ލިޔުންތެރިޔާ
އާސިކުޑީ
އާސިގެ ވާހަކަ ތަކަށް އެންމެހާ ބޭފުޅުން ތި ދެއްވަމުން ގެންދަވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
101 : ލިޔުނު ވާހަކަ
6033 : ލައިކްސް
740 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

ޤުރުބާން ވުމީ މިހިތުގެ އުފާ (31) ވަނަ ބައި

31 ވަނަ ބައި (ނުނިމޭ)
26 ޖުލައި 2016
1
ލޯބީގެ
މިހާރު ޒައިދާންއަކީ މުޅި ރަށުގައި ވެސް ހުރި އެންމެ ޒުވާން އެންމެ ތަނަވަސް މީހާއަށް ވެއްޖެ އެވެ. އެކަމާ އެންމެ ބޮޑަށް ހަސަދަ ވެރިވެފައި ހުންނަނީ ހިދާޔާ އެވެ. އެއީ ޒައިދާން ކުރިއަރައިގެނެއް ނޫނެވެ. ޒައިދާން ކުރި އެރުމުން ހުރިހާ ފައިދާއެއް ޖަންނަތުއަށް ކުރާނެތީ އެވެ. ޖަންނަތު އުފަލުގައި އުޅޭތަން ދެކެން ހިދާޔާގެ ހިތަށް ކުޅަދާނައެއް ނުވެ އެވެ.

އުޑުމަތި ބަނަކޮށްލާފައި އޮތް ދުވަހެކެވެ. އެދުވަހު ޒައިދާން މާލެ ދިޔައީ ވިޔަފާރީގެ ބައެއް ކަންތައްތައް ނިންމާށެވެ. ޒައީމާ މެންގޭގައި އުޅެފައި ޖަންނަތު ގެއަށް އައީ ޔަޒަން އެރޭ ޒައީމާ މެންގޭގައި ނިދާ ވާހަކަ ބުނުމުންނެވެ. ޖަންނަތު އައިސް ގެއަށް ވަން އިރު ހިސާބަކަށް ހިމަފޮދު ވާރޭ ވެހެމުން ދިޔަ އެވެ. ޖަންނަތު ގެއަށް ވަދެ ދޮރު ވެސް ތަޅުލީ ދެން ގެއިން ނުނިކުންނަން ހިތުލައިގެނެވެ. އެރޭ އަށެއް ޖެހިތަނާ މޫސަ ގުޅީ ޒީނަތު މާބޮޑަށް ހޮޑުލާތީ ސިއްހީ މަރުކަޒަށް ގެންދިޔަ ވާހަކަ ބުނާށެވެ. އެހެން ކަމުން ޖަންނަތު ތައްޔާރު ވެލައިގެން ސިއްހީ މަރުކަޒަށް ދިއުމަށް ނުކުތެވެ. އޭރު މޫސުން ދިޔައީ ގޯސް ވަމުންނެވެ. ވައި ގަދަވެފައި ވާއިރު ހިމަފޮދު ވާރޭ ވެހެމުން ދިޔަ އެވެ.
ކުޑަ ނަގައިގެން ދިޔަ ކަމަކު، ޖަންނަތުއަށް ސިއްހީ މަރުކަޒަށް ވަދެވުން އިރު ހިސާބަކަށް ހުރީ ތެމިފަ އެވެ. އެހެން ކަމުން ކުޑަ ލައްޕާލަމުން ބޮލުގައި އަތް ކާތާލި އެވެ. އެތަން ބަލަން ދުރުގައި އަބްޔާން ހުއްޓިގެން ހުރިކަމެއް ޖަންނަތުއަކަށް ނޭނގެ އެވެ. ޖަންނަތު ހަމަ ޖެހިލަމުން ކުޑަ އެތާ ހުރި ކުޑަ ލޮކަރުގައި އަޅުވާލައިފައި ހަމަޖެހިލަމުން ކުރިއަށް ހިގައި ގަތެވެ. އެވަގުތު އޭނައާއި ދިމާއަށް ބަލަން ހުރި އަބްޔާން ފެނުމުން އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ނަމަވެސް މާ ގިނަ އިރުނުކޮށް ހިނގާފައި ކުރިއަށް ގޮސް އަބްޔާން ފަހަނައަޅައި ދިޔަގޮތަށް ދިޔައީ އެވެ. އަބްޔާން ވެސް ޖަންނަތު ފަހަތުން ގޮސް ޒީނަތުއަށް ފަރުވާ ދެމުން ދިޔަ އެނދުކައިރއަށް ގޮސް ހުއްޓުނެވެ. އޭރު އެތާ މުޒައްފަރުއާއި މޫސައާއި އަދި މޫސަގެ މަންމަ ވެސް ހުއްޓެވެ. ޒީނަތުއަށް އައިވީ ގުޅާފައި އޮތީ ވަރުދެރަވެފައި ވާތީ އެވެ. ޑޮކްޓަރ ލަފާ ދެމުން ދިޔައީ އަނެއް ދުވަހު މާލެގޮސް އިތުރު ޓެސްޓް ތަކާ އެއްޗިހި ހެދުމަށެވެ. އަދި އައިވީ ހުސް ވަންދެން އެތާ އޮންނަން ޖެހޭނެ ކަމަށް ޑޮކްޓަރ ބުންޏެވެ.
މޫސަ މޫސަގެ މަންމަ ފޮނުވާލީ ގިނައިރު ވާނެތީ އެވެ. ޖަންނަތު ވެސް އެތާ ހުންނާނެ ކަމުގައި ބުނުމުންނެވެ. މުޒައްފަރުވެސް އެތާ ހުރެލާފައި ވާރޭ ބޯކޮށްލަން އުޅޭހެން ހީވާތީ އަވަހަށް ގެއަށް ދިޔައީ ވާނުވާ އަންގާލައްޗޭ ބުނެފަ އެވެ. ޖަންނަތު އައިސް ޒީނަތު ކައިރީ ހުއްޓިލައިގެން ހުއްޓެވެ.
"ބަލިމީހާ ގާތު ހުރެވޭނީ އެންމެ އެހީ ތެރިއަކަށް އިނގޭތޯ." ނަރުސް ކުއްޖަކު އައިސް އެހެން ބުނުމުން ޖަންނަތު ބޭރަށް ނުކުމެ ކޮރިޑޯގައި ހުރި ގޮނޑި ތަކުން ގޮނޑިއެއްގައި އިށީނެވެ. އޭރު ނިކަން ބޯކޮން ވާރޭ ވެހޭ އަޑު އިވެމުން ދިޔަ އެވެ. އަބްޔާން ހޯލް ތެރޭ ހުރެފައި އެތެރެއަށް ވަނީ ވިދާލުމުންނެވެ. ޖަންނަތު ފެނުމުން އަބްޔާން ޖަންނަތުއާއި ދިމާލަށް ދަނިކޮން ފުރަތަމަ ފަހަރު ގުގުރާލި އެވެ. ޖަންނަތު ސިހިފައި ދެކޮޅަށް ބަލައިލީ ގަތް ބިރުންނެވެ. ޖަންނަތުއަށް ވީގޮތް އަބްޔާންއަށް ފެނުމުން ތަންކޮޅެއް ބާރަށް އައިސް ޖަންނަތު ކައިރީ ހުއްޓުނެވެ.
"ޖަންނާ،" އަބްޔާންއަށް ބޭ އިހުތިޔާރުގައި ގޮވާލެވުނެވެ. ޖަންނަތު ބިރުގަނެފައިވާ ދެލޮލުން އަބްޔާންއަށް ބަލައިލި އެވެ. "އާރ ޔޫ އޯކޭ؟" އަބްޔާން އެހެން ބުނެފައި ޖަންނަތުއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ޖަންނަތު އަބްޔާންއަށް ބަލައިލާފައި ފުންކޮން ނޭވާއެއް ލިޔެވެ. ޖަންނަތު ބޭނުންވީ ބިރު ނުގަންނަ ކަމަށް ހެދޭށެވެ.
"އާން،" ޖަންނަތު ބޯ ޖަހާލަމުން ބުނެލި އެވެ. "އަހަރެން ގެއަށް ދަނީ." ޖަންނަތު ތެދުވި އެވެ. ޖަންނަތު ބޭނުންވީ އަވަހަށް އަބްޔާންއާއި ދުރަށް ދާށެވެ.
"އެއަށް ދަނީޔޭ؟" އަބްޔާން ވެސް ތެދުވަމުން އެހި އެވެ. "މިޔޮށް ބޯކޮން ވާރޭ ވެހެނިކޮން ދެވޭތަ؟" އަބްޔާން ހައިރާން ވެފައި ޖަންނަތުއަށް ބަލަހައްޓައިގެން ހުއްޓެވެ.
"ހުރެވެން ނެތީޔޭ." ނިކަން ހިތްވަރުކޮށްފައި ޖަންނަތު ބުންޏެވެ. އޭރުވެސް ޖަންނަތުގެ ހިތް ނެގިނެގިފައި ޖެހެނީ ގަނެފައި ވާ ބިރުންނެވެ. އެކަން ފޮރުވަން ކުރަމުންދާ މަސައްކަތް ބޭކާރުވާކަން ވެސް ޖަންނަތުއަށް އިނގެ އެވެ.
"ގޭގަ ޔަޒަން އެކަނިތަ؟" ޒައިދާން މާލެ ދިޔަކަން އަބްޔާންއަށް އިނގިފައި އޮތުމުން އަހާލި އެވެ.
"ޔަޒަންވީ ޒައީމާއްތަ ގޭގަ." ޖަންނަތު ހިންދިރުވާލަމުން ބުންޏެވެ.
"ތިހެން ވިއްޔާ އެހަށް މަޑުކޮށްލަން ވީނު... ވާރޭ ތުނިކޮށްލީމަވެސް ދެވިދާނެނު." އަބްޔާން ބުންޏެވެ.
"އެކަމަކު ވެސް އަހަރެން ބޭނުން ވަނީ ގެއަށް ދާން." ޖަންނަތު އެހެން ބުނެފައި ހިގައި ގަތް ވަގުތު އަނެއްކާ ވެސް ގުގުރާލި އެވެ. ޖަންނަތުއަށް ހުއްޓުން އެރި އެވެ. ހުރިތާ ހުރިގޮތަށް ގުޑާލަން ވެސް ނޭގިފައި ހުއްޓިގެން ހުރީ އެވެ. އަބްޔާން އައިސް ޖަންނަތު ކައިރީ މަޑުކޮށްލަމުން ޖަންނަތުއަށް ބަލައިލި އެވެ. ދެލޯ ބޮޑުވެފައި ޖަންނަތު ހުރީ ވަރަށް ބޮޑަށް ބިރު ގަނެފަ އެވެ. އަނގައިން ބަހެއް ވެސް ދެން ނުނިކުންނާނެކަން އަބްޔާންއަށް އިނގުނެވެ.
"ޖަންނާ، އެތާ އިށީންނަން ވީނު." އަބްޔާން ލަފާ ދިނެވެ. ޖަންނަތު ބިރުގަންނަ ވަރު އަބްޔާންއަށް އޮތީ ފެނިފަ އެވެ. އެހެން ކަމުން އަބްޔާން ބޭނުންވީ އެހަށް ޖަންނަތު ބައިންދައިގެން ހަމަ ޖައްސާށެވެ. ނަމަވެސް އެތާ ހުންނަން ޖަންނަތު ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ގަންނަ ބިރުން ދާކަށް ވެސް ނުކުރެނުވެ. ޖަންނަތުއަށް އަނގައިން ނުބުނެވިފައި ހުރިގޮތަށް ހުންނަން ފެށުމުން އަބްޔާން ޖަންނަތުގެ ކޮނޑުގައި ހިފަހައްޓާލަމުން ގެނެސް ގޮނޑީގައި ބެއިންދި އެވެ. އަދި އެތެރެއަށް ވަދެ މޫސައަށް ޖަންނަތުގެ ހާލަތު ކިޔައި ދިނެވެ.
"މޫސަ، ދޭބަލަ އޭނަ ކައިރިއަށް... ވަރަށް ބިރުން މިހާރު އިންނާނީ." ޒީނަތު އަވަހަށް ބުންޏެވެ. މޫސަ އަވަހަށް ތެދުވި އެވެ. ބޭރަށް ނިކުމެގެން ޖަންނަތު ކައިރިއަށް ދިޔަ އެވެ. އަބްޔާން އައިސް ޒީނަތު ކައިރީ ގޮނޑީގައި އިށީނެވެ. ޒީނަތު އަބްޔާންއަށް ބަލައިލި އެވެ. އަބްޔާންގެ މޫނުމަތިން ފެނުން ކުލަވަރުން ޒީނަތުވެސް ދެރައި އެވެ. "އަބީ؟" ޒީނަތުއަށް ގޮވާލެ ވުނެވެ.
"ހޫނ؟"
"ޖަންނަ ގެންގޮސް ގެއަށް ލާންވީނު."
"ޒީނަތުއަށް އިނގޭނު އަހަރެން އޭނައާ އެއްކޮން ގެއަށް ދިއުން ރަގަޅެއް ނުވާނެކަން... އަނެއްކާ އޭނަ އަހަންނާ އެކު ނުވެސް ދާނެ." އަބްޔާން ބުނެލި އެވެ. އެވަގުތު މޫސަ އެތެރެއަށް ވަނެވެ. މޫސަ ފެނުމުން ސުވާލުގެ ނަޒަރަކުން އަބްޔާންއާއި ޒީނަތު މޫސައަށް ބަލައިލި އެވެ.
"ކޮބާ ޖަންނަ؟" ޒީނަތު އަހާލި އެވެ.
"އެބައިން ގޮނޑީގަ... ގެއަށްދާން ބޭނުންވަނީޔޯ. އެކަމަކު އަހަރެން ކިހިނެއް ދާނީ؟ ޒީ އެކަނި ކޮށްފަ އަހަންނަކަށް ނުދެވޭނެ." މޫސަ ބުންޏެވެ.
"ދާންވީނު އޭނަ ގެއަށް ލައިދޭން." ޒީނަތު އަބްޔާން ގާތު ބުންޏެވެ.
"ޒައިދާންއަށް ގުޅާފަ ބުނަންވީނު." މޫސަ ބުންޏެވެ.
"ޒައިދާން މާލެ ދިޔައީ." އަބްޔާން ބުންޏެވެ. "ޖަންނަ ވާހަކަ ދެއްކިތަ؟"
"ނޫނޭ... އަހަރެން ކިޔާ އެއްޗަކަށް ބޯ ހޫރަނީ." މޫސަ އެހެން ބުނުމުން އަބްޔާން މޫސައަށް ބަލައިލާފައި ޒީނަތުއަށް ބަލައިލި އެވެ. "އަބީއަށް އޭނަ ގެއަށް ލާން ދެވޭނީ."
"އަހަރެން ދިއުން ރަގަޅެއް ނުވާނެނު... ތިމީހުނަށް އެކަން އިނގޭނު." އަބްޔާން ނުރުހުން ވެފައި ބުންޏެވެ. އެވަގުތު ނަރުސް ކުއްޖާ އަނެއްކާ ވެސް އެތަނަށް އައިސް އެކަކަށް އިނދެވޭ ވާހަކަ ބުނުމުން އަބްޔާން އެތަނުން ނުކުތީ ދެން އިތުރު ގޮތެއް ނެތިގެނެވެ. އަބްޔާން ނުކުމެ ޖަންނަތުއަށް ބަލަން ހުރެފައި ފޯނު ނެގި އެވެ. އަދި ނޫރުގެ ނަންބަރަށް ގުޅަން ފެށި އެވެ. ނޫރުއަށް ދެފަހަރު ގުޅުމުން ވެސް ފޯނެއް ނުނެގި އެވެ. އަބްޔާން ކައިރިއަށް ރުޅި އައެވެ. ދެން އަބްޔާންއަށް ގުޅަން ފެށުނީ ޒައިދާން ނަންބަރަށެވެ. އައިސްފައި ހުރި ރުޅިން ޒައިދާންއަށް ގުޅާފައި އެއްޗިހި ކިޔަން އަބްޔާން ބޭނުން ވި އެވެ.
"ޒައިދާން މީހުނާ އިންނަނީ ކީކޭ ހިތައް އަރައިގެންތަ؟ އަމިއްލަ އަނބިމީހާ ނުބެލެންޏާ މެރީ ނުކުރި ނަމަ... ޒައިދާންއަކަށް ނޭގޭތަ އޭނައަކީ ގުގުރާ ވިދާއިރު ބިރުގަންނަ މީހެއްކަމެއް. އެކަނި ހާލަށް ދޫކޮށް ލާފަ ދާކަށް ޒައިދާން ޖެހިލުން ނުވާއިރު އޭނައާ އިނދެގެން މާ އަޅާލާ މީހަކަށް ވެގެން ތި އުޅޭނީ ކީއްކުރަން." އަބްޔާން ފަށްޗަކަށް އެއްޗިހި ކިޔަމުން ދިޔައީ ޒައިދާންއަށް އަނގައިން އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ އެވެ. އަބްޔާން ކިޔާނެ އެއްޗެއް ކިޔާފައި ޒައިދާންގެ ޖަވާބަކަށް ވެސް ނުބަލާ ފޯނު ކަނޑާލި އެވެ.
އަބްޔާން އައިސް ޖަންނަތުއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އޭރުވެސް ކުޑަކޮން ގުގުރާ އަޑު އިވެ އެވެ. ޖަންނަތު އިނީ ދެއަތް ބުޑު ދަށަށް ލައިގެން އަތް މަތީ އިށީދެގެން ތިރިއަށް ބަލަހައްޓައިގެނެވެ. އަބްޔާން ޖަންނަތުއަށް ބަލަން އިރުކޮޅަކު އިނެވެ.
އިރުކޮޅަކުން ޖަންނަތުގެ ފޯނު ރިންގުވާ އަޑު އިވެން ފެށި އެވެ. ޖަންނަތު އަޅާވެސް ނުލާ އެއިން ގޮތަށް އިނީ އެވެ. އަބްޔާން ޖަންނަތުއަށް ދެފަހަރަކަށް ގޮވާލި އެވެ. ޚަބަރެއް ނުވުމުން އަނެއްކާވެސް ގޮވާލި އެވެ. އެންމެ ފަހުން ޖަންނަތު ކޮނޑުގައި އަބްޔާން ކޮށްޓާލި އެވެ.
"ޖަންނަ ފޯނު." އަބްޔާން ބުނުމުން ޖަންނަތު ލައިގެން އިން ޖީންސްގެ ޖީބުން ފޯނުނަގާ ބަލައިލި އެވެ. ނަމަކަށް އަރާފައި އިނީ ޒައިދާން ކަމުން ފޯނަށް ބަލަހައްޓައިގެން ޖަންނަތު އިނީ އެވެ. އެނަގާކަށް ނޫޅުނެވެ. އިރުކޮޅަކުން އެ ކެޑުނީ އެވެ. އަނެއްކާ ވެސް ފޯނު ރިންގުވާން ފެށި އެވެ. މިފަހަރުވެސް ޖަންނަތު އެއަށް ބަލަން އިނީ އެވެ. އަބްޔާން ކައިރިއަށް ރުޅި އައެވެ. ކުއްލިއަކަށް ޖަންނަތު އަތުން ފޯނު އަތުލާފައި ފޯނަށް ޖަވާބު ދިނެވެ.
"ހެލޯ، ގުގުރާ ވިދާ އިރު ޖަންނަ ބިރުން ވާހަކަވެސް ނުދެއްކޭ ކަމެއް ވެސް ޒައިދާންއަކަށް ނެގޭ ދޯ. ހަމަ އެބަ ގުޅާ ވަރު ދައްކާފަ... ފިރިމީހާއަށް ރަގަޅަށް އަނބިމީހާގެ ހާލަތުވެސް ނޭގޭ... ކީއްކުރަން އިނދެގެން ތިއުޅެނީ؟" އަބްޔާންއަށް އެހިސާބަށް ބުނެވުންތަނާ ޖަންނަތު ކުއްލިއަކަށް ފޯނު އަތުލާ ފޯނު ކަނޑާލި އެވެ. އަދި ރުޅިއައިސްފައި އަބްޔާންއަށް ބަލައިލި އެވެ.
އަނެއްކާ ވެސް ޒައިދާން ގުޅަން ފެށި އެވެ. މިފަހަރު ޖަންނަތު ފޯނު ނެގި އެވެ. އަދި ނިކަން ހިތްވަރު ކުރަމުން ހެލޯ އޭ ޖަންނަތު ބުނެލި އެވެ. އަބްޔާން ހައިރާން ވެފައި ޖަންނަތުއަށް ބަލަން އިނެވެ.
"އަހަރެން... ހެލޯ ... އަހަރެން..." ޖަންނަތު އުޅުނީ ވާހަކަ ނުދެއްކި ގެނެވެ. "ޒައި... ޒައިދާން... އަހަރެން.." ޖަންނަތު ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރަމުން ދިޔަ އެވެ. އަބްޔާންއަށް ޖަންނަތު އުޅޭގޮތް ފެނިފައި ކެތް ނުކުރެވިގެން އަބްޔާންގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށި އެވެ. މިއަދު ޖަންނަތުއަކީ އަބްޔާންގެ މީހެއްނަމަ އެ އަތުތެރޭ ބޮނޑިކޮށްލާ ހިމާޔަތް ކޮށްދެވޭނެ ކަން އަބްޔާން ހިތަށް އެރި އެވެ.
"އަހަރެން އަބީ... އަބީއާ އެއްކޮން.... ގެއަށް... ގެއަށް.." ޖަންނަތު ނިކަން އުނދަގުލުން ބުނަން އުޅެނީ ކިކޭކަން އަބްޔާންއަށް އިނގުމުން އަބްޔާން ކުއްލިއަކަށް ޖަންނަތު އަތުން ފޯނު އަތުލި އެވެ.
"ޒައިދާން، ޖަންނަ ބުނަން އެއުޅެނީ އަހަންނާ އެއްކޮން ޖަންނަ ގެއަށް ދިޔަސް ހެޔޮހޯ." އަބްޔާން ޖަންނަތުއަށް ބަލަން ހުރެ ބުނެލި އެވެ. އޭރު ޖަންނަތުގެ ލޮލަށް ވެސް ކަރުނަ ގިނަވެ ކޯތާފަތް މައްޗަށް އެޅެމުން ދިޔަ އެވެ.
"އަބީމެން ކޮންތާކު ތި ތިބީ؟" ޒައިދާންއަށް ފުރަތަމަ ފަހަރަށް އަބްޔާން ކައިރީ އެއްޗެއް ބުނާނެ ފުރުސަތު ލިބުނެވެ.
"ޒީނަތު މަރުކަޒުގަ އެޑްމިޓް ކުރީމަ މިތަނަށް އައީ... މިހާރު އެންމެން ދަމުން ދަމުން ގޮސް ތިބީ މޫސައާ އަހަންނާ ޖަންނައާ އެކަނި... ދެން ވަރަށް ވިއްސާރަ... ޖަންނައަކީ ގުގުރާ ވިދާ އިރު ބިރުގަންނަ މީހެއް... ބިރުންގޮސް ވާހަކަ ވެސް ނުދެއްކޭނެ... އެހެންވެ އަހަރެން ޖަންނަ ގެޔަށް ލައިދޭން ދިޔަސް ހެޔޮތަ؟" ފުރަތަމަ ފަހަރު އަބްޔާން ވެސް ޒައިދާންއާއި ރީތިކޮން ވާހަކަ ދެއްކި އެވެ.
"އަބީ، ޔަޒަން ކޮންތާކު؟" ޒައިދާން އެހި އެވެ.
"ޒައީމާއްތަ ކައިރީ." އަބްޔާން ބުންޏެވެ.
"އޯކޭ!" ޒައިދާން ބުނެލި އެވެ. ޒައިދާން އެހެން އެ ބުނީ ކޮން ކަމަކަށް ކަމެއް އަބްޔާންއަށް ޔަގީނެއް ނުވި އެވެ.
"އޯކޭޔޭ؟"
"އާން، ޖަންނަ ގޮވައިގެން ގެއާ ހަމައަށް ދިޔަސް އޯކޭޔޭ.. ހަގީގަތުގަ ޖަންނަ ބިރުގަންނަ ކަމެއް އަހަންނަކަށް ނޭގެ." ޒައިދާން ބުނެލި އެވެ. "އަހަރެން އަބީއަށް ވަރަށް އިތުބާރު ކުރަން." އިރުކޮޅަކު މަޑުކޮށްލާފައި، ޒައިދާން ފޯނު ކަނޑާލުމުގެ ކުރިން ބުނެލި އެވެ. ޒައިދާން އެ ބުނި އެއްޗަކާއި މެދު ވިސްނާލަން އަބްޔާން އިރުކޮޅަކު ހުއްޓެވެ.

އަބްޔާން ޖަންނަތު އާއި އެކު ސިއްޙީ މަރުކަޒުން ނިކުތް އިރު ވެހެމުން ދިޔަ ވާރޭ ވަނީ އެވަގުތަށް ހުއްޓާލައިފަ އެވެ. ނަމަވެސް ކުޑަކޮން ވިދާލާފައި މަޑު ގުގުރިއެއްގެ އަޑު ހުރެ އެވެ. އަބްޔާން ސައިކަލުގައި ދުއްވަމުން ދިޔައީ ގެއާއި ދިމާލަށް ނޫންކަން އިނގުމުން ޖަންނަތު ހާސްވާގޮތް ވިއެވެ.
"އަބީ؟ އަބީ... ކޮން... ކޮންތާކަށް... މިދަނީ؟" ޖަންނަތު ނިކަން އުނދަގުލުން އެހި އެވެ. އަބްޔާން އަނގައިން ނުބުނެ އިނދެ ދުއްވަމުން ދިޔަ އެވެ. ޖަންނަތު އިނީ ކަންބޮޑު ވެފަ އެވެ. "އަބީ! ޕްލީސް، ބުނެބަލަ." ޖަންނަތުއަށް ރޮވެން ފެށި އެވެ. ނަމަވެސް އަބްޔާން އެއްޗެއް ނުބުނެ ކުރިއަށް ދިޔަ އެވެ. މާ ގިނައިރެއް ނުވެ ސައިކަލު އައިސް މަޑުކޮށްލީ ޒައީމާމެންގޭ ދޮރުމައްޗަށެވެ. ހައިރާން ވެފައި ހުރެ ޖަންނަތު މަޑުމަޑުން ސައިކަލުން ފޭބި އެވެ.
"ޖަންނަ މިރޭ މިގޭގަ ނިދާނީ... އެކަނި ގޭގަ އޮންނާނެ ކަމެއް ނެތް،" އަބްޔާން ސައިކަލުން ފައިބަމުން ބުންޏެވެ. ބުނާނެ އެއްޗެއް ނޭގިފައި ޖަންނަތުއަށް ހުރެވުނީ އެވެ. އަބްޔާން ގޭތެރެއަށް ވަދެގެން ދިޔަ އެވެ. އަބްޔާންގެ ފަސް ފަހަތުން ޖަންނަތު ވެސް ދިޔަ އެވެ.
"އަބީ، ކިހިނެއްވީ؟" ކޮޓަރިން ނުކުތް ޒައީމާއަށް އަބްޔާން ފެނުމުން އަހާލި އެވެ. އަދި އަބްޔާން ފަހަތުން ޖަންނަތު އައިތަން ފެނުމުން ހައިރާން ވެފައި ބަލަހައްޓައިގެން ޒައީމާއަށް ހުރެވުނީ އެވެ.
"ޒައީމާއްތާ، ގުގުރާ ވިދާ ރެޔެއް ވީމަ، ޖަންނަ ބިރު ގަންނާނެތީ ޖަންނަ މިރޭ މިގޭގަ ބާއްވާށޯ... ޒައިދާން ބުނީ... " އަބްޔާން އެހެން ބުނުމުން ހައިރާން ވެފައި ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. ޒައީމާ ހައިރާންވީ ޒައީމާ ގާތު ޒައިދާން އެވާހަކަ ނުބުނެ އަބްޔާން ގާތު ބުނީތީ އެވެ.
"އާން، ޖަންނަ މިރޭ މިގޭގަ ނިދުން ރަގަޅުވާނެ... އެކަނި އެގޭގަ އޮންނާނެ ކަމެއްނެތް." ޒައީމާ އެހެން ބުނަމުން ޖަންނަތު ކައިރިއަށް ޖެހިލި އެވެ. އަބްޔާން މަޑުކޮށްލުމެއް ނެތި އަވަހަށް އެގެއިން ނިކުމެގެން ހިގައްޖެ އެވެ.
"ކީއްވެބާ ޒައިދާން އަހަރެން ގާތު ނުބުނީ؟... ދެންމެ ވެސް ގުޅާފަ ޔަޒަންގެ ވާހަކަ ވެސް އެހި." ޒައީމާ ޖަންނަތުއާއި ދިމާއަށް ބަލައިލަމުން އަހާލި އެވެ. ޖަންނަތު ބުނާނެ އެއްޗެއް ނޭގިފައި ބަލަހައްޓައިގެން ހުރީ އެވެ.
އެރޭ ޒިޔާދާ ކައިރީ ޖަންނަތު ނިދަން އޮތެވެ. އޮވެ އޮވެ ޖަންނަތުއަށް ނިދޭ ގޮތެއް ނުވި އެވެ. އަބްޔާންއާއި މެދު ވިސްނެނީ އެވެ. އަބްޔާން އޭނަ ދެކެ އެހާ ލޯބިވާއިރު އަބްޔާންގެ ހިތުގައި ޖެއްސޭތީ ޖަންނަތުއަށް ރޮވެން ފެށުނެވެ. ރުއި ވަރަކަށް ހިތަށް ތަދުވެމުން ދިޔަ އެވެ.

ޖެހިގެން އައި ދުވަހު ޒައިދާން އައުމުން ޖަންނަތު އެހެން ތާކަށް ގެންގޮސް ދިނުމަށް ޒައިދާން ކައިރީ އެދެމުން ދިޔަ އެވެ.
"ޕްލީސް ޒައިދާން، ހެޔޮ ދުވަސް ކޮޅަކު މާލޭގަ ހުންނަން ޖެހުނަސް... ނޫނީ އެހެން ރަށަކަށް ވިޔަސް ދުވަސް ކޮޅަކަށް އަހަރެން މިރަށުން ބޭރު ކޮށްދީ." އާދޭސް ކުރަމުން ޖަންނަތު ޒައިދާން ގާތު އެދެމުން ދިޔަ އެވެ.
"އަހަރެން ތިކަމާ އެބަ ވިސްނަމޭ..." ޒައިދާން ބުންޏެވެ. "ޖަންނަ އެކަނި ފޮނުވާކަށް އަހަރެން ބޭނުމެއްނޫން... ޔަޒަންއާ އަހަރެންވެސް ޖަންނައާ އެއްކޮން ދާން ގަސްތުކުރަނީ. އެހެންވެ ވަރަށް ބާރު ސްޕީޑްގަ ކުރަން ހުރި ކަންތައް ނިންމޭތޯ އަހަރެން މިއުޅެނީ." ޒައިދާން ބުންޏެވެ.
"ކޮންތާކަށް ދާން ތި ގަސްތު ކުރަނީ؟" ޖަންނަތު އަހާލި އެވެ.
"އާޔާ މެން ކައިރިއަށް... އޮސްޓްރޭލިޔާއަށް." ޒައިދާން ބުންޏެވެ. އާޔަތުއާއި އާޒަތު ކައިރިއަށް ދާވާހަކަ ބުނުމުން ޖަންނަތު އުފަލުން ފޮޅިގެން ދިޔަ އެވެ. މާބޮޑަށް ހިނިތުން ވެލިތަން ފެނުމުން ޒައިދާން ކައިރިއަށް ވެސް ހިނި އައެވެ.
"ޖަންނާ،" ޖަންނަތުއަށް ބަލަން އިނދެފައި ޒައިދާން ގޮވާލި އެވެ.
"އޫނ؟"
"އަހަރެން ކައިރީ ކީއްވެތަ ނުބުނީ؟"
"ކޮން ވާހަކައެއް؟"
"ގުގުރާއިރު ބިރު ގަންނަ ވާހަކަ."
"އެވާހަކަ ދޯ... ދެން އެހެން ބުނާކަށް ހަދާނެއް ވެސް ނެތް." ޖަންނަތު ރަކި ފާޑަކަށް ޒައިދާންއާއި ދިމާއަށް ބަލައިލަމުން ބުނެލި އެވެ. "އަސްލު ދިމާވި ކަމަކުން ބިރު ގަންނަނީ." ޖަންނަތު ގުގުރާއިރު ބިރުގަންނަން ދިމާވި ގޮތުގެ ވާހަކަ ޒައިދާންއަށް ކިޔައި ދިނެވެ.
"ދެން އިތުރު ވާހަކައެއް ނެތްތަ؟" އެވާހަކަ ކިޔައި ދިނުމުން ޒައިދާން އަހާލިއެވެ.
"ކީއްވެ ތިހެން ތި އެހީ؟"
"އަހަންނަށް ޖަންނަ އިނގެނީ ވަރަށް ކުޑަކޮން... އަހަންނަށް ހީވަނީ އެކީގަ އުޅެން ނިންމާފައިވާއިރު ދެމީހުނަށް ވެސް އެކަކު އަނެކަކު ވަރަށް ރަގަޅަށް އިނގެން ޖެހޭނެހެން." ޒައިދާން ބުންޏެވެ. ޖަންނަތު ޒައިދާންއަށް ބަލަހައްޓައިގެން ހުއްޓެވެ.
"ޒައިދާން ތިބުނީ ވަރަށް ރަގަޅު ވަހަކައެއް... އަހަންނަށް ވެސް ޒައިދާން މާ ބޮޑަކަށް ނޭގޭ." ޖަންނަތު ވެސް ހީލަމުން ބުންޏެވެ. "އެކަމަކު އެއްކޮން މިހެން އުޅެންޏާ ދަސްވެދާނެ." ޒައިދާން ޖަންނަތުއަށް ބަލައިލަމުން ހީލި އެވެ.

ދުވަސްތައް ހަލުވިކޮން ދާން ފެށި އެވެ. ޒައިދާން މަސައްކަތް ކުރަމުން ދިޔައީ ޖަންނަތު މެންގޭގައި ހަދާ ރެސްޓޯރެންޓް ނިންމާށެވެ. އަދި ގެސްޓް ހައުސް ވެސް ތަރައްގީކޮށް ރަގަޅު މުވައްޒަފުން ޓްރެއިންކޮށް ކަންތައްތައް ހަމަ ޖައްސުމުގައު ޒއިދާން އަވަދި ނެތި ރެޔާ ދުވާލު މަސައްކަތް ކުރަމުން ދިޔަ އެވެ. ޖަންނަތުގެ ކަމަކީ ޔަޒަން ގޮވައިގެން ގޭގައި އިނުމެވެ. މަގުމައްޗަށް ނުކުމެ އުޅުން ޖަންނަތު މަދުކޮށްލީ އަބްޔާން ފެންނާތީ އެވެ.
އަބްޔާންގެ ކަމަކީ ހިރުނދު ގަސް ބުޑުގައި އަބަދު އޮތުމެވެ. ޖަންނަތު ފެންނާނެ ކަމުގެ އުންމީދުގައި އަބަދުވެސް ގޭދޮށުގައި އަބްޔާން އުޅެ އެވެ. ބައެއް ފަހަރު މުރަކަގޭ ބެލްކަނިން ޖަންނަތު ފެނިލަ އެވެ. ނޫނީ ޔަޒަން ގޮވައިގެން ކޮންމެސް ތާކަށް ދާން ނުކުންނަ ތަނުންވެސް އަބްޔާންއަށް ފެނެއެވެ. އަބްޔާންގެ ހަލާކުވެފައިވާ ހިތަށް ފިނިކަމެއް ލިބެނީ އެގޮތަށް ވެސް ހާލަކުން ފަހަރަކު ނަމަވެސް ޖަންނަތު ފެނުމުންނެވެ. ޖަންނަތުއާއި ދުރުވާން އަބްޔާން ކުރަމުންދާ ހިޔާލުތައް ބޭކާރުވަނީ އަބަދުވެސް ޖަންނަތު ދުށުމަށް އެދޭތީ އެވެ. އަދިވެސް އަބްޔާންގެ ހިތް ބުނަމުން ދަނީ ޖަންނަތު ޒައިދާން ކައިރިން ދުރުވެގެން އޭނަ ކައިރިއަށް އަންނާނެ ކަމުގަ އެވެ. ޖަންނަތު އޭނައާއި ދުރުވީ ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ސަބަބުންހެން އަބްޔާން ހިތް ބުނަމުން ދިޔަ އެވެ. އެކަމުގައި ހިދާޔާގެ އަތެއް ވާހަކަމަކަށް އަބްޔާން ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އެއަށް ވުރެން އެނަ މަންމަ ދެކެ އޭނަ ލޯބި ވެއެވެ. ޝައްކެއްގެ ނަޒަރުން އެ މަންމައާއި ދިމާއަށް ބަލާކަށް އޭނަ ބޭނުމެއް ނުވެ އެވެ.
ހިދާޔާ ރާވަމުން ދިޔަ ކަންތައްތައް ނާކާމިޔާބު ވަނީ ޖަންނަތު މިހާރު ނުކުމެ ނޫޅޭތީ އެވެ. ހިދާޔާއަށް އެއްގޮތަކަށްވެސް ޖަންނަތު ނުފެނެ އެވެ. އެހެންކަމުން ހިދާޔާއަށް މިހާރު ވަނީ ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބިފަ އެވެ. ހިދާޔާ ހިތުން އެގޮތަށް އެކަހެރިކޮން ޖަންނަތު އުޅުމުން އަބްޔާންގެ ހިތުން ޖަންނަތުގެ ހިޔާލުތައް ދުރުވެ ހަމަޖެހިދާނެ އެވެ.
ނަމަވެސް ދުވަސްތައް ބަދަލުވަމުން ދިޔަ އިރުވެސް އަބްޔާންއަށް ބަދަލެއް ނާދެ އެވެ. ގިނަ ވަގުތު ހިރުދުގަސް ބުޑުގައި ހޭދަކުރާތަން ފެންނާތީ ހިދަޔާ ކަންބޮޑު ވި އެވެ. ސަމާސާކޮށް އުޅުން އަބްޔާންގެ މިޒާޖަށް މިހާރު އައިސްފައިވާ ބަދަލުން ހިދާޔާއަށް ރުޅި އާދެވެނީ ޖަންނަތު ދެކެ އެވެ.

ޒައިދާންއާއި ޖަންނަތުގެ ކައިވެންޏަށް ބައި އަހަރު ވެއްޖެ އެވެ. އެހާ ދުވަސް ވީހެން ހީވެސް ނުވެ އެވެ. އެގުޅުމަކަށް އިތުރު ކުރި އެރުމެއްވެސް ލިބުނީއެއް ނޫނެވެ. ނަމަވެސް ޒައިދާންއާއި ޖަންނަތު ވެސް މަސައްކަތް ކުރަމުން ދިޔައީ ދެމީހުނަށް ވެސް އެކުގައި އުޅެވޭތޯ އެވެ. އެދެމެދުގައި ލޯބީގެ ގުޅުމެއް ނެތެއް ކަމަކު އެކުވެރިކަމާއި އޯގާތެރިކަން ވިއެވެ. އެކަކު އަނެކަކާއި މެދު އަޅާލުމާއި އެހީވުން ވި އެވެ.

ޒައިދާންއާއި ޖަންނަތު އެރޭ ޒައީމާ މެންގެއަށް ވަނީ ކެއުމަކަށް ޒައީމާ ދައުވަތު ދީގެނެވެ. އެރޭ ޒައީމާ ގާތު ޒައިދާން ދެއްކީ، ޖަންނަތުއާއި ޔަޒަން ގޮވައިގެން އޮސްޓްރޭލިޔާއަށް ދާން އުޅޭ ވާހަކަ އެވެ. ޒައީމާ ކުޑަކޮން ދެރަވި ނަމަވެސް އެއީ މިވަގުތަށް ޖަންނަތުއަށް ވެސް އެންމެ ރަގަޅުވާނެ ގޮތް ކަމުގައި ޒައީމާ ބުންޏެވެ. ޖަންނަތު ފެނިއްޖެއްޔާ އަބްޔާން ޖަންނަތު ފަހަތުން ދާތަން ޒައީމާއަށް ވެސް ވަނީ ފެނިފަ އެވެ. ޒިޔާދާއާއި ނޫރު އައިސް އެގެއަށް ވަން އިރު އެމީހުން ތިބީ އެވާހަކަ ދައްކާށެވެ.
"މިހާރު މީވެސް ކަމެއްތަ؟" ނޫރުއާއި ޒިޔާދާ އެއްކޮން ވަންތަން ފެނުމުން ޒައިދާން ދިމާކޮށްލާ ގޮތަކަށް އަހާލި އެވެ. ޒިޔާދާ ލަދުން އަވަހަށް ހިނިތުން ވެލަމުން އެތެރެއަށް ވަދެގެން ދިޔައީ އެވެ. ޒައީމާ ފާޑަކަށް ޒިޔާދާއަށް ބަލައިލާފައި ނޫރުއަށް ބަލައިލި އެވެ. ނޫރު ހުރީ ބުނާނެ އެއްޗެއް ނޭގިފައި ލަދުންނެވެ.
"ނޫރު، ތެދެއްތަ؟" ޖަންނަތު ނޫރު ހުރި ގޮތުން އަހާލި އެވެ. ނޫރު އެންމެނަށް ބަލައިލާފައި އަވަހަށް އެތަނުން ނިކުމެގެން ހިގައްޖެ އެވެ.
"ޔަގީން އެއީ ކަމެއް. ޒައީމާއްތަ ޒިޔާދާ ކައިރީއަހައިގެން އޮޅުން ފިލުވާ... ގޯސް ކުއްޖެއްނޫން ނޫރުއަކީ ވެސް." ޒައިދާން ބުންޏެވެ.
"މަށަށް މާ ކުރިންވެސް ޝައްކުވެފަ ހުރީ އެދެމީހުން އުޅޭ ގޮތުން... މިހާރުދެން ޔަގީންވެސް ވެއްޖެ... ކޮންމެ ގޮތެއް ވިޔަސް ޒިޔާދާ އެވާހަކަ ދައްކަންދެން އަހަރެން އެއްޗެއް ނުބުނެ ހުންނާނީ." ޒައީމާ ބުންޏެވެ.
"ކޮބައިތަ ސާރާ؟ ކޮޓަރިން ނުވެސް ނުކުމޭތަ؟" ޖަންނަތު އަހާލި އެވެ.
"ޖަންނައަށް ނޭގޭތަ؟ މިހާރު ފަރުޒާނާއްތަ ސާރާއާއި ވާހަކަ ދައްކައޭ... މިއަދު އެގެއަށް ގޮސް ވީ. ނިކަން ހެޔޮ ވެގެން އުޅެނީ... ސާރާ ބަނޑުބޮޑު ވީފަހުން ކޮންމެ ދުވަހަކު މިގޭ ދޮށަށް އައިސް ނިކަން ވާހަކަ ދައްކާ." ޒައީމާ ބުންޏެވެ. ޖަންނަތުއާއި ޒައިދާން އެކަކު އަނެކަކަށް ބަލައިލި އެވެ. ހައިރާން ވެފައި ދެމީހުން ތިބީ ގަބޫލު ނުކުރެވިފަ އެވެ.
"ހަމަ ތެދެއްތަ؟ އަހަންނަށް ޤަބޫލެއް ވެސް ނުކުރެވޭ." ޖަންނަތު ބުންޏެވެ.
"ކިތަންމެހާވެސް ރަގަޅެއްނު ދޯ."
"އާނ... ރަގަޅު... ކޮންމެ ކަމެއްވެސް ވާނީ ހަމަ ރަގަޅަށޭ ބުނަނީ އެހެންވެ." ޒައިދާން ވެސް ބުނެލި އެވެ.

ދުވަސްކޮޅެއް ފަހުން ޖަންނަތުއާއި ޔަޒަން ގޮވައިގެން ޒައިދާން އޮސްޓްރޭލިޔާއަށް ފުރައިގެން ހިގައްޖެ އެވެ. އަބްޔާންއަށް އެކަން އިނގުނީ ވެސް އެމީހުން ދިޔަތާ ދެދުވަސް ފަހުންނެވެ. އަބްޔާން ވަރަށް ދެރަވި އެވެ. އެމީހުން ދިޔަފަހުން އަބްޔާންގެ ކަމަކީ ހިރުދު ގަސް ދޮށުގައި އޮވެ އެކި ކަހަލަ ލަވަ އަޑު އެހުމެވެ. ނަމާދަށް ދަނީ ވެސް ކޮންމެ ފަހަރަކު ނޫރު އައިސް އެތައް ފަހަރަކު ކިޔައިގެނެވެ. އަބްޔާން ވަނީ ދުނިޔެ މަތިން ފޫހިވެފަ އެވެ. މީހާ ވަނީ މުޅިން މާޔޫސްވެފަ އެވެ. ދުވަހެއް ދުވަހަކަށް އަބްޔާންގެ އެކަންތައް ދަނީ އިތުރު ވަމުންނެވެ. މީހުނާ ވަހަކަ ދައްކާ ހެދުން މަދުވެފައި ކުރާ ކަމެއްވެސް ނެތިފައި އެހެން އަބަދު އޮންނަނީ އެވެ.
އަބްޔާންއަށް ވަމުންދާ ގޮތާއި މެދު ހިދާޔާ ކަންބޮޑުވާން ފެށި އެވެ. އަބްޔާން އަވަހަށް މީހަކާ ދެވީމައި ރަގަޅުވާނެ ކަމަށް ހިދާޔާއަށް ފެނުނެވެ. އެހެން ކަމުން އެރަށު ދެކުނު އަވަށު ހިދާޔާ ރައްޓެހި ސަހުލާގެ ދޮށީ ދަރިފުޅު ރާޔާ އާއި ދެވަން ސަހުލާއާއި ހިދާޔާ ވާހަކަ ދެއްކި އެވެ.
"އެކަމަކު އަބީ ލޯބިވަނީ ޖަންނަ ދެކެނު." ސަހުލާ ބުންޏެވެ.
"ޖަންނަތު ޒައިދާންއާ އިނީނު... އަބަދު ދެން އެކަމަށް ޓަކައި އަބީއަކަށް ނުހުރެވޭނެނު... އަސްލު އެކަމާ މާޔޫސްވެ ދެރަވެގެން އުޅޭތީޔޭ އަހަރެން ބޭނުންވަނީ އަބީ އަވަހަށް މީހަކާ އިންނަން."
"ރާޔާ ގަބޫލިއްޔާތާ ތިކަން ވާނީ... އަހަރެން ރާޔާއާ ވާހަކަ ދައްކާލާފަ ބުނާނަން." ސަހުލާ ބުންޏެވެ.
"އާން... އެމަންޖެ ގަބޫލު ވާނެ... މަށަށް ޔަގީން." ހިދަޔާ ނިކަން ޔަގީން ކަމާއެކު ބުނެލި އެވެ.

ނަސީރު ރަށަށް އައުމުން ހިދާޔާ އަވަހަށް ނަސީރުގާތު އަބްޔާން މީހަކާ ދެވާންވީ ވާހަކަ ބުންޏެވެ. ނަސީރު ހިތްހަމަ ނުޖެހުނީ އަބްޔާން ގާތު އެވާހަކަ ނުދައްކާ ހިދާޔާ އަމިއްލައަށް ކަންތައްތައް ނިންމި ވާހަކަ ބުނުމުންނެވެ.
"ހިދާ... އެކަމަކު އެއްފަހަރުވެސް އަބީ ކައިރީ އަހާލަން ވާނެނު."
"އޭނަ ބޭނުންގޮތަށް އުޅެގެން ކާމިޔާބެއް ނުވިއެއް ނޫންތޯ... ދެން އަޅުގަނޑުމެން ބުނާ ގޮތް ހެދުން ނޫންތޯ އެންމެ ރަގަޅުވާނީ."
"މިހާރު ކޮބައިތަ އަބީ؟" ހިދާޔާގެ ވާހަކަ ހުރިގޮތުން ނަސީރު ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
"އެ ހިރުދުގަސް ބުޑުގަ އޮންނާނެ... ދުވާލުދާ ހަތަރުދަމު އެތާ އެއޮންނަނީ... ކާން ވެސް އަންނާނީ އެތައް ވަރަކަށް ގޮވީމަ... ނަމާދަށް ވެސް ދަނީ އެ ނޫރު އައިސް ގަދަކަމުން ގެންދާތީ... އަޅުގަނޑަށް ހީވަނީ މީހަކާ އިނީމަ ރަގަޅުވާނެހެން."
"ވިސްނައި ދިނީމަ ރަގަޅު ވާނީ... ހިދާޔާ އޭނައާއި ވާހަކަ ދެއްކިންތަ؟" ނަސީރު ހިތްހަމަ ނުޖެހިފައި ހިދާޔާއަށް ބަލައިލި އެވެ. ހިދާޔާ އެއްޗެއް ނުބުނެ ނަސީރުއަށް ބަލަހައްޓައިގެން ހުރީ އެވެ.
ނަސީރު ހަރުކޮން ހިގާފައި ގެއިން ނުކުތެވެ. ބޭރު ބަލައިލި އިރު ހިރުނދު ގަސް ދޮށުގައި އެކަނިމާ އެކަނި އަބްޔާން އޮތެވެ. ނަސީރު އެދިމާލަށް ގޮސް އެތަނުން އުނދޯއްޔެއްގައި ޖައްސާލި އެވެ. ލޯމަރާލައިގެން އޮތް އަބްޔާންއަށް ހިލަމެއްވެސް ނުވެ އެވެ. އަބްޔާން އޮތީ އިއަރ ފޯން ޖަހައިގެން ލަވައެއް އަޑުއަހާށެވެ.
"ދަރިފުޅާ!" އިރުކޮޅަކު އަބްޔާންއަށް ބަލަން ނަސީރު އިނދެފައި އަބްޔާންއަށް ގޮވާލި އެވެ. އަބްޔާންގެ ހިލަމެއް ނުވުމުން އަބްޔާންގެ ފައިގައި ކޮށްޓާލަމުން ނަސީރު ގޮވާލި އެވެ. އަބްޔާން ލޯ ހުޅުވާފައި ނަސީރު ފެނުމުން އަވަހަށް ކަންފަތުން އިއަރ ފޯން ނައްޓާލަމުން ތެދުވި އެވެ.
"ބައްޕާ؟ ބައްޕަ ކޮން އިރަކުތޯ ދުރުވީ؟"
"ދަރިފުޅާ... ކިހިނެއް ތި އުޅެނީ؟" ނަސީރު ދެރަވެފައި އަބްޔާންއަށް ބަލަން އިނދެ އަހާލި އެވެ. "ތިޔަހެން އުޅޭކަށް އަދި ނުވޭނު." ނަސީރު ވާހަކަ ދައްކަމުން ދިޔައިރު އަބްޔާން އިސްޖަހާލައިގެން އަނގައިން ނުބުނެ އިނެވެ. "އަދި އަންހެން ކުއްޖެއް ނުލިބުނޭ ކިޔާފަ ދިރިއުޅުން ހުއްޓުނީއެއް ނޫނެއްނު... ބައްޕައަށް ވެސް އިނގޭ ދަރިފުޅު ދެރަވާނެކަން... އަދި ދެރަވާނެ ވަރުވެސް ބައްޕައަށް އަންދާޒާ ކުރެވޭ... އެކަމަކު ދެން ތިޔަހެން އަޅުކަމަށް ފަރުވާކުޑަކޮށް ދިރިއުޅުން މަތިން ފޫހިވާކަށް އަދި ނުވޭ... މީވެސް މާތް ރަސްކަލާނގެ މިންވަރު ކުރެއްވި އިމްތިހާނެއްކަމަށް ދެކިގެން ކެތްތެރި ކަމާއެކު ކުރިއަށް ދާންވީ... މާޔޫސްވެ މީހާ މުޅިން އޮއްސިގެން ދިޔަ ނުދީ ހިތްވަރާއި އެކު ތެދުވެ އެކަލާނގެއަށް ދުޢާކޮށް ގިނަގިނައިން އަޅުކަމުގައި އުޅެންވީ.. ގައިމުވެސް ހިތްހަމަ ޖެހުން ލިބޭނެ." ނަސީރުގެ ވާހަކަތައް އަޑުއަހަން އަބްޔާން އިންއިރު ލޮލުން ކަރުނަ ނިރާލި އެވެ. އެގޮތަށް އަބަދުވެސް ނަސީރު ނަސޭހަތް ދެއެވެ. ކިޔެވުން ދޫކޮށްލާފައި އައި ދުވަހުވެސް އެފަދައިން ނަސީރު ނަސޭހަތް ދިނެވެ. އަބްޔާން ބައްޕައަށް އިހުތިރާމްކޮށް ބައްޕައާއި ގާތް ގުޅުމެއް ބޭއްވެނީވެސް އެސަބަބަށް ޓަކަ އެވެ.
"ބައްޕާ، އަޅުގަނޑު ތި ކަންތައްތަކާ ވިސްނާނަން... އަޅުގަނޑަށް ވެސް އިނގޭ މި އުޅެވެނީ ރަގަޅަށް ނޫންކަން... ބައްޕަ ބުނުއްވާ ގޮތަށް އުޅެ ބައްޕަ ފަހުރުވެރިވާ ފަދަ ކުއްޖަކަށް ވާން އަޅުގަނޑު ބޭނުން..." އަބްޔާން ފުރަތަމަ ފަހަރަށް ނަސީރުއާއި ދިމާއަށް ބަލައިލި އެވެ. "ބައްޕާ، އަޅުގަނޑަށް މާފުކުރައްވާ... އަޅުގަނޑު ކިޔެވުން ދޫކޮށްލާފައި އައި ކަމަށް ޓަކައި، އަޅުގަނޑު ބޭކާރު ގޮތުގައި ދުވަސްތައް ހޭދަކުރިކަމަށް ޓަކައި، އަދި އަޅުގަނޑަށް މިއަދު މިގޮތަށް އިނދެވޭތީ..."
"ދަރިފުޅާ، ދަރިފުޅަށް އިނގޭނު ބައްޕަ އަބަދުވެސް ދަރިފުޅަށް މާފު ކުރާނެކަން." ނަސީރު އަބްޔާން އަތުގައި އަތް ޖައްސާލަމުން ބުންޏެވެ. އެވަގުތު މެންދުރު ނަމާދަށް ބަންގި ގޮވާއަޑު އިވެން ފެށި އެވެ.
"ބައްޕާ، ހިނގާ މިސްކިތައް ދަމާ." އަބްޔާން އުނދޯލިން ތެދުވަމުން ބުންޏެވެ.
"އަވަހަށް ހިނގާ!" ނަސީރު ނިކަން ބޮޑަށް ހިނިތުން ވެލަމުން ބުނެލި އެވެ. އަދި ދެބަފައިން މިސްކިތާއި ދިމާއަށް ހިގައި ގަތެވެ.

އެދުވަހަށް ފަހު އަބްޔާންގެ ދިރިއުޅުމަށް ކުޑަ ބަދަލެއް އައެވެ. އަޅުކަން ކުރުން ގިނަ ކުރިއެވެ. ގޭގައި އުޅުން ގިނަ ކުރި އެވެ. ނޫރުއާއި އެކު ހެދުނު ފުޓުބޯޅަ ކުޅެލުމަށް ފަހު ނޫރުއަށް ވެސް އަބްޔާން މިހާރު ނުފެނެ އެވެ. އަބަދު އުޅެނީ މިސްކިތުގަ އެވެ. ނޫނީ ގޭގައި ހިދާޔާއަށް ކޮންމެވެސް ކަމެއް ކޮށްދިނުމުގަ އެވެ.
އެދުވަހު ހިދާޔާ ހުރީ ރޯނުން އެއްޗިހި ނަގައިގެން ފަތްޖަހާށެވެ. އަބްޔާން އައިސް ހިދާޔާއަށް އެހީވުމުގެ ގޮތުން އެއްޗިހި ފަތް ޖަހަން ފެށި އެވެ.
"ދަރިފުޅާ، ދަރިފުޅު ދެން މިގެއަށް ކުއްޖެއް ގެންނަން ވީނު... އޭރުން ދަރިފުޅަށް އަބަދު ތިޔަހެން މަންމައަށް އެހީވާކަށް ނުޖެހޭނެނު." ހިދާޔާ އަބްޔާންއަށް ބަލައިލަމުން ބުނެލި އެވެ.
"އާން، މިހާރު ބައްޕަ އުޅުއްވަނީ ތިކަމާއޭ... މަންމައަށް އެހީވާން ލަންކާ ކުއްޖެއް ގެންނަން ވެގެން." ހިދާޔާ ބުނި އެތި ނޭގޭކަމަށް ހަދަމުން އަބްޔާން ބުނެލި އެވެ.
"ލަންކާ ކުއްޖެކޭ؟" ހިދަޔާ އަބްޔާންއަށް ބަލައިލަމުން އހި އެވެ.
"ހޫނ، ބައްޕަ ބުނުއްވި ވަރަށް އަވަހަށް އެކުއްޖާ އަންނާނެޔޭ... އެކުއްޖާއަށް ކިޔަނީ އަރީކާ."
"ކީއްކުރާ ބޭރު ކުއްޖެއް. އެޔަށްވުރެން މާ ރަގަޅުވާނެ ދަރިފުޅު މީހަކާ އިނދެގެން ކުއްޖެއް ގެއަށް ގެނަޔަސް."
"އަރީކާ އާއި އަހަރެން އިންނަން ވީތަ؟" އަބްޔާން ސަމާސާ ރާގަކަށް އެހެން ބުނުމުން ހިދަޔާ ތުން އަނބުރާލި އެވެ.
"ދަރިފުޅާ، ދަރިފުޅު ދެން ހަމަ މީހަކާ ނީންނާނަންތަ؟" ހިދާޔާ ނިކަން ދެރަވެލާފައި އަހާލި އެވެ.
"މަންމާ، އަހަރެން މީހަކާ ނީނދެގެން މަންމަ ތިއުޅެނީ ކީއްވެތަ؟ ޔާނުވެސް އެހެރީ... އަދި މީހަކާ ނީނދެ..." އަބްޔާން ނުރުހިފައި ބުންޏެވެ.
"ޔާނު ކިޔވަނީނު... ދަރިފުޅު ކިޔަވަން އުޅުނީއެއްވެސް ނޫން ވިއްޔަ. މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ވީމަ ދެން މީހަކާ ނީނދެ ހުންނަންވީ ކީއްކުރަން." އަބްޔާން ނުރުހިފައި ހުރިކަން އިނގިހުރެ ވެސް ހިދާޔާ ވާހަކަ ދެއްކީ ޖެހިލުންވެފައި ހުރެ އެވެ.
"މަންމާ، އަހަރެން އަދި މީހަކާ އިންނާކަށް ގަސްތެއްނުކުރަން." އެހެން ބުނެފައި އަބްޔާން އަވަހަށް އެތަނުން ދިޔަ އެވެ.

އާޔަތުއާއި އާޒަތު ތިބީ ޔަޒަން ގޮވައިގެން ގޭމެއް ކުޅޭށެވެ. އެއީ ބަންދު ދުވަހަކަށް ވުމުން އެންމެން ވެސް އެދުވަހު ތިބީ ގޭގަ އެވެ. ބަދިގޭގައި ޖަންނަތު އުޅެފައި ނުކުތީ ޔަޒަންއަށް ކުރުތައްޓެއް ހިފައިގެނެވެ. އެވަގުތު ޒައިދާންވެސް އައިސް ބަދިގެއަށް ވަންނަނީ އެވެ. ދެމީހުން ވެސް އެއްފަހަރާ ދޮރާދިމާލަށް އައިސް ޖަންނަތުއަތުން ކިރުތަށި ބަންޑުންވީ ޒައިދާން ލަައިގެން ހުރި ޓީޝާރޓަޝާ އެއްކޮނެވެ.
"އޯހް ނޯ." ޒައިދާންގެ ޓީޝާރޓަށް އެޅިފައި ހުރި ކިރުތައް ފެނުމުން ޖަންނަތު އަށް ބުނެވުނެވެ.
"ކިހިނެއް ތިހެދީ؟" ޒައިދާން ވެސް ޓީޝާރޓް ގައި ހިފަހައްޓައިގެން ހުރެ ބުނެލި އެވެ.
"ޒައިދާން އަންނަ ކަމެއް ކިހިނެއްތަ އިނގޭނީ... އެކަމަކު ޒައިދާންއަށް އިނގޭނެނު މަޑުކޮށްލަން އަހަރެން އަންނަކަން އިނގޭ އިރު."
"އަޅެ، ވަކި މަށަށް އިނގޭނެތަ ޖަންނަ އަންނަ ކަމެއް."
"ކީއްވެތަ ނޭނެގެންވީ، އަބަދު ބަދިގޭގަ އުޅޭނީ އަހަރެންކަން ޒައިދާންއަށް އިނގޭނެނު."
"ބަދިގޭގަ އުޅޭކަން އިނގުނެއް ކަމަކު ދޮރުކައިރިއަށް އަންނާނެ ކަމެއް ނޭގޭނެނު.."
ދެމީހުން އިނދެގެން އުޅޭތާ އަހަރުވަނީ އެވެ. މިއަދު އެއީ ދެމީހުން އެގޮތަށް ގޮތްދޫނުކޮށް ކޯޅުން ފުރަތަމަ ދުވަހެވެ. އެކަކަުވެސް އަނެކަކަށް ދޫކުރަން ބޭނުން ނުވެގެން އުޅޭގޮތަށް ވާހަކަ ދައްކަމުން ދިޔަ އެވެ. ބަދިގެ ކައިރީ އަޑުގަދަ ވެގެން އާޒަތު އެތަނަށް އައިސް ހުއްޓިގެން ދުރުގައި ބަލަން ހުއްޓެވެ.
"ޒައިދާންއަށް ދެން ދުރަށް ޖެހިލަން ވެސް ނޭގުނީމަ އަހަރެން އަޖައިބުވީ."
"ޖަންނައަށް މަޑުކޮށްލާކަށް ވެސް ވަކި ނޭގުނެއްނު."
"ކިހިނެއްތަ ވެގެން ތިއުޅެނީ؟" ދުރުގައި ހަށަން ބަދެލައިގެން ހުރި އާޒަތު އެހި އެވެ.
"މާބޮޑު ކަމެއް ނުވޭ." ދެމީހުނަށް އެއްފަހަރާހެން ބުނެވުނެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ބަލައިލި އެވެ. އަދި ހިނި އައީ ދެންމެ ދެމީހުނަށް ވެސް އުޅެވުން ގޮތް ހިތަށް އަރާފަ އެވެ.
"ދެމީހުން ދޭތެރޭ ކަމެއް އެބަ ހިނގާ..." އާޒަތު މާނަވީ ގޮތަކަށް ދެމީހުނަށް ބަލައިލަމުން ހިނިތުން ވެލާފައި އެތަނުން ދިޔަ އެވެ.
(ނުނިމޭ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ