ލިޔުންތެރިޔާ
އަޙްމަދު
ވާހަކަ ލިޔުމާއި ސްކްރީންޕްލޭ ލިޔުމަށް ޝައުޤުހުރެ އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަން. އަޅުގަނޑު ލިޔުނު ސްކްރީންޕްލޭ ގަނެ، މަހްދީ އަޙްމަދު އަލުން ލިޔުނު ސްކްރީންޕްލޭ އަކަށް ހަދާފައިވާ ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ 12 އޯގަސްޓް 2014 ގައި ރިލީޒް ވާނެ. މިހާރު ރާއްޖެ.އެމްވީ އަށް "ހަނދުމަވަނީ" ގެ ނަމުގައި ވާހަކައެއް އެބަ ލިޔަން. އަޅުގަނޑުގެ ބްލޮގް Unmaday.blogspot.com އިން އަޅުގަނޑުގެ ވާހަކަތައް ކިޔާލެވޭނެ.
12 : ލިޔުނު ވާހަކަ
64 : ލައިކްސް
51 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

ހިތް ހަދިޔާ ކޮށްފައި ވާތީ ... ދާން އެކުގާ ބޭނުންވީމޭ! (1) ވަނަ ބައި

1 ވަނަ ބައި (ނުނިމޭ)
20 ޖުލައި 2015
5
ބިރުވެރި
ދަރިފުޅާ އަދީލް... މަންމައަށް ފެންފޮދެއް ދީބަލަ!" ނިދި ތާއްޔަށް ޖެހިޖެހި އިން އަދީލުގެ ކަންފަތުގައި އޭނާގެ މަންމަގެ އަޑު ޖެހުނުހެން ހީވިއެވެ. އަދީލް މަންމައަށް ބަލާލިއެވެ. މަންމަ އޮތީ ހޭލައެވެ. އަދީލް އިށީންދެ އިން ގޮނޑިން ތެދުވެ މަންމަގެ އެނދުގެ އަނެއް ފަރާތުގައި ހުރި ކަބަޑް މަތީގައިހުރި ފުޅިން ފެންފޮދެއް ތައްޓަކަށް އަޅަން ފެށިއެވެ.

" މަންމަ ގޮވާލި ނަމަ... މަށަށް ނިދުނީއޭ!" އަދީލް މަންމަ އަށް ފެންތަށި ދިއްކޮށްލަމުން ބުނެލިއެވެ.

"ދަރިފުޅަށް ނިދިޖެހިލީމަ މަންމަ ހަމަ ޤަސްދުގަ ގޮވާނުލީ... މިހާރު ކިތައްރޭ މިވަނީ ހޭލާ އިންނަތާ!" އަދީލްގެ މަންމަ ސުރައްޔާ އޮތީ އަދީލާއި މެދު ކަންބޮޑުވެފައެވެ.

"މަންމަ މާބޮޑަށޭ މިހާރުވެސް ކަންކަމާ ތި ވިސްނަނީ!... ޑޮކްޓަރު އިއްޔެވެސް ބުންޏެއްނު އެވަރަށް ނުވިސްނާށޭ!" އަދީލް ކުޑަކުއްޖަކަށް ނަސޭޙަތް ދޭ ބީދައިން އޭނާގެ މުސްކުޅި މަންމައަށް ނަސޭޙަތްތެރި ވިއެވެ.

"މަންމަ ކައިރީ އަބަދު ނުއިނަސް ވެދާނެނު... ދޭބަލަ ބޭރު ޖޯލީގަ ޖައްސާލަން!" އެންމެ ފަހުން އަދީލްގެ މަންމަ ގޮތް ނިންމިއެވެ.

އަދީލް ބޭރަށް ނުކުމެ ޖީބުން ފޯނުނަގައި ގަޑިބަލާލިއެވެ. އޭރު މެންދަމު 2 ގަޑިބައިވަނީއެވެ. އެރެއަކީ ކުނިވިއްސާރަ ވެހެމުން އަންނަ ރެއެއްކަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބޭރުގައި ހުރި ޖޯލިތައް ހުރީ ފަޅަށެވެ. ޓީވީ ބަހައްޓާފައި ހުރި ހަޓުގެ ތެރޭގައި ދެމީހަކު ތިއްބެވެ.

އަދީލަކީ މާގިނައިން ގަމަށް ގޮސްއުޅޭ މީހެއް ނޫންކަމުން މިވީ ތިންދުވަސް ތެރޭގައި ދަންނަ މީހަކާވެސް ދިމާވީ ދެފަހަރަކުއެވެ. މާލެއިން ކިޔަވައިގެން އައިސް އޭނާގެ ރަށްކަމުގައިވާ ކުނަހަންދޫ ސްކޫލްގެ އިދާރީ މުއައްޒަފެއްގެ ވަޒީފާ އަދާކުރަންފެށިތާވެސް އަދި މިވީ އަހަރެއްވަރެވެ. އޭނާގެ މަންމަ ބަލިވެގެން ހޮސްޕިޓަލަށް އައިސް އެދުމަތިކޮށް އެޕެންޑިކްސް އޮޕަރޭޝަން ކުރީއެވެ. ޢާއިލާގައި ދެންތިބީ އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންކަމުން ހޮސްޕިޓަލުގައި އަދީލް އުޅެންޖެހިފައިވަނީ އެކަނި މާ އެކަންޏެވެ.

އަދީލް ގޮސް އިށީނީ ހޮސްޕިޓަލު އިންފާރުކައިރީ ހުންނަ ފޯނު ބޫތާއި އެންމެ ގާތުގައި ހުންނަ ޖޯލިފަތީގައެވެ. ޖޯލިފަތި ހުރީ މަގުމައްޗަށް ވާގޮތަކަށް އަނބުރާލާފައެވެ. ޖޯލީގައި އޮށޯވެލައިގެން އޮތްއިރު އަދީލްގެ ކުރިމަތިން ފެންނަމުންދަނީ ހިތްގައިމު މަންޒަރެކެވެ. އިރާކޮޅު ވެހުނު ކުނިވިއްސާރައަށްފަހު މިހާރު އޮތީ މާހައުލު މުޅިން ބަދަލުވެފައެވެ. އުޑުމަތިން ވިއްސާރަވިލާތައްކެހި ސާދަވިލޭރޭގެ ހަނދު އޭގެ ވާޖިބު އަދާކުރުމަށް ފުރުޞަތު ދެމުން ދިޔަކަހަލައެވެ.

އަދީލު ބަލަމުން ގެންދިޔައީ އުޑުމަތިން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށެވެ. ކުއްލިއަކަށް ގިނިހިލައެއް އޮއްސެމުން ދިޔަތަން އަދީލްގެ ލޮލުގައި އަޅައިގަތެވެ. އެ ގިނިހިލަ އޮއްސުނީ ކުރިމަތީގައި އޮތް ވިނަގަނޑުތެރެއަށޭ ހީވާހާ ގާތަށެވެ. ފެނިގެންދިޔަ ހިތްގައިމު މަންޒަރުން ލިބުނު ހިތްހަމަޖެހުމާއިއެކު ޖޯލި ކުރިމަތީގައިހުރި ބުރުމައްޗަށް ދެފައި ނަގާ ބާއްވަމުން ލޯމަރާލިއެވެ.

"އަދީލް! އަދީލް!" އަދީލުގެ ކަންފަތުގައި އަދީލަށް ކުއްޖަކު ގޮވާލިއަޑު ޖެހުނުހެން ހީވެގެން ހޭލެވިއްޖެއެވެ. ލޯހުޅުވާ ބަލާލިއިރު އެހިސާބުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ޖީބުގައި އޮތް ފޯނު ނަގައި ގަޑިބަލާލިއެވެ. އޭރު ތިނެއްޖަހާ ގޮސްފިއެވެ. އަވަސް އަވަހަށް އަދީލް ތެދުވިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ހޮސްޕިޓަލް ކުރިމަތީ ހަތަރުއަނގޮޅިއަށް ވާގޮތަށް ހުންނަ ބުރުމަތީގައި އިން އަންހެން ކުއްޖާއެވެ. ދީފައިވާ ރީތި ހަނދުވަރުން އެކުއްޖާ ލައިގެން އިން ހުދުހެދުން ބަބުޅަމުން ދެއެވެ.

"ކީއްވެ ތިތާ ތީނދީ؟ ފިންޏެއްވެސް ނުވޭތަ؟" އަދީލަށް އެކުއްޖާ އިށީންދެ އިން ބުރާހަމައަށް ދެވުނީ ކިހިނެތް ކަމެއް ޚުދު އަދީލަށްވެސް ނޭގުނެވެ. ވާހަކަ ދައްކަން ފެށުނީ ކީއްވެ ކިހިނެތް ކަމެއްވެސް ނޭނގުނެވެ.

"މީ ހަމަ ހޫނުވާވަރުން މިތަނަށް ނުކުމެލީ!" އެކުއްޖާގެ ޖަވާބު ސާދާ ވެފައި ކުރެވެ.

އަދީލްވެސް ލިބުނު ފުރުޞަތުގެ ބޭނުން ބޭކާރު ކޮށްލާކަށް ބޭނުމެއް ނުވިއެވެ.

"މީ އަދީލް... އަހަރެން މީ ކުނަހަންދޫ މީހެއް." އަދީލް އަމިއްލަ ތަޢާރަފެއް ދިނެވެ.

"މީ ހިޔަލަ... އަހަރެން ގެ ރަށް ބުނާނަން ފަހުން. އެންމެ ރަނގަޅުތަ؟" އަންހެން ކުއްޖާ ޖަވާބު ނިންމާލީ ސުވާލަކުން ނެވެ.

"ހިޔަލަ!... ހާދަ ޔުނީކް ނަމެއް؟ ރަށްވެސް ދެން އެނގިދާނެތާދޯ!" އަދީލް ބޭނުންވީ ގިނައިރު ވާހަކަ ދައްކަން ހުންނާށެވެ.

"ހިޔަލަވެސް ޔުނީކްވާނެ. އެހެންވީމަ ނަންވެސް ޔުނީކްވީ!" ހިޔަލަ ޖަވާބުދިނީ ވަރަށް ފުން މާނައެއްގައެވެ. އަދީލުގެ މުޅި ނަފުސަށް ވެރިވެފައިވާ އާދަޔާ ޚިލާފް މަސްތުގެ ސަބަބުން ވާނުވާއެއް ނޭނގެއެވެ.

"ކާކު ބާއްވައިގެން ހިޔަލަ ތި އުޅެނީ؟" އަދީލް އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. މިފަހަރު ހިޔަލަގެ ޖަވާބު ތަފާތެވެ.

"މުހިންމީ ބާއްވައިގެން އުޅޭ މީހެއް ބެލުންތަ؟ ހިނގާ ބަލަ ހިނގާލަން ދަމާ!" ހިޔަލަ އަދީލްގެ ދެ ލޮލަށް ބަލަހައްޓައިގެން އިނދެ މަސްތީ އަޑަކުން ބުނެލިއެވެ.

އަދީލަށް ހުރެވުނީ އެ ދެލޮލުގެ ތެރެއަށް ބަލާށެވެ. ފުން ކަނޑެއްގެ ތެރެއަށް ޣަރަޤް ވެގެންދާހެން އަދީލްގެ މުޅި ނަފުސު ހިޔަލަގެ މައްޗަށް ލެނބިގެން ދިޔައެވެ.

******

އަދީލަށް ލޯހުޅުވާލެވުނީ ބާރު އަޑެއް އިވުމުންނެވެ. ސިއްސައިގެން ގޮސް ހޭލެވިގެން އެ އަޑު އިވުނު ދިމާއަށް ބަލާލިއިރު ބޮޑު ކާއްޓެއް އޭނާގެ މޫނާއި ދެފޫޓެއްހައި ދުރުގައި އޮތެވެ. ވަށައިގެން ހޯދާ ބަލާލެވުނެވެ. ހަތަރު ފަރާތުން ފެންނަން އޮތީ މަގޫ ގަސްތަކެވެ. ދުރުދުރުން ރުއްތަކެއް ފެންނަން ހުއްޓެވެ. އޮށޯވެގެން އޮވެވުނު ތަނަށް ބަލާލުމާއެކު އިޙްސާސް ކުރެވިގެން ދިޔައީ އޭނާގެ ގައިގާ އެންމެ ފޮތިކޮޅެއްވެސް ނެތް ކަމެވެ. އަދީލަށް ލިބުނު ކުއްލި ހައިރާން ކަމާއެކު ވަށައިގެން ހޯދަންފެށިއެވެ. ކައިރި ހިސާބެއްގައި އޭނާގެ ގަމީސް އޮއްވާ ފެނުނެވެ. އަވަސް އަވަހަށް ގަމީހާ ދިމާއަށް އަތްއެއްލާ އޭނާގެ ގާތަށް ގަމީސް ދަމައިގަތެވެ. ގަމީހުން އައުރަ ނިވާކޮށްލަމުން ތެދުވެ އެހިސާބުގަނޑު ބަލަންފެށިއެވެ. ދާނެދިމާލެއް ނޭގުނަސް ހިނގަންފެށިއެވެ. ކުޑަތަންކޮޅަކަށް ހިނގާލިތަނާ އޭނާގެ ޖީންސް ފެނިއްޖެއެވެ.

******

އަދީލަށް ހޮސްޕިޓަލާއި ހަމައަށް އާދެވުނު އިރު ހިނގާހިނގާ މީހާހުރީ ވަރުބަލި ވެފައެވެ. ދާހިއްލާ ފޯވެފައެވެ. ހޮސްޕިޓަލުގެ ގޯތިތެރޭ ހުންނަ ފާޚާނާއަށް ވަދެ މޫނު ބަލާލިއެވެ. މޫނުމަތިން ފެންނަ ނުތަނަވަސް ކަމުގެ ތެރެއިން ތާޒާކަމެއް ފެންނަން ހުއްޓެވެ. އަވަސް އަވަހަށް މޫނު ދޮވެލާ ބޮލުގައި ފެންފޮދެއް ހާކާލާ އިނގިލިތަކުން ފުނާ އަޅާލިއެވެ.

ވޯޑު ތެރެއަށް ވަތްއިރު އަދީލްގެ މަންމަ އިނީ ސައިބޯށެވެ. ކައިރީގައި އަންހެން ކުއްޖަކު ހުއްޓެވެ. ވޯޑަށް ވަދެގެން ދިޔައިރު އެކުއްޖާގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެކުއްޖާ ހުރީ އަދީލްގެ މަންމައަށް ސައިދިނުމަށް މަންމައާއި ދިމާއަށް ހުއްޓިގެންނެވެ.

"މަންމާ!" އަދީލް މަންމައަށް ގޮވާލިއެވެ. އެވަގުތު ހިޔަލަ ފަސްއެނބުރި އަދީލަށް ބަލާލިއެވެ. ޖާޒްބީ ހިނިތުންވުމަކުން އަދީލަށް މަރުޙަބާ ކިއި ކަހަލައެވެ. އަދީލަށް ލިބިގެންދިޔައީ އަނެއްކާވެސް ކުއްލި ސިހުމެކެވެ.

"ހިޔަލަ ކިހާ ރަނގަޅު... ދަރިފުޅު ނުވެސް ބުނަމެއްނު މާލޭގަ އެއްކުލާހުގަ އުޅުނު ކުއްޖަކު މިރަށުގަ އުޅޭ ވާހަކައެއް... އެކަމަކު ދެން ހެޔޮ ނުބުންޏަސް.. ހިޔަލަ ހުރިހާ ވާހަކައެއް ކިޔައިދީފި" މަންމަ ހިތް ހަމަ ޖެހިފައި އިންވަރުން ފަތިވަރެއް އަމުނާލިއެވެ. އަދީލަށް ބުނާނެ އެއްޗެއް ނޭގި ހާސްވެފައި ހުރެވުނީއެވެ.

"ހުރިހާ ވާހަކައެއް؟" ހިތާހިތާ އަދީލަށް ސުވާލު ކުރެވުނެވެ.

"އަދީލް މަންމަ ގާތު އަހަރެން ބުނީ އެއްކުލާހުގަ އުޅުނު ވާހަކަ. ދެންބުނިން ވަރަށް ރައްޓެހިވާހަކަ!" ހިޔަލައަށް އަދީލް ހާސްވެފައި ހުރިކަން އެނގުމުން ބުނެލިއެވެ.

"ހިޔަލަ ސައިބޮއެފިންތަ؟ ހިނގާ ސައިބޯންދަމާ؟" މަންމައަށް ސައިދީ ނިމެންދެން އަދީލް ހުރީ ހިޔަލަގެ ޙަރަކާތްތަކަށް ބަލާށެވެ. ހިޔަގެ ކޮންމެ އަދާއެއް އަދީލަށް ކަމުދިޔައެވެ. އަދީލްގެ މަންމައާއިމެދު ހިޔަލަ ބަހައްޓަމުން ގެންދިޔަ ގާތްކަމާއި އޯގާތެރިކަން ފެނިފައި އަދީލް ހުރީ ހިތްހަމަ ޖެހިފައެވެ. އެހެންނަމަވެސް އަދީލްގެ ހިތު ތެރޭގައި ހިޔަލާއާއި މެދު އެތައް ބައިވަރު ސުވާލު ތަކެއް ފުނިޖެހެމުން ދިޔައެވެ. އެހެންކަމުން އަދީލް ބޭނުންވީ ހިޔަލައާއި އެކު އެކަނި ވަގުތު ކޮޅެއް ހޭދަކުރުމަށެވެ.

ގަމު ހޮސްޕިޓަލުގެ އުތުރަށް ސިނާޢީ މަގަށް ވާގޮތަށް ހުންނަ ހައިވޭ ކެފޭ އާއި ދިމާއަށް އަދީލާއި ހިޔަލަ ހިނގަމުން ދިޔައެވެ. ދެމީހުންވެސް ތިބީ ހަނުވެފައެވެ. އަނގައިން ބަސްހުސްވެފައި ތިބި ދެމީހުން ފަދައިންނެވެ.

"ރޭގަ ކިހިނެތްވީ؟... ކީއްވެ ހިޔަލަ އަހަރެން އެކަނި އެތާ ބާއްވާފަ ދިޔައީ؟" ދެމީހުންގެ ތެމެދުގައިވާ ހަނުހިމޭންކަން ފޫދުއްވާލީ އަދީލެވެ.

"ސައިބޯން ގޮސްފަވެސް ތިވާހަކަ ދެއްކިދާނެއެއްނު!" ރުންކުރު ރާގަކަށް ހިޔަލަ ޖަވާބު ދިނެވެ.

އަދީލް އެއްވެސް އެއްޗެކޭ ނުބުނެ ހިނގުން އިހުނަށްވުރެން ބާރުކޮށްލިއެވެ.

***********

ހައިވޭ ކެފޭއަށް ވަތްއިރު އެތާނގައި ވަރަށް ގިނަ މީހުން ތިއްބެވެ. އަދީލްއާއި ހިޔަލަ ގޮސް އިށީންނީ ކެފޭގެ ބަގީޗާތެރޭގައި އެންމެ ބިއްދޮށަށް ހުރި މޭޒުގައެވެ.

"ހޫމް.. ރޭގެ ވާހަކަ ދައްކަމާ!" އިށީންދެ ހަމަޖެހިލަމުން ހިޔަލަ ބުނެލިއެވެ. އަދީލް އެއްޗެކޭ ނުބުނެއެވެ. ކެފޭގެ ވެއިޓަރަކު އެތަނަށް އައުމުން ދެމީހުންވެސް އޯޑަރު ދިނެވެ. އަދީލަށް ޑިސްކް މަސްހުނި ކަޅަށް އޯޑަރު ދިންއިރު ހިޔަލަ ބޭނުންވީ ހަމައެކަނި ފްރެޝް އޮރެންޖެކެވެ.

"ހާދަ ކުޑަގޮތަކަށް ސައިބޯން ތި އުޅޭނީ!" އަދީލް އާދައިގެ ރާގެއްގައި ބުނެލިއެވެ.

"ރޭގަ އަހަންނަށް އަދީލްގެ ފަރާތުން ލިބުނު ލޯބި މަތިން އަހަރެން އަބަދުވެސް ހަނދާން ކުރާނަން!" ކުއްލިއަކަށް މަޢުޟޫ ބަދަލުކޮށްލީ ހިޔަލައެވެ.

"ރޭގަ ކިހިނެތްތަ ވީ؟" އަދީލް އަނެއްކާވެސް ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.

"މުހިންމީ ރޭގަ ވީ ކަންތައްތައް އަލުން ރިކޯލް ކުރަން ކަމަށް ވާނަމަ މިރޭވެސް އެ ހިތްގައިމު މާހައުލަށް ދާން އަހަރެން މިހުރީ ތައްޔާރަށް!" ހިޔަލަ ޖެހިލުން ކުޑަކަމާއެކު ލަދުގެ ފަރުދާ ކަހާލަމުން ބުނެލިއެވެ.

"ހިޔަލަ ތީ ހާދަ މިނިވަން ޚިޔާލު ހުންނަ ކުއްޖެކޭ ދޯ!... އަހަރެން މިހެން މި އަހަނީ ރޭގަ ވީ އެއްވެސް ކަމެއް ހަނދާން ނެތީމަ.. އަނެއްކާ ހިޔަލަ އަހަންނަށް މަސްތުވާ އެއްޗެއް ދިނީތަ؟" ހިޔަލަގެ މިޒާޖު ދެނެގަންނަމުން އަދީލް މަޖާވެފައި ބުނެލިއެވެ.

"އަދިވެސް ޔަޤީނެއް ނުވޭތަ ރޭގަ އަދީލް މަސްތުވިކަމެއް؟... އެހެން ނޫނަސް މަސްތުވުމަށް އަހަރެން އޯކޭއެއް ނޫންތަ؟" ހިޔަލަވެސް މަޖާވެލާފައި ބުނެލިއެވެ. ހިޔަލަގެ ވާހަކައިގެ ރާގުގައި ފުންމާނައެއް އެކުލެވިގެންވާކަން އަދީލަށް ވިސްނުނެވެ. ނަމަވެސް ނޭނގޭ ކަމަށް ހަދާފައި އަދީލް ބޭނުންވާ މަޤުޞަދު ޙާޞިލް ކުރުމަށް މަގު ކޮށަން ފެށިއެވެ.

"އައްދެ. ތީ މަސްތީ ޝަރާބެއްތަ؟ ހަމަ ބޯލާއިރަށް މަސްތުވާން!"

"ތިޔެއް އެނގިދާނެތާ މިރޭ." އެވަގުތު އެތަނަށް ވެއިޓަރު އައުމުން ދެމީހުންވެސް ހިމޭންވެއްޖެއެވެ. ކާއެއްޗެހި ފެނުމުން އަދީލު އަވަސް އަވަހަށް ކާން ފެށިއެވެ. ހިޔަލަ މަޑުމަޑުން ފޮދު ފޮދުވަރަށް އޮރެންޖް ޖޫސް ބޮމުން ގެންދިޔައެވެ.

"ހިޔަލަ ކީއްވެ ކާނެ އެއްޗެއް ނުގެނުވީ؟" އަދީލް އަނެއްކާވެސް ކުރިން ކުރި ސުވާލެއް ތަކުރާރު ކޮށްލިއެވެ.

"މަންމަ އަށް ކާންދޭން ފެށުމުގެ ކުރިން އަހަރެންވެސް ކެއީމޭ!" ވަރަށް ފަސޭހައިން ހިޔަލަ ޖަވާބު ދިނެވެ.

**********

"ޑޮކްޓަރ ޖަވާބެއް ދެއްވީމަ ފޮނުވާލާނަން އިނގޭ ދައްތާ!" ސުރައްޔާ ކައިރީގައި ތިބި ނަރުހުންގެ ތެރެއިން އިސްކޮށް ހުރި ނަރުސް ކުއްޖާ ބުނެލިއެވެ.

ނަރުހުން ޑޮކްޓަރު އަންނަން ވާއިރަށް ރޭގަނޑު 8 ގެ ރައުންޑަށް ތައްޔާރު ވަމުން ގެންދަނީއެވެ. ސުރައްޔާ ކަންބޮޑުވެފައި އޮތީ ގެއަށް ފޮނުވާލާނެ އިރެއް ނޭނގިގެންނެވެ. އަދީލް އިނީ އެހެން ކަމަކާ ކަންބޮޑުވެފައެވެ. ހެނދުނު ސައިބޮއެ ނިމިގެން އަދީލާއި ހިޔަލަ ހޮސްޕިޓަލަށް އައީ އެކުގައެވެ. ހޮސްޕިޓަލުގެ ބޭރުން ހިޔަލަ އަދީލާއި ވަކިވީ ހޮސްޕިޓަލު ބޭރުގައި ހުންނަ ޢާއްމު ފާޚާނާއާއި ދިމާއަށް ހިނގައި ގަންނަމުންނެވެ. ޢަދީލް ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައީ ކުޑަ އިރުކޮޅެއް ފަހުން ހިޔަލަ އަންނާނެ ކަމަށް ނިންމަމުންނެވެ.

"ކޮބާތަ ހިޔަލަ؟" އެންމެ ފަހުން އަދީލްގެ މަންމަވެސް ހިޔަލަ ނުފެނިގެން ސުވާލުކުރިއެވެ. އަދީލަށް ދޭނެ ޖަވާބެއް ނޭގިފައި އިނދެވުނީއެވެ. ނަސީބު ރަނގަޅުކަމުން މަންމަ ފަހުން އެސުވާލެއް ނުކުރިއެވެ. ނަމަވެސް އަދީލްގެ ހިތުތެރޭގައި ހަމަ އެ ސުވާލު ތަކުރާރު ވަމުން ދެއެވެ.

ހިޔަލަ ކޮބައިހެއްޔެވެ؟ އޭނާ ހޮސްޕިޓަލުގައި އެ އުޅެނީ ކާކުގެ ކައިރީގައި ކަމެއްވެސް ނޭގެއެވެ. ހޯދަންވީ ކޮން ބައެއް ކަމެއްވެސް ނޭނގެއެވެ. ހެނދުނުއްސުރެން މިހާ އިރު ވަންދެން ހިޔަލަ ވީ ކޮންތާކު ބާވައެވެ؟ - މިކަހަލަ ތަފާތު ސުވާލު ތަކެއް އަދީލްގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ.

********************

"އޭތް!" ކުއްލިއަކަށް އަދީލްގެ ކަންފަތުގައި ހިޔަލަގެ އެ ހިތްގައިމު އަޑު ޖެހުނެވެ. އަދީލަށް ތެޅިގަނެވުނެވެ.

"ކޮންތާކު އުޅެ އުޅެފަ ތި އައީ؟" އަދީލްގެ ފުރަގަހުގައި ހުއްޓިގެން ހުރި ހިޔަލަ ކުރެން އަހާލިއެވެ.

"މިސް ވިދޯ ވަރަށް؟" ހިޔަލަވެސް ކުރީ ސުވާލެކެވެ.

"މުޅި ދުވަހު ހަތަރުދަމު އަހަންނަށް ނޭނގެ އުޅެވުނު ގޮތެއްވެސް. ނިދަން އުޅެ ނުވެސް ނިދުނު. ކޮންތާކުތަ މިއަދު އުޅުނީ؟" އަދީލް ކުޑަކުއްޖެއް ފަދައިން ޝަކުވާ ކުރަން ފެށިއެވެ.

"ސާބަހޭ... މަ ގެއަށް ގޮސް ޖައްސާލިތަނުން ނިދުނީއޭ. އަހަރުމެން މިތިބެނީ މިތާ މާހިރި ކައިރިން ގެއަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން. ނިދުނު ގޮތަށް މި ހޭލެވުނީ ގޮވާނެ މީހަކު ނެތީމަ." ހިޔަލަ ވަރަށް ލޯބިން ބުނެލިއެވެ.

"މަންމަވެސް ކުޑައިރުކޮޅެއް ކުރެން ދެއްކި ހިޔަލަގެ ވާހަކަ. ދެންމެ މަންމައަށް އެ ނިދުނީ. އެކަމަކު ޑޮކްޓަރު އަންނަ ގަޑި އަށް މަންމަ ނިދައިގެން ކަމަކު ނުދާނެދޯ!" މަންމައަށް ނިދުމުން އަދީލް އިނީ ކަންބޮޑުވެފައެވެ.

"ޑޮކްޓަރު އައިސް ގޮވާނެ އެއްނު. ހިނގާބަލަ ބޭރަށް ނިކުންނަމާ!" ހިޔަލަ އަދީލްގެ އަތުގައި ހިފަމުން އެދުނެވެ.

*************

ހިޔަލައާއި އަދީލް ތިބީ ބޭރު ޖޯލިފަތީގައެވެ. 8 ގެ ޚަބަރު ބެލުމަށް ހަޓް ތެރޭގައި ހުރި ޖޯލީގައި މީހުންތައް ފުނިޖެހިފައި ތިއްބެވެ. އެހެން ރޭރެއާއި ޚިލާފަށް އެތާނގައި މީހުން މާގިނައިން ތިއްބެވެ. އަދީލްމެން ތިބީ ފޯނު ބޫތާއި އެންމެ ކައިރިއަށް ހުރި ޖޯލީގައެވެ.

"ހާދަ މީހުންނެއް ޚަބަރު ބަލަން އެއްވެފައޭ ދޯ އެތިބީ" އަދީލްގެ ސަމާލުކަން ހުރީ ޓީވީ ބަލާ ހަޓާއި ދިމާއަށެވެ.

"ކޮންމެވެސް ސިޔާސީ ކަންތައް ގަނޑެއް އުޅެނީ ކަންނޭގެ" ފަރުވާކުޑަ ރާގެއްގައި ހިޔަލަ ބުނެލިއެވެ.

އެވަގުތު ޓީވީ ބަލަން ހުރި މީހަކު ޖޯލިފައްޗާއި ދިމާއަށް ހިނގަމުން އާދެއެވެ. އެމީހާ އައިސް އިށީނީ އަދީލުމެން ތިބި ޖޯލީގެ އެއްކޮޅުގައެވެ.

"ވަރަށް އާދަޔާ ޚިލާފު ގޮތަކަށް މަރުވެފަދޯ އެމީހާ އޮތީ" ޖޯލީގައި އިށީންނަމުން މެދު ޢުމުރަށްދާ އެމީހާ އަދީލަށް ބުނެލިއެވެ.

"ކާކު މަރުވީ؟ ކޮން އިރަކު؟" ވާނުވާއެއް ނޭނގި އިން އަދީލް ސުވާލުކުރިއެވެ.

"ކޮއްކޮމެން ނުވެސް ދެނެހުރިންތަ؟ ރޭގަ ކަސްޓަމާ ދިމާ ވަލުތެރޭގަ މީހަކު މަރުވެފަ އޮއްވާ ފެނިގެން އެ އުޅެނީ. ޚަބަރުން ކިއީ ބަންގާޅިއެކޭ މަރުވެފަ އޮތީ!" އެމީހާ ކިޔާދިނެވެ.

ޢަދީލް އަވަސް އަވަހަށް ޓީވީ ހަޓާއި ދިމާއަށް ހިނގައި ގަތެވެ. އަދީލަށް އެހިސާބަށް ދެވުނު އިރު އެ ޚަބަރު ކިޔާ ނިމިއްޖެއެވެ. ވާނުވާ އޮޅުން ފިލުވުމަށް އެތާތިބި ބައެއް މީހުނާއި އަދީލް ސުވާލުކޮށް ހެދިއެވެ. އެނގުނުހާވެސް އެއްޗަކީ ރޭ ކަސްޓަމު ހުންނަ ސަރަޙައްދުގެ މަގޫގަސްތައް ތެރޭގައި ބަންގާޅިއަކު މަރުވެފައި އޮއްވާ ފެނުނު ކަމެވެ. އެމީހާ އޮތީ ލޭ ހުސްވުމުން ދޮންފޫޑުވެފައި އޮންނަ ގޮތަށް ކަމަށް ފުލުހުން ބުނާ ކަމަށް ޚަބަރުގައި ކިއިކަމަށް މީހަކު ބުންޏެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އޮތީ ހޮސްޕިޓަލުގެ މޯޗަރީ (ޤަބުރުތައް ބަހައްޓާ ކޮޓަރީ) ގައި ކަމަށް ވެސް އެނގިގެން ދިޔައެވެ.

*********

"އެމީހާ މަރާލި މީހާ އެ ހަށިގަނޑު އެތަނަށް ދޫކޮށްލާފައި ދިޔަކަން އެއީ އެމީހާއަށް ކުރެވުނު މޮޔަކަމެއް!" ކަން ހިނގިގޮތް ކިޔައިދިނުމުން ބޭ އިޚްތިޔާރުގައި ހިޔަލައަށް ބުނެލެވުނެވެ.

"ކީއްވެ ތިހެން ތިބުނީ؟" އަދީލް ހައިރާންވެފައި ސުވާލު ކުރިއެވެ.

"އެއީ އެކަހަލަ މާރޑަރ ކޭސްތަކުގަ އެގޮތަށް ވާތީ!... މިބުނީ ފިލްމު ތަކުން އެހެން ފެންނާތީއޭ!" ހިޔަލަ ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ.

"ހިޔަލަ ވަރަށް ފިލްމް ބަލަންތަ؟" އަދީލް މަޢުޟޫ ބަދަލުކޮށްލުމަށް ނިންމިއެވެ.

"ކޮންމެވެސް ވަރަކަށް ބަލާއުޅެން" ހިޔަލަވެސް ބޭނުންވީ މަޢުޟޫ ބަދަލުކޮށްލާށެވެ.

"އޭ ތިއެއް ނޫނޭ! ހިޔަލަ ތިއުޅެނީ ކާކު ބާއްވައިގެންތަ؟ ހިޔަލަ ކޮން ރަށެއްތަ؟" އަދީލް ބޭނުންވީ ހިޔަލަ އިތުރަށް ދަސްކުރާށެވެ.

"ދުރުތާ ތިމާގެ ބޭބެއެއް ބާއްވައިގެން. އަހަރެން މީ.. އަހަރެން މީ ތ. އަތޮޅު ވޭމަންޑޫ ކުއްޖެއް" ހިޔަލަ ވަރަށް ވިސްނަމުން ބުނެލިއެވެ.

"ބޭބެއާއި ބައްދަލު ނުކުރުުވާނަންތަ؟" ހިޔަލަގެ ބޭބެއާއި ބައްދަލުކުރުމުގެ ޝައުޤުވެރި ކަމުގައި އިން އަދީލް އެދުނެވެ.

"ފަހުންދޯ!.... މިރޭވެސް ދަންކޮށްލާފަ އެތަނަށް ދާންވާނެދޯ؟" އަދީލް އެކަމަކަށް ނުހަނު ބޭނުންވެފައި އިން ކަންތަކަށް ހިޔަލަ އެއްވެސް ޖެހިލުންވުމެއް ނެތި ދަޢުވަތު ދިނެވެ. ހިޔަލަ ބޭނުންވީ އަނެއްކާވެސް މަޢޫޞޫ ބަދަލުކޮށްލާށެވެ.

"ވޭމަންޑޫ އޭ ދޯ ހިޔަލަ ބުނީ.. އެރަށު އުޅޭނެ މަގޭ ފްރެންޑެއް.. ދަންނަންތަ ފާއިދު؟" ފާއިދަކީ ވޭމަންޑޫ ކުއްޖެއްކަން ހަނދާން ވެގެން އަދީލް އަހާލިއެވެ.

"ހޫމް. ދަންނަން!" ހިޔަލަ ވަރަށް އަވަހަށް ބުނެލިއެވެ.

"އެނގޭތަ އޭނަގެ ނަންބަރު؟... އަދި ހިޔަލަވެސް ނަންބަރެއް ނުދެމެއްނު؟" އެއްފަހަރާ ދެސުވާލު ކޮށްލިއެވެ.

"އަހަރެން ފޯނެއް ނުގެންގުޅެން. ދެން ކިހިނެތް ފާއިދުގެ ނަންބަރު އެނގޭނީ!" ހިޔަލަ ޖަވާބު ދިނެވެ.

"ފޯނެއް ހޯދަންވީނު؟.. ހިޔަލަ ރަށަށް ދިޔައިމަ ކިހިނެތް އަހަރުމެން ބައްދަލު ކުރާނީ؟" އަދީލް ކަންބޮޑުވުން ފާޅުކުރިއެވެ.

"ތީ އަދި މާ ފަހުގެ ކަމެއްނު!... މާދަމާގެ ވާހަކަ ދައްކާނީ މާދަމާ ވީމަ. މިހާރު ދައްކަންވީ މިހާރުގެ ވާހަކަ، މިރޭގެ ވާހަކަ." ކޮންމެވެސް ވަރަކަށް ނުރުހޭގޮތް ދައްކަމުން ހިޔަލަ ބުނެލިއެވެ.

"އޯކޭ! އޯކޭ!.. ސޮރީ!" އަދީލް ޤަޞްދުގައި ހިޔަލަގެ ކިބައިން މަޢާފަށް އެދުނެވެ. ޢަދީލް ބޭނުންވަނީ މިގުޅުން ބޮޑަށް ބަދަހި ކުރާށެވެ. ހިޔަލަގެ ފަރާތުން ލިބުނު ލޯބީގެ އިހްސާސްތައް މިހާރުވެސް އަދީލަށް އިހްސާސް ކުރެވެމުން ދެއެވެ. ރޭގެ އެ ހިނދުކޮޅުގައި ހިނގާދިޔަ ކަންކަން މިހާރު އަދީލުގެ ހަނދާނަށް ކޮންމެވެސް ވަރަކަށް އަތުވެއްޖެއެވެ.

******************

"އަދީލް ވީ އޭނަ މަންމަ ކައިރީގަ. މިރޭވެސް ހަމަ އެ ގަޑިއަށް އެތަނަށް ދާނަން. މިރޭ ބަލާނަން އެކަން ކުރެވޭތޯ." ހިޔަލަ ވާހަކަ ދައްކަމުން ގެންދިޔަ މީހާގެ ހުރީ ހިޔަލައާއި ދިމާއަށް ކުރިމަތި ލައިގެންނެވެ.

"ކުރިންރޭ ފޮނަދުއަށް ގޮސްއުޅެނިކޮށް ދިމާވި މީހަކާ. އެމީހާ ބުނާގޮތުން އެއީވެސް ހަމަ އަހަރަމެން ކަހަލަ މީހެއް. ކޮފީއަކަށް އަރަން ބުނީމަ ދިޔައިން ކޮފީއަކަށްވެސް. އޭނަގެ ވާހަކަ ހުރިގޮތުން މިހާރު އަހަރަމެންގެ ދިރިއުޅުމަށް އެންމެ އުނދަގޫ ވެފައިވާ ދެކަންތަކަށް ހައްލެއް ހޯދުމަށް މާލޭގަ ތިބި އަހަރަމެންގެ މީހުން މަސައްކަތް ކުރަމުން ގެންދަނީ." އެމީހާ ގެ އަޑު ޒުވާންވެފައި ނުހަނު ރީއްޗެވެ.

"ތިބުނީ މި ޝިކާރަ ކުރުމުގެ ކަންތަކަށް ހައްލެއް ހޯދަމުންދާ ވާހަކަ ކަމަށް ވަންޏާ ތީ ވަރަށް އުފާވެރި ޚަބަރެއް!" ހިތް ހަމަޖެހުން ފާޅުކުރަމުން ހިޔަލަ ބުނެލިއެވެ.

"އާނ. އެމީހާ ބުނީ މިހާރު އަހަރަމެންގެ މީހުން އެ ޓެސްޓް ކުރަމުން ގެންދާ ވާހަކަ" އުއްމީދުން ފުރިގެންވާ ރާގުގައި ހިޔަލަ ކައިރީގައި ހުރި މީހާ ޖަވާބުދިނެވެ.

"އަސްލު ޔަރަސް ކައިރީގަ ވީމަ ބުނަންތަ ވާހަކައެއް. ޢަދީލް ވަރަށް ނައިސް. އެހެންވީމަ މިއުޅެނީ ހަމަ އެކަން ކުރަން ނުކެރިގެން. އައި ތިންކް އައި ހޭވް ފޯލް އިން ލަވް ވިތް ހިމް" އިގިރޭސި ބަހުން ހިޔަލަ އަދީލް ދެކެ ލޯބިވާ ވާހަކަ ޔަރަސް ކައިރީގައި ބުނެލިއެވެ.

"ތޭންކްސް ފޯރ ޝެއަރިން. އެކަމަކު ހަނދާންކުރާތި. އަހަރަމެންނަށް އެމީހުންނާ ގުޅެވޭނީ އެކަން ކޮށްގެން" ޔަރަސް ހިޔަލައަށް ކަމެއް ހަނދާންކޮށްދޭ ގޮތަށް ބުނެލިއެވެ.

"އެނގެޔޭ ތިކަން. މިރޭ ކުރާނަން. ރޭގަވެސް ނުވީ އެތަނުން ބަންގާޅިއަކަށް އަހަރަމެން ފެނުނީމަ. ކީއްކުރާނީ! ބޭޑް ލަކް ފޯރދަ ބަންގާޅީ!" ނުބައި ހިނިގަނޑެއް ޖަހާލަމުން ހިޔަލަ ބުނެލިއެވެ. ހިޔަލަ ކައިރީގައި ހުރި އޭނާގެ ރަޙްމަތްތެރި ޔަރަސް ވެސް އެ ހިނިގަނޑުގައި ބައިވެރިވިއެވެ.

**************

"އޭނާ މަރާލުމުގައި ބައިވެރިވީ ކޮންބައެއް ކަން އަދި މިހާތަނަށް އެނގިފައި ނުވާކަމަށް ފުލުހުންގެ ސަބް އިންސްޕެކްޓަރ ދި އެފްއެމް އަށް މަޢުލޫމާތު ދެއްވާ." އަދީލް ކަނުލާ ދި އެފް އެމް އިން ގެނެސްދެމުން ދިޔަ ޚަބަރު އަޑުއަހަމުން ގެންދިޔައެވެ.

އަދީލްގެ މަންމަ ސުރައްޔާ ގަދައަށް ނިދާފައި އޮތެވެ. ވޯޑު ތެރޭގައި ތިބި ގިނަމީހުންވެސް ތިބީ ނިދާފައެވެ. ޖެހިގެން ހުރި އެނދުގައި އޮތް ބަލިމީހާ ކައިރީގައި އިން އަންހެން ކުއްޖަކު ފޯނުން ޗެޓް ކުރަމުން ގެންދެއެވެ.

"އެބަ އަންނަން ބޭރަށް ގޮސްލާފަ. ހޭލާ އިނިއްޔާ މަގޭ މަންމައަށް ބަލާލަދެއްޗޭ!" އަދީލް ތެދުވަމުން ޖެހިގެން ހުރި އެނދުކައިރީގައި އިން އަންހެން ކުއްޖާކުރެން އެދުނެވެ. އަންހެން ކުއްޖާ ބޯ އުފުލާވެސް ނުލައި ޗެޓްކުރަމުން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

********************

"ސޮރީ... މާލަސްވެއްޖެ ދޯ؟" ބޭރު ޖޯލީގައި އިން ހިޔަލަ ކައިރިއަށް ގޮސް ހުއްޓެމުން އަދީލް ބުނެލިއެވެ.

"އަހަންނަށް އަބަދުވެސް އޮންނަނީ ލަސްވެފަ. މިހާރު ކިހާއިރެއް އިންތިޒާރު ކުރާތާ!" ހިޔަލަ ޖޯލިން ތެދުވަމުން ބުނެލިއެވެ. އަދީލް އިށީންނުމަށް އުޅެފައި ހިޔަލަ ތެދުވުމުން މަޑުކޮށްލިއެވެ.

"ހިޔަލަ ބޭބޭ ކައިރީގަ ކޮންބައެއް ބައިތިއްބާފަ ތިއުޅެނީ؟" އަދީލް އަނެއްކާވެސް ހިޔަލަގެ ބޭބެގެ ވާހަކަ ދައްކަން ފެށިއެވެ.

"ބޭބެގެ ކަންތަކާ އެހާވަރަށް ވިސްނާއެއްޗެއްނޫން... ހިނގާބަލަ އަވަހަށް އެތަނަށް ދަމާ!" އަދީލްގެ އަތުގައި ހިފާ ދަމައިގަންނަމުން ހިޔަލަ ބުނެލިއެވެ.

އަދީލާއި ހިޔަލަ މަޑުމަޑުން ކަސްޓަމް ސަރަޙައްދާއި ދިމާއަށް ހިނގައިގަތެވެ.

"އެތަނަށްތަ މިރޭވެސް؟.. ރޭ އެ ބަންގާޅީ މަރާލަފަ އޮތީ އެހިސާބުގައެއްނު!" އަދީލް ޖެހިލުންވެ ހުރެ ބުނެލިއެވެ.

"އެމީހާ މަރުވީ އެމީހާގެ ކުށުން ކަމަށް ވާނީ. އަދީލް އަދި ކުށެއް ނުކުރަމެއްނު!"

"ކީކޭ ތިބުނީ؟" ހިޔަލަ ބުނެލި ޖުމްލައިން އަދީލަށް ކުއްލި ސިހުމެއް ލިބުނެވެ.

" މިބުނީ އެގޮތަށޭ ގިނަފަހަރަށް ވެފައި އޮންނާނީ" ވަރަށް ހުޝިޔާރު ކަމާއެކު ހިޔަލަ ބުނެލިއެވެ.

އެވަގުތު ކުއްލިއަކަށް ހިޔަލައަށް ޒާތެއްގެ އުނދަގޫތަކެއް ވާންފެށިއެވެ. ހިޔަލަ އެކަން ފޮރުވުމަށް މަސައްކަތްކުރަން ފެށިއެވެ.

"ހިޔަލަ އޯކޭތަ؟" ހިޔަލައަށް އައި ބަދަލު އަދީލަށް ފާހަގަކުރެވުނެވެ.

"ހޫމް.. ކުޑަކޮށް ބޮލުގައި ރިއްސާތީ މިރޭ މިއުޅެނީ!" ހިޔަލަ ދޮގުހެދިއެވެ.

އޭރުވެސް ހިޔަލަގެ އަނގައިތެރެއިން ފޭރާދަތަށް ފާޑެއްގެ އުނދަގުލެއް ވަމުން ދިޔައެވެ. ހިޔަލައަށް ވަމުންދާގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެއެވެ. ނަމަވެސް މިރޭވެސް ހިޔަލަ ކިތަންމެ ބޭނުންވި ނަމަވެސް އެކަން ކުރާކަށް ހިތެއް ނޭދުނެވެ. އަދީލް ދެކެ އޭނާއަށް ވަނީ ހަމަ ރަނގަޅަށްވެސް ލޯބިވެވިފައެވެ. އެހާ ލޯބިވާ އިންސާނަކަށް އަނިޔާއެއް ކުރާކަށް ހިޔަލަ ބޭނުމެއް ނުވެއެވެ. އެހެންކަމުން ހިޔަލަ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރެވޭތޯއެވެ.

ކުއްލިއަކަށް ހިޔަލަގެ އަނގައިން ދެދަތް ބޭރަށް ނުކުމެއްޖެއެވެ. ހިޔަލަގެ ދަތް ހީލިކަރުވާފައި ކަރުތެރެ ހިކެންފެށިއެވެ. ދަތްތަކުގެ ބުޑުގައި ރިހެން ފެށިއެވެ. ބަނޑަށް އުނދަގޫވާން ފެށިއެވެ. ހިޔަލައަށް އައި މި ބަދަލު އޭރުވެސް އަދީލަށް ފެންނަވަރެއް ނުވެއެވެ.

"އަދީލް.... އަދީލް އަހަންނަށް މަޢާފްކުރޭ!" ހިޔަލަ ޤަސްދުކުރީ އަދީލަށް ޙަޤީޤަތް އޮޅުންފިލުވައިދޭށެވެ. އަދީލް ހިޔަލަގެ މޫނަށް ބަލާލުމާއެކު ސިއްސައިގެން ދިޔައެވެ. ކުއްލިއަކަށް ފަހަތަށް ޖެހިލެވުނެވެ.

"ތީ ކާކު؟" ބިރުން ފިތްކެނޑިފައި ހުރެ އަދީލް ސުވާލު ކުރިއެވެ. އޭރު ހިޔަލަގެ ދެލޮލުގެ ކައިރި ކަޅުވެ ހަންގަނޑު ކުރަކިވާން ފަށައިފިއެވެ. އޭނާގެ ދެ ފޭރާދަތް ހުރީ ދިގުވެފައެވެ. ދެލޮލުގައިވަނީ ރަތްކުލައިގެ ރެނދަނެއް ލާފައެވެ.

"އަދީލް އަހަންނަށް މަޢާފްކުރޭ... އަހަރެން..."

"ހުއްޓާލާ! ހިޔަލަތީ ކޮންމެ ފަދަ މީހަކަސް ތީ ބޮޑު މަކަރުވެރިއެއް!!" އަދީލް ކިތަންމެ ބިރުން ހުރި ނަމަވެސް ރުޅިއައިސް ރަތްވެއްޖެއެވެ.

"އަދީލް... އަހަރެން އަދީލަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުން... އެކަމަކު، އެކަމަކު އަދީލް ޖެހޭނެ ހިތްވަރު ކުރަން" އަދީލާ ދިމާއަށް ޖެހިލަމުން ހިޔަލަ ބުނެލިއެވެ.

"މަށާ ކައިރި ނުވާތި!" އަދީލް ބާރަށް ހަޅޭއް ލަވައިގަތެވެ. އެއަށްފަހު ބޮޑުމަގާ ދިމާއަށް ބާރަށް ދުއްވައިގަތެވެ. އެވަގުތު ބާރު ވައިރޯޅިއެއް ފަދައިން ކުއްލިއަކަށް ހިޔަލަ އައިސް އަދީލްގެ ކުރިމައްޗަށް ހުއްޓުނެވެ. އަދީލް އަނެއްކާވެސް ދުއްވައިގަތެވެ. ކުރިއަށްވުރެންވެސް ބާރަށެވެ. މިފަހަރުވެސް ހިޔަލަ ބާރުވައިރޯޅިއެއް ފަދައިން އަދީލްގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.

"އަދީލް! އެއްފަހަރު ނަމަވެސް އަހަރެންގެ ވާހަކަތައް އަޑުއަހާބަލަ! އަހަރެން ކިތަންމެ ފަހަރަކު ބޭނުންވި އަހަރެންގެ ޙަޤީޤަތް އޮޅުންފިލިވައިދޭން.. އަހަރެންމީ..!"

"ކީއްވެ؟ ކީއްވެ މަށަށް އޮޅުވާލީ؟" އަދީލް ރުޅިގަދަ ވެފައި ހުރެ ބުނެލިއެވެ.

"އަހަރެންމީ އިންސާނުންގެ ލޭބޯ ހައިވާނެއް. އާއްމުކޮށް ކިޔާއުޅެ ބަހުރުވައިންނަމަ ވެމްޕަޔާއެއް." ހިޔަލަ އެއްވެސް އޮޅުވާލުމެއް ނެތި ކިޔައިދޭން ފެށިއެވެ.

"އެ ބަންގާޅީގެ ލޭބޮއެއެލީވެސް ހިޔަލަދޯ. މަގޭ ލޭވެސް ބޮއެލަން ދޯ ތިއުޅެނީ!... އާދޭ... އަން! އަވަހަށް ލޭފޮދު ބޮއެލާފަ މަވެސް މަރާލާ!" އަދީލް ހިޔަލައާއި ކައިރިއަށް ޖެހިލާ އޭނާގެ ކަރުދޮށް ދައްކާލިއެވެ.

"އަދީލް. އަހަރެން އަދީލަށް ގޯނާއެއް ކުރާކަށް ނޫޅެން. ކިހިނެތް އަހަރެން އަދީލަށް ގޯނާކުރާނީ. ކިހިނެތް އަހަރެން އަދީލްގެ ލޭ ފޮދު ބޮއެލާނީ. އަހަރެން އަދީލް ދެކެ އެއަށްވުރެން މާބޮޑަށް ލޯބިވޭ!" ހިޔަލަ އަށް ރޮވޭގޮތް ވެއްޖެއެވެ. އޭރުވެސް އަދީލް ހުރީ ރުޅިއައިސް ރަތްވެފައެވެ. ގަތްފައި ހުރި ބިރުވެސް ފިލާދިޔަ ކަހަލައެވެ.

"ލޯބިވެޔޭ!... ލޯބިވާނަމަ ކޮން އޮޅުވާލުމެއް! މަށަށް ތި ދިނީ ކިހާބޮޑު ލަނޑެއް؟" އަދީލް ރުޅިގަނޑު މައިތިރި ކުރަމުން ބުނެލިއެވެ. އޭރު ހިޔަލައަށް ގިސްލެވެން ފަށައިފިއެވެ.

"އަހަރެން އަދީލްގެ ލޭ ބޯން ވަރަށް މަސައްކަތް ކުރިން. އެކަމަކު އަހަންނަށް އަދީލްގެ ތި ރީތި ސޫރަ ފެންނައިރަށް ކޮންމެ ފަހަރަކުވެސް ޚިޔާލް ބަދަލުވޭ. ތެދެއްމެ، އަހަރެން މިރަށަށް އައީ އަދީލްގެ ލޭގެ ދަހިވެތި ކަމުގަ. އަދީލް އަހަރަމެންގެ ތެރެއަށް ބައިވެރި ކުރުމަށް. އެކަމަކު..."

"އެކަމަކު ކިހިނެތްވީ؟" ހިޔަލަ ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލަމުން އަދީލް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"އަދީލް ހަނދާންވޭތަ ނިދީ ތެރޭގައި އަދީލަށް އުނދަގޫތަކެއް ވާކަން. މީގެ އަހަރެއް ހައިދުވަސް ކުރިން އަދީލް މާލޭގަ އުޅުނު އިރު އަހަރެން އަދީލަށް ފާރަލާން ފަށައިފިން. އެއް ރެއަކު ނިދީ ތެރޭގައި އަދީލަށް ހެދިގޮނޑުދޮށުގެ މޫދަށް އެރި ހުއްޓާ ހޭލެވުނު ހަނދާން ވޭތަ؟ އެރޭވެސް އަހަރެން މަސައްކަތް ކުރީ އަދީލްގެ ލޭ ބޮއެލުމަށް. އެކަމަކު. އެކަމަކު އަހަރެންގެ މިހިތް އޭރުވެސް ވަނީ އަދީލަށް ހަދިޔާ ކުރެވިފައި. އޭރުއްސުރެން އަހަރެން އަދީލް ދާ ކޮންމެ ތާކަށް މިދަނީ" ހިޔަލަ ހުރިހާ ވާހަކައެއް އަމުނާލިއެވެ.

ކުއްލިއަކަށް މުޅި އެހިސާބަށް ބާރަށް ވައިޖެހެން ފަށައިފިއެވެ. މަގުގެ ދެފަރާތުން ވަލުތެރެއިން ދުންތަކެއް ނިކުންނަން ފަށައިއެވެ. ޖެހެމުންދިޔަ ގަދަ ވައިގެ ތެރެއަށް ވަރަށް ގަދަފަދަ ބާރު ވައިރޯޅިއެއް އައިސް އެނބުރެން ފެށިއެވެ. ހީވީ ނަގޫރޯޅިއެއް އެނބުރެން ފެށިހެންނެވެ. ވައިރޯޅީގެ އެނބުރުން ކުއްލިއަކަށް މެދުކެނޑިއްޖެއެވެ.

"އިންސާނުންނަށް ވިސްނައިދޭން އުޅުމަކީ ބޭކާރު ކަމެއް!" ބަރު ފިރިހެން އަޑެއް އެހިސާބުގައި ގުގުމާލިއެވެ. އޭރު ކަޅު ހިޔަންޏެއް މަގުގެ އެއްފަރާތުގައި ހުއްޓެވެ.

"އިންސާނުންނަށް ވިސްނޭނީ ހަމަ އެންމެ ގޮތަކުން. އިއްޔެރޭ އެ ބަންގާޅިއަށް ވިސްނައިދިންގޮތް އެއީ އެންމެ ފަސޭހަ އަދި އެންމެ ރައްކާތެރިގޮތް" އަދީލާއި ހިޔަލައާއި ހަމައަށް އައިސް ހުއްޓުނީ ދެބައި ޢުމުރަށްދާ ފިރިހެނެކެވެ.

"ބައްޕާ މިކަން އަހަރެން އަމިއްލައަށް ހައްލު ކުރިޔަދީ!... ބައްޕަ އަހަންނަށް ފާރަލުން ހުއްޓާލަކަށް ނުވޭތަ! އަހަންނަކީ މިހާރު ކުޑަކުއްޖެއް ނޫނޭ ކިތައް ފަހަރު ބުނާނީ!" ހިޔަލަ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

"ފާރަ ލަނީކީ ނޫން. އެކަމަކު ދަރިފުޅަށް ނުވިސްނޭތީ ދަރިފުޅު އުޅޭނޫޅޭގޮތް ބެލެނީ. އިންސާނުންނަކީ އަހަރަމެން ލޯބިވާން ތިބޭ ބައެއް ނޫން. އެއީ އަހަރަމެން ދިރިތިބުމަށް ބޭނުންވާ ކާނާ ހޯދުމުގެ ވަޞީލަތްކަން ކިތައްފަހަރު ދަރިފުޅަށް ހަނދާން ކޮށްދޭނީ!" ހިޔަލަގެ ބައްޕަ އޭނާގެ ބަރު އަޑުން ބުނެލިއެވެ.

ކުއްލިއަކަށް އަދީލްގެ ގައިމައްޗަށް އައިސް އެއްޗެއް ވެއްޓިގަތެވެ. ހިޔަލަ ބާރަށް ހަޅޭއް ލަވައިގަތެވެ. ހިޔަލަގެ ބައްޕަ އަވަސްވެގަތީ އަދީލާ ދިމާއަށެވެ.

"އަޖްވަދު. ހުއްޓާލާ!" ގުގުރިއެއް ފަދައިން ހިޔަލަގެ ބައްޕަގެ އަޑު ގުގުމާލިއެވެ. އެވަގުތު އަދީލްގެ ހަށިގަނޑު ބިންމައްޗަށް ވެއްޓިއްޖެއެވެ.

*********************

ތިން އަހަރު ފަސް – މާލެ 2010

ރީމަންޑް ހައުސް އަކީ މާފަންނުގެ މެދުތެރޭގައި ހުންނަ ގެއެކެވެ. މިހާރު އެގެއަށް ރީމަންޑް ހައުސް ކިއި ނަމަވެސް ކުރިން އެގެއަށް ކިޔައި އުޅެނީ "ކާރުމަތީގެ" އެވެ. ކާރުމަތީގެއަކީ މާލޭގެ އިހުގެ ޤަދީމީ ގެތައް ފަދަ މުސްކުޅި ގެއެކެވެ. މިހާރުވެސް އެގޭގައި އެންމެ ކުރިންސުރެން މީހުން ދިރިއުޅެމުން އައި ގެ އެ ހުރިގޮތަށް އެބަހުއްޓެވެ. ސަލްޓަން ޕާރކްގައި ހުންނަ ކުރީގެ ދާރުލްއާޘާރު ހުރި ބިނާ ފަދަ މުސްކުޅި ގެއެކެވެ. ގޭގެ ފާރުތައް ހަދާފައި ވަނީ ހުކުރު މިސްކިތުގެ ފައުރުތައް ހަދާފައި ހުރިގޮތަށް ހިރިގަލުންނެވެ. ލަކުޑިއާއި ހިރިގަލުން އިހުގެ ދިވެހިންގެ އަތްތެރި މަސައްކަތް ކިތަންމެހާވެސް ރަނގަޅަށް އެގެއިން ފެންނާން ހުއްޓެވެ. ރީމަންޑް ހައުސްގައި ހުންނަ އިހުގޭގެ މައިދޮރާއި ދިމާ މަތީގައި ހިރިގަލުން ކަނޑާފައިވާ އަކުރުތަކަކުން މިހާރުވެސް "ކާރުމަތީގެ" ލިޔެލައިފައި ހުއްޓެވެ.

ކާރުމަތީގެއާއި އިންވެގެން ރީމަންޑް ހައުސްގެ ގޯތިތެރޭގައި ހުންނަނީ 4 ބުރިއަށް ނަގާފައި ހުރި ގެއެކެވެ. ރީމަންޑް ހައުސްގެ މައި ގެއަކީވެސް އެއީ އެވެ. ނަމަވެސް މިހާރު އެގޭގެ ހުރިހައި ފަންގިފިލާތަކެއްގައިވެސް ދިރިއުޅެމުން އަންނަނީ ރީމަންޑް ހައުސް އަށް ނިސްބަތް ނުވާ ރާއްޖޭގެ ބައެއް އަތޮޅު ތަކުގެ މީހުންނެވެ. އެގޮތުން އެންމެ މަތީ ފަންގިފިލާގައި ދިރިއުޅެނީ އައްޑޫ އަތޮޅު ހިތަދޫ ބައެކެވެ. 3 ވަނަ ފަންގިފިލާގައި ފޯއްމުލަކު ބައެކެވެ. 2 ވަނަ ފަންގިފިލާގައި ކުރިން އުޅުނު ކުޑަހުވަދޫ ޢާއިލާއެއް އެ ބައި ދޫކޮށްލުމުން މިހާރު އެތާނގައި ދިރިއުޅެމުން އަންނަނީ ގދ. ތިނަދޫ ޢާއިލާއެކެވެ. ފުރަތަމަ ފަންގިފިލާގައި ހުންނަނީ އަމިއްލަ މީހެއްގެ އޮފީހެކެވެ. ބިންމައްޗަށް ހުންނަ ފަންގިފިލާގެ ތިރީގައި ހުންނަނީ ބޮޑު ދެ ފިހާރައާއި ގަރާޖެކެވެ.

މިއަދުވެސް އަލީސީދީ އިންނެވީ އޭނާގެ ޒަމާންވީ އުނދޯލިކޮޅުގައި އިށީންދެވަޑައިގެން ދުވަސްވެފައިވާ ޕެނަސޮނިކް ޓީވީއަކުން އިހުގެ ހިންދީ ލަވަތަކެއް ބައްލަވާށެވެ. ކާރުމަތީގޭ ސިޓިންގ ރޫމް ނުވަތަ ބޭރުގޭ ތެރޭގައި ހުންނަ ސަރަންފީ ގޮނޑިތައް އެއްކޮޅެއްގައި އަތުރާލާފައި ހުންނަ އިރު އަނެއްކޮޅުގައި އާދައިގެ ވަރެއްގެ އުނދޯއްޔެއް އެލުވާފައި އޮވެއެވެ. އަލި ސީދީ އަކީ މާލޭގެ އިހުގެ ސީދީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އިހުގެ ގޮތްތަކާއި ކަންކަން މިހާރުވެސް ދޫކޮށްލެއްވުމުގެ ޚިޔާލުފުޅެއް ކުޑަކޮށްވެސް ނުގެންގުޅުއްވައެވެ. ބޭރުގޭގެ ބޭރުން ހުންނަ ފެންޑާމަތީގައި އިހުގެ ހިންދީ ފިލްމްތަކުން ފެންނަވައްތަރުގެ އޮކެސްޓްރާ ހަރުމުނިޔާއެއް ބަހައްޓާފައި ވެއެވެ.

"ބައްޕާ އަޅެ ވިދާޅުވެ ބައްލަވާ ބައްޕަގެ ކޮޓަރިކޮޅުތެރޭގައި އެހަރަ ވަޅުގިފީލީގެ ބިއްދޮށުގައި ތަޅުލާފައި އެހުންނަނީ ކޮންތަނެއްތޯ؟" މިއަދުވެސް ހިޔަލަ އޭނާގެ ބައްޕައާއި މި ސުވާލު ކޮށްލިއެވެ. މިހާރަކަށް އައިސް ހިޔަލަ ވަރަށް ގިނައިން އެސުވާލު ކުރަމުން ގެންދެއެވެ. އެތަނަށް ވަނުން މަނާކޮށްފައި އޮންނަ ސިއްރެއް ހޯދުމުގެ ޝައުޤުވެރިކަން ހިޔަލަގެ ހިތުތެރޭގައި ބޮޑުވާންފެށީ މީގެ މަސްދުވަސްހުރިން ހިޔަލައަށް ކޮންމެވެސް ވަރަކަށް ގުދަނެއް ކަހަލަ އެކޮޓަރިތެރެ ފެނިފައި ވުމުންނެވެ. އެ ކޮޓަރިއަކީ ވަނުންމަނާ، ބެލުންމަނާ ކޮޓަރިއެއްކަމުން ބައްޕާފުޅުގެ ނުރުހުމުގައި އެތަން ބަލަން ހިޔަލައަށް ވަނީ އަދިއަދަށްވެސް ނުކެރިފައެވެ. ބައްޕާފުޅަށް ޤަދަރު ކުރެވޭލެތް ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ.

"ދަރިފުޅު ތިނޫން ހެދުމެއް ލައިގެން ހުއްޓާ ބައްޕައަށް ފެންނާނީ ކޮންދުވަހަކުންތަ؟" ގޮތްނޭނގޭ ކޮޓަރިއާއި ބެހޭގޮތުން ސުވާލުކުރެވޭ ކޮންމެ ފަހަރަކު ހިޔަލަގެ ބައްޕާފުޅު އަބަދުވެސް މަޢުޟޫ ބަދަލުކޮށްލައްވައެވެ. ގިނަފަހަރަށް ފާޑުކިޔުއްވަން ފައްތަވަނީ ހިޔަލަގެ ނިވާކަން ކުޑަ ހެދުމާއި ބެހޭގޮތުންނެވެ.

"ބައްޕާ. އަޅުގަނޑަކަށް ނުވިސްނުނު ކީއްވެގެން ކަމެއް-"

"ކޮންމެ ކަމެއްގެވެސް ހައްދެއް އޮންނަން ޖެހޭނެ. ތި ސިލްސިލާ ކޫސަނި ކަންތައް ހަމަ މިހާރުން މިހާރަށް ހުއްޓާލާ!" އަލީ ސީދީ ހިތްޕުޅާ ނުވާކަން ދައްކަވާލެއްވިއެވެ. "ކީއްވެގެންތަ ދަރިފުޅު ތިކަހަލަ ނިވާކަން ކުޑަ ހެދުންތައް ތިލަނީ. މީކީ ޔޫރަޕްގެ ޤައުމެއް ނޫންވިއްޔަ! އެހެން ނޫނަސް ތިހިރީ ލާފަހުންނަ އެއްޗެހި. ވަށަވަށައިގެން ތަންތަން ވީދާފައި އޮތް ސޯޓުބުރިއަކާ ގަޔަށް މަހާފައި ތިހުންނަ ގަންޖުފަރާހެއް ލާފައި ހުންނައިރު ކުޑަކޮށްވެސް ނުގުޅޭ." ޙަޤީގަތުގައިވެސް އަލިސީދީގެ ދަރިފުޅު މިޒަމާނުގެ ހެދުން އެޅުމާއި މިކިޔާ ޒަމާނީ ކަންކަމަށް ލޯބިކުރާތީ އެކަމާ ވަރަށް ކަންބޮޑުވެ ފޫހިވެސްވެވަޑައިގަންނަވައެވެ. އިނގިރޭސި ރޮކް ބޭންޑްތަކުގެ މިއުޒިކު އަޑުއެހުމާއި ސިފައަކުން ސިފައެއް ނުޖަހާ ހެދުން އެޅުމާއި އިރުއިރުކޮޅާ ކޮފީއަށް ދިއުމާއި ކާގަޑިތަކުގައި ކާންބޭނުންކުރާ ފާޑުފާޑުގެ ކާނާތަކަށް ދާންދެން އަލިސީދީ ރުހިއެއް ނުލައްވައެވެ.

"ބައްޕާ" ހިޔަލަ ޖަވާބުދޭން ފެށިއެވެ. "މިޒަމާނުގައި އަޅުގަނޑެއް ކަމަކު ލާންޖެހޭނީ މިކަހަލަ ހެދުންތައް. މިއީކީ އަށާރަ ސަތޭކައިގެ އަހަރުތަކެއް ނޫން. ކިހިނެތްތޯ އޭރުގެ ހެދުންތައް މިޒަމާނުގައި ލައި އުޅޭނީ. މިހާރު އޭރުގެ ހެދުމެއް އަޅައިފިއްޔާ މީހުން ޖޯކްޖަހާ މަލާމާތް ކުރާނެ ނޫންތޯ. އެހެން ނޫނަސް އަޅުގަނޑާ އެއްފުރާގެ ކުދިންނާ އެއްގޮތްވުމަށް އެބަޖެހޭ މިކަހަލަ ހެދުންލާން"

ހިޔަލައަށް ބަލާލުމުން އޭނާގެ ޢުމުރުންވާނީ ނަވާރަ ނުވަތަ ވިއްސަކަށް އަހަރުހެން ހީވެއެވެ. ނަމަވެސް ޙަޤީޤަތަކީ އޭނާގެ ޢުމުރުން އެއަށްވުރެން މާގިނަދުވަސް ވެފައި ވާކަމެމެވެ. އޭނާގެ އުޅުން ކިތަންމެ ޒުވާން ނަމަވެސް ގައިގެ ހަންގަނޑުގައި ދޫކަމެއް ހުރުމުން އޭނާގެ ޢުމުރުން ދުވަސްވެފައިވާކަން ވަޒަންކޮށްލަން އެނގޭނެއެވެ.

"ދަރިފުޅު ކިތަންމެ ބަހަނާއެއް ދެއްކިއަސް ތިކަހަލަ ހެދުން ލައިގެން އުޅޭކަށް ބައްޕައަކަށް ނުރުހެވޭނެ"

"އަހަންނަށް ހީވަނީ އަހަރުމެން ހެދުން އަޅަންވީ 1859 ވަނަ އަހަރުގެ ހެދުންތައް ހެން." ހިޔަލައާއި އޭނާގެ ބައްޕަ ވާހަކަ ދައްކަން ތިބި ބޭރުގޭ ތެރެއަށް އައިސްވަނީ އަމާނީން އެވެ. އަމާނީން އަކީ ހިޔަލަގެ ގާތް އެކުވެރިއެކެވެ. އަލިސީދީގެ ދަރިއެއްގޮތަށް ގެންގުޅުއްވާ ކުއްޖެކެވެ.

"ޖަވާބަކީ އާނއެކޭ ދޮގެއްތޯ އަލީސީދީ؟ ޒަމާން ނުވަތަ ގަޑިވެސް ހުއްޓާލަންވީ. ދިރިއުޅެންވީ ޖިފުޓި ގަނޑެއްގަ. އުޅެންވީ އެހެން މީހުނާ އެކަހެރިކޮށް. އަބަދުވެސް ތިބެންވީ އަންޒަމާނު ކަރައިގެ މުސްކުޅި ކަޓް ހިންދީ ލަވަތައް ބަލަން. އަޅުގަނޑުމެން އަބަދުވެސް އުޅެން މިޖެހެނީ ފުރާވަރުގެ ޢުމުރުގައި އަބަދު ތިބެންޖެހޭ ގޮތަށް. އެހެން ނަމަވެސް އުޅެން މިޖެހެނީ ބައްޕަ ތިބައްލަވާ ކަޓް ހިންދީ ބައެއް ލަވައިގަ އުޅޭ ޕަޕެޓްތަކެއްހެން. ބައްޕަ ވާފަށަށް ދޫދެއްވި ވަރަކަށް ޙަރަކާތް މި ކުރެވެނީ. އަޅުގަނޑަށް މާޒީއަށް އެނބުރިގޮސް ކަންތައްތައް ހައްލަކަށް އެޅުވޭނަމަ މިހާރު ހުންނާނީ އެދުވަހު ތި އަލިސީދީ ނުވަތަ މަގޭ ސޯކޯލްޑް ބައްޕާފުޅާ ބައްދަލުކުރެވުނު ބައްދަލު ކުރެވުމަކީ ނުވާކަމަކަށް ހަދައިގެން. އަޅުގަނޑުގެ މި ދިރިއުޅުމަކީ ބައްޕާފުޅު ދެކިލައްވާ ގޮތުން މާ މަޖާ މާ ފުރިހަމަ ދިރިއުޅުމެއް ނަމަވެސް މިހުރިހާ ގަރުނުތަކެއްގަ އުމުރުފުރާ ކުއްޖެއްގެ ޙަޔާތް ވޭތިކުރުމަށްވުރެން އަހަންނަށް މާރަނގަޅު މަރުވުންވެސް." އަމާނީން ހިތްހަމަ ނުޖެހިފައި ހުރެ ޖެހިލުންވުމާއެކު ފަތިވަރެއް އަމުނާލިއެވެ.

"ކަލޭ ތިބުނަނީ ގައިގައި ރޫޖެހި މުސްކުޅިވުން ރަނގަޅޭތަ؟ ޤަބުރުސްތާނުގަ ސަންދޯކެއް ތެރޭގައި އޮތުން މާރަނގަޅޭތަ؟ އިންތިހާއަށް ރުޅިދުރުވެފައި އިންނެވި އަލިސީދީ ބާރަށް ހަޅޭފުޅުލެއްވިއެވެ. އިށީންދެ ވަޑައިގެން އިންނެވި އުނދޯލިކޮޅުން ތެދުވަންނަވައި އަމާނީން އާއި ދިމާއަށް ހިންގަވާ ވަޑައިގެންނެވިއެވެ.

"އަހަރެން ކަލެޔާ ބައްދަލުވި ރޭގަ ކަލެއަށް އޮންނާނީ މިދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ ދީފައި. އެއީ އަބަދުވެސް ޒުވާންކަންމަތީގައި ހުރުމުގެ ފުރުޞަތު!"

"ތިޔަ ވިދާޅުވާ ރެޔަކީ އަހަރެން ދިރިހުރި މައްޔިތަކަށް ހައްދަވައިދެއްވި ރޭ!" އަމާނީން ރުޅިގަދަ ވެފައިހުރެ ބުނެލިއެވެ.

"ކީއްވެގެންތަ ކަލޭ ތިކަހަލަ ވިޔާނުދާ ވާހަކަ ދައްކަނީ؟" އަލިސީދީ އިންތިހާއަށް ރުޅިދުރުވެއްޖެއެވެ. އަލިސީދީގެ އަޑުފުޅު ހިރިގަލުން ހަދާފައިވާ އެހަތަރުފާރުތެރޭގައި ގުގުމައިގެން ދިޔައެވެ. އަލިސީދީ އަމާނީން އާއި ކައިރިއަށް ޖެހިލައްވާ އަމާނީންގެ ގައިގާ ބާރަށް ބައްދަވާލެއްވިއެވެ. އަމާނީންގެ މެޔަށް ބާރުވެ ނޭވާލާން އުނދަގޫވާހާވެސް ބާރަށެވެ. އަލިސީދީގެ އަތްޕުޅުން އަމާނީންގެ ބޮލުގެ އިސްތަށިގަނޑުގައި އޯގާތެރިކަމާއެކު ފިރުމާލައްވަމުން އަޑުފުޅު މައިތިރި ކަމާއެކު ވައިއަޑުން ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ.

"މިހިރަ މޮޔަ އަންހެންކުއްޖާ.... ހިތަށް އަރާ ތިހިރަ ދެ ފޭރާދަތް އުފުރާލަފާނަމޭ!" އަމާނީން އަލިސީދީގެ ވަރުގަދަ މުލައްދަނޑީގެ ތެރެއިން ސަލާމާތްވުމަށް ތެޅެން ފެށިއެވެ. އެ މުލައްދަނޑީގެ ތެރެއިން ލިބެމުން ދިޔަ ތަދުގެ އިތުރުން މުލައްދަނޑީގައި ހުރި ގަދަފަދަ ފިނިކަމުގެ އިޙްސާސުންވެސް އުނދަގޫވަމުން ދިޔައެވެ. އޭރުވެސް ހިޔަލަ ބިރުން ފިތްކެނޑޭވަރު ވެފައި ހުރިގޮތަށް ހުރީއެވެ. ކުއްލިއަކަށް އަމާނީން އޭނާގެ ތޫނު ދެ ފޭރާދަތް ދައްކާލިއެވެ. އާދައިގެ ވަރެއްގައި ހުރި ދެދަތް މަޑުމަޑުން ދިގުވާން ފެށިއެވެ.

"ނިކަން ދައްކާލަބަ މަގޭ ދަރިފުޅުގެ ހުރި ގަދަފަދަކަމެއް! އަލިސީދީ އޭނާގެ ދިގު އިނގިލިތަކުން އަމާނީންގެ ދަތްދޮޅީގައި ހިފާ ގަދަކަމުން އަނގަހުޅުވާލަމުން ބުނެލިއެވެ.އަމާނީން އޭނާގެ ބޯ ދެފަރާތަށް ހޫރާލާފައި އަލިސީދީއަށް އޭނާގެ މޫނު ނުދެއްކުމަށް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.

"މިކެހިވެރި ދިރިއުޅުމާމެދު ފަޚްރުވެރިވާށޭ އަލިސީދީ ބުނުއްވިޔަސް ކިހިނެތް އެކަން ކުރާނީ. ދުވަހަކުވެސް ތިކަމެއް ނުވާނެ! އަޅުގަނޑަށް މިކަމާ އިދިކޮޅަށް ވާހަކަ މިދެއްކެނީ ކީއްވެގެންކަން އެނގިލައްވާތޯ؟ އަޅުގަނޑު މި ކެހިވެރި ދިރިއުޅުންމަތިން ފޫހިވެޔޭ މިދަންނަވަނީ ހަމަ ޙަޤީޤަތުގައިވެސް ފޫހިވާތީ. އަޅުގަނޑަށް އަލިސީދީ ދެއްވާފަ މިވާ ކެހިވެރި ހަދިޔާގެ ބޭނުން ކުރެވުނީތީ މިއަދު އެކަމާ ދެރަވެ ހިތާމަކުރަން!"

"ހުއްޓާލާ! މާގިނަ ބޭކާރު ވާހަކަ ދައްކަން ނޫޅޭތި!" އަލިސީދީ ނުހަނުބޮޑަށް ކޯފާއިސްކުރައްވާ އަމާނީން އަށް އިންޒާރު ދެއްވިއެވެ. އަލިސީދީ ކޯފާއިސްކުރެއްވީ އަމާނީންއަށް އަލިސީދީ ކޮށްދެއްވި ކަންތައްތަކުގެ މަތިން ހަނދާން ނެތުނީތީއެވެ. އަމާނީން އަށް މި ބާއްޖަވެރި އަބަދަށް ޒުވާން ދިރިއުޅުން އަލިސީދީ ހޯއްދަވައިދެއްވީ ޚުދު އަމާނީން އެކަމަށް ބޭނުންވެގެންނެވެ.

"އަހަރެންގެ އަމިއްލަ ނަފުސުގެ ކޮންމެ ޒައްރާއެއް ދެކެ އަންނަހާ ރުޅި އަހަރެން ކަލޭދެކެ އަންނަން!" އަމާނީން ވަރަށް ބާރަށް ބުނެލިއެވެ. މިފަހަރު އޭނާގެ ވާހަކައިގެ ރާގު ތަފާތުވެފައި ހަރުކައްޓެވެ.

"ހަމަ މިހާރު މިތަނުން ދާންއުޅޭ!" އަލިސީދީ ފަހުގެ އިންޒާރު ދެއްވިއެވެ. އެވަގުތު އަލިސީދީގެ ވަރުގަދަ ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ.

"މިތަނުން ދިއުމަށްވުރެން އުފާވެރި އެހެން އެއްވެސް ކަމެއް މަށަށް އޮންނާނެތަ؟" އަމާނީން އަލިސީދީއަށް ބަހެއް އެއްލަމުން ބޭރުގޭތެރެއިން ނުކުނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ހިޔަލަވެސް ބޭރަށް ނުކުތެވެ. އިރުކޮޅަކުން ގޭގެ ދޮރާށި ބާރަށް ލައްޕާލިއަޑާއި ކާރެއް ސްޓާޓްކޮށް ދުއްވާލިއަޑު އަލިސީދީއަށް އިވިލެއްވިއެވެ.

އަލިސީދީ އޭނާގެ ބޮލުގެ ނުރަ އިސްތަށިގަނޑުގައި ފިރުމާލެއްވިއެވެ. އަލިސީދީ ހުންނެވީ ހަދާނެ ގޮތް ހުސްވެފައެވެ. މޫނުފުޅުމަތީގައި މީހަކު ބާރުއެތިފަހަރެއް އެޅިކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އަލިސީދީ ގޮސް އުނދޯލީގައި އިށީނދެވަޑައިގެންނެވިއެވެ. ހަމަ އެއާއެކު އުނދޯލިން ތެދުވެވަޑައިގެން ވަޅުގިފިލިކޮޅުގައި ހުންނަ ސިއްރު ކޮޓަރިކޮޅާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ.

***************

ރަތްކުލައިގެ އެންމެ މިޒަމާނުގެ ސްޕޯރޓްސް ކާރުގެ ޕެސެންޖަރ ޝީޓްގައި އިން ހިޔަލަ ސިއްރުސިއްރުން އިރުއިރުކޮޅާ އަމާނީން ގެ މޫނަށް ބަލަމުން ދިޔައެވެ. އަމާނީން ކާރުދުއްވަމުން ދިޔައީ ނުހަނު ބާރަށެވެ. ބޮޑުތަކުރުފާނުމަގުގެ ޓްރެކް ސަރަހައްދު ފަހަނައަޅައި ދިޔައީ ކާރުގެ ސްޕީޑް އައްޑިހައަށް ވުރެން މައްޗަށް ނަގައިގެންނެވެ.

"ކޮންތާކަށްތަ މިދަނީ؟" ހިޔަލައަށް ނުއިނދެވިގެން ސުވާލުކޮށްލިއެވެ.

"އަހަރެން ބޭނުމެއްނޫން މާލޭގަ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް." އަމާނީން އަދިވެސް އިނީ ރުޅިއައިސްފައެވެ.

"ދެން މިހެން ވައިބުރު ޖެހީމަ މާލެއިން ބޭރަށް ދެވޭތަ؟" އަނެއްކާވެސް ހިޔަލަ ސުވާލުކުރިއެވެ.

"ހިޔާ... ދެން މަކީއްތަ ކުރަންވީ؟ މަބޭނުމީ މިނޫން އެހެން ތަނަކަށް ދާން!" އޭނާ ބޭނުންވާގޮތް ބުނެލިއެވެ.

"ހިނގާ ލ. އަތޮޅަށް ދަމާ!" ހިޔަލަ ޚިޔާލެއް ދިނެވެ.

"ހޫމް.. ނޮޓް އަ ބޭޑް އައިޑިއާ!" އަމާނީން ހިޔަލަގެ ހުށައެޅުމަށް ތާއިދުކުރިއެވެ.

************

ހުޅުލޭ ވައިގެ ބަނދަރުގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި އޮންނަ ޑޮމެސްޓިކް އޭޕްރަން މަތީގައި އޮތް 'އެޓޯލް ފްލައި' ގެ ޑޭޝް އެއިޓްގެ ތްރީހަނޑްރެޑް ސީރީސްގެ މަތިންދާ ބޯޓަށް ޕެސެންޖަރުން އަރަމުން ގެންދެއެވެ.

"ނަސީބެއްނު މިރޭ މިހާ ދަންވަރުގަ ނަމަވެސް ކައްދުއަށް ފްލައިޓެއް އޮތްކަން" އަމާނީން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އޭނާގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި ހިޔަލަވެސް އިށީންދެ ހަމަޖެހިލިއެވެ.

"ނީން މިހެން ދަތުރު ކުރަންޏާ ނަސީބެއް. އެކަމަކު ކީވެގެންތަ އަހަރުން އަމިއްލައަށް އުދުހިފަ ނުދާންވީ؟" ވައިއަޑުން ހިޔަލަ ސުވާލުކޮށްލިއެވެ.

"އިންސާނުންނާ އެކީގަ ދަތުރުކޮށްލުމަކީ އަހަރެން ވަރަށް ކުރާހިތްވާކަމެއް" އަމާނީންވެސް ވައިއަޑުން ޖަވާބުދިނެވެ. ހަމައެއާއެކު ދެމީހުން އެއްފަހަރާ މަޑުމަޑުން ހީނގަތެވެ.

"އޯކޭދޯ މަ އައިޕޮޑް އަޅާލިޔަސް؟" ހިޔަލަގެ އަތްދަބަހުން އައިޕޮޑްނަގާ ހެޑްފޯން އަޅާލަމުން ބުނެލިއެވެ.

"ހޫމް" އަމާނީން ހޫނ އަޅާލިއެވެ. ހިޔަލަ ރޮކް ލަވައެއް ޖަހަން ފެށިއެވެ. ލަވައިގެ މިއުޒިކާއެއްވަރަށް އޭނާގެ ބޯވެސް މަޑުމަޑުން ތަޅުވަމުން ގެންދިޔައެވެ. އަމާނީން އާއި ޚިލާފަށް ހިޔަލަ އޭނާގެ ދިރިއުޅުމާމެދު ހިތްހަމަ ޖެހެއެވެ. ހިޔަލަގެ ބައްޕައާއި ޚިލާފަށް ޒަމާނީ ކަންކަމާއެއްގޮތަށް އޭނާގެ އުޅުން ވަގުތުން ވަގުތަށް ބައްޓަން ކޮށްލަން ދަނެއެވެ. އޭނާގެ ޢުމުރުން ހޭދަވި ގިނަ އަހަރުތަކުގައި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއިމެދު އޭނާ ވިސްނާ ފިކުރުކުރެއެވެ. އެބަދަލުތައް ކައިރިން ދެކެ ތަޖްރިބާ ކުރަމުން އާދެއެވެ. މުނިފޫހިފިލުވުމާއި، ފެޝަނާއި، ދާޚިލީ ހަމަނުޖެހުންތަކާއި ސިޔާސީ ކޯޅުންތައް ކައިރިން ބަލަމުން ދެއެވެ. މިފަދަ ކޮންމެ ބަދަލަކަށް އޭނާގެ ޙަޔާތް ހާނުވާލަނީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހިޔަލައާއި ބައްދަލުވާ ކޮންމެ މީހަކަށް ހީވާނީ އޭނާއަކީ އިއްޔެމެންދުރުގެ ފުރާވަރު ކުއްޖެއް ހެންނެވެ. އޭނާގެ ޒުވާންކަމާއި ރީތިކަންވެސް އެހާމެ ފުރިހަމައެވެ.

"ނީން... ބަލާލަ ބަލަ އެހެރަ ސަޅި ބިޓެއް؟" ހިޔަލަ އޭނާގެ ކަންފަތުން ހެޑްފޯން ނަގަމުން ބުނެލިއެވެ. ބޯޓްގެ ފްލައިޓް އެޓެންޑެންޓް ޕެސެންޖަރުންނަށް ހިތްގައިމު ހިނިތުންވެމެއް ދެމުން ހިޔަލަމެން ތިބި ގޮނޑިބަރިއާއި ދިމާއަށް އާދެއެވެ. އަމާނީން ކުޑަދޮރުން ބޭރުބަލަން އިނދެފައި ބަލާލިއިރު ހިތްގައިމު ޒުވާން ފިރިހެން ކުއްޖަކު އައިސް އެމީހުންކައިރީގައި ހުއްޓިއްޖެއެވެ.

"ހޭންޑް ބޭގް ކަލިވަރު ތެރެއަށް ލެއްވެވުން އެދެން" ފްލައިޓް އެޓެންޑެންޓް ހިޔަލަގެ އުނގުމަތީގައި ހުރި އަތްދަބަހަށް އިޝާރާތްކުރަމުން ބުނެލިއެވެ.

"އޯހް.. ސަޅި ބިޓެއްދޯ!" ފްލައިޓް އެޓެންޑެންޓް އޭނާގެ ވާޖިބު އަދާކޮށްފައި ފަސްއެނބުރިލި ވަގުތު ހިޔަލަ ބުނެލިއެވެ.

"ސާބަހޭ... އެކުއްޖާއަށް ނޭނގޭ އަޑުވެސް ނުއިވޭނެ ކަމެއް!" އަމާނީން ހިޔަލަގެ އަތުގައި ވިކައިގަންނަމުން ބުނެލިއެވެ.

"އޯކޭ. ތިޔެއްވެސް ބެލިދާނެއެއްނު!" ހިޔަލަ އޭނާގެ ކަންފަތު ވޮށީގައި އިނގިލި ޖައްސާލަމުން ބުނެލިއެވެ.

"އައްސަލާމު ޢަލައިކުމް. އެޓޯލް އެއަރ އެއިޓް ފައިވް ތްރީއިން ދަތުރުކުރައްވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ. ތިޔަބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި މިހާރު އަޅުގަނޑުމެން މިދައްކައިދެނީ މިބޯޓްގައި ބޭނުންކުރެވޭ ސަލާމަތީ ވަޞީލަތްތައް. އަޅުގަނޑުމެންގެ ވަޞީލަތްތަކާ އެހެން ބޯޓްތަކުގައި ބޭނުންކުރާ ވަޞީލަތްތަކާ ތަފާތުވެދާނެ ކަމަށްޓަކައި ތިޔަބޭފުޅުންގެ ފުރިހަމަ ސަމާލުކަމަށް އެދެން-"

"މިއީ ގޮނޑީގެ ކަމަރު. ކަމަރު އެޅުއްވުމަށްޓަކައި މިބައި ބަކަލްގެ ތެރެއަށް މައްސަވާލައްވާ. އަދި ބާރުކުރެއްވުމަށްޓަކައި މިބަޔަށް ދަންމަވާލައްވާ. ކަމަރު ނައްޓަވާލެއްވުމަށް މިބައި ހިއްލަވާލައްވާ." ފްލައިޓް އެޓެންޑެންޓް ބޯޓުގެ ސަލާމަތީ ކަންތައްތައް ކިޔާދެމުން ގެންދިޔައިރު އޭނާގެ ފަހަތުން ހިޔަލަވެސް ކިޔަމުން ގެންދިޔައެވެ. އަމާނީން ހިޔަލައަށް ބަލަހައްޓައިގެން ހެވިފައި އިނެވެ.

"މިއީ ވައިގެމަގުން ކަނޑުހުރަސްކޮށް ކުރާ ދަތުރަކަށްވާތީ ކޮންމެ ބޭފުޅެއްގެ ގޮނޑިކޮޅުދަށުގައި ލައިފްޖެކެޓެއް އޮންނާނެ. ލައިފްޖެކެޓް ބޭނުންކުރެއްވުމަށްޓަކައި އިސްތަށިފުޅުން މިގޮތަށް ވައްޓަވާލެއްވުމަށްފަހު އުނގަނޑުގައި އަޅުއްވަންޖެހޭ ކަމަރު އަޅުއްވާ ބާރުކޮށްލައްވާ-"

"އިންސާނުން ހާދަކަމަކަށް ވިސްނަންޖެހޭ ދޯ! އަހަރުމެންނަށް ކިހާފަސޭހަ!" ހިޔަލަ ދެމުން ގެންދިޔަ ބްރީފިން މެދުކަނޑާލަމުން ބުނެލިއެވެ. އަމާނީން ހިޔަލައަށް ލޯއަޅާލިއެވެ.

"އޯހް ނޮޓް އަގެއިން ހިޔާ. ހިޔާވެސް ހަމަ އެކަޓް ޚިޔާލުތައް ދޯ!" އަމާނީން ދެކަންފަތުގައި ބާރަށް އަތްއަޅަމުން ބުނެލިއެވެ.

ހިޔަލަ އެއްޗެކޭ ނުބުނެ ހިތްގައިމު ފްލައިޓް އެޓެންޑެންޓަށް ސަމާލުކަން ދިނެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ ލޯމައްޗަށް ފެނިގެންދިޔައީ އަދީލްގެ ހިތްގައިމު ސޫރައެވެ.

"....ނުރައްކާތެރި ޙާލަތެއް ދިމާވުމަކީ ވަރަށް ނާދިރުކަމެއް. އެފަދަ ޙާލަތެއްގައި ބޯޓްދޫކޮށްލަން ޖެހިވަޑައިގެންފި ނަމަ ހުރިހާ ތަކެތި ދޫކޮށްލެއްވުމަށްފަހު އެންމެ އަރިހުގައި ހުރި ދޮރަކުން ބޭރަށް ނުކުމެވަޑައިގަންނަވާ!....."

"ނުރައްކާތެރި ޙާލަތެއް ދިމާވުމަކީ ވަރަށް ނާދިރު ކަމެކޯ! ހެހެހެހެ!" އަމާނީންގެ ކަންފަތުގައި އަޅާފައިހުރި އަތް ނައްޓުވާލަމުން ހިޔަލަ ބުނެލިއެވެ. "އިންސާނުން ހީކުރަނީ މީ ދެން މާ އެޑްވާންސް ބައެއްކަމަށް. އެމީހުންނަށް ނުރައްކާވީމަ އެނގޭނެތަ! މިހާރުވެސް ދެ ވެމްޕޫޔޯހްހްހް" އަމާނީން ހިޔަލަގެ އަނގަމަތީގައި ބާރަށް އަތް އެޅިއެވެ.

"މޮޔަވީތަ؟.. އަހަރުން ވަށައިގެން މިތިބިމަ މީހުންނެއް ނުފެނޭތަ؟ އަޑުއިވިއްޖެއްޔާޔޯ؟" އަމާނީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

"އަޑު އިވުނަސް އެމީހުން ޤަބޫލުކުރާނެތަ؟ އެމީހުން ހިތުން އެއީދެން މާ އެޑްވާންސް ބައެއް. އެމީހުން ބަލަނީ އަހަރުމެން އެގްސިސްޓް ވުމަކީވެސް ނާދިރު ކަމެއްކަމުގަ" ހިޔަލަ މަޖާވެލަމުން ބުނެލިއެވެ.

"ޝޫ...!" އަމާނީން އޭނާގެ އަނގަމަތީގައި އިގިޖައްސާލަމުން ބުނެލިއެވެ. ހިޔަލަ އޭނާގެ ސަމާލުކަން ދިނެވެ. އަޑުއަންނަ ދިމާއަށެވެ.

"ވަރަށް ސަޅި ބިޓެއް ސީޓް ޓޫ-އޭގަ އިނީ." ފްލައިޓް އެޓެންޑެންޓްގެ ހިތްގައިމު އަޑު ހިޔަލަގެ ކަންފަތުގައި ޖެހުނެވެ. ހަމައެއާއެކު އޭނާގެ ގޮނޑީގެ ނަންބަރު ޗެކްކޮށްލިއެވެ. އެއަށްފަހު ހިނިތުންވަލަމުން އަމާނީންގެ އަތުގައި މަޑުމަޑުން ކޮއްޓާލިއެވެ.

"ކޮބާ ހީވޭ!" ހިޔަލަ ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާގެ ފުރިހަމަ ސަމާލުކަން ބޯޓުގެ ކުރީކޮޅާދިމާއިން ފްލައިޓް އެޓެންޑެންޓް ދައްކަމުންދިޔަ ވާކަހަތައް އަޑުއަހަން ފެށިއެވެ.

"އެ ކުއްޖާވެސް އިނީ މަށާ ވަރަށް ލައިކްވެފަ" ފްލައިޓް އެޓެންޑެންޓް އޭނާގެ ރަޙްމަތްތެރިޔާ ކައިރީ ބުނެލިއެވެ.

"ހިޔާ އައިނޯ ހިމް!" ފްލައިޓް އެޓެންޑެންޓްގެ ވާހަކަތައް އަޑުއަހަން އިނދެފައި އަމާނީން ކުއްލިއަކަށް ބުނެލިއެވެ.

"ކީކޭ؟ ކިހިނެތް ނީން އަށް އޭނާ އެނގެނީ؟" ހިޔަލަ އަވަސްއަވަހަށް ސުވާލުކުރަން ފެށިއެވެ.

"ކުރިންރޭ ބީޗަށް ގޮސްފަ ގެއަށް ދިޔައިރު ޓްރެކް ސަރަޙައްދުގަ ފަތަންތިބި ކުދިންތަކާއެކު ފަތަން އޮއްވާ ފެނުނު ހަނދާނެއް ނުވޭތަ؟" އަމާނީން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

"ހޫމް... ހަނދާންވެއްޖެ!" ހިޔަލަ އަމާނީންގެ ލޮލަށް ފުންކޮށް ބަލަން އިނދެފައި ބުނެލިއެވެ.

މަތިންދާ ބޯޓު އުދުއްސާލައިފިއެވެ. މާލޭ ކޮންޓްރޯލް ޓަވަރުން ލިބުނު ކްލިއަރެންސާއި އެއްގޮތަށް 18 ހާސް ފޫޓްމައްޗަށް އެރުމަށް އެހިތްގައިމު ހަމަ ހިމޭން ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރަމުން ދެއެވެ. ހިޔަލަ ރޮކް މިއުޒިކް އަޑުއަހަމުން ދެއެވެ. އަމާނީން އިނީ ދާދިފަހުން އެޓޯލް އެއަރ އިން ނެރެންފެއްޓި އެމީހުންގެ އިންފްލައިޓް މެގަޒިން 'އެޓޯލް އެއަރ ޑައިޖެސްޓް' ކިޔާށެވެ. ގިނަ ޕެސެންޖަރުން ހަމަޖެހިލައިގެން ތިބީ ނޫހެއް ނުވަތަ އެޓޯލް އެއަރ ޑައިޖެސްޓް ކިޔާށެވެ. ފްލައިޓް އެޓެންޑެންޓުން އަވަދިނެތި އެމީހުންނަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ފަސިންޖަރުންގެ ކަރު ތެންމާލުމަށް އެއްޗެއް ތައްޔާރުކުރަމުން ގެންދެއެވެ.

"ވަރަށް ބިޒީކޮށް އުޅޭ ބައެކޭދޯ ކެބިން ކުރޫއިންނަކީވެސް!" ހިޔަލަ ކަންފަތުން ހެޑްފޯނު ނަގަމުން ބުނެލިއެވެ. ހިޔަލަގެ ހިތް އެދެމުން ދިޔައީ ހިތްގައިމުކަމާއި ސްމާޓްކަމުން ފުރިގެންވާ ފްލައިޓް އެޓެންޑެންޓް ދެކިލުމަށެވެ.

"ކްރަޝް ވެއްޖެދޯ!" އަމާނީން ހިޔަލަ އާއި ދިމާކޮށްލިއެވެ.

"ނޫނެކޭ ނުބުނާނަން، ކޯސް އައި ލައިކް ހިމް އަ ލޮޓް" ހިޔަލަ އޭނާގެ ހިތުގައި އޮތް އެއްޗެއް ފޮރުވާކަށް ބޭނުމެއް ނުވިއެވެ.

ހިޔަލަ އިނީ ވަރަށް ރަނގަޅު މޫޑެއްގައެވެ. އިރުއިރުކޮޅާ ކޮންމެވެސް ޖޯކު ވާހަކައެއް ދައްކަމުން ދިޔައެވެ. އަމާނީން ދަތުރަށް އެރިއިރު ފެންނަންހުރި ކުނި މޫނުވެސް ހިޔަލަގެ ވާހަކަތަކުން ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށައިފިއެވެ.

"ކިހިނެތްތަ ތިގޮތަށް ތި އުޅެވެނީ؟ މަށަށް ކީއްވެތަ ތިހެން ނޫޅެވިގެން މިއުޅެނީ؟" އަމާނީން ސުވާލުކޮށްލިއެވެ.

"ތިބުނީ ކޮންގޮތަކަށް އުޅޭ ވާހަކައެއް؟" ހިޔަލަވެސް ކުރީ ސުވާލެކެވެ. އަމާނީން ބުނި އެއްޗެއް ސާފު ނުވެގެންނެވެ.

"މިބުނީ ހިޔަލަ ތި އުޅޭގޮތުން އެއްގޮތޭ ތީ ހަމަ މިޒަމާނުގެ ކުއްޖެކޭ. ހީވަނީ މުޅިން އެހެން ހިޔަލައެއް ހެން!"

"ހޫމް. މުހަންމާ ބުނާހެން އެވާހަކަ ދޯ. އަހަރެން މިއުޅެނީ ހަމަ ދިރިއުޅެންވީ ގޮތަށް. އެއިރަކު ދިމާވި ގޮތަކަށް ހޭނިލައިގެން އުޅެނީނު." ހިޔަލަ ވަރަށް ފަސޭހަ ކަމާއެކު ފޮނިގޮތަކަށް ޖަވާބު ދިނެވެ.

"އެނގެޔޭ ތިކަން. އެކަމަކު ކިހިނެތްހޭ ތިހެން ތިއުޅެވެނީ؟" އަނެއްކާވެސް އަމާނީންގެ ސުވާލު ތަކުރާރުކޮށްލިއެވެ.

"އަހަރެން ދެކެނީ ކޮންމެ ދުވަހަކީވެސް މުޅިން އާދުވަހެއް ކަމުގަ. މިސާލަކަށް އަހަންނަށް މި ލަވަ ވަރަށް ކަމުދޭ. މީ އިއްޔެ މެންދުރުގެ ބޭންޑެއްގެ ލަވަޔަކަސް އަހަންނަށް ހަމަ ވަރަށް ސަޅި." ހިޔަލަ އަޑުއަހަމުން ގެންދިޔަ މެޓަލިކާގެ ލަވައިގެ އަޑު އިއްވާލުމަށް އަމާނީންގެ ކަންފަތުގައި ހެޑްފޯނުގެ ކަނާތުކިބަ ޖެއްސިއެވެ.

"އެކްސްކިއުޒް! ބޯޓުތެރޭގައި އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުން ކުރެއްވުމަކީ މަނާކަމެއް!" ފްލައިޓް އެޓެންޑެންޓްގެ އަޑު ހިޔަލަގެ ކަންފަތުގައި ޖެހުނެވެ. ހިޔަލަގެ ވާތު ކަންފަތުގައި ހެޑްފޯނު އަޅާފައިވާއިރު އަމާނީން ކަނާތު ކަންފަތުގައި ހެޑްފޯނުގެ ކަނާތު ކިބަ އަޅައިގެން އިނެވެ. ދެމީހުންވެސް ތިބީ ވަރުގަދަ ރޮކް ލަވައެއް އަޑުއަހާށެވެ.

"އޯހް. އައިމް ސޮރީ!" ކަންފަތުން ހެޑްފޯނު ނަގަމުން ހިޔަލަ މަޢާފަށް އެދުނެވެ. އެއަށްފަހު އައިޕޮޑް ނިއްވާލިއެވެ. ފްލައިޓް އެޓެންޑެންޓް ބޯޖަހާލަމުން ހިތްގައިމު ހިނިތުންވުމަކާއެކު ބޯޓުގެ ކުރީކޮޅަށް ހިނގައްޖެއެވެ.

"އައްދޭ! ހާދަ ވަރެއް ވެފަ ތީނދީ؟" ހިޔަލަ ފްލައިޓް އެޓެންޑެންޓާއި ދިމާއަށް ކަޅިޖަހާނުލާ ބަލަން އިންތަން ފެނިފައި އަމާނީން ދިމާކޮށްލިއެވެ. "ހިޔާ ތިވަރުވެފަ ނެތްނަމަ ދެންމެ މަޢާފަށް އެދެން ޖެހޭނީ އެކުއްޖާ!.. ހިތަށް އެރި އޭނާގެ ލޮލާ ހަތަރުކަޅި ހަމަކޮށްލާފަ ވާވައްދާލަފާނަމޭވެސް"

"ނަސީބެއްނު ހިތަށް އަރާހާކަމެއް ނުކުރިކަންވެސް. ބަލައްޗޭ މިކަން ކޮށްފަ ދައްކާނަން!" ހިޔަލަ އަމާނީންއާ ބާޖުމެރިއެވެ.

"އެނގިދާނެތާ! މަހުންނާނަން ކުޅިވަރު ބަލަން!" އަމާނީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

****************

"ހޫމް. ދެން ކޮންކަމެއްތަ އޮތީ؟" ކައްދޫ ވައިގެ ބަނދަރަށް ފޭބުމަށްފަހު އަރާ-ގިމަތައާއި ދިމާއަށް ހިނގައިގަންނަމުން އަމާނީން ހިޔަލަ ކުރެން އެހިއެވެ.

"ފުރަތަމަ ދާނީ ފިހާރައަކަށް. އެހެންވީމަ އެންމެ ކުރިން ދާނީ ފޮނަދުއަށް. އަވަސް ކުރަން މިއައީ އެއްވެސް ސާމާނެއް ނުލާ. ވީ ހޭވް ޓު ގެޓް ސަމް ޓޮއިލެޓްރީސް. އިސްންޓް އިޓް" އާދައިގެ މަތިން ހިޔަލަ އިނގިރޭސި ބަހުން ދުއްވާލިއެވެ.

"އޯކޭ. މަ ބޭނުމީ ކޮންމެވެސް ކާއެއްޗެއް ނަގަން؟" ދެމީހުން ޓާމިނަލްއިން ނުކުމެ ޓެކްސީއެއް ހޯދުމަށް މަސައްކަތް ފެށިއެވެ. މެންދަމު އެކެއްޖަހާ ބޮޑުވިނަމަވެސް ފްލައިޓް ގަޑިކަމުން ޓެކްސީ ދުއްވާ ދެތިން މީހަކު ދަތުރެއް ހޯދުމުގެ އިންތިޒާރުގައި ނުވަތަ ދަތުރެއް ލިބިގެން ތިއްބެވެ.

"ދަތުރެއް ކޮށްލެވިދާނެތަ؟" އަމާނީން އެހިސާބުގައި އޮތް ކާރެއްގެ ބިއްލޫރިގަނޑުން އެތެރެއަށް ބޯދިއްކޮށްލަމުން އަހާލިއެވެ.

"މީއޮތީ ދަތުރަކު އައިސް. ތިކަމެއް ނުވާނެ!" ކަސްޓަމަރަކާ ވާހަކަދައްކާނެ އެއްވެސް އަދަބެއް ސަދަބެއް ނުދަންނަ ވައްތަކަށް ޑްރައިވަރު ޖަވާބުދިނެވެ. އަމާނީން ޑްރައިވަރު އިން ފަޅިއަށް ޖެހިލިއެވެ. ޑްރައިވަރުގެ މޫނަށް އޭނާގެ ދެލޮލުން ފުންކޮށް ބަލަންހުރެ އަނެއްކާވެސް ދަތުރު ކޮށްދެވިދާނެތޯ ސުވާލުކުރިއެވެ.

"އާނ. ކީއްވެ ނުކުރަންވީ؟ އަވަހަށް އަރާ!" މިފަހަރު ޑްރައިވަރު ޖަވާބުދިންގޮތުން ހީވީ ދަތުރެއް ކޮށްލަން ނުލިބޭތާ ޒަމާންތަކެއް ވެފައި އިންހެންނެވެ.

"ހާދަ ބަނޑުހައި ވެއްޖޭ!" ކާރަށް އަރާ އިށީންދެ ހަމަޖެހިލަމުން އަމާނީން ބުނެލިއެވެ.

"އަބަދުވެސް ތިއެއްނު ނީންގެ ހާލަކީ! ކޭމާޓް!" ހިނިގަނޑެއް ޖަހާލަމުން ހިޔަލަ ޖޯކު ޖެހިއެވެ.

"ކޮންތާކަށް ދާންވީ؟" ކާރު ސްޓާރޓްކޮށްލަމުން ޑްރައިވަރު އަހާލިއެވެ.

"ދާންވީ ފޮނަދޫ ބޭންކް ކައިރިއަށް!" ޖަވާބު ދިނީ އަމާނީން އެވެ.

ކާރު ބާރު ސްޕީޑްގައި ދުއްވަމުންގޮސް ފޮނަދުއާއި ކައްދުއާއި ދެމެދު އޮންނަ ފާލަމަށް އަރައިފިއެވެ. ޑްރައިވަރު ދެފަހަރަކު ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލިއެވެ.

"މިހާ ދަންވަރު ބޭންކް ކައިރިއަށް ތިދަނީ އަނެއްކާ ބޭންކް ފަޅާލަންތަ؟" އެންމެ ފަހުން ނުއިނދެވިގެން ޑްރައިވަރު ސުވާލު ކުރިއެވެ.

"ބުނަންތަ ވާހަކައެއް، ކަލެޔާ ބެހޭ ކަންކަމާ ބެހިބަލަ! އަހަރުން މިއަށް އެރީ ދަތުރުކުރަން. ކަލޭގެ ޒިންމާއަކީ އަހަރުމެން ބުނިތާކަށް ގެންސޮދިނުން. އެނގިއްޖެތަ؟" އަމާނީން އިނީ ރުޅިގަދަވެފައެވެ. ކާރު ޑްރައިވަރު ވަރަށް ހިތްހަމަ ނުޖެހިފައި އެއްޗެކޭ ނުބުނެ އިނީއެވެ.

"ހާދަ ވަރެއް ތި ދައްކާލީ! އަޅާނުލިނަމަ!" ހިޔަލަ މަޑުމަޑުން ބުނެލިއެވެ. އަމާނީން އެއްވެސް އެއްޗެކޭ ނުބުނެއެވެ.

"ހޫމް. ވަރަށް ބޮޑަށް ބަނޑުހައިވެފަ ދޯ ތީނދީ؟ ކޭމާޓް ގަނޑު އަބަދުވެސް ނުކެވިގެން ވިއްޔަ ތިއުޅެނީ. ކެއުން ނޫން މަޖާ ކަމެއް ކޮށްލަން ހިނގާބަލަ ނިކަން. ނިކަން އަހަރަމެންނާ އެއް އޭޖްގެ ކުދިން ކުރާކަހަލަ މަޖާކަމެއް ކޮށްލަން ހިނގާބަލަ" ހިޔަލަ ބޭނުންވަނީ ތަފާތު ކަމެއް ކުރުމަށެވެ.

"އަހަރުމެންނާ އެއްފުރާގެ ކުދިންނޭ؟ ކޮންއިރަކުތަ ޤަބުރުސްތާނުން ޤަބުރު ނުކުމެގެން މަޖާ ނަގަންފެށީ؟"

"އޯހް ކަމޯން ... ނީން އަށް އެނގޭނެ އަހަރެން މިބުނީ ކީކޭކަން!" އަމާނީން ސަމާސާ ރާގުގައި ކޮށްލި ސުވާލަށް ފޫހިގޮތަކަށް ހިޔަލަ ޖަވާބު ދިނެވެ.

ކުއްލިއަކަށް ކާރު ހުއްޓިއްޖެއެވެ. އޭރު ކާރުއޮތީ ފާލަމުން ނެއްޓި ފޮނަދުއަށް އަރައަރައެވެ. ޑްރައިވަރު ކާރު ސްޓާރޓްކުރެވޭތޯ މަސައްކަތް ފެށިއެވެ.

"ކިހިނެތްވީ؟" އަމާނީން އަނެއްކާވެސް ރުޅިގަދަވެފައި އަހާލިއެވެ. ހިޔަލަ އަމާނީންގެ އަތުގައި ހިފާލަމުން ލޮލުން އިޝާރާތެއްކޮށްލިއެވެ. އަމާނީންގެ ރުޅިގަނޑު މައިތިރި ކުރުމަށެވެ.

"ކާރު ހުއްޓުނީ. ނޭނގޭ ވީގޮތެއް. ސްޓާޓެއްވެސް ނުވި!" ޑްރައިވަރު ކަންބޮޑުވެފައި އިނދެ ބުނެލިއެވެ. އޭރުވެސް ސްޓާޓް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. "ކީއްކުރާނީ. އަންހެން ކުދިން ނޫންނަމަތާ ފައިބައިގެން ކާރު ކޮއްޕާލަދޭށޭވެސް ބުނަން ކެރޭނީ!" ޑްރައިވަރު ކަންބޮޑުވުން އިތުރަށް ފާޅުކުރިއެވެ.

"ކިހިނެތްވީ އަންހެން ކުދިންވީމަ. އަހަރުންނަށްވެސް މިވަރުގެ ކާރެއް ކޮއްޕާލެވިދާނެ. ދޯ ނީން!" ހިޔަލަ ވަރަށް ފަޚްރުވެރިކަމާއެކު މިހެން ބުނެލީ ސަމާސާއަކަށް ނޫނެވެ.

"ހިޔާ. ތިއުޅެނީ އަމިއްލައަށް ބޭޒާރުވާންތަ؟" އަމާނީން އިނީ ހިތްހަމަ ނުޖެހިފައެވެ.

"އަޅޭ ދެކުދިންވެގެން ކާރު ކޮއްޕާލަދޭންވީނު!" ޑްރައިވަރު ބޭނުންވީ އެކުދިންގެ ހުރިވަރެއް ބަލާލުމަކަށް ނޫނެވެ. ހިޔަލަ ކާރުން ފޭބުމުން އަމާނީންވެސް ފޭބިއެވެ. ކާރުގެ ފަހަތު ޑިކީ މަތީގައި އަތްއަޅާ ކާރު ކޮއްޕޭތޯ މަސައްކަތް ފެށިއެވެ. ކާރު އޮތްތަނުން ގުޑާވެސް ނުލިއެވެ. ޑްރައިވަރު ސްޓާޓްކުރާކަމަށް ހެދިގެން އިނީއެވެ. ކާރުގެ ގިއަރުވެސް ވަނީ ޤަސްދުގައި ކަނޑާލާފައެވެ. ޑްރައިވަރުގެ ފައިން ބްރެއްކަށްވެސް އޮއްބުނު ވަރަކަށް އޮއްބައިގެން އިނީއެވެ. ކުއްލިއަކަށް ޑްރައިވަރު ކާރުން ފޭބިއެވެ. މަޑުމަޑުން ކާރުގެ ފަހަތުގައި ތިބި ހިޔަލައާއި އަމާނީންގެ ފުރަގަހުގައި ގޮސް ހުއްޓުނެވެ.

"ތިކަމެއް ނުވިއެއްނު!" ޑްރައިވަރު ކާރުކައިރީގައި ހުއްޓިގެންތިބި ހިޔަލަމެންނަށް މަލާމާތް ކޮށްލިއެވެ. ހިޔަލަމެންނަށް ޖަވާބެއްދޭނެ ފުރުޞަތެއްވެސް ނުދީ ޑްރައިވަރު ކާރަށް އެރިއެވެ. ހަމަ އެރުމާއެކު ކާރު ސްޓާރޓްކޮށް ބާރަށް ދުއްވާލިއެވެ. ސަތޭކަވަރަކަށް ފޫޓް ދުރަށް ގޮސްފައި ކާރު މަޑުކޮށްލިއެވެ.

"އޭތް!.. ކަލޭ ހީނުކުރާތި ތިހެން ފިލައިގެން ދެވިދާނެކަމަށް؟" އަމާނީން ބާރަށް ހަޅޭއްލަވައި ގަތެވެ. އެވަގުތު އޭނާ ލައިގެން ހުރި ޖީންސްގެ ވާތްފަރާތު ޖީބަށް ކުރިންވެފައި ހުރި ބާރުކަން ނެތްކަމުގެ އިޙްސާސް ކުރެވުނެވެ. ޖީބަށް ލުއިކަމެއް އިހްސާސް ކުރެވިއްޖެއެވެ. އަވަސް އަވަހަށް ފުރަގަހުގައި ހުރި ޖީބަށް އަތްކޮއްޕާލާ ޗެކްކޮށްލިއެވެ. ޖީބު ހުރީ ހުހަށެވެ. ކުރިން އޭނާގެ އެ ޖީބުގައި ބާމު ފުޅިއެއްވަރުގެ ކުޑަކުޑަ ސަންދަރޯސް ފުޅިއެއް އޮތެވެ. އެފުޅީގައި ހުރީ ދަގަނޑުގެ ބައި ގިނަ ޢަދަދަކަށް ހުންނަ ވިޓަމިން ގުޅަ ތަކެކެވެ. ދަގަނޑުގެ ބަޔަކީ ލޭގައި ފުދޭވަރެއްގެ ގިނަ މިންވަރަކަށް ހުންނަ މާއްދާއެކެވެ. އަދި ދަގަނޑަކީ ވޭމްޕަޔާގެ ލޭގައި އަބަދުވެސް މަދުވެފައި ހުންނަ މާއްދާއެކެވެ. ވޭމްޕަޔާ ލޭބޮއެ އުޅެނީ އެހެން ވެގެންނެވެ. މިހާރު އުޅޭ ވޭމްޕަޔާ ލޭބުއިން ހުއްޓާލާ މިހާރު ބޭނުންކުރަން ފަށާފައިވަނީ ދަގަނޑުގެ ބައި ގިނަ ޢަދަދަކަށް ލިއްބައިދޭ އެ ޚާއްޞަ ވިޓަމިނެވެ.

"މަގޭ ބޭސްގުޅަތަކެއް ނެތް!" އަމާނީން ލިބުނު ޝޮކާއެކު ބުނެލިއެވެ.

"މި ބޭސްގުޅަ ތަކުގެ ވާހަކަތަ ތިބުނީ؟" އަމާނީން އާއި ހިޔަލަގެ ފުރަގަހުން މީހެއްގެ އަޑުއިވުނެވެ. ފަސް އެނބުރި ދެމީހުން އެއްފަހަރާ ބަލާލިއެވެ. ކުރިމަތީގައި ހުރީ ކާރު ޑްރައިވަރެވެ. ހިޔަލައާއި އަމާނީން ކާރު އޮތް ދިމާއަށް ބަލައިލިއެވެ. ކާރެއްވެސް ފެންނާކަށް ނެތެވެ. ދެމީހުން އެއްފަހަރާ އަނެއްކާވެސް ކާރު ޑްރައިވަރާއި ދިމާއަށް ބަލައިލިއެވެ. އެމީހުން ބަލަބަލާ ތިއްބާ ދެބައި ޢުމުރަށް ގޮސްފައިވާ ކާރު ޑްރައިވަރުގެ ސޫރަ ޒުވާންވަމުން ޒުވާންވަމުންގޮސް ރީތި ފުރިހަމަ ޒުވާނަކަށް ބަދަލުވެއްޖެއެވެ. ބަލާބެލުމަށް ހީވަނީ ވިއްސަކަށް އަހަރުގެ ޒުވާނެއް ހެންނެވެ. ކުއްލިއަކަށް އެ ޒުވާނާ ފާލަން މަތިން ކައްދުއާ ވީކޮޅަށް ދުއްވައިގަތެވެ.

"ވަގެއް! ވަގެއް!" އަމާނީން އެ ޒުވާނާގެ ފަހަތުން ދުވަމުން ހަޅޭއްލަވަން ފެށިއެވެ.
(ނުނިމޭ)
ވާހަކަ ހާއްސަ ކުރަނީ އަޅުގަނޑުގެ ވާހަކަތަކަށް ލޯބިކުރައްވާ ފަރާތްތަކަށް
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ