ލިޔުންތެރިޔާ
ދާމިޔާ
އަޅުގަނޑު ވާހަކަ ލިޔުމަށް ވަރަށް ޝައުގުވެރިވޭ.. އުންމީދު ކުރަނީ އަޅުގަނޑުގެ ވާހަކަތައް ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް..
38 : ލިޔުނު ވާހަކަ
155 : ލައިކްސް
57 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

އެލީޝާ (18) ވަނަ ބައި

18 ވަނަ ބައި (ނިމުނީ)
29 ޖުލައި 2016
1
ލޯބީގެ
"އަހަންނަށް އެލީގެ ލޯބި ނުލިބުނަސް އަހަރެން ބޭނުންވަނީ އެލީ އަބަދުވެސް އުފަލުގައި ހުންނަން... އެލީގެ އުފާތައް ގުޅިފައިވަނީ މިއުވާން އާ….” ކަރަމްއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ދެލޮލުން ހޯސްލަފައި ކަރުނަ ފައިބާގަތެވެ. ކަރަމް އަވަސްއަވަހަށް ކަރުނަ ފުހެލުމަށްފަހު ރޮވިފައި ހުރި އެލީޝާއަށް ބަލާލިއެވެ. އެއަށްފަހު ފަސްއެނބުރި ހިނގައިގަތެވެ.
"އަހަރެންގެ އުފާތައް ގުޅިފައިވަނީ ކަރަމްއާ..... ކަރަމްއާއި ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއް ނުވާނެ.... އަހަރެންވެސް ކަރަމްދެކެ ވަރަށް ލޯބިވޭ..." ކަރަމްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެލީޝާގެ ޖުމްލަތަކުންނެވެ. އޭނާ ފަސްއެނބުރި އެލީޝާއަށް ބަލާލިއެވެ.ކަރަމް ބަލާލުމުން އެލީޝާ ބޯޖަހާލީ އޭނާ އެދެއްކި ވާހަކަތަކަކީ ތެދު ވާހަކަތަކެއްކަން އިތުރަށް ހާމަކޮށްދިނުމަށެވެ. ކަރަމް ހިނިތުންވެލިއެވެ. އެލީޝާ މަޑު ހިނގުމެއްގައި ގޮސް ކަރަމް އާއި އަރާ ހަމަކޮށްލުމުން ކަރަމް އެލީޝާގެ ކަރުނަތައް ފުހެލައިދިނެވެ. އެއަށްފަހު އެލީޝާ ގެނެސް އޭނާގެ އަތުތެރެއަށްލާ ބައްދާލީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ފަދައަކުންނެވެ. އެވަގުތު ދެމީހުނަށްވެސް ބުނެދެން ނޭނގޭ ގޮތްތަކެއްވިއެވެ. އެ އިޙްސާސްތަކަކީ އުފާވެރި އަދި އެހާމެ ފޮނި އިޙްސާސްތަކެކެވެ. ދެލޯބިވެރިންގެ ހިތްއެދި ގޮވަމުން ދިޔައީ މުޅިއުމުރު އެގޮތުގައި ހޭދަކޮށްލުމަށެވެ.
ކައިރީގައި ހުރި މިއުވާން އެތަނުން ދިއުމަށްޓަކައި ހިނގައިގަތީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ބަލަން އޭނާގެ ހިތަށް ކެތްނުވީމައެވެ. ކިތަންމެ ލޯބިވި ކަމުގައިވިޔަސް ދެން އެލީޝާގެ ލޯބި އޭނާއަށް ނުލިބޭނެކަން މިއުވާނަށް ޔަޤީންވިއެވެ.
"ތި ކުޅެމުންދާ ޑްރާމާއަށް ހަމަ އެވޯޑެއް ދޭވަރުވޭ..... ވަރަށް ފުރިހަމަ...." އެލީޝާއާއި ކަރަމް އެކަކު އަނެކަކާ ދުރަށްޖެހިލީ ނިހާގެ އަޑަށެވެ. އޭރު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި ނިހާ އައިސް އެމީހުންނާއި އަރާ ހަމަކުރަނީއެވެ.
"ނިހާ ކީކޭ ކިޔަން ތިއުޅެނީ...؟؟" ނުރުހުންވެފައި ހުރެ ކަރަމް އަހާލިއެވެ. އެލީޝާ އެއްފަހަރު ކަރަމްއަށް އަދި އަނެއްފަހަރު ނިހާއަށް ބަލާލިއެވެ.
"ކަރަމްއަށް ކޮން ޙައްޤެއް އޮވެގެން އެހެން މީހުންގެ އިޙްސާސްތަކާ ތި ކުޅެނީ...؟؟؟؟ އެދުވަހު އެލީޝާ ދައްކާފަ އެއީ ކޮއްކޮ ދޯ އޭ ބުނީމަ އެއީ ތިމާގެ އަނބިމީހާއޭ ނުބުނީ ކީއްވެ....؟؟؟؟" ނިހާ މިސުވާލު ކުރުމުން އެލީޝާއަށް ކަރަމްއާއި ދިމާއަށް ބަލާލެވުނީ އޭނާވެސް އެސުވާލުގެ ޖަވާބު ބޭނުންވެފައި ހުރުމުންނެވެ. ނަމަވެސް ކަރަމް އެއްވެސް އެއްޗެއް ނުބުނެ އެހުރިގޮތަށް ހުރީއެވެ.
"އަހަންނަށް މިހާރު ވިސްނިއްޖެ ކީއްވެގެންކަން..... އޭރު އެލީޝާ ކަރަމްގެ ޙަޔާތުން ދުރަށްގޮސް މިއުވާނާ ގުޅިދާނެހެން ހީވުމުން، އަވަހަށް އަހަރެން ކަރަމްގެ ޙަޔާތަށް ގެންދަން ބޭނުންވީ... އެކަމަކު މިހާރު އޭނަ ނުދާނެކަން އެނގުނީމަ އަހަންނާ ތިވާހަކަ ދައްކަނީ ނުރުހުންވެ ހުރެ..... ތީހަމަ ފައްކާ ދެފުށްކެހެރިއެއް...." ކަރަމްއާއި ދިމާއަށް ޝަހާދަ އިނގިލި ދިއްކޮށްލަމުން ނިހާ ބުނެލީ ރުޅިގަދަވެފައި ހުރެއެވެ.
"ހުއްޓާލާ ނިހާ.... އަހަންނާ އިންނާނެ މީހަކު ނުވިޔަސް، ތި ނިހާ އަހަރެންގެ ޙަޔާތަކަށް ނުގެންނާނަން... މިހެން ބުނިއިރު ކަރަމް ހުރީ ރުޅިގަދަވެފައެވެ.
"ދެން އެހެންވީއިރު އަހަންނާ ވާހަކަ ދެއްކީ ކީއްކުރަން....؟؟؟ ނުބުނަންތަ އަހަންނަށް މާފުކޮށްފީމެކޭ...؟؟؟ ކަރަމް ބޭނުންވަނީ އަހަރެން ދެރަކުރަންތަ...؟؟؟" ނިހާއަށް ރޮވޭގޮތް ވިއެވެ.
"ރަނގަޅު... އަހަރެން ނިހާއަށް މާފުކުރިން... އެލީއަކީ އަހަރެންގެ އަނބިމީހާކަން ނާންގާ ނިހާއާއި ރީތިކޮށް ވާހަކަދެއްކީ ތިބުނިހެން ނިހާ ދެރަކޮށްލަން.... މިހާރު އަހަންނަށް ހީވަނީ އަހަރެންގެ މަޤްސަދު ކާމިޔާބުވެސް ވެއްޖެހެން....." މަލާމާތުގެ ރާގުގައި ކަރަމް ބުނެލިއެވެ. ވާނުވާ ނޭނގޭ ޙާލު އެއްފަހަރު ކަރަމްގެ މޫނަށް އަދި އަނެއްފަހަރު ނިހާގެ މޫނަށް ބަލާލަ ބަލާލާ އެލީޝާ ހުއްޓެވެ.
"ކަރަމް ކީއްވެ އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައް ތިކުރަނީ...؟؟؟" ނިހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކަރަމް އަނގައަށް ގޮތެއް ހަދާލިއެވެ.
"ބުނެދޭންވީތަ...؟؟ އަޑުއަހާ.... މީގެ ހަތަރު އަހަރު ކުރިން މެލޭޝިޔާގައި ކިޔަވަން ހުރިއިރު އަހަރެންދެކެ ލޯބިވެއޭ ކިޔާ އަހަރެންގެ ފަހަތުން ނައްޓާނުލީމަ އެކުވެރިންގެ އެދުމަށް އަހަރެން ނިހާއާއި ރައްޓެހިވީ.. އެކަމަކު އޭގެ ދުވަސްކޮޅެއްފަހުން އަހަންނާ ރައްޓެހިވެގެންހުރެ ނިހާ އެހެން ފިރިހެނުންނާއި އެކީ އުޅެންފެށީ.... ބައެއްގެ ފަރާތުން އަހަންނަށް އެކަން އެނގިގެން ނިހާގާތުގައި އެހީމާވެސް ހެދީ ދޮގު.... ހަނދާންވޭތަ....؟؟؟؟ ދެން ނިހާގެ ވިޔާނުދާކަން ފެނުނީ އަހަންނަށް.... އެދުވަހު އަހަރެން އަޒުމް ކަނޑައެޅިން ދެން ނިހާއާއި ބައްދަލްވާފަހަރަކުން ނިހާގެ ކިބައިން ބަދަލު ހިފުމަށް.... އަހަރެން ބޭނުންވީ ނިހާއަށް އަންގައިދޭން އަހަރެމެން ފިރިހެނުންނަކީ ނިހާމެންކަހަލަ އަންހެނުން ބޭނުންގޮތެއް ހެދޭނެ ބައެއް ނޫންކަން.... އެދުވަހުގެ ފަހުން ނިހާގެ އުނދަގުލާހެދި އަހަންނަށް ޖެހުނީ ފޯން ނަންބަރުވެސް ބަދަލުކުރަން... އަހަރެންގެ އެކުވެރިންގެ ގާތުގައިވެސް ބުނިން އަހަރެން އުޅޭ ތަނެއް ނިހާއަށް ނޭންގުމަށް.... މިއަދު މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން ނިހާއާއި ދިމާވިއިރު އަހަންނަށް މިހުރީ ކަލެއަށްވުރެ ހާސްބައި ރަނގަޅު ކުއްޖެއް ލިބިފައި...އަހަރެންގެ މަޤްސަދުވެސް ކާމިޔާބުވެއްޖެ.... ދެންވެސް ރަނގަޅު މީހަކު ހޯދައިގެން ވަފާތެރިކަންމަތީ އުޅެވޭތޯ ބަލާ.... މިހެން ބުނެފައި އެލީޝާގެ އަތުގައި ހިފައިގެން ކަރަމް ހިނގައިގަތީ ގެއާއި ދިމާއަށެވެ. އެމީހުން ދިޔަ ދިމާއަށް ބަލަހައްޓައިގެން ރޮވިފައި ނިހާ ހުއްޓެވެ.

މިއުވާން އެއައި ބާރުމިނުގައި އައިސް ކޮޓަރިއަށް ވަންއިރު ސިޓިންގރޫމުގައި އިން ރަޝާވެސް އޭނާއަށް ނުފެންނަ ކަހަލައެވެ. މިއުވާންގެ މޫނުމަތީގެ ކުލަވަރުން ކޮންމެވެސް ކަމެއް ވެއްޖެކަން ރަޝާ ދެނެގަތެވެ. އޭނާގޮސް މިއުވާންގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު މިއުވާން ހުރީ ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން ފޮޓޯއަކަށް ބަލަހަށްޓައިގެންނެވެ. މަޑު ގިސްލުމެއްގެ އަޑު ކޮޓަރީގެތެރޭގައި ހަރުލާފައި ހުއްޓެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުންގޮސް ރަޝާ މަޑުކޮއްލީ މިއުވާންގެ ފުރަގަހުގައެވެ. އެއަށްފަހު މިއުވާންގެ އަތުގައި އޮތް ފޮޓޯގަނޑަށް ރަޝާ ބަލާލިއެވެ. ފޮޓޯގައި މިއުވާނާއި އެކު ހުރި އެލީޝާ ފެނުމުން ރަޝާގެ ފައިން ވާގި ދޫވިހެން ހީވިއެވެ. އެފޮޓޯގަނޑު ގެންގުޅުމާއި އެ ވޭނީ ގިސްލުމުގެ އަސްލަކީ އަދިވެސް މިއުވާން އެލީޝާ ދެކެ ލޯބިވާކަމުގެ ހެއްކެއްކަން ރަޝާއަށް ޔަގީންވީ ހިނދު އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ.
ރަޝާ މިއުވާންގެ ކޮނޑުގައި އަތް ބާއްވާލުމުން މިއުވާން ސިހިފައި ފަހަތް ބަލާލިއެވެ. ރަޝާ ފެނުމުން އަތުގައި އޮތް ފޮޓޯގަނޑު ފުރަގަހަށްލާ ފޮރުވަމުން ކަރުނަތައް އަވަސް އަވަހަށް ފޮހެލިއެވެ.
"މިއުވާން ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތް ކުރި ކަމުގައިވިޔަސް އަހަންނަށް އިނގޭ އަދިވެސް މިއުވާން އެލީދެކެ ލޯބިވާކަން..." މިއުވާންގެ ދެލޮލަށް ބަލަންހުރެ ރަޝާ ބުނެލިއެވެ. މިއުވާން އިސްޖަހާލިއެވެ.
"ތިހާ ލޯބިވާއިރު އެލީ ގާތުގައި ބުނަންވީނު އަލުން މިއުވާންގެ ހަޔާތަށް އަންނާށޭ... މިއުވާނަށް ބުނަން ނުކެރެންޏާ އަހަރެން ބުނެދީފާނަން... މިއުވާން ތިގޮތަށް ރޯތަން ދެކޭކަށް އަހަންނަކަށް ކެތެއް ނުކުރެވޭނެ..." ރަޝާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. ނުރޯން ވެގެން ތިރީތުންފަތުގައި ދަތް އަޅާލަމުން ރަޝާ އިސްޖަހާލިއެވެ.
"އެލީ އަހަރެންގެ ހަޔާތަށް އެނބުރި އައިސްފިއްޔާ ރަޝާއަށް އަހަންނާ ދުރުގައި ހުންނަން ކެތްވާނެތަ.؟؟؟؟؟" ރަޝާއަށް ބަލާލަމުން މިއުވާން އަހާލިއެވެ.
"އެކަމުން މިއުވާންގެ ހިތަށް ޝިފާ ލިބޭކަމުގަ ވަންޏާ އަހަރެން މިއުވާނާ ދުރުގަ ހުރެވޭތޯ ވަރަށް ބަލާނަން.. އަހަރެން ކެތްކުރާނަން.." އެހުރިގޮތަށް ހުރެ ރަޝާ ބުނެލިއެވެ.
"އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ....؟؟؟؟؟" ރަޝާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން މިއުވާން މިހެން އަހާލުމުން ރަޝާ ބޯޖަހާލީ "އާނ" އެކޭ ބުނުމުގެ ގޮތުންނެވެ. އޭރުވެސް ރަޝާގެ ދެލޮލުން ކަރުނަ އަންނަމުންދިޔައެވެ. ރަޝާ މިއުވާންގެ މޭގައި ބޯއަޅާލިއެވެ.
"ރަޝާ އަހަންނާ ދުރަށްދާން އެއްވެސް މަސައްކަތެއް ކުރާނެކަމެއްނެތް... އަބަދުވެސް ތިގޮތަށް އަހަރެންގެ ގާތުގައި ހުރެދީ ...އަހަންނަށް ހިތްވަރުދީ.. އެލީ މަތިން ހަނދާން ނައްތާލަން އަހަންނަށް އެހީވެދީ... އަހަރެންވެސް ރަޝާއަށް ލޯބިދެވޭތޯ ވަރަށް މަސައްކަތް ކުރާނަން..." ރަޝާގެ އިސްތަށިގަނޑުގައި ފިރުމާލަމުން މިއުވާން ބުނެލިއެވެ. ރަޝާ ބޯޖަހާލިއެވެ.
ދޮރުގައި ޓަކިޖަހާލުމަށްފަހު ކަރަމް ދޮރުހުޅުވާލުމުން ދެމީހުން ދުރަށް ޖެހިލިއެވެ. ކަރަމް ފެނުމުން ރަޝާ ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ. ކަރަމް އެތެރެއަށް ވަނުމުން މިއުވާން ކަރަމަށް ފަސްދިނެވެ.
"މިއުވާން...." ކަރަމް މިއުވާނަށް ގޮވާލުމުން މިއުވާން އަތުގެ އިޝާރާތުން ހުއްޓާލުމަށް އެންގިއެވެ. އަދި ކަރަމާ ކުރިމަތިލިއެވެ.
"ދެން ދައްކަންޖެހޭނެ އެއްވެސް ވާހަކައެއް އޮތްހެނެއް އަހަންނަކަށް ހިޔެއްނުވޭ.... އެލީދެކެ ކިތަންމެ ލޯބިވިޔަސް ތި ދެލޯބިވެރިންގެ ދެމެދަށް ވަންނާކަށް އަހަރެން ބޭނުމެއްނޫން.. އެލީގެ އުފަލަށްޓަކައި އަހަރެންގެ ލޯބި ޤުރުބާން ކުރަންވެސް އަހަރެން މިހުރީ ތައްޔާރަށް... އެކަމަކު ކަރަމް ހަނދާން ކުރާތި..!!! އެލީއަށް ދެރައެއް ދީފިއްޔާ އަހަރެން ކަރަމްގެ ދިރިއުޅުން ހަލާކުކޮށްލާނަން.." މިއުވާން ވާހަކަ ދެއްކީ ސީދާ ކަރަމްގެ ދެލޮލަށް ބަލަންހުރެއެވެ.
"އަހަންނަށް އަންދާޒާ ކުރެވޭ މިއުވާންގެ ހިތުގެ ހާލަތު.. އަހަރެންވެސް އަހަރެންގެ ފުރާނަޔައްވުރެ ބޮޑަށް އެލީދެކެ ލޯބިވޭ.... މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން ދުވަހަކުވެސް އެލީ އަކަށް ދެރައެއް ނުދޭނަން...." މިއުވާންގެ ކޮނޑުގައި ޖަހާލަމުން މިހެން ބުނެފައި ކަރަމް އެތަނުން ދިޔައެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އެހެންމީހުން އަދި ނުނިމޭތީ އައިމަން ނިކުތީ ގޭގެ ބިތްދޮށް ފަރާތަށެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ދޮރާ ފުރަގަސްވާގޮތަށް ޖޯލީގައި އޮތް ކިޔާރާއެވެ. އައިމަނަށް މޮޅު ޚިޔާލެއް އައުމުން މަޑުމަޑުން ހިނގާލާފައިގޮސް ފެންފޯއްރުއްދޮށަށް ވެއްޓިފައިއޮތް ފެންފޯކެއް ނެގުމަށްފަހު ކިޔާރާއާއި ދިމާލަށް އެއްލިއެވެ. ސިހިގެންދިޔަ ކިޔާރާ ހަޅޭލަވައިގަންފައި އައިގޮތަށް އައިސް ލައިގަތީ އައިމަންގެ ގައިގައެވެ. ކިޔާރާ އުޅެގަތްގޮތުން މަޖާވެގެން އައިމަން ހޭންފެށިއެވެ.
"ހޫމްމްމް....... މި އައިމަންގަނޑު ކުރިކަމެއްދޯ..؟؟؟ ވަރަށް ފޫހިވޭ..." އައިމަން ކޮށްޕާލަމުން މިހެން ބުނެފައި ކިޔާރާ ގޮސް އަނެއްކާވެސް ޖޯލީގައި އިށީނެވެ. އައިމަންވެސް ގޮސް ކިޔާރާގެ ގާތުގައި އިށީނެވެ.
"ކިޔާ.." އައިމަން ގޮވާލިއެވެ. އުޑުގައި ފިޔަޖަހަމުންދިޔަ ތަރިތަކަށް ބަލަން އިނދެ ކިޔާރާ "ހޫމްމް.." އަޅުވަލިއެވެ.
"އަދިވެސް އަހަންނަކަށް ޖަވާބެއް ނުދެމެއްނު..." ހަނދުވަރުގެ ފަނޑުއަލި އެޅިފައިވާ ކިޔާރާގެ ދޮން މޫނަށް ބަލަން އިނދެ އައިމަން ބުނެލިއެވެ. ކިޔާރާ އައިމަނަށް ބަލާލިއެވެ. ނަމަވެސް އަނގަޔަކުން ނުބުނެއެވެ.
" ކީއްވެ އެއްޗެއް ނުބުނެ ތިއިނީ... އަހަރެން ކަމުނުދަނީތަ..؟؟؟ އައިމަން މިހެން އެހުމުން ކިޔާރާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.
"ތީގެ މާނައަކީ އާނއެކޭތަ..؟؟" މިފަހަރުވެސް ކިޔާރާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.
"ދެން..؟؟؟" އައިމަން އިނީ ވާނުވާ ނޭނގިފައެވެ.
"އަހަންނަށް އައިމަން ކަމުދޭ... އެކަމަކު... މިފަހަރު އަހަރެން ބޭނުމީ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކު ހޮވަން މައިންބަފައިންގެ އަތްމައްޗަށް ދޫކޮށްލަން... ކުރިން އެޅިކަހަލަ ޅައެއްޗެއް އަޅާކަށް އަހަރެން ބޭނުމެއްނޫން..." އައިމަނަށް ބަލަހައްޓައިގެން އިނދެ ކިޔާރާ ބުނެލިއެވެ.
"އެހެންވީއިރު މަންމަމެންގެ ހޮވުން ތިއިނީ ކިޔާގެ ގާތުގަ......." ފަހަތުން ކަރަމްގެ އަޑު އިވުމުން ކިޔާރާމެން ފަހަތް ބަލާލިއެވެ. އޭރެ ކަރަމާއި ކިޔާން އައިސް އެމީހުންނާއި އަރާ ހަމަކުރަނީއެވެ. ކިޔާރާމެނަށް ކަރަމް ބުނި އެއްޗެއް ދޭހަނުވުމުން ސުވާލުގެ ނަޒަރަކުން ކަރަމާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
" މަންމަމެންނަށް އައިމަން ވަރަށް ކަމުދޭ...އަހަރެމެންނަށްވެސް ވަރަށް ކަމުދޭ... އައިމަނާ ކިޔާ ގަބޫލިއްޔާ މަންމަމެން ތިބީ ތި ކައިވެނި ކޮށްދޭން ތައްޔާރަށް..." ކިޔާން އިތުރަށް އޮޅުން ފިލުވައިދިނެވެ.
"ކިޔާ ދެން ޖަވާބެއްދީބަލަ...އަހަންނާ މެރީކުރާނަންތަ....؟؟؟؟" އައިމަން ކިޔާރާއާއި ދިމާއަށް އަތް ދިއްކޮށްލަމުން އަނެއްކާވެސް އަހާލިއެވެ. ކިޔާރާ ބަލާލީ ކަރަމާއި ދިމާއަށެވެ. ކަރަމް ލޮލުގެ އިޝާރާތުން އާނއެކޭ ބުނާށޭ ބުނެލިއެވެ. ކިޔާރާ އައިމަންގެ އަތުގައި ހިފާލަމުން އާނއެކޭ ބުނެލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އައިމަން ފުންމާލުމަށް ފަހު ކިޔާރާގެ ގައިގައި ބައްދާލިއެވެ.
" އެހެހޭ... އޭ ބުރޯ އަދި ފުންމާކަށް ނުވެޔޭ... ތި ކައިވެނި ކުރެވެން އޮތީ ޝަރުތަކާ ލައިގެން....." އައިމަންގެ އަތުގައިހިފާ ޖޯލީގައިބައިންދަމުން ކިޔާން ބުނެލިއެވެ.
"ކިޔާއާއި މެރީކޮށްގެން އުޅެންޖެހޭނީ އަހަރެމެންގޭގަ....." ކިޔާން ޝަރުތު އިއްވާލިއެވެ.
"އަހަރެން ލޮލުން ބޮލުން ޤަބޫލު...." ކިޔާން މިހެން ބުނުމުން އައިމަން އަވަސް އަވަހަށް ބުނެލިއެވެ.

ކަރަމް ފާހާނާއިން ނުކުތްއިރު އެލީޝާ އިނީ ޑްރެސިންގ ޓޭބަލް ކުރިމަތީ ހުރި ގޮނޑީގައި އިށީނދެގެން ފުނާއަޅާށެވެ. ކަރަމް ގޮސް އެލީޝާގެ ފުރަގަހުގައި މަޑުކޮށްލިއެވެ. އެއަށްފަހު އެލީޝާގެ އަތުން ފުނާ އަތުލުމަށްފަހު އޭނާގެ ދެކޮނޑުގައި ހިފާ ކޮޅަށް ނަގައި އޭނާޔާ ވީ ދިމާއަށް އަނބުރާލިއެވެ. އަދި ލޯބިން ފުރިގެންވީ ބެލުމަކުން އެލީޝާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކަރަމް އެވަރަށް ބަލަން ފެށުމުން އެލީޝާ ލަދުން އިސްޖަހާލިއެވެ.
"އަހަރެން މިދުވަހަށް އިންތިޒާރުކުރާތާ ހާދަ ދުވަހެއް ވެއްޖެއޭ... ފައިނަލީ އަހަންނަށް އެލީ ލިބިއްޖެ... އެލީގެ ލޯބި ކާމިޔާބު ކުރެވިއްޖެ..." އެލީޝާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން އޭނާގެ ފަންމިންޏެއްފަދަ ރީތި ދޮންމޫނަށް ބަލަންހުރެ ކަރަމް ބުނެލިއެވެ.
"ކަރަމް..." ކަރަމް ލާނެއް ގޮތަކަށް ބަލަންފެށުމުން ލަދުގަތްވަރުން ކަރަމްގެ މޭގައި އަތް އަޅާ ކޮށްޕާލަމުން އެލީޝާ އުޅުނީ ދުރަށް ދާށެވެ. ނަމަވެސް ކަރަމް ހުށިޔާރުކަމާއިއެކު އެލީޝާގެ އަތުގައި ހިފާ އޭނާގެ ގަޔާއި ވީދިމާއަށް ދަމާލިއެވެ.
"އަހަންނާ ވަރަށް ދުރުގައި އުޅެވިއްޖެއްނު.... ދެން ދުރަށް ދާން މަސައްކަތް ނުކުރޭ...." ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭވަރަށް އެލީޝާ ގާތްކޮށްލަމުން ކަރަމް ބުނެލިއެވެ. އެއަށްފަހު އެލީޝާއާއި ދިމާއަށް ގުދުވެލަމުން އެލީޝާގެ މަޑުމަޑު ތުންފަތުގެ މީރު ލައްޒަތު ލިބިގަތެވެ. ކަރަމް ހިންދެމިލަމުން އެލީޝާއަށް ބަލާލިއިރު އޭނާގެ މޫނަށްވަނީ ރަތްކުލަވެރިވެފައެވެ.
"އައްދޭ.... ހާދަ ވަރަކަށް ބްލަޝްވެފައި.... ތިހާވަރަށް ލަދުގަންނަންޏާ ދެން ކުރިއަށް އޮތްތާ ވާނެގޮތްވެސް ނޭނގެއެއްނު..." ލާނެއް ގޮތަކަށް ކަރަމް ބުނެލިއެވެ.
"ދެން ކަރަމް... ތިހާވަރަށް ލަދުގަންނަވަންޏާ އަހަރެން ރުޅި...." އަނެއްފަރާތަށް އެނބުރެމުން އެލީޝާ ބުނެލިއެވެ.
"ސޮރީ ދޫނީ... އެއީ މަޖާ...." އެލީޝާގެ ކުރިމައްޗަށް އަރަމުން ކަރަމް ބުނެލިއެވެ.
"ކަރަމް.... އަހަންނަށް ކަރަމާއި ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް... އަހަރެން ވަރަށް ދެރަވޭ އޭރު އަހަންނަށް ކަންތައް ކުރެވުނު ގޮތުން...އަހަންނަށް މާފުކުރޭ...." ކަރަމްގެ އަތުގައި ހިފާލަމުން އެލީޝާ ދެރަވެލާފައި ބުނެލިއެވެ.
"އިޓްސް އޯކޭ.... އެކަހަލަ ހާލަތެއްގައި އަހަރެން ނަމަވެސް ކަންތައް ކުރާނީ އެގޮތަށް ކަންނޭނގެ.... މާތް ﷲ އަށް ޝުކުރުވެރިވަން އަހަންނަށް އެލީ ލިބުނީތީ... މިއަދު އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަން އަތުވެއްޖެ..އަހަންނަށް އަހަރެންގެ ޕްރިންސަސް ލިބިއްޖެ..." އެލީޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ކަރަމް ބުނެލިއެވެ.
"އަހަރެންވެސް މާތް ﷲ އަށް ޝުކުރުވެރިވަން އަހަރެންދެކެ ތިހާލޯބިވާ ފިރިޔަކު ލިބުނީތީ..." މިހެން ބުނެފައި އެލީޝާ ކަރަމްގެ މޭގައި ބޯއަޅާލިއެވެ. ދެ ލޯބިވެރިން ހިތުގެ އަޑިން އެންމެފަހު ވިންދާ ޖެހެންދެންވެސް އެކުގާވުމަށް އަޒުމު ކަނޑައެޅިއެވެ.
(ނިމުނީ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ