެއެވެ. އެހެން އިނދެ ގޮޑުދޮށަށް ބީއްސަމުންދާ ރާޅުތަކުގެ ތެރެއަށް އޭނާ ޣަރަޤުވެ އިނދެވޭ ކަހަލައެވެ. ބައެއް ފަހަރަށް ގޮޑުދޮށަށް ބީއްސާ ރާޅުތަކާއި ބިޝާރާ ވާހަކަ ދައްކާ ހަދައެވެ. ރާޅުތައް ދޭ ޖަވާބަކީ އާދަޔާ ޚިލާފް އަޑުތަކެއް އެކުލެވޭ މެސެޖެއް ނަމަވެސް ތުނި ދޮންވެލީގައި ރާޅު ބީއްސާލާ ކޮންމެ ފަހަރަކު ބިޝާރާގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ.

ރުއްގަނޑު ތެރެއަށް ވަންނަން އޮންނަ ހަނިހަނި މަގުން ވިނަގަނޑު ތެރެއަށް ވަދެގެން ދިޔައިރު އިއްޔެރޭ ގަމު ތުނޑީ އަވަށު ތުނޑި މަތީގައި އެރަށު ޒުވާނުން ބޭއްވި ބުފޭ ނައިޓް މަތިން ހަނދާން އާވަމުން ދިޔައެވެ. އެރޭ ބިޝާރާގެ ބައިވެރިއަކަށް ހުރީ ގަމު އަންހެން ކުދިން އެކުއްޖަކަށް ހިތްކިޔަކިޔާ ހުރި ސްމާޓް ފިރިހެން ކުއްޖާއެވެ. ގިނަ އަންހެން ކުދިންގެ ކަރު ހިއްކުން ފިލުވައިދޭ ބިލާލް އެވެ. ބިލާލް އަކީ ހަމަ ޙަޤީޤަތުގައިވެސް އޭނާގެ ނަމުގެ މާނައާއި އެއްފަދައިން އަންހެން ކުދިންގެ ކަރުހިއްކުން ފިލުވައިދޭފަދަ ފުރިހަމަ ޒުވާނެކެވެ. ފުޓްބޯޅަ ކުޅުމުގައި އަރާހުރި ތަރިއެކެވެ. ދިގު ހިތްގައިމު ޒުވާނެކެވެ. ހުރިހައި އަންހެންކުދިންގެ ލޮލުގެ ކޮއި ފަދަ އަގުހުރި ޒުވާނެކެވެ.

ލާމު އިންޓަނޭޝަނަލް ހައިސްކޫލްގައި ބިޝާރާއާއި ބިލާލްގެ ކަބަޑް ހުންނަނީ ކައިރިކައިރީގައެވެ. ދެ ޕީރިއަޑް ދެމެދުގައި ލިބޭ ހުސްވަގުތު ކޮޅުގައި އެދެމީހުން ވާހަކަ ދައްކާ ހަދައެވެ. ނުވަތަ އެކަކު އަނެކަމަށް ޖެއްސުން ކޮށްލުމުގެ ގޮތުން ކޮންމެވެސް އެއްޗެކޭ ބުނެ އުޅެއެވެ. މިހާތަނަށް އައިއިރުވެސް ބިޝާރާގެ ބޯއީފްރެންޑެއް ނުހުރެއެވެ. ދާދިފަހުން ބިލާލް އެންމެ ފަހުން ނެގި ބިޓްކަމަށްވާ މިޝްޔާ އާއި މައްސަލަ ޖެހިގެން ދެމީހުން ރުޅި ވެފައި ވުމުން ބިލާލް ބުފޭ ނައިޓަށް ދިއުމަށް ބައިވެރިއަކަށް އިޚްތިޔާރު ކުރީ ބިޝާރާ އެވެ. ބިލާލް، ބިޝާރާއަށް އެކަން ހުށައެޅުމުން ހުރިހައި އަންހެން ކުދިންގެ ހަސަދައިގެ ކަޅިތައް އަމާޒުވީ ބިޝާރާ އަށެވެ. އެ ޙަސަދައިގެ ނަޒަރުތަކުން ދެމުންދިޔައީ ހަމަ އެންމެ މެސެޖެކެވެ. ބިޝާރާ ކިހާ ކާމިޔާބު ހެއްޔެވެ؟. ބިލާލްގެ އެ ހުށައެޅުމުން ކުއްލިއަކަށް ބިޝާރާ މަޝްހޫރުވެގެން ދިޔައެވެ. ބިޝާރާއަކީ ކުރުކޮށް ހުންނަ ކުއްޖެކެވެ. އޭނާއަކީ އަބަދުވެސް ކިޔަވަން މަސައްކަތްކުރާ ކުއްޖެކެވެ. ސްކޫލްތެރޭގައި ނަންހިނގާ މަޝްހޫރު ކުއްޖެއް ނޫން ނަމަވެސް ބުފޭ ނައިޓަށް ބިލާލް އާއި އެކު ދިއުމުގެ ފުރުޞަތު ލިބުނީ ބިޝާރާ އަށެވެ. އަދި ބުފޭ ނައިޓަށް ދިއުމަށް ފަރިފަރި ހެދުމެއް ލައިގެން ބިލާލް އާއިއެކު ބުފޭ ނައިޓަށް ގޮސް ނަށާލެވޭނެކަމަށް އެންމެން ހީކުރީވެސް ބިޝާރާ އަށެވެ. އެހެނަސް އެކަން ވާން އޮތީ ބިލާލްގެ އެކްސް ގާރލްފްރެނޑް އެތަނަށް ނުދިޔަ ނަމައެވެ.

މިޝްޔާ އެތަނަށް ދިޔައީ އެއްވެސް ކުއްޖެއްގެ ޑޭޓަކަށް ނޫނެވެ. އާދައިގެމަތިން އެރޭވެސް މިޝްޔާގެ ރީތިކަން އިންތިހާއެވެ. އޭނާގެ މުށި ކުލަ ޖައްސާފައިވާ ބުޅި އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހަދާލުމަށްފަހު ބޮލުގެ ފުއްކިބައިން މައްޗަށް ނަގައި ރީތިގޮތަކަށް ހަރުކޮށްލާފައެވެ. އޭނާ ލައިގެން ހުރީ މަޑު ނޫކުލައިގެ ހެދުމެކެވެ. ހެދުމުގެ ތިރީކައިރި އޭނާގެ ކަށިމައްޗާ ހަމައަށް ހުއްޓެވެ. މިޝްޔާގެ ވަނާތައް ފާޅުވާވަރަށް، ގަޔަށް ބާރުކޮށް ފަހާވައިވާ ހެދުމުގައި ތަފާތު ގޮތްގޮތަށް ރޫޖައްސައި އެކި ކުލަކުލައިގެ މިނާ އޮށް އެލުވާފައި ހުއްޓެވެ. މިޝްޔާ އާއި އޭނާގެ ރައްޓެހިން ތިބީ ތުނޑީ އޮޅަށްކޮޅޭ ކިޔާ ސަރަޙައްދުގައި އޮންނަ ތުނޑިމަތީގައި ފަނުން ހަދާފައިހުރި ގޭގެ އިން ވަކިކުރަން ޖަހާފައިވާ ކޮށިގަނޑުގެ އެއް ކަނެއްގައި ހުނުމާއި ސަކަރާތް ޖެހުމުގައެވެ.

އެ ޚާއްޞަ ރޭ ލިބިގެންދިޔަ ޝަރަފާއިމެދު ބިޝާރާ ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. އިވެމުންދިޔަ ހިތްގައިމު މިއުޒިކުގެ ހަމައަށް ބިޝާރާ އާއި ބިލާލް ނަށަމުން ދިޔައިރު އެތާތިބި އަންހެންކުދިންތައް ބަލަމުން ދިޔައީ ދަހިވެތިކަމާ އެކުގައެވެ. ލިބިފައިވާ ހިތްހަމަޖެހުމުގެ ސަބަބުން ބިޝާރާއަށް އިޙްސާސް ކުރެވެމުން ދިޔައީ ވައިގެތެރޭގައި މިނިވަން ކަމާއެކު އުދުހެމުންދިޔަ މަޑިއަކަށް ލިބިފައިވާ މިނިވަން ކަމުގެ އިޙްސާސާ އެއްފަދަ އިޙްސާސެކެވެ.

ބިޝާރާގެ ފޮނި އިޙްސާސްތައް ވެއްޔާއި މޮޑެވިގެން ދިޔައީ މިޝްޔާ ގޮސް އެ ދެމީހުންގެ ދެމެދަށް ވަދެ ނަށަން ފެށުމުންނެވެ. ބިޝާރާ ނެށުން ހުއްޓާލިއެވެ. އެއަށްފަހު ދެލޯ ބޮޑުކޮށްލަމުން ބިލާލަށް ބަލައިލިއެވެ. ބިޝާރާ އުއްމީދުކުރީ މިޝްޔާގެ ކިބައިން އޭނާ ސަލާމަތް ކޮށްދޭނެ ކަމަށެވެ. އެވަގުތު ބިލާލް އޭނާގެ އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފުމަށް ބިޝާރާ އަތްދިއްކޮލި ވަގުތު މިޝްޔާގެ އަތުން ބިލާލްގެ އަތުގައި ހިފިއެވެ. ބިލާލްވެސް މިޝްޔާގެ އަތުގައި ބާރަށް ހިފާލުމާއެކު ފާޑަކަށް ހީނލަމުން ދުރަށް ހިނގައިގަތެވެ. ތުނޑިމަތީގައި ތިބި އެންމެންގެ މެދުގައި ހުރި ބިޝާރާއަށް ހީވީ ބެހިގެން އޮޔާދާން ފެށިހެންނެވެ. ގަތް ލަދާއި ވީ ދެރައިން ބިޝާރާއަށް ޖެހުނީ މަންޒަރުބަލަން ވަށްބުރަކަށް އެތުރިގެންތިބި ޒުވާނުންގެ ތެރެއިން ނުކުމެގެން ދާށެވެ. ހުރިހައި އެންމެންގެ ލޯތައް ހުއްޓިފައިވަނީ އޭނާއަށެވެ. ގިނަ ޒުވާނުން ބިޝާރާއަށް މަލާމާތް ކޮށްފައި ހެމުން ދިޔައެވެ. ތުނޑިއަށް ފައިބަން އޮންނަ މަގުން އެއްގަމަށް ބިޝާރާ މިސްރާބު ޖެހީ އެހެންވެގެންނެވެ.

ޙަޤީޤަތަކީ ބިޝާރާގެ މާގިނަ ރަޙްމަތްތެރިންނެއް ނުތިބެއެވެ. ބިޝާރާ އޭނާގެ މަންމައާއި އެކު ގަމަށް ބަދަލުވިތާ އަދިވީ ދުވަސް ކޮޅެކެވެ. މިއީ ބިޝާރާ ލާމު އިންޓަނޭޝަނަލް ހައި ސްކޫލްގައި ހޭދަކުރާ ފުރަތަމަ ސެމެސްޓަރ އެވެ. ގަމަކީ ބިޝާރާއަށް މުޅިން އައު ތަނެކެވެ. ނަމަވެސް އެ ސްކޫލްގެ ގިނަ ދަރިވަރުންނަކީ ގަމާއި ލ. އަތޮޅުގެ ރަށްތަކުގެ ކުދިން ކަމުން އެމީހުންނަށް އެތަނަކީ އައުތަނެއް ނޫނެވެ. ސްކޫލްގެ ދުވަސްތައް ބިޝާރާ ގުނަމުން ދިޔައީ ސެމެސްޓަރ ބްރޭކް ލިބޭނެ ދުވަހަކަަށް އިންތިޒާރު ކުރުން މަތީގައެވެ. ޗުއްޓީ ލިބުމުން ބިޝާރާ އަށް އޭނާގެ އުފަންރަށްކަމަށްވާ ތ. ގާދިއްފުއްޓަށް ދެވޭނެއެވެ. އެރަށުގައި އޭނާގެ ތިމާގެ މީހަކު ނެތްނަމަވެސް މަންމަގެ ގެ ހުންނާނެއެވެ.

ގަމު ތުނޑީކޮޅުން ދިމާވި ހިތާމަވެރި، ލަދުވެތި ކަންތަކާމެދު އިތުރަށް ނުވިސްނުމަށް ބިޝާރާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ރުއްގަނޑު ތެރެއަށް ވަދެގެން ދިޔައިރު އޭނާގެ ސިކުނޑި ތެރޭގައި އަނެއްކާވެސް އެކަންތައް އާލާވީއެވެ. ބިޝާރާ ރުއްގަނޑު ތެރެއަށް ވަދެގެން ދިޔައިރު ހަނދުގެ ރިހިއަލިން މުޅި މާހައުލަށް އަލިކަން ފަތުރަމުން ދެއެވެ. ހަނދުވަރުގެ އަލިކަމުގެ ތެރެއިން އެ ރުއްގަނޑު ފެންނަލެތް މާ ހިތްގައިމެވެ. ޖެހެމުންދިޔަ ގަދަ ވަޔާއެކު ރުއްތަކުގެ ފަންތައް ނަށަމުންދެއެވެ. ދެވެލިބެދޭ ރެސްފަށުގައި ހެދިފައިވާ ކުދިކަށިކެޔޮ ގަސްތަކުގައި ފޮޅިފައިވާ މާތަކުން މުޅި މާހައުލުގައި ވަނީ މީރުވަހެއް ހިއްޕާފައެވެ.

ބިޝާރާއަށް މިއަދު ރޮވުނު ވަރުން މޫނުމަތިން އަދިވެސް އެކަން ފެންނަން ހުއްޓެވެ. އޭނާގެ ދެލޯވަނީ ރަތްވެފައެވެ. މޫނުމައްޗަށް ވެރިވެފައިވާ މޯޅިކަން، އެ މާހައުލަށް ޖެހޭ ހިތްގައިމު ވަޔާއި ދުވަމުންދިޔަ މީރުވަހުގެ ސަބަބުން ތާޒާ ކުރުވައިފިއެވެ. ރުއްގަނޑުތެރޭގައި ހުންނަ ޚާއްސަ އަށީގައި އިށީންދެލާހިތުން މިހާރު ބިޝާރާއަށް ހުރެވެނީކީ ނޫނެވެ. އެއީ އޭނާގެ އައްޓެކެވެ. ގޮނޑުދޮށާއި ދާދި ގާތުގައި ހުންނަ އައްޓެކެވެ. އެ ހިސާބުގައި އަޅާފައިވާ އަނެއް ދެ އައްޓާއި ތަންކޮޅެއް ދުރުގައި ހުންނަ އައްޓެކެވެ. މިހާރު ބިޝާރާ އެންމެ ބޮޑަށް ބޭނުންވެފައި ހުރިކަމަކީ އެ އަށީގައި އިށީނދެ އިނދެ ރޮއެލުމަށެވެ. ގޮނޑުދޮށަށް ޖަހަމުންދާ ރާޅުގެ އަޑާ އެކުވުމުން އޭނާގެ ގިސްލުމުގެ އަޑު އެހެން ދެވަނަ މީހަކަށް ނުއިވޭނެކަން އޭނާއަށް އެނގެއެވެ. މިއިން ދުވަހަކުވެސް އިއްޔެރޭ ހިނގައިދިޔަ ފަދަ ކަމަކާ އަދި މިވީހާތަނަށް ބިޝާރާއަށް ކުރިމަތިލާން ޖެހިފައެއް ނުވެއެވެ. އެއީ އެމީހުން ކޮށްލި ކިހާ ދަށް ފެންވަރުގެ ސަމާސާއެއް ހެއްޔެވެ؟ އެމީހުން ބިޝާރާ ހެއްދީ ނޫންބާވައެވެ؟ އެހެން ނޫންނަމަ އެތަނަށް ދިޔަ ހުރިހައި ކުދިން އޭނާއަށް ބަލާފައި ހޭންވީ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟

ރުއްގަނޑު ތެރޭގައި ބިޝާރާ އިށީންނަ އައްޓާއި ހަމައަށް ދެވުނުއިރު އެތާނގައި މީހަކު އިށީންދެގެން އިނެވެ. ކަޅު ހިޔަންޏެއްގެ ސިފައިގައި ފެންނަމުންދިޔައީ ފިރިހެނެކެވެ. އޭނާ ލައިގެންއިނީ ކަޅުކުލައިގެ ގަމީހެކެވެ. ކަޅުކުލައިގެ ފަޓުލޫނަކާއި ކަޅު ކުލައިގެ ސްޕައިކް ބޫޓެކެވެ. އެއްވެސް ޖެހިލުންވުމެއް ނެތި ބިޝާރާ އޭނާގެ އައްޓާއި ކައިރިއަށް ޖެހިލިވަގުތު އެމީހާ މަޑުމަޑުން ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ ހުއްޓިގެން ހުރީ އައްޓާއި ގާތްގަނޑަކަށް ފަނަރަ ވަރަކަށް ފޫޓް ދުރުގައެވެ.

އެމީހާގެ ބޯވަނީ ވަރަށް ތުނިކޮށް ކޮށާލާފައެވެ. ބަލާބެލުމަށް އޭނާ ހީވަނީ ސިފައިންގެ ތަމްރީނެއްގައި ބައިވެރިވެފައިވާ މީހެއް ހެނެވެ. އޭނާގެ ގައިގެ ހަންގަނޑު ހުރީ ކުލަ ފަނޑުކޮށެވެ. ލޮލުގެ ވަށައިގެން ކަޅުވެފައި ހުއްޓެވެ. އެމީހާ ބިޝާރާއަށް ބަލައިލުމުން އޭނާގެ ލޮލުގައިވާ ފަނޑުކަން ފެނިގެން ދިޔައެވެ. ލޮލުގެ ކަޅިރަވައިގެ ޙަޤީޤީ ކުލައަކީ ކޮބައިކަން ބުނެދޭން އެނގޭވަރެއް ނުވެއެވެ. ނޫކުލަ ކަމެއް ފެހިކުލަ ކަމެއް ޔަޤީންވާ ވަރެއް ނުވެއެވެ. އެހާވެސް ކުލަ ފަނޑެވެ. އޭނާގެ ގައިގެ ހަންގަނޑުގައި ހުރި ފަނޑު ކުލަޔާ އެއްގޮތް ވާން އުޅޭކަހަލައެވެ. އޭނާގެ ބުމައިގައި ހުރީ ގަދަ ކަޅުކުލައެވެ. ބޮލުގެ އިސްތަށިގަނޑު އެހާ ކަޅެއް ނޫނެވެ. ދެބުމަވެސް ހުރީ މެދަށް ގޮންޏެއް ލާފައެވެ. އެއީ މީގެ ކުރިން ބިޝާރާ ދުވަހަކުވެސް ދެކެފައިވާ މީހެއް ނޫނެވެ.

އެއްވެސް ވަރަކަށް ޖެހިލުންވުމެއް ނެތި ބިޝާރާ ކުރިއަށް ހިނގައިގަތެވެ. އެވަގުތު އެމީހާގެ ނަޒަރު ބިޝާރާގެ ޙަރަކާތްތަކަށް ހިންގާލިއެވެ. ބިޝާރާ އެ ދިޔަގޮތަށްގޮސް އަށީގެ އެއްކޮޅުގައި އެމީހާއާ ވީހައިވެސް ދުރުގައި އިށީންދެއްޖެއެވެ. ފަސޭހަކަމާއެކު ގޮނޑުދޮށަށް ބީއްސާ ރާޅުތައް ފެންނަ ހިސާބުގައެވެ.

"ކަލޭ މިތާ އިށީންނަށް އަހަރެން ހުއްދައެއް ނުދެން." އެމީހާގެ އަމުރުވެރި ބަރު އަޑު ޖެހިފައި ބިޝާރާ ސިއްސައިގެން ދިޔައެވެ. ހަމަ އެއާއެކު އެމީހާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ރާޅުތަކަށް ބަލަން ފެށިއެވެ.

ޖެހިލުންކުޑަ މި އަންހެންކުއްޖާ އާމެދު ޔަރަސް އިނީ ހިތްހަމަ ނުޖެހިފައެވެ. އޭނާ އިށީންދެ އިން އައްޓާއި ދިމާއަށް ބިޝާރާ އަންނަތަން ފެނުނު ހިނދުންފެށިގެން ޔަރަސް އިނީ ނުރިހިފައެވެ. މިފަދަ ރެއެއްގައި މިފަދަ އެކަހެރި ހިސާބަކަށް އައިސް މިއުޅެނީ ކޮންފަދަ އަންހެނެއް ބާވައޭ ޔަރަސްގެ ހިތަށް އަރަމުން ދިޔައެވެ. މި ހަލަބޮލި މާހައުލުން ހިތްހަމަޖައްސާ އަރާމު ކޮށްލުމަށް ކަމުދާ ތަނަކަށް އޭނާއަށް ފެނުނީ އެތަނެވެ. އެހެނަސް އެ މޮޔަ އަންހެންކުއްޖާ އެތަނަށް ދިއުމުން އޭނާއަށް ރުހެވޭނީ ކިހިނަކުން ހެއްޔެވެ. އޭނާ ގަމަށް އައިސް އެއިނީ ވަރުގަދަ ކަމެއްގައެވެ. ވަރުގަދަ މިޝަންއެއް ގައެވެ. އެފަދަ ކަމެއްގައި އުޅޭއިރު އެއްވެސް ހުރަހެއް ކުރިމަތިވުމަކީ އޭނާ އެދޭކަމެއް ނޫނެވެ. އެ މިޝަން އަކީ އޭނާ އެހާބޮޑަށް ޖެހިލުންވާ މިޝަންއެއް ނޫނެވެ. ޔަރަސް އުއްމީދުކޮށްގެން އިނީ އެއަންހެންކުއްޖާ އަށް ރަނގަޅަށް ޔަރަސް ފެނުމުން ބިރުން ދުވެ ފިލާނެކަމަށެވެ. އެހެނަސް މިއީ އަޖައިބެއް ކަހަލަ އަންހެން ކުއްޖެކެވެ. ޔަރަސް ކިތަންމެ ހިތް އެދުނަސް މިވަގުތު އެ އަންހެންކުއްޖާ އޭނާގެ ޝިކާރައަަކަށް ހަދާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ކަރުހިއްކުން ފިލުވާލިތާ އަދި އެހާ ގިނައިރެއްވެސް ނުވެއެވެ. މާޔޫސްކަމާއި ހިތާމައިގެ އަސަރު ފެންނަން ހުރި އެ ދޮން މޫނު، ޔަރަސްއާއި ދިމާއަށް ދިއްކޮށްލަން ކެރުނީތީވެސް އޭނާ އިނީ ހައިރާން ވެފައެވެ.

"މާފުކުރޭ. އަހަރެން މިތަނަށް އައީ އެއްވެސް މީހަކަށް އުނދަގޫ ކުރާކަށް ނޫން." މިހެން ބުނަމުން އަށިން ތެދުވެގެން ބިޝާރާ ހިނގައިގަތެވެ. ޔަރަސް އުއްމީދު ކޮށްގެން އިނީ އެކުއްޖާގެ ފަރާތުން ހަރުކަށި ޖަވާބެއް ލިބޭނެ ކަމަށެވެ. "މީ އެހެންޏާ ކަލޭ އައްޕަގެ ރުއްގަނޑެއްތަ؟ މަ ބޭނުންތަނެއްގަ ބޭނުންވަގުތަކު އިށީންނާނަން. އެނގިއްޖެތަ؟" ނުވަތަ "މަ މިތަނަށް އައިމަ ކަލެޔަށް އުނދަގޫ ވަންޏާ ދިޔައިމަ ވީނު!" ޔަރަސްގެ ހިތަށް މިހެން އެރިނަމަވެސް މިފަދަ އެއްވެސް ޖަވާބެއް ނައެވެ. ނުވީތާކަށް އެންމެފަހުން އޭނާ އެކުއްޖާއަށް ބަލަބަލާ އިންދާ ކުރިމަތިން ގެއްލިގެން އެ ދިޔައީއެވެ.

ބިޝާރާ ހިނގަމުންގޮސް ރުއްގަނޑު ތެރެއިން ނުކުންނަން އޮންނަ މަގު ކައިރީގައި އޮތް ދަނޑުތެރޭގައި އަޅާފައިހުރި ޖޯލިފަތިން ޖޯއްޔެއްގައި އިށީންދެއްޖެއެވެ. އެ ގޮތެއްނެތް މީހާއާ ދިމާއަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމަށް އޭނާ ބޭނުންވިއެވެ. ނަމަވެސް ޙަޤީޤަތަކީ ބިޝާރާ އެތަނަށް ދިޔައިރުވެސް އެމީހާ އެތާ އިންކަމެވެ. ފަހަރުގައި އެމީހާވެސް އެތަނަށް ދިޔައީ އެކަނިމާއެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަމަށްވެސް ވެދާނެއެވެ.
(ނުނިމޭ)
ވާހަކަ ހާއްސަ ކުރަނީ އަޅުގަނޑުގެ ވާހަކަތަކަށް ލޯބިކުރައްވާ ފަރާތްތަކަށް!
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ