ލިޔުންތެރިޔާ
އައިންތު
ވާހަކަ ލިޔުމަކީ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ވާހަކަ ވިދާޅުވުމަށް ފަހު ކޮމެންޓް ކުރެއްވުން އެދެމެވެ.
23 : ލިޔުނު ވާހަކަ
146 : ލައިކްސް
80 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން (17) ވަނަ ބައި

17 ވަނަ ބައި (ނުނިމޭ)
06 ފެބްރުއަރީ 2015
4
ހަގީގީ
"ނިޝްވާ މަންމައަކަށް ވަނިއްޔޯ!" ނަޝާޔާ ބުނެލި ޖުމްލައިން ނިޝްވާ އަށް ހީވީ މުޅި ދުނިޔެ މިލްކު ވީހެންނެވެ. އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހިގެން އައުމުން ހުރިހާ ހިއްސުތަކެއް އުފާ ފާޅުކުރަމުން ދާހެން ހީވާން ފެށިއެވެ. ދެވަނަ ފަހަރަށް ވެސް އެ ޖުމްލަ ތަކުރާރު ކުރުމަށް އެދެވުނީ އެ ބަސްތައް އަހާލާ ހިތުންނެވެ. ޚިޔާލީ ދުނިޔެއަށް ގެބެނމުން ދަނިކޮށް ނަޝާޔާ ނިޝްވާ ސަލާމަތް ކޮށް މި އުފާވެރި ދަނޑިވަޅުގެ ނާޒުކު ކަން އޭނައަށް އަންފަގައިދިނެވެ. އެ ހިނދު ލޯބިވާ ފިރިމީހާ ގާތަށް އުދުހިފައި ކަހަލަ ގޮތަކަށް ދިޔައެވެ.
އައި ސީޔޫ ތެރެއިން ބޯދިއްކޮށްލި ނަރުސް ކުއްޖާ އާއިލީ މެންބަރުން ނަށް އެންމެ ފަހުގެ ޚަބަރު އިއްވީ ހިނިތުން ވެފައެވެ. ހީވެސް ނުކުރާ ހާ އުފާވެރިއެވެ. އަންމަޑޭ ހޭވެރިކަން ވީއެވެ. މަރުގެ ތުންފަތް މަތީއޮތް ލޯބިވާ ދަރިފުޅަށް ޑޮކްޓަރުން ކެނޑި ނޭޅި ދެމުން ދިޔަ ފަރުވާއަށް ރާހަތްކުރުމުން ހައްވައިދީގެ ލޮލުން ދެގޮބޮޅި ހާވަރުގެ ދެކަރުނަ ތިކި ކޯތާފަތަށް ވެއްޓުނެވެ. އެންމެންނަށް ވެސް ރޮވެނީއެވެ. އުފަލުންނެވެ. ނިޝްވާއަށް ވެސް ހުރެވުނީ ބަސްހުއްޓިފައެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭގި ފުންމައިގެން އައިސް މަރީނާ ގާއިގާ ބައްދާލިއެވެ. އާއިލާ ގެ އެންމެން ގެ ދުޢާ އަންމަޑޭ އިޖާބު ކުރައްވައިފިއެވެ. އެންމެން ނަށް އިންތިޒާރު ކުރެވެމުން ދިޔައީ ވޯޑަށް ބަދަލުވާނެ އިރަކަށެވެ.
" މަންމާ! މި އުފާވެރި ވަގުތު އަހަރެން ބޭނުން އިތުރު އުފަލެއް މަންމަމެންނާ ހިއްސާކުރަން... އަހަރެން ބޮޑުދައިތައަކަށް ވަނީ....އަހަރެމެންގެ ނިޝް ކޮއްކޮއަށް މަންމަ ކިޔަނީ..." ނަޝާޔާ ދިން ޚަބަރުން ތަނުގެ ހަމަހިމޭންކަން ނަގާލިއެވެ. އުފަލުގެ މައްޗަށް އުފާ ލިބި ދެފަރާތުގެ އާއިލާއިން ވެސް އުފާ ފާޅުކުރަމުން ދިޔައެވެ.ނަޝާޔާ މަޑުމަޑުން އެއްފަރާތް ވެލިއެވެ. އަމިއްލަ ދިރިއުޅުމަށް ވަގުތު ކޮޅެއް ހުސްކޮށްލިއެވެ.
ހޮސްޕިޓަލުގެ ބެންޗުގައި އިން ނަޝާޔާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މީގެ ގަޑީއިރުތަކެއް ކުރިން ޒާހިރު ލޮނދި ހިކައެއްހެން ހޮސްޕިޓަލުން ދިޔަގޮތަށް ޙަބަރެއް ނުވެއެވެ. މޮޅު ރޭވުންގަނޑެއް ރާވާލަނީ ކަމަށް ވެސް ވެދާނެއެވެ. ޒާހިރުގެ ވަކިތަކުން ނަޝާޔާގެ ދުނިޔެ ވަނީ ހިތާމާއިގެ ހުރަގެއަކަށް ހަދާލާފައެވެ. ހިތުގައި އަތްއަޅައިގެން އިންދެ ވިސްނުންތެރިކަމާއެކު އެންމެ ފަހުގެ ނިންމުން ތައް ނިންމަމުން ދިޔައެވެ. ދިރުއުޅުން ޚިޔާލީ ތަރާދަކުން މިނަމުން ދިޔައެވެ.
އޭނާ ޒާހިރު ބޭނުމެއް ނޫނެވެ. ލޯތްބެއް ވެސް ނުވެއެވެ. ޒާހިރުގެ އަނިޔާތަކުން ހިތުގައި ލީ ލަކުނުތައް ފަސޭހައެއް ނުވެއެވެ. އަމުދުން ބަދުނާމު ވުމުން އޭނާގެ ފަސްބައިން އެ ކިލަނބުކަން ފިލުވާލަން ވެސް އިންތިހާއަށް ބޭނުމެވެ. އެހެނަސް ދަރިފުޅަށް އުޅެވިދާނެ ބާވައެވެ. އާޒަށް ޒާހިރާއި ވަކިވެވޭނެ ބާވައެވެ. ބަނޑުގައި އުފެދެމުން ދިޔަ ފުރާނަ ދުނިޔެއަށް މަރުހަބާ ކިޔާ ވަގުތު ބައްޕަ ބޭނުން ނުވާނެ ބާވައެވެ. ހައްތާވެސް ހޯދަން އުނދަގޫ ޖަވާބުތަކެވެ. ކަޑައްތު ކުރަން ޖެހިފައި އެވަނީ އުދަގޫ ރާސްތާއެކެވެ. އެތަށް އިރެއްގެ ވިސްނުމަށްފަހު ޒާހިރު ގާތުން ވަރިވުމަށް އޭނާ ނިންމިއެވެ. ދަރިފުޅަށް މަންމައާއި ބައްޕަގެ ލޯބި ވެސް ޚުދު އޭނާ ދިނުމަށް އަޒުމް ކަނޑައަޅަމުންނެވެ.
ނަޝާޔާ ޒާހިރަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅުމުން ވެސް ފޯނު ނުނެގުމުން ގެޔަށް ދާން ނިންމިއެވެ. ޒާހިރަށް އޭނާގެ ފަހުގެ ނިންމުން އިއްވުމަށެވެ. އަންމަޑޭ ވެސް ވޯޑަށް ބަދަލު ކުރެވި ކަންތައްތައް ހަމައަކަށް އެޅިފައިވުމާއި ވެސް އެކީގައެވެ.
ނަޝާޔާ ކޮޓަރިޔަށް ވަންއިރު ޒާހިރު ފެންނާކަށް ނެތެވެ. އެހެނަސް ފާޚާނާ ތެރެއިން ފެންތިކި ތައް ބުރައިގެންދާ އަޑު އިވެމުން ދިޔައެވެ.ދަރިފުޅު ވެސް ނިދާފައި އޮތް ގަޑިޔެއް ކަމުން ކޮމްޕިއުޓަރު ދޮށުގައި އިށީނދެ ފޭސްބުކު ހާވާލިއެވެ. އެކި ރައްޓެހިން ގެ ހާލު ބަލާލިއެވެ. އެކި ގައުމު ތަކުގެ އެކުވެރިންނެވެ.އޭގެ ތެރެއިން ވެސް ޚާއްސަ ފަރާތަކާއި ހިތުގެ އުދާސްތައް ހާމަ ކޮށްދެމުން ދިޔައީ ސިކުނޑިއެއް ލުޔެއް ދިނުމަށެވެ. ޔާން އަކީ ތަނަވަސް ޚިޔާލްތަކުގެ ވެރިޔަކަށް ވެފައި އެއްވެސް ފޫހިކަމެއް ނެތި ނަޝާ ގެ އަޑުއަހާ ޚިޔާލް ދޭ އެކުވެރިޔެކެވެ.
ނަޝާޔާ ސިއްސައިގެން ދިޔައީ ޒާހިރު ކޮމްޕިޔުޓަރު ބަހައްޓާފައި ހުރި މޭޒުގައި ޖެހުމުންނެވެ.
"ސާބަސް އަންހެނާ! މިހާޜު ނުވެ އޮތް ކަމަކީ ތީ ދޯ! ހިލޭ ފިރިހެނުންނާއި ވާހަކަދައްކަމުން.... ނަން ވާނީ އަހަރެން ... އަމިއްލަ މީހާވެސް ތި އިންނަނީ ވަގު ބިޓުން ނާއި ޗެޓް ކުރަން.... ހީ ނުކުރާތި މަ ކަލޭ ވަރި ކޮށްފާނެޔޭ.... ދުވަހަކު ވެސް ނުކުރާނަން.... އުމުރު ދުވަހު މަގޭ ކޮށީގަ އިންނަން ޖެހޭނީ..." ޒާހިރު ފައްޗަކަށް އަމުނާލިއެވެ. ނަޝާޔާ ދައްކަން އުޅޭ ވާހަކަމާކުރިން އެނގިފައި ވާ ފަދައިން ޖަވާބު ވެސް ދީފިއެވެ.
"އެއީ އެކުވެރިޔެއް... މަށަކީ ތިހާ ދަށުދަރަޖައިގެ މީހެއް ނޫން.... ޕްރޮސްޓިޓިއުޓުން ގެ ގާތަށް ވެސް ދަނީ ޒާހިރެއް ނު...ލަދެއް ނުގަނޭތަ؟ މާ މާތް މީހަކަށް ވެގެން... އަހަރެން ބޭނުމެއް ނޫން ޒާހިރާއި އެކު އުޅޭކަށް ...އަހަރެން މިނިވަން ކޮށްދީ.."ނަޝާޔާ ފުންމައިގެން ތެދުވިއެވެ. ޒާހިރު ހޫރާލި އަތުން ޖެހި ނަޝާޔާ ވިއްސައިގެން ގޮސް ފާރުގައި ޖެހުނެވެ. އެކަންތައް ވީ ޒާހިރުގެ ކިބައިން މިނިވަންވުމަށް ލިބުނު އިތުރު ހިއްވަރަކަށެވެ.
********************
ނަޝާޔާ އޮތީ ވިއްސާ ކޮޓަރީގައެވެ. ދުވަސް ނުފުރެނީސް ދަރިފުޅު ނެގުމަށް ޑޮކްޓަރުން ލަފާ ދިނުމުންނެވެ. ދެހަފްތާ ކުރީގައި ހިނގި އަރައިރުމަށް ފަހު ޒާހިރު ގެޔަށް ނުވަންނަތާ ދަރިފުޅު ގެ ހާލެއް ވެސް ނުބަލައެވެ. އޮޕަރޭޝަން ކުރަން ފޯމް ގައި ސޮއި ކުރުވަން ވެސް ގުޅާ ގުޅާ ފޯނު ނުނެގުމުން އެ ގެޔަށް މީހަކު ފޮނުވާ ޚަބަރު ދީގެން އަންނަން އެއްބަސްވީއެވެ.
ނަޝާޔަ އެޑްމިޓް ކޮށްފައި އޮތް އެނދާ ދިހަވަރަކަށް ފޫޓް ދުރުގައި ހުރި ގޮނޑިއެއްގައި ޒާހިރު އިށީނދެ އިނެވެ. ފަހަތް ބަލައިވެސް ނުލައެވެ. ނަރުހުން ފޯމް ތައްޔާރު ކުރުމުން ސޮއި ކޮށްލާފައި ފިލާ ރައްކާވާން އުޅޭ މީހެއްފަދައިން ދެފައިކުރިޔަށް ބާރުލާފައި ނިކުމެގެން ދިޔައީއެވެ. ނަޝާޔާ އެމަންޒަރު ބަލަން ހިތްދަތި ކަމާއެކު އޮތެވެ. ތިމާގެ ދަރިޔަކު އުފަންވުމުގެ އިންތިޒާރުގައި އެހެން ބަފައިން ފަދައިން ޒާހިރު ހުންނަން ބޭނުން ނުވާފަދައެވެ. ދެވަނަ ފަހަރަށް ވެސް ފިރިހެން ކުއްޖަކަށް ވީތީ ކަމަށް ވެސް ވެދާނެއެވެ.ކޮންމެ ގޮތެއް ވިޔަސް އެއީ ޒާހިރުގެ ލެޔެވެ. އޭނާގެ ހަނދާނެކެވެ. ގަހަށް ނެތް ލޯބި ފަތަކަށް ނުހުންނާނެޔޭ މީހުން ބުނަނީ ހަމަ ތެދެކެވެ. އޭނަ ދަރިން ދެކެ ވެސް ލޯތްބެއް ނުވެއެވެ. ކަރުނަފޮހެލާފައި ހިނިތުންވެލީ ދެރަވާން ބޭނުން ނުވާތީއެވެ.
*************************
ޕާކްވިއު ގެ ސިޓިން ރޫމް ފެންނަނީ އެހެން ދުވަހަށް ވުރެ ހަލަބޮލި ކޮށެވެ. ނަޝާޔާ ކޯސް ނިންމުމަށް ފަހު ނަތީޖާ ހޯދުމަށް މާލެ ފުރަނީއެވެ. މަންމަ ގެ ގޮތް ދޫނުކުމާއެކު ދެ ކުދިންނާއި މަންމައާއި ކޮއްކޮމެން ވެސް ގޮވައިގެންނެވެ. އެކި މީހުންނަށް ބަހައިގެން ޚަރަދުތައް ހަމަޖެއްސައިގެންނެވެ. އަޒާން ވިހެއިތާ ތިންވަނައަށް ވީ ދުވަހު ދައްކާލިގޮތަކަށް ޒާހިރެއް ނާދެއެވެ. އެ ދެކުދިންގެ ހުރިހާވެސް ނަސީބަކީ މަންމަފަރާތު ކާފައެވެ. ބައްޕަ ފަދައިން ބައްޕަގެ އާއިލާ ގެ އަޅާލުމެއް، އެހީތެރިކަމެއް އެ ދެކުދިންނަކަށް ނޯވެއެވެ. އެންމެ ކުޑަމިނުން ލޮލުން ދެކިލާކަށް ވެސް ނާދެވެއެވެ.އެހާވަސް ހިތް ހަރު ބައެކެވެ.
ނަޝާޔާ އަށް ގެއިން ނިކުމެވުނު ކަމެއް ނެގެއެވެ. ފޯނަށް އައި އެސް އެމް އެސް ފެނުމާއެކު މީހާގެ މޫނުގެ ކުލަ ފަނޑުވެގެންދިޔައެވެ. އިހު ހުރި އުފާވެރިކަން ކެނޑިގެން ދިޔައެވެ.
(ނުނިމޭ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ