ލިޔުންތެރިޔާ
އަޙްމަދު
ވާހަކަ ލިޔުމާއި ސްކްރީންޕްލޭ ލިޔުމަށް ޝައުޤުހުރެ އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަން. އަޅުގަނޑު ލިޔުނު ސްކްރީންޕްލޭ ގަނެ، މަހްދީ އަޙްމަދު އަލުން ލިޔުނު ސްކްރީންޕްލޭ އަކަށް ހަދާފައިވާ ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ 12 އޯގަސްޓް 2014 ގައި ރިލީޒް ވާނެ. މިހާރު ރާއްޖެ.އެމްވީ އަށް "ހަނދުމަވަނީ" ގެ ނަމުގައި ވާހަކައެއް އެބަ ލިޔަން. އަޅުގަނޑުގެ ބްލޮގް Unmaday.blogspot.com އިން އަޅުގަނޑުގެ ވާހަކަތައް ކިޔާލެވޭނެ.
12 : ލިޔުނު ވާހަކަ
64 : ލައިކްސް
51 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

ހިތް ހަދިޔާ ކޮށްފައި ވާތީ ... ދާން އެކުގާ ބޭނުންވީމޭ! (2) ވަނަ ބައި

2 ވަނަ ބައި (ނިމުނީ)
21 ޖުލައި 2015
2
ބިރުވެރި
އަހަރެން އެ ބޭސްގުޅަތައް އަތުލާފަ ހުއްޓާނީ. ހިޔަލަ ދޭ އަހަރުމެން އާއްމުކޮށް ވަގުތު ހޭދަކުރާ ޕްރީސްކޫލަށް. ގަޑިއެއްހާއިރު ވާއިރު އަހަންނަށް އެތަނަށް ނުދެވިއްޖެއްޔާ މަ ހޯދަން އަންނާތި! އަމާނީން އެހެން ބުނިއިރު ފާލަމުގެ މެދުން އޮންނަ އުސް ސަރަޙައްދު ފަހަނައަޅައި ކުރިއަށްވުރެންވެސް ދުވެލި ބާރުކޮށްލައިފިއެވެ.

"މަޑުކޮށްބަލަ. ނީން މަޑުކޮށްބަލަ!" އަމާނީންގެ ފަހަތުން ދުވަމުންދިޔަ ހިޔަލަ ގޮވަމުން ދިޔައެވެ. ފާލަމުގެ މެދުންފެށިގެންގޮސް ކައްދުއާއ ވީކޮޅުން ފުރަތަމަ ޖެހޭ އޮއެވަރު ދައުރު ކުރުމަށް ފާލަމުގެ ދަށުން ހަދާފައި އޮންނަ މަގު ނުވަތަ ފެންދެމޭ ހޮޅިއާއި ހަމައިން ހިޔަލައަށް އަމާނީން އާއި އަރާ ހަމަތަން ކުރެވުނެވެ.

"ބާރަކަށް ދުވާ ގޮލައެއްދޯ!" ހިޔަލަ އަމާނީންއަށް ދޯ އަޅާލިއެވެ.

"ހާސްނުވޭ. އޭނަ އަތުކުރާނަން!" ފޮނިގޮތަކަށް އަމާނީން ބުނެލިއެވެ. އެވަގުތު އެ ޒުވާނާ އެމީހުންނާއި ދިމާއަށް ހުރެ އާދެއެވެ. ހިޔަލައާއި އަމާނީންގެ ކުރިމަތިންގޮސް ފާލަމުގެ މެދުން އޮންނަ ފެންދައުރު ކުރާ މައިހޮޅީގެ ތެރެއަށް ފާލަން މަތިން ފުންމާލެވެން އިންނަދިމާއިން އެ ޒުވާނާ ހޮޅިތެރެއަށް ފުންމާލައިފިއެވެ. އަމާނީންއާއި ހިޔަލަ އަށް ލިބުނު ހައިރާން ކަމުގައި ގަބުވެފައި ތިބެވުނެވެ.

"ކާކު ބުނީ ބާރަކަށް ދުވާ ގޮލައެކޭ؟" ފާލަމުގެ މެދުން ހަދާފައި އޮންނަ ހޮޅީގެ ތެރެއިން އެ ޒުވާނާ ވަރަށް ބާރަށް ބުނެލިއަޑު އިވުނެވެ.

"ތީ ކާކު؟ ތީ ކޮން އެއްޗެއް؟" އަމާނީން ފާލަމުގެ ތިރިން ބާރަށް އޮއެވަރު ދެމެމުން ދިޔަ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

"ތިހާ ހުޝިޔާރު ދެކުދިންވިއްޔާ މަށަކީ ކާކުކަން އަމިއްލައަށް ހޯދަބަލަ ނިކަން!" މިހެން ބުނުމާއެކު ފޫސް އަޑެއް އިވެން ފެށިއެވެ. ދެން ފެނުނީ އެ ޒުވާނާ ފާލަމާ ދިމާއިންމައްޗަށް އަރަން ފެށިތަނެވެ. ފާލަންމަތީގައި ޖަހާފައި ހުރި ދިގު މަގުބައްތިތަކަށްވުރެންވެސް މައްޗަށް އެރިއެވެ. ހީވަނީ ބާރަށް ވައިފޮނުވަމުން ދިޔަ ހޮޅިއެއްގެ ކޮޅުގައި އޮތް ބޯޅައެއް މައްޗަށް އަރަމުން ދިޔަހެންނެވެ.

ކުއްލިއަކަށް އަމާނީންވެސް ފޫސް އަޑު ގޮއްވާލާފައި މައްޗަށް އަރަންފެށިއެވެ. ރޮކެޓެއް އުދުއްސާލީމާ ވާހެން އަމާނީންގެ ހަށިގަނޑުވެސް ވައިގެތެރެއިން މައްޗަށް އަރަމުންގޮސް ހޮޅިދަނޑިތަކަށްވުރެން މައްޗަށް އަރައިފިއެވެ.

"މިވަރުން ހިންޓެއް ދެވިއްޖެކަމަށް ހީކުރަން. އަނެއްކާ ތީ ވިސްނުމުގެ ބާރުދެރަ ވޭމްޕަޔާއަކީތަ؟" އަމާނީން އެ ޒުވާނާ އާއި އަރާ ހަމަކުރުމުން ބުނެލިއެވެ.

"ހާދަ ފޮންޏެއް ތިދައްކަނީ ގޮތެއް ފޮތެއްނެތިގެން!" އަމާނީން ދެރަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އަނެއްކާވެސް ހުރި ދިމާއިން މައްޗަށް އަރަންފެށިއެވެ.

"އަހަންނަކީ ލައަކު. ވަރަށް ހައިރާންވެއްޖެދޯ؟" އެޒުވާނާ އޭނާގެ ނަން ބުނަމުން ހުރި ދިމާއިން ތިރިއަށް ފޭބިއެވެ. ފާލަންމަތީ ދެފައި ހަރުކޮށްލަމުން ލައުކު މައްޗަށް ބަލާލިއިރު އަމާނީންވެސް ތިރިކުރަމުން ދެއެވެ. އެވަގުތު އޭނާގެ ރަޙްމަތްތެރި ހިޔަލަ އެހިސާބުގައި ނެތްކަން ފާހަގަ ކުރެވުނެވެ.

"ކަލެއަށް ކޮންމެ ނަމެއްކިޔަސް މަށަށް ހެޔޮ. މަގޭ ވިޓަމިން ފުޅި ދީފާނަންތަ؟" އަމާނީން މިހެން ބުނުމާއެކު ވައިރޯޅިއެއްފަދައިންގޮސް ލައުކު ކައިރީގައި ހުއްޓުނެވެ.

"ހޫމް. މަހީކުރިވަރަށް ވުރެން ހުޝިޔާރު!" ދެއަތް މައްޗަށް އުފުލާލާ އުދުއްސައި ގަންނަމުން ލައުކު ބުނެލިއެވެ. އަމާނީންވެސް ލައުކުގެ ފަހަތުން އުދުއްސައިގަތެވެ.

"މިއަށްވުރެން މާ ސަޅި އެއްޗެއް ދީފާނަން!" ލައުކު އޭނާގެ ފަހަތުން އުދުހެމުން އައި އަމާނީންއަށް ބަލާލަމުން ބުނެލިއެވެ. "އެކަމަކު އައިސްފަ ތިހިރަ ރުޅިގަނޑު މައިތިރި ކުރީމަ އެކަން ކޮށްދެވޭނީ"

"އެންމެ ރަނގަޅު!" އަމާނީން ލައުކާއި އަރާ ހަމަތަން ކުރިއެވެ.

"އޯކޭ. އެންމެ ރަނގަޅު" ވައިގެތޭގައި ހުއްޓެމުން ލައުކު ބުނެލިއެވެ. ހަމަ އެއާއެކު ބިމާދިމާއަށް ގަހަކުން ފަތެއް ވެއްޓޭހެން ލައުކުގެ ހަށިގަނޑުގެ ވާގިދޫކޮށްލުމުން ވެއްޓެންފެށިއެވެ. ވަކިހިސާބަކަށް ދިއުމަށްފަހު ހަށިގަނޑު ސީދާކޮށްލައި ފޮނަދޫން ފާލަމަށް އަރާހިސާބާއި ދާދި ގާތުގައި ހުރި ފަޅު ޢިމާރާތްތަކުން ފުރާޅެއް މަތީގައި ފައި ހަރުކޮށްލިއެވެ. އަމާނީންވެސް ލައުގެ ފަހަތުން އައިސް ފުރާޅުމަތީގައި ފައި ހަރުކޮށްލިއެވެ.

ކައްދޫ-ފޮނަދޫ ކޯސްވޭ ހެދުމަށް މަސައްކަތްކުރި މީހުން އުޅުމަށް ފޮނަދޫ ނިމޭހިސާބުން ފާލަމާ ދާދި ގާތުގައި އޮތް ސަރަޙައްދުގައި ވިރާނާވެ ފަނާވަމުންދާ ގެތަކެއް ހުއްޓެވެ. ހުރިހާ ގެއެއްވެސް ހަދާފައި ހުރީ އެޅިގަލުން ރާނާ ސިމެންތި ނުޖަހައެވެ. އެތަނުން ބައެއް ޢިމާރާތްތަކުގެ ފުރާޅުތައްވެސް ވެއްޓިފައިވެއެވެ. ލައުކާއި އަމާނީން ތިބީ އެތަނުން އެންމެ ދެކުނަށްހުރި ޢިމާރާތުގެ ފުރާޅު މަތީގައެވެ.

"އިށީންދެބަލަ!" ފުރާޅު މަތީގައި އިށީންނަމުން ލައުކު ބުނެލިއެވެ.

"އިށިން. އިށި.... އިށީންދެވިދާނެ އެއްނު!" ވަރަށް ޖެހިލުންވެ ހުރެ ލައުކާއި ދާދި ގާތުގައި އިށީންނަމުން އަމާނީން ބުނެލިއެވެ.

"ހޫމް." އަމާނީންއާއި ހަނގާކޮށްލަމުން ލައުކު ވާހަކަ ދައްކަން ފެށިއެވެ. "އަދި މިއުޅެނީ އަހަރުން އެކަކު އަނެކަކަށް ރަނގަޅަށް ތަޢާރަފްވެސް ނުވެއެއްނު. އަހަންނަކީ ލައުކު. ތީ ކާކު؟"

"އަމާނީން" ޖެހިލުންވެ އިނދެ އަމާނީން ތަޢާރަފްވިއެވެ.

"މިފަދަ ގޮތަކަށްވެސް ބައްދަލުވީތީ އުފާކޮށްފިން. ހޫމް. މިހާރު މިއޮތީ އެވަގުތު ޖެހިފަ!" އަމާނީން އާއި ހިޔަލައަށް ލައުކު ފާރަލަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެދެކުދިން ބާޒާރުކުރަން ދާވަގުތު ލައުކު ފާރަލާފައިވެއެވެ. ހެދިގޮނޑުދޮށް ސަރަޙައްދަށް ހިނގާލަންދާއިރު ފާރަލާފައިވެއެވެ. އެދެކުދިން ބޭރަށްގޮސް އުޅޭއުޅުމުގައި އިރުއިރުކޮޅުން ޖީބުން ފުޅިއެއް ނަގައި އޭގޭން ބޭސްގުޅައެއް ކައިއުޅޭތަން ފެނުމުން ލައުކަށް އަމާނީން އާއި ހިޔަލަ އަކީ ކޮންހަލަ ދެކުދިންނެއްކަން އެނގިފައިވެއެވެ. ވޭމްޕަޔާގެ ބައިގަނޑުތައް އާއްމުކޮށް އެއްވެ އުޅޭ އެއްވެސް ތާކަށް އެދެކުދިން ގޮސް އުޅޭތަން ދުވަހަކުވެސް ލައުކަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން ލައުކަށް ހީކުރެވުނީ އެއީ ވޭމްޕަޔަރުންގެ ދުނިޔެއަށް މުޅިން އާ ދެކުދިންކަމަށެވެ.

"ކޮންވަގުތެއް އައިސް ޖެހުނު ވާހަކައެއް ތިބުނީ؟" ހައިރާންވެ އިނދެ އަމާނީން ސުވާލުކުރިއެވެ.

"އަހަރެން ކިތަންމެ ދުވަހެއްވެއްޖެ އަމާނީންމެންގެ ބޯކޮޅު ބަލަމުން އަންނަތާ. އަހަންނަށް އެނގޭ ތީ ކޮންކަހަލަ ދެކުދިންނެއްކަން. ތިއެއް ނޫނޭ މި ވިޓަމިންއަކީ ކާން އެހާ ރަނގަޅު ވިޓަމިންއެއް ނޫން އިނގޭ." ލައުކު އަތުގައި އޮތް ވިޓަމިން ފުޅީގެ މަތި ނަގައި އޭގައި ހުރި ގުޅަތައް ފުރާޅުމައްޗަށް އޮއްސާލިއެވެ. ޓިނުތަކުގެ މަތިން އެނބުރެމުންގޮސް ބިންމައްޗަށް ގުޅަތައް ފައިބައިގެން ދިޔައެވެ.

"ކީއް ތިކުރީ؟ އެނގޭތަ ތިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން؟" އަމާނީން ލައުކާއި ދިމާއަށް ހަޅޭއްލަވައިގަތެވެ.

"ހަމަޖެހިބަލަ!. މަ ބުނީމެއްނު އެ ގުޅަތަކަށްވުރެން ބޭނުންކުރަން މާރަނގަޅު އެއްޗެއް ދީފާނަމޭ!" މިހެން ބުނަމުން ލައުކުގެ ޖީބުން ހުދުކުލައިގެ ފުޅިއެއް ނަގާ އޭގެ މަތި ހުޅުވާލިއެވެ. ފުޅި އަރިކޮށްލާ އޭނާގެ ވާތްތިލަ މައްޗަށް އޭގެއިން ކެޕްސޫލެއް ވައްޓާލިއެވެ. ކެޕްސޫލްގެ އެތެރޭގައި ހުރީ އަޅިކުލައަކަށްދާ ދިޔާއެއްޗެއްކަން ފެންނަން ހުއްޓެވެ.

"މި ބޭސް ބޭނުންކޮށްބަލަ. ތިވެސް ހަމަ އިންސާނުން ހަދައިގެން ތިގެންގުޅޭ ވައްތަރުގެ ދަގަނޑުގެބައި ލިއްބައިދޭ ބޭހެއް. ތަފާތަކީ އަމާނީން ގެންގުޅު ބޭހުގެ ތިރީހަކަށް ގުޅަ ދުވާލަކު ކާންޖެހޭގޮތަށް މި ކާން ނުޖެހޭކަން. މީގެއިން އެންމެ ކެޕްސޫލެއް ކާލީމަ ފުދޭނެ. އެންމެ ގުޅައެއް ކާލައިގެން އިންސާނެއްގެ ކަނދުރާދޮށުގައި އަނގަނުޖަހާ ކެތްކޮށްލެވޭވަރު ވާނެ. މީ ވެމްޕަޔަރުންނަށް ވޭމްޕަޔަރުން ހަދާފައިވާ ޚާއްޞަ ވިޓަމިން އެއް."

"އިތުރަށްވެސް އުޅޭނެޔޭތަ ތިބުނީ؟" ކެޕްސޫލް ފުޅީގައި ހިފަމުން ޖެހިލުންވުމާއެކު ސުވާލުކުރިއެވެ.

"އިތުރަށް ކޮންއެއްޗެއް؟" ލައުކުވެސް ކުރީ ސުވާލެކެވެ.

"މިބުނީ އިތުރު ވޭމްޕަޔާ އެބައުޅޭތަ؟" ކެޕްސޫލެއް އަނގަޔަށް ލަމުން އަމާނީން ސުވާލުކުރިއެވެ.

"ނޭނގޭތަ؟ އަހަރުމެންގެ ނަސްލު ރާއްޖޭގެ އެކިހިސާބުގެ އިތުރުން ދުނިޔޭގަވެސް ބައިވަރު އެބައުޅޭ. އެންމެ ކުޑަވެގެން މިގަންފޮނަދޫގަވެސް ބައިވަރު އެބައުޅޭ. މާލޭގަ އަދި ކިހާވަރެއް ހުންނާނެ." ލައުކަށް ހައިރާން ކަމެއް ލިބުނެވެ. ފަހަރުގައި އަމާނީންއަށް ހީވެފައިވަނީ އަމާނީން ފިޔަވާ އިތުރު ވެމްޕަޔާއެއް ނޫޅެނީކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ލައުކުގެ ހިތަށް އެރިއެވެ.

"ކީއްވެގެން އިތުރު ވެމްޕަޔާ އުޅޭހޭ ތި ސުވާލުކުރީ؟" ލައުކު އޮޅުންފިލުވަން ބޭނުންވިއެވެ.

"ހިޔަލަ ބައްޕަ އަބަދުވެސް ބުނުއްވާނެ އަހަރުމެން ތިންބަފައިން އެކަންޏޭ މިހާރު ދުނިޔޭގައި ތިބި ވެމްޕަޔަރަކީ. އަލިސީދީ ބުނުއްވާ ބަސް ތެދުކޮށްގެން މިހުރެވުނީ. އަހަރެން އެ އަލިސީދީގެ ވާހަކަތައް ޤަބޫލުކޮށްގެން އުޅޭތާ މިހާރު މިވީ 150 އަހަރު!"

"އެހެންތަ؟ އަހަރެންވެސް މިހާތަނަށް ހީކޮށްގެން މިހުރީ ތީ ވަރަށްފަހުން ވޭމްޕަޔާއަކަށް ބަދަލުވި ކުއްޖެއްކަމަށް. އެހެންތާވަނީވެސް. އަމާނީންއަށް ނޭނގޭވިއްޔަ މިދުނިޔޭގަ އެތައް ބައިވަރު ވެމްޕަޔާ އުޅޭކަމެއްވެސް."

"ނޫނޭ. އަހަންނަކީ 169 އަހަރުގެ ވެމްޕަޔާއެއް. އަހަރެން ވެމްޕަޔާއަކަށް ބަދަލުވީ 1859 ވަނަ އަހަރުގަ" އަމާނީން މާޒީ ހަނދާންކުރަމުން ބުނެލިއެވެ.

"ކިޔައިދީބަލަ!" ލައުކު ޝައުޤުވެރިކަމާއެކު އެދުނެވެ. "ކިހިނެތް އަމާނީން ވެމްޕަޔާއަކަށް ބަދަލުވާން ޖެހުނީ؟ އަމާނީންގެ ވާހަކަތައް ކިޔައިދިނީމަ މަވެސް ކިޔައިދޭނަން މަގޭ ވާހަކަތައް"

"އޯކޭ." މާޒީގެ ކަޅާއި ހުދުގެ ޞަފްޙާތައް އޭނާގެ ލޯމައްޗަށް ސިފާވާންފެށިއެވެ. އޭނާގެ އުފާވެރި ދިރިއުޅުން ބިރުވެރި ހުވަފެނެއްފަދަ މިހާރުގެ ދުނިޔެއާއި ކުރިމަތިލާން ޖެހުނު ޙާދިޘާއެވެ. އޭނާގެ މުޅި ޙަޔާތް ބަދަލުވެގެން ދިޔަ އެ ބަދުނަސީބު އަހަރުގެ ހަނދާންތަކެވެ.

************

އަމާނީންއަކީ އުތުރު ރަށަކުން ހައްދުންމަތީ ގަމަށް ވަޑާމަށް އައި ތައްޚާނު ކިޔާމީހަކު ހައްދުންމަތީ ގަމުގައި ވަރަށް ކުރިންސުރެން ވަޒަންވެރިވެފައިވާ އަންހެނަކާއި ކައިވެނީގެ ގޮތުން ގުޅިގެން ލިބިފައިވާ ކުއްޖެކެވެ. އަމާނީންގެ ޢުމުރުން 2 އަހަރުގައި އޭނާގެ ބައްޕައާއި މަންމަވަނީ ސިގެއްލާ ރޯގާޖެހިގެން ނިޔާވެފައެވެ. އަމާނީންގެ މަންމައާއި ބައްޕައަކީވެސް ގަމަށް ބީރައްޓެހި ދެމީހުންކަމުން އެރަށުގައި އޭނާގެ ޢާއިލާއަށް ނިސްބަތްވާ ހަމަ އެކަކުވެސް ނެތެވެ. ޢުމުރުން އެންމެ ދެއަހަރުގައި ޔަތީމުވެފައިވާ ކުޑަކުޑަ އަމާނީން އަށް ހިމާޔަތްދިނީ ރަށުގެ ބޮޑުކަތީބުގެ ދެމަފިރިންނެވެ. އޯގާވެރި ދެ އަތެއްގެ ޙިމާޔާތް ލިބުމުގެ ނަސީބު އޭނާއަށް ލިބުނީ 5 އަހަރު ވަންދެނެވެ. އަމާނީންގެ ޢުމުރުން 7 އަހަރުގައި އޭނާ މަންމައެއް ކަމުގައި ދެކެމުންއައި ކަތީބު ގޯތީ ރުޤިއްޔާދީދީ ވެސް މި ދުނިޔެއާއި އަލްވަދާޢު ކިޔެވެ. ޚަރީފް މޫސުމުގެ ހިޔަނި އެޅިފައިވާ ކަތީބުގެ އެކަނިވެރި ޙަޔާތަށް ބަހާރު މޫސުން ހޯދުމުގެ ނިޔަތުގައި ކަތީބު ކައިވެނިކުރީ އެރަށުގައި އުޅުނު ކަޝްބީ އަންހެނަކާއެވެ. މީނާއަކީ 1834 ވަނަ އަހަރު ހައްދުންމަތީގެ ރުއްތަކުގައި ތައްޖެހުމަށް ސަރުކާރުން ފޮނުއްވި ދެބޭފުޅުންގެ އަރިހުގައި ނާޗަރަންގީ ކުޅުމަށް ގެންގުޅުއްވި އަންހެނުންތަކުގެ ތެރެއިން ޚަޞީލަތްނުބައި ނުލަފާ އަންހެނެއްކަން އެނގިހުންނަވައި ކަތީބު އެ އަންހެން މީހާއާއި ކައިވެނި ކުރެއްވީ މުދިންކަލޭގެ މާވަރަކަށް މި ކަތްދައެއްގެ ވާހަކަ މާމޮޅުކޮށްފައި ދެއްކުމުންނާއި ކަތީބުގެ ބެލުމުގައި ދަށުގައި ހުރި ކުޑަކުޑަ މައުސޫމު ދަރިފުޅު އަމާނީންއަށް މަންމައެއް ހޯދައިދިނުމުގެ މާތް މަޤުޞަދުގައެވެ. ނަމަވެސް ކަންތައްތައް ވެގެންދިޔައީ ކަތީބު ހީކުރެއްވި ގޮތަކަށް ނޫނެވެ. ކަތްދަ ވެގެންދިޔައީ މާވަރުގަދަ ނުބައި ނުލަފާ އަންހެނަކަށެވެ. ރަށުގެ އެންމެންގެ ކުރިމަތީގައި އެންމެ އަބުވެރި އަދި ޝަރަފުވެރިކަމާއިއެކު އުޅުއްވަމުން ގެންދެވި ކަތީބު ހުންނަވަން ޖެހުނީ ކަތްދަގެ ދަށުވެފައެވެ. އަމާނީންއަށް ޖެހުނީ އެހައި ޅަ ޢުމުރުގައި އެގޭގައި ނޯކިރީ ކޮށްދީގެން އުޅޭށެވެ. އަމާނީންގެ ހިތްދަތި ދިރިއުޅުން ޚިޔާލަށް ގެންނަން އެންމެ ފަސޭހަވާނީ ޑިޒްނީގެ ސިންޑްރެއްލާ ވާހަކައިގައި އެއުޅޭ ސިންޑްރެއްލާގެ މަތިން ހަނދުމަކޮށްލުމުންނެވެ.

އެދުވަސްވަރު ކޮންމެ ދުވަހަކުވެސް އަމާނީން ވޭތިކުރަމުން ގެންދިޔައީ ނިކަމެތި ދިރިއުޅުމެކެވެ. ކަތީބު ގެއަށް މާލޭން ދުރުވި ސީދީ ޢާއިލާއެއް އެގޭގައި ހޭދަކުރަންފެއްޓި ފުރަތަމަ ދުވަހުން ފެށިގެން އަމާނީންގެ ބަނަވެފައިވާ ޙަޔާތަށް ދިރުމެއް ލިބެން އުޅޭހެން ހީވާން ފެށިއެވެ. އެއީ 1841 ވަނަ އަހަރެވެ. މާލޭގެ ޤަދަރުވެރި ސީދީއާއިލާއެއް ކަމަށްވާ އަލިސީދީގެ ޢާއިލާ ކަތީބުގެޔަށް ދުރުވީ ޗުއްޓީ ހޭދަކޮށްލުމަށެވެ. ޒަމާނުންސުރެން ކަތީބާއި އުފެދިފައި އޮންނަ ގާތްގުޅުމުގެ ސަބަބުން އަލިސީދީގެ ޢާއިލާ މަޑުކުރެއްވީ ކަތީބު ގޭގައެވެ. އަލިސީދީ އެގެއަށް ދުރުވަންނަވާފައި އަމާނީން ފެނުމުން ކަތީބު އަރިހުގައި އެއްސެވި ސުވާލުގެ އަޑު އިވިފައި އަމާނީން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ތެރޭގައި ހުރެވޭނެ ކަމަގެ ފޮނި ހުވަފެންތައް ހޭލާހުރެގެންވެސް ދެކޭންފެށިއެވެ. މާލޭގެ ދިރިއުޅުން ދެކިލާހިތްވާން ފަށައިފިއެވެ.

ގޭގެ ބޮޑުއަށި މަތީގައި އަތުރާލާފައި ހުރި ސުފުރާ މަތީގައި ކަތީބާއި އަލިސީދީ އަދި އަލިސީދީގެ ދަރިކަނބަލުން ހިޔަލަވެސް އިނެވެ. އަމާނީން ފެނުމުން އެއްސެވި ސުވާލާއި ގުޅުންހުރި ވާހަކަތަކެއް އެރޭގެ ސުފުރާމަތިން އަލިސީދީ ދައްކަވާނެ ކަމަށް ހީކޮށް އަމާނީންގެ ކަންފަތް ތޫނުކޮށްގެން ހުރެވުނެވެ.

ނަމަވެސް ކަންދިމާކުރީ އެހެންނެއް ނޫނެވެ. އަލިސީދީއަކީ ބަސްފުޅުމަދު ބޭފުޅެއްކަން އެނގިގެން ދިޔައެވެ. އެރޭގެ ކެއުމުގެ ފަހުންވެސް އަލިސީދީ ވާހަކަދައްކަވާ އުޅުއްވިތަނެއް ނުފެނެއެވެ. ނަމަވެސް އަލިސީދީގެ ދަރިކަނބަލުން، އަމާނީން އާއި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެއްވިއެވެ. އަލިސީދީގެ ދަރިކަނބަލުން ހިޔަލަ ގަމުގައި ހުންނަ ހަވިއްތައާއި ބޮޑުފެންގަނޑާއި ބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. މޫދަށް ދާން ބޭނުންފުޅު ވާހަކަ ދެއްކެވިއެވެ. އެރޭގެ ކެއުމަށް ތައްޔާރުކޮށްފައިހުރި ހަނާކުރި ކުކުޅުގެ ވާހަކައާއި ބަނބުކޭލު ބޮނޑިބަތް މީރުވާހަކަވެސް ދެއްކެވިއެވެ. އެވަގުތު ކަތީބުގޭ ބޭރުގޭތެރޭގައި އޮތް އުނދޯލީގައި އިންނެވި އުމުރުން 50 އަހަރާއި ގާތްކުރާ އަލިސީދީގެ ސަމާލުކަން ހުއްޓިފައިވަނީ އަމާނީން އަށެވެ. އަލިސީދީގެ އަޅިކުލައަށްދާ ކަޅިރަވައިގެ ތޫނު ނަޒަރުން އަމާނީންގެ ޙަރަކާތްތަކަށް ބައްލަވަމުން ގެންދެވިއެވެ.

އެރޭގެ ކެއުމަށްފަހު ތަށިތައް ދޮވެ އަވަދިވުމުން އަމާނީންގެ މަސައްކަތްތައް ނިމުނީއެވެ. އަމާނީންގެ ދޮންމަންމަ އާދައިގެމަތިން 8 ޖެހިއިރު ނިދައިފިއެވެ. ކަތީބާއި އަލިސީދީވެސް ނިދިކުރެއްވުމަށް އަވަސްވެލެއްވިއެވެ. އަމާނީންވެސް މައި ގެއާއި ވަކިންހުރި ކުޑަކުޑަ ޖިފުޓިގަނޑަކަށް ގޮސްވަނެވެ. އެ ޖިފުޓިގަނޑަކީ އަމާނީންގެ ކޮޓަރިއެވެ. ކޮޓަރިއަށް ވަނުމާއިއެކު އަމާނީންގެ ލޮލުގައި އަޅައިގަތީ އޭނާގެ އެނދުގެ ފަޑިމަތީގައި ބަހައްޓާފައިހުރި އަތްބައްތިއެކެވެ. އެތާނގާއި އަތްބައްތިއެއް ބެހެއްޓި ހަނދާނެއް އަމާނީން އަކަށް ނުވިއެވެ. ޖިފުޓިގަނޑުގެ އެއްކަނެއްގައި ހުރި ކޮޅުފިލާ ގޮނޑިއެއްމަތީގައި މީހަކު އިށީންދެގެން އިންކަން އަމާނީންއަށް އެނގިގެން ދިޔައެވެ. ހިޔަންޏެއްގެ ގޮތަށް ފެންނަން އިން މީހާގެ އަތުތެރޭގައި އޮތް ކޮންމެވެސް އެއްޗެއް ތަޅުވަމުން ދިޔައިރު ގިގުނީގެ އަޑު އިވެމުން ދެއެވެ. އެވަގުތު އެމީހާގެ އަތުތެރޭގައި ތަޅުވަމުން ދިޔަ އެތިން ވިދުވަރެއް އަރައިގެން ދިޔައެވެ. ހަމަ އެއާއިއެކު އަމާނީންއަށް އޭނާގެ ކަރުދޮށުގައި އަތް ޖައްސާލެވުނެވެ. އެހިނދު އެނާ ކުޑައިރުއްސުރެން ކަރުގައި އަޅައިގެންއުޅޭ ރަނުގެ ގިލަފަތި ނެތްތަކަން އެނގުނެވެ.

"ކޮއިފުޅާ މީދޯ ތިހޯދާ އެއްޗަކީ؟" ގޮނޑީގައި އިންމީހާ ތެދުވަމުން އެމީހާގެ މޫނުމަތީގައި ގިލަފަތި ހޫރާލިއެވެ. "މި ގިލަފަތި ރީތިކަމުން ތަންކޮޅެއް ރަނގަޅަށް ބަލާލާހިތް ޖެހުނީ." މިހެން ބުނުމާއެކު ބާރު ވައިރޯޅިއެއްފަދައިން އެމީހާ އައިސް އަމާނީންގެ ކަރުގައި ގިލަފަތި އެޅުވިއެވެ.

"ކިހިނެތްތޯ ތޮގޮތަށް.....؟" އިންސާނެއްގެ ކިބައިން އެފަދަ ހަލުވިކަމެއް ފެނުމުން އަމާނީން ހުރީ ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. ގައިމުވެސް އާދައިގެ އިންސާނަކަށް އެފަދަ ކަމެއް ނުކުރޭވޭނެކަމަށް އަމާނީންގެ ހިތް ބުންޏެވެ.

"އެކަމާ އެހާ ކަންބޮޑު ނުވޭ!.... އަހަރެން މިތަނަށް މިއައީ ކަނބުލޮއަށް ކަމެއް ހުށައަޅަންވެގެން.... ނޫނީ ބުނެވިދާނެ ކަނބުލޮއަށް ފުރުޞަތެއް ދޭންވެގެނޭވެސް. އަހަރެން އެކަމާ މަޝްވަރާކޮށްފިން ކަތީބާވެސް. ދެން އޮތީ ކަނބުލޮއާ މަޝްވަރާކުރުން. ކަނބުލޮ ވަރަށް މާލެދާހިތްވޭ ދޯ. މިގޭ އެއުޅޭ ނުބައި އަންހެނާގެ ކިބައިން ސަލާމަތްވާން ބޭނުންދޯ!"

"ތި ވިދާޅުވި ދެކަމަކީވެސް އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ދެކަންތައް. އެކަމަކު ބައްޕަ ދޫކޮށްލާފަ ދާކަށް ހިތްހަމައެއް ނުޖެހޭ" އުމުރުން 7 އަހަރުގެ އަމާނީން ވާހަކަދައްކަމުންދިޔައީ ހެޔޮވިސްނޭ އަންހެނަކު ވާހަކަދައްކަމުން ގެންދާނެހާވެސް ފުރިހަމަ ކޮށެވެ.

"ކަތީބު ބުނުއްވީ ކަނބުލޮ ދާންހުރިއްޔާ ފޮނުވާގޮތަށޭ ހުރީ. އެހެންވީމަ ދާނަންތަ؟"

"އާދެ. އެކަމަކު-"

"ތި ގިލަފަތި ތިޔައީ ކަނބުލޮ ބައްޕައާއި މަންމަގެ ހަނދާނެއްތަ؟ ކީއްވެގެން އެމީހުން މަރުވީ؟ ބައްޔެއްވެގެންދޯ! އަނެއްކާ މަށަށް މިބުނެވުނީ ރަނގަޅަށްތަ؟" އަލިސީދީ ބޭނުންފުޅުވެލެއްވީ މަޢުޟޫ ބަދަލުކޮށްލެއްވުމަށެވެ.

"އާދެ!"

"މިސާލަކަށް..." އަލިސީދީ ވިސްނުންތެރިކަމާއެކު ދައްކަވަން އުޅުއްވާ އަސްލު ވާހަކައާއި ދިމާއަށް މިސްރާބު ޖެއްސެވިއެވެ. އަތުގެ އިޝާރާތުން އަމާނީންގެ އެނދުގައި އިށީނުމަށް އަންގަވަމުންނެވެ. އަމާނީން ޖެހިލުންވެ ހުރެގޮސް ރޯނުފުރާފައިވާ އެނދުގެ ވަކަރު ފަޑިމަތީގައި އިށީނިއެވެ. އެވަގުތު އަލިސީދީގެ ކެހިވެރި މޫނު ފެނިގެން ދިޔައެވެ. ".... ކަނބުލޮއަށް ދުވަހަކުވެސް ބައްޔެއް ނުޖެހޭގޮތް ވެއްޖެއްޔާ ނުވަތަ އިންސާނުންނާއި ޚިލާފަށް ވަރަށް ދިގު އުމުރެއް ލިބިއްޖިއްޔާ ކީކޭ ހިތަށް އަރާނެ؟" އަލިސީދީ ކުރައްވަން ފެއްޓެވި ސުވާލު ނިންމަވާލެއްވެވިއެވެ.

"އަޅުގަނޑަކަށް ނޭނގޭ. ހީވަނީ އޭރުން އަޅުގަނޑަކީ ވަރަށް ޖެހިލުންކުޑަ މީހަކަށް ވެގެންދާނެހެން. އެއްވެސް ކަމަކާ ބިރެއް ނުގަންނާނެހެން!" ޖެހިލުންވެ ހުރެގެންވެސް އަމާނީން ދިނީ ފުރިހަމަ ޖަވާބެކެވެ.

"ޔަޤީންތާ!" އަމާނީންއާއި ކައިރިއަށް ޖެހިލާ އޭނާގެ ދެކޮނޑުގައި ހިފަހައްޓާލާ މޫނާއި ގާތްވެލަމުން އަލިސީދީ ކުރެއްވި ސުވާލުގެ ތަފްޞީލަށް ދާން ފެއްޓެވިއެވެ. "..... އަހަންނަށް އަމާނީން އެއްވެސް ބައްޔެއް ނުޖެހޭނެގޮތާއި ފަސޭހައިން މަރުނުވާނެގޮތް ހަދައިދެވިދާނެ"

"އަލިސީދީ އަޅުގަނޑަށް ތިގޮތް ހެއްދެވުމުގެ ބޭނުމަކީ ކޮބައިތޯ؟" އަމާނީން އަށް ނޭނގިނަމަވެސް އަލިސީދީގެ ވާހަކަތައް ޤަބޫލު ކުރެވެން ފެށިއެވެ.

"ނިކަން ވިސްނާލަބަލަ!" އަމާނީންގެ މޫނާއި އިހުނަށްވުރެންވެސް އަލިސީދީގެ މޫނުފުޅު ގާތްކޮށްލައްވަވަމުން ވާހަކަފުޅު ކުރިއަށް ގެންދަވަން ފެއްޓެވިއެވެ. "..... ކަނބުލޮއަށްވެސް އެނގޭނެ މަގޭ ދަރިފުޅު އެކަނިވެރިވެފައި ހުންނަވަރު. އެހެންވީމާ މަގޭ ހިޔަލަވެސް ރަޙްމަތްތެރިއަކު ބޭނުންވާނެ. އެކުގައި ތަންތަނަށް ދާނެ މީހަކު ބޭނުންވާނެ. ދެން ހިތަށް އަރާފާނެ ކީއްވެގެންބާވައޭ އަހަރެން ކަލޭ ބޭނުންވެގެން މިއުޅެނީ. އޭގެވެސް ސަބަބެއް އެބައޮތް. އަހަރުމެންނާއި ބައްދަލުވި ތި އުމުރުގެ އެހެން ކުދިންނާއި ވަރަށް ތަފާތު ކުއްޖެއްތީ. ކަނބުލޮ އުޅެމުންގެންދާ ދަތި ހާލުގެ ވާހަކަތައް ކަތީބު ކިޔާދެއްވީއްސުރެން އަހަންނަށް ކަނބުލޮއާއިމެދު ވިސްނެން ފަށައިފި. އެނގޭ އަހަރުމެންނާއި ކަނބުލޮޔާ އުޑާބިމާހާވެސް ތަފާތުކަން. ނަމަވެސް ކަނބުލޮއަށް އުޅެންޖެހިފައިވާ ހިތްދަތި ދިރިއުޅުމުން ސަލާމާތްވާން ބޭނުންކަން އަހަރެން ދެނަހުރިން. ކަނބޮލޮ މިނޫން އެހެންތަނަކަށް ދިއުމަށް ފެންބޮވައިގެންފައިވާ މިންވަރު އަހަންނަށް ވިސްނޭ. އެހެންވެގެން މިބުނަނީ ތިޔަ ކަރުހިއްކުމާއި ތިޔަ ވޭނީ ޙަޔާތާއި އަލްވަދާޢުކިޔައި މަށާ މަގޭ ދަރިފުޅާއެކު އުޅެން އަންނާށޭ." އެއް ނޭވަޔަކުން އަލިސީދީ ބޭނުންވެލައްވާގޮތާއި ސަބަބު އޮޅުން ފިލުއްވައިދެއްވިއެވެ.

"އަޅުގަނޑު ދާނަން!"

"ވަރަށް ހިތްހަމަ ޖެހިއްޖެ. މަޑުމަޑުން އެއްވެސް ޙަރަކާތެއް ނުކޮށް ހުންނާތި. އަހަރެން މިއުޅެނީ ކަނބުލޮއަށް ހަދިޔާއެއް ދޭން." އަމާނީންގެ ކޮނޑުގައި އިހުނަސްވުރެން ބާރަށް ހިއްޕަވާލެއްވިއެވެ. ހަމައެއާއެކު އަލިސީދީގެ ތޫނު ދެ ފޭރާދަތް އަމާނީންގެ ކަރުދޮށުން ކަނދުރާގެ މަސްގަނޑުތެރެއަށް ވައްދަވާލެއްވިއެވެ. އަމާނީންގެ ކަރު ދޮށުގައި އަލިސީދީ އަނގަޖެއްސެވިކަން އެނގިގެން ދިޔައެވެ. ދެންވީގޮތެއް ނޭގުނެވެ. އަމާނީންއަށް ހެއިލެވުނީ ހެނދުނުއެވެ. އޭނާއަށް އޮވެވުނީ ނާލުބައްތެއްޔެއްގެ ހިޔާގަނޑު ތެރޭގައެވެ. މާލެއާއި ދިމާއަށް މިސްރާބުޖަހާފައި ހުރި އޮޑި ފައްސިޔަވައިގައި މޫދުގެ ލޮނުގަނޑު ކަފަމުން ދަތުރުކުރަމުން ދިޔައެވެ. އަމާނީންއަށް ހެއިލެވާއެކު މުޅިން އައު އިހްސާސްތަކެއް ކުރެވެން ފެށިއެވެ. އޭރު އަމާނީންވަނީ ވޭމްޕަޔާއަކަށް ބަދަލުވެފައެވެ.

******************

އަމާނީންގެ ޒަމާންވީ މާޒީގެ ފަތްފުއްތައް ގުނާނިމުނު އިރު އޭނާއަށް އިނދެވުނީ ލައުކް އާއި ހަތަރު ކަޅި ހަމަކޮށްގެންނެވެ.

"އާޗާ. ސަޅި ވާހަކައެއް އިނގޭ. އެކަމު ތި ކިޔައިދިންގޮތުން ހީވަނީ އޭރު އަމާނީންއަށް ނިންމުނު ނިންމުމާމެދު މިހާރު ހިތާމަ ކުރަމުން އަންނަހެން. އަނެއްކާ މިބުނެވުނީ ރަނގަޅަށްތަ؟" ލައުކް އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ .

"ތިބުނީ ތެދެއް. އެހެން ހުރިހާ ކަމަކަށްވުރެންވެސް ތިޔަކަމާ މިހާރު ވަރަށް ދެރަވޭ." އަމާނީން ޙަޤީޤަތް ހާމަކުރިއެވެ. "ހޫމް ދެން ކިޔައިދީބަލަ ލައުކް ގެ ވާހަކަ!"

"މަގޭ ވާހަކަދޯ! ... އޯކޭ އަޑުއަހާ!" ލައުކުވެސް އޭނާގެ މާޒީތެރެއަށް ފީނައިގަތެވެ. އިއްޔެ މެންދުރު ވީކަމެއްހެން ލައުކުގެ ހަނދާނުގައިވެސް އެކަންތައް އެބަހުއްޓެވެ.

*************

އެއީ 1844 ވަނަ އަހަރެވެ. އެދުވަސްވަރު ރާއްޖޭގެ ވެރިކަން ކުރައްވަމުން ގެންދެވީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ނުވަތަ މުސްކުޅި ބަންޑާރައިންނެވެ. އެދުވަސްވަރު މާލޭގައި ކޮލެރާގެ ބޭރަށް ހިންގުމުގެ ރޯގާއެއް ވަރަށް ބާރަށް ފެތުރެމުން ދެއެވެ. ކޮލެރާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ މީހުންގެ ޙާލަތު ވަރަށް ދަށެވެ. އަޅަމުންދާ ވޭނުގެ ސަބަބުން ހިތްވަރުގަދަ ބޮޑެތި ފިރިހެނުންވެސް އަަޑުން އަޑުނަގައި ރޮއެ ހަދާއަޑު ގޭގޭގެ ފުޅައްބުޑާ ހަމައަށް އިވެމުންދެއެވެ. އެމީހުން ބޮޑުކަމުދާއިރު ނަޖިސްތަކާއެކު ކުނިދޮސްވެސް ފައިބަމުންދެއެވެ. މޮޅެތި ހަކީމުންނާއި ފަންޑިތަވެރިންވެސް ތިބީ ގޮތްހުސްވެފައެވެ. ފަރުވާ ލިބެމުންދިޔަ މީހުންވެސް ދުވަސްކޮޅެއްފަހުން މަރުވަމުން ދިޔައެވެ. ތިން ހަތަރު މަހުގެ މާބަނޑު އަންހެނަކަށް މި ބަލިގަނޑު ޖެހުމާއެކު އިސާހިތަކުން ބައިގެންދެއެވެ.

މާލޭގެ ރައްޔިތުން މިފަދަ ޙާލެއްގައި އުޅެމުން ދަނިކޮށް 22 ފެބްރުއަރީ 1844 ވީ ބުރާސްފަތި ދުވަހުގެރޭ ރަށުގެ ހުޅަނގުފަރާތު އުދަރެހުން ދުންތަރިއެއް އެރިއެވެ. ދުންތަރިއަކީ ނަސީބާއި ނުވަތަ ބަދުނަސީބާ ގުޅިފައިވާ އެއްޗެއްކަމަށް އޭރު ދިވެހިން ދެކެމުން އައެއެވެ. މި ދުންތަރި މަސްދުވަސް ވަންދެން އުދަރެހުން ފެންނަން ހުއްޓެވެ. ދުންތަރި ފެނުނުތާ ދުވަސްކޮޅެއްފަހުން މާލެއަށް ބޭރު ގައުމެއްގެ ފަރަންޖީއެއް އައިސް އުޅުނެވެ. އޭނާއަކީ ރޫމޭނިއާގެ ޓްރާންސިލްވޭނިއާ އިން އައިސް އުޅުނު މީހެއްކަމަށް މީހުން ކިޔައި އުޅުނެވެ. ނަމަވެސް އޭނާ ރާއްޖެއަށް، މާލެއަށް އައިނައިގޮތެއް އެނގޭ މީހަކު ނޫޅެއެވެ. ޖޮނެތަން ނަމަކަށް ކިޔާ މިމީހާއަކީ ހަކީމީ ބޭސްވެރިކަން ދަންނަމީހެއްކަމުން ކޮލެރާގެ ރޯގާއަށް ހަކީމީ ބޭސްހަދައިދީ އުޅުނެވެ.

ލައުކުއަކީ ދެމަފިރިއެއްގެ ހުރި އަށާރަ އަހަރުގެ ކުއްޖެކެވެ. އެމީހުންނަށް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅެވެ. ލައުކަށް ކޮލެރާ ޖެހިގެން ވަރަށް ބޮޑުވަރުވެގެން އުޅެނިކޮށް އެގެއަށް ޖޮނަތަން ގެނެސްދިނީ ލައުކުގެ ބޮޑުބޭބެއެވެ. ޖޮނެތަން އޭނާ ދަންނަ ހަކީމީ ބޭސްތައް ހަދަމުން ގެންދިޔައެވެ. އެހާތަނަށް އައިއިރުވެސް ޖޮނެތަންގެ ބޭސްވެރިކަމުން ފުރިހަމަ ޝިފާއެއް ލިބުނު އެކަކުވެސް ނެތެވެ. ނަމަވެސް ކޮލެރާގެ ގަދަފަދަ ވޭނުން ކުޑަނަމަވެސް ލުޔެއް ލިބެނީ ޖޮނަތަން ހަދަމުންދިޔަ ބޭހެއްގެ ސަބަބުންނެވެ. މި ސަބަބާހުރެ ލައުކު އަށް ފަރުވާދިނުމަށް ޖޮނަތަން ގެނައީއެވެ.

އެއް ރެއެއްގެ ރޭގަނޑެވެ. ގާހަކަ ފަޅިއަކަށް ކާށިތެޔޮ އަޅައިގެން ދިއްލާފައި ހުރި ވޮށަކުން ލައުކު އޮތް ފަތްޖެހި އެނދަށް ފަނޑުފަނޑު އަލިކަމެއް ވެރިވެފައިވެއެވެ. ލައުކުގެ ކައިރީގައި ޖޮނަތަން އިނެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ ޖޮނަތަންގެ ވާހަކަތައް ތަރުޖަމާކޮށްދޭ މީހާއެއް ނާދެއެވެ. ލައުކުގެ ބައްޕައާއި މަންމައާއި އިޝާރާތުގެ ބަހުރުވައިން ޖޮނަތަން މުޢާމަލާތުކުރަމުން ގެންދިޔައެވެ. އެމީހުން ލައުކު އޮތްތަނުން ނުކުތުމާއެކު ޖޮނަތަން ވާހަކަ ދައްކަންފެށިއެވެ. ސާފު ދިވެހިބަހުންނެވެ. ލައުކަށް މާބޮޑު ހައިރާންކަމެއް ލިބިގެންދާވަރަށްވުރެން އޭނާގެ ހާލުދެރައެވެ.

"ލައުކު! ލައުކު! އަހަރެން ބޭނުންވޭ ލައުކަށް އެހީތެރިވާން!" ލައުކުގެ ކަންފަތްދޮށަށް ގުދުވެލަމުން ޖޮނަތަން ދިވެހިބަހުން ބުނެލިއެވެ.

"އޫން!" ކުކުރާލުމަކުން ލައުކު އާއެކޭ ބުނެލިއެވެ.

"ހަޤީޤަތަކީ މިފަދަ ކޮލެރާއަށް މިހާތަނަށް އައިއިރު ފަރުވާއެއް ހޯދިފައެއް ނެތް. އަހަރެން މިހަދާ ބޭހުންވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނީ. މުޅިން ރަނގަޅެއް ނުކުރެވޭނެ. ދެން އޮތީ އެންމެ ގޮތެއް!" ވިސްނުންތެރިކަމާއެކު ޖޮނެތަން ބުނެލިއެވެ.

"ކޮންމެ ގޮތެއް ހެދިޔަސް ހެޔޮ. ހާދަ ވޭނެކޭ މިއަޅަނީ! ކޮންމެ ކަމެއް ކޮށްގެންވެސް އަހަރެން ބޭނުން ދިރިހުންނަން!" ކުކުރަމުން ލައުކު ބުނެލިއެވެ.

"އެހެން ހުރިހާ ކަމަކަށްވުރެންވެސް ލައުކު ބޭނުންތަ ދިރިއުޅެން؟" ޖޮނަތަން ދަނޑިވަޅުގެ ބޭނުން ހިފަމުން ސުވާލުކުރިއެވެ.

"ކޮންމެ ގޮތަކުންވެސް ބޭނުން ދިރިހުންނަން. އެހެން ގޮތެއް އޮތީތަ؟" އުއްމީދުން ފުރިގެންވާ ބަލާލުމަކާއެކު ލައުކުވެސް ކުރީ ސުވާލެކެވެ.

"ލައުކު ބޭނުންނަމަ އެބައޮތް ގޮތެއް! ލައުކަށް ވެސް ފާހަގަ ކުރެވޭނެ މިރޭ މިހާރު މިވަގުތު އަހަރެން މިވާހަކަ ދައްކަނީ ދިވެހިބަހުންކަން. މިކަމުންވެސް އެނގޭނެ އަހަންނަކީ ތަފާތު މީހެއްކަން. އެހެން ނޫންތަ؟" ޖޮނަތަން އޭނާގެ ޕްލޭނާއި އެއްގޮތަށް ވާހަކަ ބައްޓަންކުރަން ފެށިއެވެ.

"މަގޭވެސް ހިތަށް އެބައަރާ ކިހިނެތްބާއޭ ޖޮނެތަން ކުއްލިއަކަށް ދިވެހިބަހުން ތިހާ ފަރިތަކޮށް ވާހަކަދައްކަން ތިފެށީ!" ލައުކުގެ ހަށިގަނޑަށް އަޅަމުންދިޔަ ގަދަވޭނުގެ މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ.

"ހައިރާންވެއްޖެދޯ؟ އަދި މާ ހައިރާންވާނެ އަހަރެން އިންސާނުންގެ ލޭބޯވާހަކައާއި ދުވާލު ގަޑީގައި ބޭރަށް ނުކުމެ ނޫޅެވޭ ވާހަކަ ބުނީމަ. އެކަމަކު ޙަޤީޤަތަކީ އެއީ. އިރުގެ ދޯދިތައް އަހަރެންގެ ހަންގަނޑުގައި ޖެހިއްޖެނަމަ ފިހި މަރުވެދާނެ. މިހާރު ފަންސާހަކަށް އަހަރު މިވަނީ އަހަރެންގެ ހަށިގަނޑަށް ބަދަލެއް ނައިސް މިޒުވާން ކަމުގައި ހުންނަތާ. އަދި އަބަދުވެސް ހުންނާނީ މިގޮތުގައި. އަހަންނަކީ އިންސާނުންގެ ލޭބޯ އިންސިއެއް. ވޭމްޕަޔާއެއް! މިހެން ބުނަމުން ޖޮނަތަން އޭނާގެ މަތީ ތުންފަތް އުފުލާލާ ދިގުވެފައިހުރި ދެ ފޭރާދަތް ދައްކާލިއެވެ.

"ޔާރައްބީ!" ލައުކުގެ ލޮލަށް ފެނުނު މަންޒަރާއި އިވުނު އަޑުތަކުން ކުއްލި ހައިރާންކަމެއް ލިބިގެން ދިޔައެވެ. "ދެން ތިކަމާ މަގޭ މިބަލީގެ ދާއިމީ ރަނގަޅުވުމާ އޮތީ ކޮންގުޅުމެއް؟"

"އަހަންނަށް ލައުކުގެ ފުރާނަ ސަލާމަތް ކުރެވިދާނެ. ތި ބަލި ފަސޭހަކޮށްދެވިދާނެ. އަހަރެން ޖެހޭނީ ކަލޭގެ ލޭފޮދެއް ބޯން. އަދި ކަލޭވެސް ޖެހޭނެ މަގޭ ލޭފޮދެއް ބޯން. މާދަން ހެނދުނު ހޭލާއިރު އެންމެ ކުޑަވެގެން ލަކުނެއްވެސް ނުހުންނާނެ. އަދި މާދަމައަށްފަހުން މުޅި އުމުރަށްވެސް ލައުކު ހުންނާނީ 18 އަހަރުގެ ޒުވާނެއްގެ ގޮތުގަ. އެއީތަ ލައުކު ބޭނުންވާ ގޮތަކީ؟"

"މިބަލީގައި މަރުވެ ދިއުމަށްވުރެން ތިގޮތްވެސް މާ ރަނގަޅު!" ލައުކަށް އަޅަމުންދިޔަ ވޭނުގެ ސަބަބުން ހެޔޮބުއްދިއަށް ވިސްނުނު އެންމެ ރަނގަޅުގޮތް ހާމަކުރިއެވެ.

"އެންމެ ރަނގަޅު. ކުޑަކޮށް ތަދުވާނެ އިނގޭ!" ލައުކުގެ ކަރުދޮށުގައި އަނގަޖަހަމުން ޖޮނަތަންގެ ފޭރާދަތް ވައްދާލިއެވެ. ހަމަ އެއާއެކު ލައުކުގެ ހޭބުއްދި ފިލާދިޔައެވެ.

ޖެހިގެންއައި ދުވަހު ހެނދުނު ލައުކަށް ހޭލެވުނުއިރު ބަލިގަނޑު މުޅިން ރަނގަޅުވެއްޖެއެވެ. އޭގެ ފަހުން ފާހަގަކުރެވުނު އެއްކަމަކީ އެއްޗެހި ހަފާ އުޅުމުގައި ކުރިއަށްވުރެން ފަސޭހަކަމެއް އިހްސާސް ކުރެވެމުން އަންނަކަމެވެ.

*************

ލައުކުގެ ވާހަކަތައް ޝައުޤުވެރިކަމާއެކު އަޑުއަހަން އިން އަމާނީންއަށް ބަލާލިއެވެ.

"އެހެންވީމަ ލައުކުގެ ރައްޓެހި ޑޮކްޓަރު އަދިވެސް އެބައުޅޭތަ؟" އަމާނީން ސުވާލުކުރިއެވެ.

"އާން. ޖޮނަތަން އުފެއްދި ކެޕްސޫލެއް އަހަރެން މިދިނީ. މީގެ އިތުރަށްވެސް މިޒަމާނުގެ ވޭމްޕަޔަރުންނަށް އެއާއި ނުލައި ނޫޅެވޭނެ ބައެއްކަހަލަ ޕްރޮޑަކްޓްސްތައް ޑޮކް އުފައްދާފަ އެބަހުރި."

"މިސާލަކަށް؟" އަމާނީން އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

"މިސާލަކަށް ވޭމްޕަޔަރުންނަށް ޚާއްޞަ ސަންސްކްރީން ލޯޝަން ހިމެނޭ. އަދި މިހާރު އިރުގެ އަލިން ރައްކާތެރިކޮށްދޭ ޗިޕެއްވެސް ޓެސްޓްކުރަމުންދަނީ. މިހާރުވެސް މަށަށް ރޯމާދުވާލު ގަޑީގައި އަތްވަށް ނުކުމެ އުޅެވޭނެ. ބަލާލަބަލަ މަގޭ ކަންފަތްދޮށް" ލައުކުގެ ވާތުކަންފަތު ވޮށި ފޭކޮށްލަމުން އަމާނީންއަށް ދެއްކިއެވެ. އެރޭގެ ހަނދުވަރުގެ އަލިކަމުގެ ތެރެއިންވެސް ލައުކު އެބުނާ ކަޅުލައިގެ ކުޑަކުޑަ އިލެކްޓްރޯނިކް ޗިޕްން ބައެއް ފެންނަން ހުއްޓެވެ. "މީގެ އިތުރުންވެސް އަހަރުމެންގެ ދިގު ފޭރާދަތް ފޮރުވުމަށް ޚާއްޞަ ދަތްޕިލައެއްވެސް ހަދާފަވޭ. މަށެއް އެ ދަތްޕިލައެއް ބޭނުމެއް ނުކުރަން" ލައުކު އޭނާއަށް ލިބުނު އައު ރަޙްމަތްތެރިއާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

އަމާނީންގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފެންނަން ހުއްޓެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެރެއާއި ހަމައަށް އަމާނީން ހީކޮށްގެން އެހުންނަނީ ރާއްޖޭގައި މާގިނަ ވޭމްޕަޔަރުން ނޫޅޭ ކަމަށެވެ. ނަމަވެސް ލައުކުގެ ވާހަކަތަކުން އަމާނީންގެ ފޫހި ޙަޔާތަށް އިތުރު ދިރުމެއް ގެންނުވި ކަހަލައެވެ.

ކުއްލިއަކަށް އެމީހުން އިށީންދެތިބި ފުރާޅުމައްޗަށް ލައުކު ކޮޅަށް ތެދުވިއެވެ. އަމާނީންއަށް އިތުރު ސަޕްރައިޒެއް ދިނުމަށް ވިސްނަމުން އޭނާއާއިއެކު ދިއުމަށް އެދުނެވެ.

"އަޅެ ކޮންތާކަށްތަ؟" އަމާނީން އޮޅުންފިލުވަން ބޭނުންވިއެވެ.

"ހިނގާބަލަ! ވަރަށް މަޖާވާނޭ!" އަމާނީންގެ އަތުގައި ހިފާ ބާރުވައިރޯޅިއެއްފަދައިން މައްޗަށް އުދުއްސައިގަންނަމުން ލައުކު އެދުނެވެ. ފޮނަދޫގެ އިރުމަތީފަރާތުން ދެމީހުން އެކުގައި އުދުހެމުންގޮސް ކައްދުއާއި ފޮނަދުއާއި ދެމެދު އިރުމަތީފަރާތުގައި އޮންނަ ގާމަތީ ރަށެއްކަމުގައިވާ ހުރާގެ ގޮނޑުދޮށަށް ތިރިކޮށްލިއެވެ. ހަމައެއާއެކު ހިޔަލަ މަތިން ހަނދާންވެގެން ލައުކު ސުވާލުކުރިއެވެ. "ކޮބާ އަމާނީންގެ ފްރެންޑް؟"

"އޯހް ނޯ! ހިޔަލަދޯ! މަވެސް ހަނދާން ނެތުނީއޭ ހިޔަލަ މަތިން. ގުޅާފަ އަހަރުން މިތިބިތަން ބުނެލާނަން!" އަމާނީން ފޯނު ނަގައި ހިޔަލައަށް ގުޅާލިއެވެ.

*******************

"ކޮން މިއުޒިކެއްގެ އަޑުތަ އެ އިވެނީ؟ މިރަށުގަ މީހުން އުޅޭތަ؟" ހުރާގެ ހޭޅިފަށުގައި ބޯކޮށް ހެދިފައިވާ ކުރެދިގަސްތަކުގެ ތެރެއިން ރަށުތެރެއަށް ހިނގަމުންދިޔަ ލައުކުގެ ފަހަތުގައި ހުރި އަމާނީން ސުވާލުކުރިއެވެ.

"މިރޭ މީ މިރަށަށް ވަރަށް ޚާއްޞަ ރެއެއް. މީހުން ނޫޅޭ ފަޅުރަށަކަސް މިރޭ މިރަށުގެ ފަޅުކަން ފިލުވަމުންގެންދާ ޒުވާން ގްރޫޕެއް ރަށުގެ އިރުމަތީ ފަރާތުގައި އެބައުޅޭ." ލައުކު އޮޅުންފިލުވައިދިނެވެ.

"އިންސާނުންތަ؟ ނޫނީ އަހަރުންކަހަލަ އިންސާނުންތަ؟" ލައުކު ދިންޖަވާބުން އަމާނީން އަށް އިތުރު ހައިރާން ކަމެއް ލިބުމުން އަނެއްކާވެސް ސުވާލުކުރިއެވެ.

"ހާދަ ސުވާލު ގިނައޭދޯ! އެމީހުން ކައިރިއަށް ދިޔައިމަ އެނގިދާނެތާ!" ލައުކު ފަސްއެނބުރި ހުއްޓެމުން އަމާނީން އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

*********************

"ލާމުގަ އުޅޭ އެންމެ ޒުވާން އެންމެ މަޖާނަގާ ވެމްޕަޔާ ގްރޫޕް!" ހުރާގެ އިރުމަތީފަރާތު ހޭޅިފަށަށް ފޭބިއިރު އެހިސާބުގައި ދިހަވަރަކަށް ޒުވާނުން އަލިފާންގަނޑެއް ރޮކޮށްގެން މަޖާނަގަމުން ގެންދެއެވެ. ހޭޅިފަށުން ތަންކޮޅެއް އެއްގަމުގައި ހަތަރު ޓެންޓް ޖަހާފައި ހުއްޓެވެ. ޓެންޓްތަކާއި ކައިރި ހިސާބެއްގައި އަޅާފައިއޮތް ކުނަލެއްގެ މަތީގައި ކާބޯތަކެތި އަތުރާފައިވެއެވެ.

"ވާހް!" މަޖާ ނަގަމުންދިޔަ ގްރޫޕްގަނޑުފެނިފައި އަމާނީން އުފަލުން ފޮޅުނެވެ. އަމާނީންގެ ކުރިމަތިން ފެންނަމުންދަނީ ހަމަ އޭނާކަހަލަ ވޭމްޕަޔާތަކެއް ނެށުމާއި މަޖާނެގުމުގައި ޙަރަކާތްތެރި ވަމުން އަންނަތަނެވެ. ލައުކު ގްރޫޕްކައިރިއަށް ޖެހިލާ އަމާނީން ތަޢާރަފްކޮށްދިނެވެ. ގްރޫޕްގައި ތިބި ވޭމްޕަޔާތައްވެސް އަމިއްލައަށް ތަޢާރަފްވަމުން ގެންދިޔައެވެ. ކާބޯތަކެތި ހުރި ކުނާމަތީގައި ބަހައްޓާފައިހުރި ފުޅިތަކުން ފުޅިއެއް ނެގުމަށް ލައުކު އެދިމާއަށް ދިޔައެވެ. އަމާނީންވެސް ކުޑަކޮށް އެއްފަރާތަކަށް ޖެހިލާ ހިޔަލައަށް ގުޅިއެވެ. ރަތްލޭ ކުލައިގައި ހުރި އެއްޗެއް އަޅާފައިހުރި ދެފުޅި ހިފައިގެން ލައުކު އައިއިރު އަމާނީންގެ ފޯނުކޯލުވެސް ނިމިއްޖެއެވެ.

"ތާޒާ ލޭ!" ފުޅިއެއް ދިއްކޮށްލަމުން ލައުކު ވާހަކަދައްކަން ފެށިއެވެ. "ހާސްނުވައްޗޭ! ތީ އަސްލު ލެއެއްނޫން. އެހެން ބުނީ މަޖަލަކަށް.... ކޮބާތަ ހިޔަލަ؟"

"އޭނަ އެބަހުރީމޯ ފާލަން ކައިރީގަ. ކޮންތާކު އުޅެއުޅެފަހޭ އަހާލީމަ ބުނި ކުނަހަންދުއަށް ގޮސްސަޔޯ އެ އައީ." އަމާނީން ހުރީ ހިތްހަމަޖެހިފައެވެ. ހިޔަލަ އެތަނަށް ނަޔަސް ފަރުވާލެއް ނެތްކަހަލައެވެ. "އޭނާ ވަރަށް ފޭކްވާނެ! އުޅޭނެހާތަނެއްގަ އުޅެފަ އައިސް މިހާރު އެބައުޅޭ ރެސްޓްކޮށްލަން ނުދެވިގެން. އަހަރުން ރެސްޓްކުރަންދާ ތަނުން ވިޓަމިން ގުލަ ނަގަންވެގެންނޯވެސް ބުނި"

"އެހެންތަ؟ އެހެންވިއްޔާ ހިނގާ ދަމާ! މަގޭ އަތުން ވިޓަމިން ކެޕްސޫލް ދޭނީ ހިޔަލައަށްވެސް." މިހެން ބުނުމާއެކު ދެމީހުން ވައިރޯޅިއެއްފަދައިން ގޮސް ހުއްޓުނީ ފާލަން ކައިރިއަށެވެ. އޭރު ފާލަމުގެ އަރިމަތީ ޖަހާފައިހުރި ހިލަގާތަކުގެ މަތީގައި އިށީންދެގެން ހިޔަލަ އިނެވެ. އެހިސާބުން ކުދިކުދި ގާކޮޅުތަކެއް ހޮވައިގެން ފަހަރަކު ގާކޮޅެއް މޫދަށް އުކައުކާ އިނީއެވެ.

"އަދިވެސް މިހިރަ މީހާގެ ކިބައިން ސަލާމަތް ނުވެވިގެންތަ ތިއުޅެނީ؟" ރުޅިވެރިކަމާއެކު ހިޔަލަ ސުވާލުކުރިއެވެ.

"ހާސްނުވޭ! މީވެސް ވެމްޕަޔާއެއް. ނަމަކީ ލައުކު. އެނގޭތަ؟ އަހަރުން ނޫނަސް ބައިވަރު ވޭމްޕަޔާތައް ރާއްޖޭގަވެސް އެބައުޅޭ!"

"އަސްލުވެސްތަ؟.... ތިބުނީ ހަމަރަނގަޅަށްތަ؟ އަހަރުން ނޫނަސް އެހެން ވެމްޕަޔަރުންވެސް ހަމަ އަސްލުވެސް އުޅެނީތަ؟" ލިބުނު ހައިރާންކަމާއެކު ހިޔަލަ ސުވާލު ފައްޗެއް އަމުނާލިއެވެ.

"އަހަނ އާނއެކޭ. އަހަރުން ނޫނަސް ބައިވަރު ވޭމްޕަަޔާތައް އެބައުޅޭ." އަމާނީންވެސް ހުރީ އުފަލުން ފޮޅިފައެވެ. ހިޔަލައާއި އަމާނީން ނޫނަސް ވޭމްޕަޔާތައް ރާއްޖޭގައިވެސް އުޅޭކަން އެނގުނު ހިނދުންފެށިގެން އޭނާ އެހުންނަނީ އެވާހަކަތައް ހިޔަލައާއި ހިއްސާކުރާހިތުން ކެތްމަދުވެފައެވެ.

'އެހެންވީމަ ސަޅިއެއްނު!" ހިޔަލަ އުފާފާޅުކުރަން ފެށިއެވެ. ކުޑަކުއްޖަކުހެން ފުންމަން ފެށިއެވެ.

"ވަރަށް ސަޅި. މިއޮށް ހުރިހާދުވަހު އަހަރުންނަށް މިއުޅެވުނީ ކެހިވެރިއެއްގެ ޤައިދުގައޭ ބުންޏަސް ދޮގަކަށް ނުވާނެ ދޯ ހިޔާ!" އަމާނީން ހިޔަލައަށް ދޯ އަޅާލިއެވެ.

"މަޑުކޮށްބަލަ!" ކުއްލިއަކަށް ހިޔަލަގެ މޫނުމައްޗަށް ވެރިވެފައިހުރި އުފާވެރިން ފަނޑުވެގެން ދިޔައެވެ. "ތިހެން ބުނީމަ ކަމެއް ހަނދާންވެއްޖެ!.... އަހަރެން އެބަ ބޭނުންވޭ އަމާނީން ކައިރީގަ ވާހަކައެއް ބުނަން. އެއީ ބައްޕަގެ ވާހަކައެއް. ބައްޕަގެ ސިއްރު ކޮޓަރިކޮޅުގެ ވާހަކައެއް. ބައްޕަ އަހަރެން ލައްވާ ވަޢުދު ކުރުވާފަ ވަނީ އެތާނގެ ވާހަކަ ނުދެއްކުމަށް. ދައްކައިފިއްޔާ އަހަރުމެން ދެމީހުން ގެއިން ނެރެލާނެ ކަމުގެ ބިރުވެސް ދައްކާފަވަނީ. އަދި އެދުވަހުވެސް ބުނި އަހަރުމެންކަހަލަ ވޭމްޕަޔާއަކަށް ދިރިއުޅެވޭނެ އެހެން އެއްވެސް ތަނެއް މިރާއްޖެއަކު ނުހުންނާނެޔޭ!"

"ބުނެބަލަ! ކީކޭތަ ތިކިޔަނީ؟" އަމާނީން ވަރަށް ސީރިއަސް ވެއްޖެއެވެ.

"މިތާ ހުރެ ނުވެއް ބުނެވޭނެ. އެތަން ދައްކަން ބޭނުންވަނީ. ހިނގާ އަހަރުން ގެއަށްދަމާ!" މިހެން ބުނުމާއެކު ތިން ވެމްޕަޔަރުން އުދުއްސައިގަތެވެ. އުދުހެމުން ދިޔައިރު އިރުއިރުކޮޅުން އަމާނީން ހިޔަލަގެ މޫނަށް ބަލަމުން ދިޔައެވެ. އޭރު އަމާނީންގެ ލޭވަނީ ހޫނުވެފައެވެ. ރުޅި މައިތިކުރަން ކިތަންމެ މަސައްކަތް ކުރިއަސް އިތުރަށް ރުޅިގަދަވަމުން ދިޔައެވެ. ފަސްވަރަކަށް މިނެޓްގެ އުދުހުމަކަށްފަހު އެމީހުންނަށް މާލޭ ހެދިގޮނޑުދޮށާހަމައަށް އާދެވިއްޖެއެވެ. މާލެ މަތިން އެމީހުންނަށް ލިބިފައިވަ ޚާއްޞަބާރާއި ހުނަރު ބޭނުންކޮށްގެން ގެއަށް ދިއުމަކީ ބުއްދިވެރިކަމަކަށް ނުވާތީ ތިންމީހުން އެކުގައި ހެދިގޮނޑުދޮށުން އެއްގަމަށް އަރާ މަޖީދީމަގަށް ނުކުތެވެ. އޭރު އަމާނީންވަނީ ޓެކްސީ އަކަށް ގުޅާފައެވެ. މާގިނައިރު ޓެކްސީއަށް އިންތިޒާރުކުރަން ނުޖެހެނިސް އެމީހުންގުޅި ސެންޓަރުން ބުނި ނަންބަރުގެ ކާރުއައިސް މަޑުކޮށްލުމުން ކާރަށް އެރިއެވެ.

ކާރުގޮސް މަޑުކޮށްލީ އަމާނީންމެން ގޭ ކައިރިއަށެވެ. ކާރު މަޑުކޮށްލުމާއެކު ހިޔަލަ ކާރުން ފައިބާ ގޯތިތެރެއަށް ވަނެވެ. އަމާނީންއާއި ލައުކުވެސް ހިޔަލަގެ ފަހަތުން ވަނެވެ. ސިއްތު ފިޔަވަޅުތަކެއް އަޅަމުންގޮސް އެމީހުންވަނީ ކާރުމަތީގޭ ސިޓިންގ ރޫމަށެވެ. ޢާއްމުގޮތެއްގައި އަލިސީދީ ފަތިސް ދަޅައިގައި ނިދިކުރައވާފައި އޮންނަވަނީ ސިޓިންގ ރޫމުގައި އޮންނަ އުދޯލިކޮޅުގައިކަން ހިޔަލައާއި އަމާނީން ދަނެއެވެ.

"ކީއްކުރަންތަ މިއުޅެނީ؟" އަލިސީދީ ނިދިކުރައްވާފައި އޮންނެވިތަން ފެނިގެން އަމާނީން ވައި އަޑުން ސުވާލުކުރިއެވެ. އަލިސީދީ ހޭފުޅުލައްވައިފި ނަމަ އެމީހުންގެ ދުވަސް ދިޔައީކަން އެނގެއެވެ.

"ސިއްރު ކޮޓަރީގެ ދޮރުފަތުގެ ތަޅުދަނޑި އޮންނަނީ އޭނަގެ ބޯލާކޮޅުގައެއްނު!" އަލިސީދީއާއި މުޚާޠަބުކޮށް ފުރަތަމަ ފަހަރަށް ހިޔަލަ މިމޭރުމުން ވާހަކަދެއްކި މީ ފުރަތަމަ ފަހަރެވެ. "އަހަރެން ތަޅުދަނޑި ނަގައިގެން މިދަނީ. ނީންމެން ވަދޭ ވަޅު ގިފިއްޔަށް" ވައި އަޑުން ހިޔަލަ އިރުޝާދު ދިނެވެ.

އަމާނީން އަދި ލައުކު ވަޅުގިފިއްޔަށް ވަނެވެ. އޭރުވެސް އަލިސީދީ އުނދޯލިދާން ކޮޅުގައި ގަދަ ނިދީގައި ނިދިކުރައްވަން އޮންނެވިއެވެ. ތަޅުދަނޑި ނަގަން ގުދުވެލި ވަގުތު އެއްފަހަރަކު އަލިސީދީ ފުރޮޅިލެއްވިއެވެ. އެނޫނީ އެއްވެސް އެހެން ޙަރަކާތެއް ނުކުރައްވާކަން ހިޔަލަ ޔަޤީން ކުރިއެވެ. މަޑުމަޑުން އަލިސީދީގެ ބޯދަށުގައި އޮތް ބާލީހުގެ ދަށަށް ހިޔަލަގެ އަތް ކޮއްޕާލިއެވެ. ފަރުވަތެރިކަމާއެކު އެއްވެސް އަޑެއްބަޑެއް ނުއިއްވާ ތަޅުދަނޑިނެގިއެވެ.

ތަޅު ދަނޑި ނަގައިގެން އަޑެއްބަޑެއް ނުއިއްވާ ހިޔަލަވެސް ވަޅު ގިފިއްޔަށްވަނެވެ. އޭރު އަމާނީންއާއި ލައުކު ތިބީ ވަޅުގިފިލީގައި ހުންނަ ސިއްރު ކޮޓަރީގެ ދޮރުމަތީގައެވެ. ހިޔަލަ މަޑުމަޑުން ދޮރުފަތުގެ ތަޅަށް ތަޅުދަނޑި ޖެހިއެވެ. ދެފަހަރަކު އަނބުލާލިއިރަށް ތަޅު ހުޅުވުނު އަޑު އިވުނެވެ. ދޮރުފަތް ހުޅުވާލުމާއެކު ދޮރުފަތުގެ ހުޅުތައް ހިކިފައި ހުރުމުން ކުރަކި އަޑެއް އިވިގެން ދިޔައެވެ.

"ޔާރައްބީ!" ފެނުނު މަންޒަރުން ލައުކަށް ބުނެލެވުނެވެ. އެމީހުންގެ ކުރިމަތީގައި ހުރީ ދަގަނޑު ތޭރިން ހަދާފައިވާ ކޮށި ތަކެކެވެ. ކޮންމެ ކޮށްޓެއްގައި ދެތިން މީހުން ބަންދުކޮށްފައި ތިއްބެވެ. އެއިން ކޮންމެ މީހެއްގެ އަތަށް ހޮސްޕިޓަލުގައި ލޭނަގަން ބޭނުންކުރާކަހަލަ ހޮޅިއެއް ގުޅާފައި ހުއްޓެވެ. އެމީހުންގެ ނާރުތަކަށް ގުޅާފައިވާ ހޮޅިތަކުން އައި.ވީ ކޮތަޅު ތަކަކަށް ލޭ ޖަމާވަމުން ދެއެވެ. ޤައިދުގައި ތިބި އެންމެންވެސް ވަނީ މިލާ މޯޅިވެފައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވަރުބަލިކަމާއި ނިކަމެތިކަން ފެންނަން ހުއްޓެވެ. ކޮންމެ މީހެއްގެ ހުދުހުދު ދެލޯވަނީ ތަންމިނަށް ހުޅުވިފައެވެ. އަމާނީން މެންނަށް އެ ލޯތަކުން ފެނިގެންދިޔައީ އާދޭހުގެ މެސެޖް ތަކެކެވެ.

"ކިހާދުވަހެއް ވެއްޖެ ހިޔާ އަށް މިކަންތައްގަނޑު އެނގުނުތާ؟" ކުރިމަތިން ފެންނަމުން ދިޔަ ހިތްދަތި މަންޒަރަށް ބަލަމުން އަމާނީން އަހާލިއެވެ.

"މަސްދުވަސްވަރު ވެދާނެ. އަހަރެން މިމީހުން މިތަނުން ސަލާމަތް ކުރެވޭނެ ގޮތަކާއިމެދު ވަރަށް ވިސްނައިފިން. ބައްޕައަށް ނޭނގޭ ގޮތަކަށް މިކަން ކުރަން ބޭނުންވަނީ. މިބުނީ މިކަން ކުރީ ކާކުކަން ނޭނގޭ ގޮތަކަށް ކުރާށޭ ބޭނުންވަނީ. އެކަމަކު އެގޮތަށް އެކަން ކުރާނެ ގޮތެއް ވިސްނާ ވިސްނާވެސް ނޭގުނު. އެކަމަކު މިހާރު އަހަރުން ނޫން އެހެން ވޭމްޕަޔާ އުޅޭކަން އެނގުމުން މިކަން ކުރަން ނިންމީ. އަހަރެން ނިންމައިފިން މިމީހުންތައް ސަލާމަތް ކޮށްދީފަ ފިލަން. ބައްޕަގެ ހިޔަނިވެސް ނޭޅޭ ހިސާބަކަށް ދާން." ހިޔަލަ އައިސްފައި ހުރި ރުޅިގަނޑު ގަދަ ކަމުން ވާހަކަ ދެއްކުނީ ފުދޭވަރަކަށް ބާރަށެވެ.

"ތިޔައީތަ ދަރިފުޅުގެ ނިންމުމަކީ؟" ފުދޭވަރަކަށް އަނދިރިކޮށް އޮތް އެ ކޮޓަރިއަށް އަލިސީދީ ވެންނެވީ ސިއްރުސިއްރުންނެވެ. އަލިސީދީ ފެނުމުން އަމާނީންގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ.

"ކަލޭތީ ބޮޑު ދޮގުވެރިއެއް!" އަމާނީން ހަޅޭއްލަވައިގަތެވެ. "ކަލޭ ނުބުނަންތަ އަހަރުމެން ތިންމީހުން އެކަންޏޭ މި ރާއްޖޭގަ ވޭމްޕަޔާއަކަށް އުޅެނީ. އޭނ އަލިސީދީ. ކަލޭ ހާދަ ގޮތްކުޑައޭ. ކަލެއަށް ހީވީތަ މުޅި އުމުރަށް އަހަރަމެން ލޮލުގަ އަނދުން އަޅުވައިގެން އުޅެވިދާނޭ!. އޭނ!."

"އަހަރެން ތިޔަ ދެކުދިންގެ ލޮލުގަ އަދުން އަޅުވައިގެނެއް ނޫޅެން. އަހަރެން ބޭނުންވަނީ ތިޔަ ދެކުދިން ހިމާޔަތް ކުރަން. ތިޔަ ދެކުދިން ނަށް އަޅާލައި އޯގާތެރިވީމަ ތިޔައީތަ ކަންތައް ކުރަންވީ ގޮތަކީ؟" އަލިސީދީ މޮޅިވެރި ރާގަކަށް ބުނެލިއެވެ.

"އަހަރުން ހިމާޔަތް ކުރީއޭ؟ ކޮން އެއްޗަކުން؟ ކާކުގެ ކިބައިން؟" ހިޔަލަވެސް ހަޅޭއްލަވައިގަތެވެ.

"ކަލޭމެން ކައިރީ ތިހިރަ މީހާ ކަހަލަ މީހުންގެ ކިބައިން!" އަލިސީދީ އިނގިލި ދިއްކުރެއްވީ ލައުކުއާއި ދިމާއަށެވެ.

"ކަލޭ. އަލިސީދީ. ކާރުމަތީގެ ކ. މާލެ ރަނގަޅަށް އަޑުއަހާތި. ކަލޭ އެތިބަ މީހުން ބަންދުކޮށްގެން ގެންގުޅެމުން ތި އަންނަ ގޮތަށް އަހަރުން ބަންދުކޮށްގެން އުޅޭތާ މިހާރު ޤަރުނެއްވަނީ. ކަލޭ ތީ އިބްލީހަށްވުރެން ނުބައި ޝައިތޯނެއް. އަޑު އިވިއްޖެތަ އަލިސީދީ!" ބާރު ވައިރޯޅިއެއް ފަދައިން އަލިސީދީ އައިސް ހުއްޓުނީ އަމާނީން ކައިރީގައެވެ. އަލިސީދީގެ ބާރުގަދަ އަތްޕުޅުން އަަމާނީންގެ ވައިނޮޅީގައި ބާރަށް ހިފަ ފިއްތާލިއެވެ. އަމާނީންއަށް ނޭވާލާން ދަތިވެގެން ތެޅެން ފެށުނެވެ.

"ކަލޭގެ އުނދަގޫ ބޮޑުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ!" އަލިސީދީ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ކަލޭ ތިހާބޮޑަށް އެދޭނަމަ އަހަންނަށް ޖެހޭނީ ކަލޭގެ ފުރާނަ ދުއްވާލަން! ދިރޭ ރަހައިގެ އިންޖެކްޝަނެއްތަ ޖަހަންވީ؟ ނޫނީ ލޮނުމެދު ދިޔައިގެ އިންޖެކްޝަނެއްތަ؟ ނޫނޭ. އޭރުން މަރުގެ ހިތިރަހަ މާގަދަވާނެ ދޯ!" އަލިސީދީ މޮޔައެއްފަދައިން ވާހަކަ ދައްކަވަން ފެއްޓެވިއެވެ.

"ބައްޕާ، އަޅުގަނޑަށް މަޢާފް ކުރައްވާ!" އަލިސީދީ އަމާނީންގެ ކަރުގައި ހިފިވަގުތު ހިޔަލައާއި ލައުކު އެއްފަރާތަކަށް ޖެހިލީ އެމީހުންގެ ދެވަނަ ޕްލޭނަށް ޢަމަލުކުރަން ފެށުމަށްޓަކައެވެ. ސިއްރު ސިއްރުން އެމީހުން ނުކުތީ ބޭރުގެއަށެވެ. ބޭރުގޭތެރޭގައި އުނދޯލިދާންކޮޅުގެ ބިއްދޮށުގައި ހުރި ބޮޑުސިންގާ ހައިވަކަރު ފޮށި ހުޅުވާލާ އޭގެތެރެއިން ބަޑިއެއް ނެގިއެވެ. އެއީ އަލިސީދީ ޒަމާނުއްސުރެން ގެންގުޅުއްވާ ބަޑިއެކެވެ. 19 ވަނަ ޤަރުނުގެ ދުވަސްވަރު ގެންގުޅުނު "ކޮގްސްވެލް ޕެޕާރބޮކްސް ޕާރކަޝަން ޕިސްޓޮލް" ނަމަކަށް ކިޔާ ދުވަސްވީ ބަޑިއެކެވެ. ބަޑިއާއެކު އެތާހުރި ޚާއްޞަ ވަޒަންތަކެއްވެސް ނިގިއެވެ. ލައުކުގާތުގައި ހިޔަލަ ކިޔައިދިން ގޮތުން އެވަޒަންތަކަކީ ލޮނުމެދު ދިޔައިގެ ބާރުގަދަ ތާސީރެއް އަޅައިގެން ހަދާފައިވާ ޚާއްޞަ ވަޒަނެކެވެ. މިހާރު ހިޔަލަ އެހުރީ އެ ވަރުގަދަ ވަޒަން ލައްވާފައިވާ ބަޑި އޭނާގެ ބައްޕަގެ މެޔާދިމާއަށް އަމާޒުކޮށްގެންނެވެ.

ކުއްލިއަކަށް ބަޑީގެ ބާރު އަޑާއެކު ވަޒަންގޮސް އެރީ އަލިސީދީގެ މެޔަށެވެ. މޭމަތިން ވާތްފަރާތަށް އެރި ވަޒަން އަލިސީދީގެ ހިތް ތޮރުފާލިއެވެ.

"މަގޭ އުފަ... އުފަ.. އުފަން ދަރިފުޅާ،" އަލިސީދީގެ ނޭވާ ކުރުވާން ފެށިއެވެ. ގައިގެ ހަންގަނޑު ފިހެން ފެށިއެވެ. ފައިކޮޅުން ވާގިދޫވެގެން ކަކޫތާފަތް މައްޗަށް އިށީންދެވަޑައިގެންނެވިއްޖެއެވެ. "ދަރިފުޅަށް އެހާ ރަނގަޅު ދިރިއުޅުމެއް ފަހިކޮށްދިނީމާ... ދަރިފުޅާ... ތީތަ؟ ތީތަ ބައްޕަ.. ބައްޕަ އަށް އާހް... ބައްޕަ އަށް ދިން ހަދިޔާއަކީ؟" މިހެން ބުނުމާއެކު އަލިސީދީގެ ނޭވާ އަވަސްވާން ފެށިއެވެ. ތަޅުންގަނޑުމައްޗަށް އޭނާގެ ހަށިކޮޅު އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. ހަމައެއާއެކު ނޭވާހޮޅިއަށް އެޅި މިކެހިވެރި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.

"އަޅުގަނޑަށް މަޢާފްކުރައްވާ ބައްޕާ!" އެއްވެސް ދިރުމެއް ނެތް ގޮތަކަށް އަމާނީން ބުނެލިއެވެ. ހިޔަލަގެ ދެކޯތާފަތް މައްޗަށް ފައިބަމުންދިޔަ ކަރުނަތިކިތައްވެސް ހުއްޓިފައި ހުރިކަހަލައެވެ. ހިޔަލަގެ ހަށިގަނޑުވެސް ވަނީ ގަނޑުވެފައެވެ.

"މަށަށް ތިކަން ހަވާލުކުރިނަމަ!" ހިޔަލަ ހުރި ހާލުފެނިފައި ލައުކަށް ބުނެލެވުނެވެ.

"ނޫނޭ. އެކަހަލަ ނުލަފާ މީހެއްގެ މަރުހިފުން އެންމެ ޙައްޤުކަން ބޮޑީ ހަމަ މަށަށް!" މިހެން ބުނުމާއެކު ހިޔަލަގެ އަތުގައިއޮތް ބަޑި ވެއްޓިއްޖެއެވެ.

"މިމީހުންތައް ދޫކޮށްލަން އުޅެމާ!" އަމާނީން އަވަސް ވެގަތީ ކޮށިތަކާ ދިމާއަށެވެ. އަލިސީދީގެ ތަޅުދަނޑި ފަތީގައި ހުރި ތަޅުދަނޑިތަކުން ފަހަރަކު ތަޅެއް ހުޅުވަން ފެށިއެވެ. ޤައިދުކޮށްފައި ތިބި މީހުންގެ ގަޔަށް ގުޅާފައިހުރި ހޮޅިތައް ނައްޓަމުން ހިޔަލަގެންދިޔައެވެ. ލައުކު އެމީހުންނަށް އެހީތެރިވަމުން ކޮށިތަކުން ބޭރަށް ނެރެން ފެށިއެވެ. އަމާނީންވެސް އެންމެ ފަހު ކޮށި ހުޅުވާ ނިމިގެން ލައުކާއި ބައިވެރިވިއެވެ.

**************

އަލިސީދީގެ ގޭގައި މިއަދު ހެނދުނުގެ ނާސްތާ އެހެން ހުރިހާ ދުވަހަކާ ތަފާތެވެ. ސުފުރާމަތި ފަޅުފިލުވާލެވިފައިވަނީ ތަފާތު ވައްތަރު ވައްތަރުގެ ޕެކެޓް ޖޫސްތަކުންނާއި ޕާނާއި ބަޓަރާ ޖޭމާ އަދި ކްރަމްޕީފަދަ ތަކެތިންނެވެ. އަލިސީދީގެ ކާގޭގައި ހުންނަ ދިގު މޭޒުދޮށުގައި 16 މީހުން ނާސްތާކުރަމުން ދިޔައެވެ. ހިޔަލަ އާއި އަމާނީން އަދި ލައުކު ތިބީީ ނާސްތާކުރަމުން ގެންދިޔަ މެހެމާނުންގެ ޚިދުމަތުގައެވެ.

އެމީހުން ނާސްތާކޮށް ނިމުމުން ހަތަރު ޓެކްސީ ގެނެސް ޓެކްސީތަކަށް މީހުން އެރުވިއެވެ. ޑްރައިވަރުންގެ އަތަށް ލާރިދިނީ އަމާނީންއެވެ. އެމީހުން ކާރަށް އެރީ ހިނިތުންވުމަކާއެކު އަމާނީން މެންނަށް ޝުކުރު އަދާކުރަމުންނެވެ.

"ހޫމް. މިކަންވެސް މިނިމުނީ! މިރޭ ނޫނިއްޔާ ތި ނީން މެންނަށް ދެން ނުނިކުމެވޭނެ ދޯ ބޭރަކަށް؟ ތީ ވަރަށް ކަޑަވީ. އެތަނަށް ނުދެވުނީ ތިވީގޮތުން. ދެންއޯކޭ، މަވެސް މަޑުކުރާނީ. އޯކޭތަ އަނެއްކާ؟" ލައުކު ސުވާލުކުރީ ހިޔަލައާއެވެ. ހިޔަލަ ހިނިތުންވެލަމުން ލޯމަރާލިއެވެ.

"ކޮންތާކަށްތަ ނުދެވޭނޭ ތިބުނީ؟" އަމާނީން ސުވާލުކޮށްލިއެވެ. "ލާމަށް ގޮސް ހުރަޔަށްތަ؟"

"ނޫނޭ! އެތަން ނޫނަސް ދާނެ ބައިވަރު ތަންތަން ހުންނާނެދޯ ހިޔާ! ރޭގަވެސް ހިޔާ އުޅުނީ އެތާނގައޭ ދޯ!" ލައުކު ހިޔަލައާ ދިމާކުރަން ފެށިއެވެ.

"ހޫމް. ހޫމް. މިހާރު އެނގިއްޖެ. ކުނަހަންދުއަށްދޯ! އަދިވެސް ހިޔާ ކިޔައެއްނުދެމެއްނު ތިހާވަރަށް ކުނަހަންދުއަށް ދަނީ ކީއްވެގެން ކަމެއް!" އަމާނީން ޝަކުވާގެ ރާގުގައި ބުނެލިއެވެ.

*************

އިރު އޮއްސިއްޖެއެވެ. ކުނަހަންދޫގެ ގޮނޑުދޮށަށް ބީއްސަމުން ގެންދިޔަ ރާޅުގެ އަޑުވެސް ކުޑަކޮށް މައިތިރި ވިހެން ހީވިއެވެ. ފަނިފަޚްސަ ގޮވާއަޑުން އިރުއޮއްސިއްޖެކަން ޔަޤީން ކޮށްދޭން އުޅޭ ކަހަލައެވެ. ވެރިވަމުންދިޔަ އަނދިކަން އުޖާލާކަމަށް ބަދަލުވާނީ އަނެއްކާވެސް މާދަމާގެ އިރު އެރުމުންނެވެ. ނަމަވެސް އަދީލްގެ ޙަޔާތަށް ވެރިވެފައިވާ އަނދިރިކަން އުޖާލާވެ ރޯޝަންވާނީ ކޮންދުވަހަކުން ކަމެއްވެސް ނޭނގެއެވެ.

ރަށުގެ އަތިރިމަތީގައި ހުރި އަކިރިވެލި ފުނިމަތިން އަދީލް ތެދުވިއެވެ. ގެއަށް ދިއުމަށް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިގަތްތަނުން އަދީލަށް މީހަކު ގޮވާލިހެން ހީވެގެން ފަސް އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލައިގެން ހުރި ޖީންސްގައި ހޭކިފައިހުރި ވެލިތައް ފޮޅާލިއެވެ. އަނެއްކާވެސް އިވިގެންދިޔައީ ހަމަކުރިން އިވުނު އަޑެވެ. މިފަހަރު މާ ކައިރިންނެވެ. ފަސް އެނބުރި ބަލާލިއިރު ކައިރީގައި ހުރީ އަދީލް އިންތިޒާރު ކުރަމުން ގެންދިޔަ ކުއްޖާއެވެ. އެތަކެއް ދުވަހެއްގެ ދިގު އިންތިޒާރަށްފަހު މިއަދު ހިޔަލަ އެހެރީ އަނެއްކާވެސް ޢަދީލްގެ ކުރިމަތީގައެވެ.

" އަދީލް.... އަހަންނަށް އެނގޭ އަދީލް އަހަރެން ދެކެ ލޯބިވާކަން ... އަދީލް ރޯ ރުއިންތައް އަހަރެން އަބަދުވެސް އަޑު އަހަން... އަދީލަށް ވެފައިވާ ވަޢު...."

"ހުއްޓާލާ!!... ވަޢުދުވީ އަހަރެން ހިތުގައި ޖައްސަންތަ؟ ވަޢުދުވީ އަހަންނަށް މި ވޭންދެނިވި ޙަޔާތް ދޭންތަ؟" ހިޔަލަގެ ވާހަކަތައް މެދުކަނޑާލަމުން ޢަދީލް ބުނެލިއެވެ. އެ އަޑުގައިވަނީ ފުން އަސަރު ތަކެކެވެ. ހިޔަލަގެ އަޑުގައި ހުރި ރިހުމާއި ހިތާމަޔަށްވުރެން ކުޑަތަންފުކެއްވެސް އަދީލްގެ އަޑުން މަދު ހެނެއް ހިއެއް ނުވެއެވެ.

"އަދީލް.... ތިހެން ނުބުނޭ!.... ޢަދީލްގެ ހިތުގައި ޖައްސަން އަހަންނަށް ކެރޭނެހެން ހީވަނީތަ؟ އަހަރެން ޢަދީލަށް އެރޭ ކަމެއް ކުރިންތަ؟ ނޫނީ ދުވަހަކުވެސް އެއްވެސް ގޯނާއެއް ދިނިންތަ؟ އަހަރެން އަދީލް ދެކެ އިންތިހާއަށް ލޯބިވަން ... އަހަރަމެންގެ ދެމެދުގައިވާ ދުރުކަމަކީ އަދީލް އަމިއްލައަށް ހޯދި ދުރުކަމެއް!" މިފަހަރު ހިޔަލަގެ އަޑު ތަފާތުވެފައި ހަރުކަށިކަމެއް ހުރިހެން ހީވެއެވެ.

"ހިޔަލަ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަންނަށް އޮޅުވާލައިގެން ނޫންތަ އުޅުނީކީ؟... ފުރަތަމަވެސް ހިޔަލަގެ ޙަޤީޤަތް ކިޔާދިންނަމަ!"

"ނަމަ، ނަމަ، ނަމަ، ބަލަ އަދީލު މެނެއްނޫންތަ ބަހަކު ދެކޮޅު ބުނަނީ ނަމަޔަކުން ރިހައެއް ނުކެއްކޭނޭ .... ބުނިނަމަ، ކިޔާދިންނަމަ، އަހަންނަށް އަދީލްގެ ލޯބި ހިނދުކޮޅަކަށް ނަމަވެސް ލިބޭނެތަ؟ ... މި ސުވާލަށް އަދީލު ދޭނެ މާގިނަ ޖަވާބެއް ނޯންނާނެ!" ހިޔަލަގެ އަޑުގައި ހުރި ހަރުކަށިކަން އިތުރު ވަމުން ދިޔައެވެ. އަޑު ބަރުވެފައި ކުރަކި ވަމުން ދިޔައެވެ.

"މިއަދު ހިޔަލަ އަށް ދެވޭނެ އެއްވެސް ލޯތްބެއް ނެތް.... އަހަރެންގެ ހިތް، އެ ހިތުގައިވާ ހުރިހާ ލޯތްބަކާއިއެކު އެރޭގެ އެ ވަގުތުގައި ހިޔަލައަށް ދިނީމެއްނު؟" އަދީލް އަސަރާއިއެކު ބުނެލިއެވެ.

"ހިތް ދިނީމޭ ކިޔައިގެންވެސް ތިކަހަލަ ބަހަނާތައް ދައްކަނީ ކަލޭމެން އިންސާނުން .... އަހަރެން އަދީލު ތިވާ ލޯތްބަށްވުރެން މާވަރުގަދަ ލޯތްބެއް ވަން... ދެން ކޮން ހިތެކޭ ކިޔާކަށް! ދެން ތިޔަބުނާ ހިތް ދޯ!" މިހެން ބުނެލަމުން ހިޔަލަ ޢަދީލާއި ކައިރިއަށް ޖެހިލިއެވެ.

ކުއްލިއަކަށް ހިޔަލަގެ މޫނު ދެފަރާތަށް އިރެން ފެށިއެވެ. ހަށިގަނޑުގެ މަސްތައްވެސް އިރަ އިރައިގެން ދާން ފެށިއެވެ. އޭރު ހިޔަލަގެ އަނގައިން ބޭރުވަމުންދިޔަ ގަދަ ހަޅޭކުގެ އަޑާއިއެކު އެހާ ނުބައިވަހެއްވެސް ދުވަން ފެށިއެވެ. ޢަދީލުގެ ގަޔަށް ލެއިތިކިތައް ބުރަމުން ދިޔައިރުވެސް އެންމެ ފިޔަވަޅެއް ފަހަތަށް ޖައްސާ ނުލާ ހުރިގޮތަށް ހުރީއެވެ. އިރުކޮޅަކުން ޢަދީލުގެ ކުރިމަތިން ފެންނަން ހުރީ ނުބައި ސިފައަކަށް ހުރި ސޫރައެކެވެ.

"އަދީލުގެ ހިތް އަހަންނަށް ދީފައި އޮތޭ ކިޔައިގެން ބައިސާ ކަނޑާއިރު، ހީކުރީތަ އަހަންނަކީ އިންސި އަންހެންކުދިން ފަދަ މޮޔައެކޭ.... މިރޭ ތިޔަ ބުނާ ހިތެއް އަދީލަށް ދައްކާފަ އަހަރަމެންގެ މިގުޅުން އަބަދުގެ އަބަދަށް ނިންމާލަން އަހަރެން ބޭނުން..." ރުޅިއައިސް ރަތްވެ ފައިވާ ހިޔަލަ ހަޅޭއްލަވަމުން ދިޔައެވެ. ދެލޯ އަނގުރު އަލިފާންހެން އަނދަމުންދިޔަ އިރު އެ ސޫރައިގެ ހަށިގަނޑުން ދުން އަރަމުން ދިޔައެވެ.

އިވެމުންދިޔަ ގަދަ ހަޅޭކުގެ އަޑު އަދީލްގެ ކަންފަތުގައި ނުޖެހެނީކަމެއް ނޭގެއެވެ. އަދީލް ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލައެވެ. ކުއްލިއަކަށް އަދީލުގެ މޭގެތެރެއަށް ވަދެގެން އެދިޔައީ ހިޔަލަގެ ތޫނު އިނގިލިތަކެވެ. އަދީލަށް ލިބުނު ވޭނާއި ތަދުގެ ސަބަބުން ކަރުތެރެއިން އަޑެއް ލައްވާލިއެވެ. ހިޔަލަގެ އަތް ވައްދާލުމާއިއެކު އެ އަތްތިލަ ނެގީ އަދީލުގެ މޭ ނޮޅާލަމުންނެވެ. ހިތާއި ގުޅިފައިވާ ނާރުތައް ބުރިބުރިކޮށްލަމުންނެވެ. ލޭ ފައިބަން ފެށިއިރު ހީވީ ފެންއަޅާފައި އޮތް ފުއްޕާހަމެއް ކުއްލިއަކަށް ފަޅައިގެން ދިޔަހެންނެވެ.

"ފެނޭތަ ހިތް... އޭން .... މީތަ ތިބުނާ ހިތަކީ؟ އޭން... އޭތް ... އާނނނނ ހޫން." ހިޔަލަގެ މުށުތެރޭގައި އޮތް ހިތް އަދީލަށް ދައްކަމުން ދިޔައެވެ. އޭރު އަދީލުގެ ހަށިގަނޑު ބިންމައްޗަށް ވެއްޓި ރޯމަހެއް ތެޅޭހެން ދެފަހަރަކު ތެޅިލާފައި މައިތިރި ވެއްޖެއެވެ.

ހިޔަލަ ބާރު ހިނިގަނޑެއް ޖަހާލަމުން އެނބުރެން ފެށިއެވެ. އަތުގައި އޮތް އަދީލުގެ ހިތުން ލޭތިކިތައް ބުރަމުން ދެއެވެ. ބާރު ވައިރޯޅިއެއްފަދައިން އެނބުރެން ފެށުމުން އެހިސާބުގައި އޮތިއްޔާ އޮތް ފަތްތަކެއްވެސް އެނބުރެން ފެށިއެވެ. ނަގޫރޯޅިއެއް އަރައިގެން އުޅެނީއޭ ހީވާ ކަހަލައެވެ. އިރުކޮޅެއްފަހުން އެ ގަދަ ވައިރޯޅި މައިތިރި ވެއްޖެއެވެ. އޭރު ވައިރޯޅީގެ ތެރެއިން އެނބުރެމުން ދިޔައީ އަންހެން ކުއްޖެކެވެ. ކުރިން ފެނިގެން ދިޔަ ހިޔަލައާއި ކުޑަކޮށްވެސް ވައްތަރު ކަމެއް ނެތް ކުއްޖެކެވެ. އަތުގައި ބްރީފްކޭހެއް އަދި ކޮނޑުގައި ދަބަހެއް އަޅުވާލާފައި އޮތެވެ. އޭނާގެ އަތުގައި އޮތް ރަތްކުލައިން ކަޅިވެފައިވާ އެއްޗަކުން ތިކިތަކެއް ޖަހަމުން ދިޔައެވެ. އެތިކިތަކާއި ދުރު ނޫންހިސާބެއްގައި އަދީލް ހުއްޓެވެ. އަދީލު ހުރީ މޭމަތީގައި އަތްއަޅައިގެންނެވެ. އޭނާ ހުއްޓިހުރި ފިޔަވަޅުގެ ވަށައިގެންވަނީ ލޭގެ ކޯރެކެވެ. ކަޅި ޖަހާނުލާ އަދީލް ބަލަމުން ގެންދިޔައީ އަދީލްގެ ހިތް ހިފައިގެންދާ ކުއްޖާއަށެވެ. ފަރި ހިނގުމެއްގައި ކުނަހަންދޫ ބަނދަރާއި ދިމާއަށް ހިޔަލަ ހިގަމުންދިޔައިރު ޢަދީލް ރާގުއަޅުވާފައި ލަވައެއް ކިޔަން ފެށިއެވެ.

"ހިތް ހަދިޔާ ކޮށްފައިވާތީ ދާން އެކުގާ ބޭނުންވީމޭ"ބާރު ވައިރޯޅިއެއް ފަދައިން ޢަދީލްގޮސް ހިޔަލަގެ އަތުގައި ހިފިއެވެ. ހަމަ އެއާއެކު ބާރުވައިރޯޅިއެއް ފަދައިން ޢަދީލް އާއި ހިޔަލަ ކުނަހަންދޫ ބަނދަރާއި ދިމާ މައްޗަށް އަރަން ފެށިއެވެ.
(ނިމުނީ)
ވާހަކަ ހާއްސަ ކުރަނީ އަޅުގަނޑުގެ ވާހަކަތަކަށް ލޯބިކުރާ ފަރާތްތަކަށް
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ