ލިޔުންތެރިޔާ
ދާމިޔާ
އަޅުގަނޑު ވާހަކަ ލިޔުމަށް ވަރަށް ޝައުގުވެރިވޭ.. އުންމީދު ކުރަނީ އަޅުގަނޑުގެ ވާހަކަތައް ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް..
38 : ލިޔުނު ވާހަކަ
155 : ލައިކްސް
57 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

އެލީޝާ (16) ވަނަ ބައި

16 ވަނަ ބައި (ނުނިމޭ)
21 ޖުލައި 2016
4
ލޯބީގެ
ކިޔާރާ އާއި އައިމަން ތިބީ އޮލަވާހަކައެއްގައެއްގައެވެ. އެވަގުތު ދެމީހުންވެސް ސިހިގެން ދިޔައީ ކިޔާރާގެ އެޕާރޓްމެންޓްގެ ދޮރުހުޅުވުނު އަޑަށެވެ. ދެމީހުނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. ދޮރުމަތީގައި ރުޅިވެރިކަމާއިއެކު އެދެމީހުނަށް ބަލަހައްޓައިގެން އެހުރީ ހުޝާމްއެވެ. ހުޝާމްގެ ފަހަތުގައި އަންހެން ކުއްޖަކުވެސް ހުއްޓެވެ. ހުޝާމް ފެނުމުން ކިޔާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޔަގީނެވެ. އައިމަން މިތާ ހުރުމުން ހުޝާމް ބޮޑު ކަންތައްގަނޑެއް ހިންގާލާނެއެވެ. ކިޔާރާގެ ހިތުގެ އެންމެ އަޑިން ބިރުވެރިކަމުގެ ސިގްނަލް ދެމުން ދިޔައެވެ. ހުޝާމްއާއި ހަތަރުކަޅި ހަމަވި ވަގުތު ކިޔާރާއަށް ހިންދިރުވާލެވުނެވެ. އައިމަން ހުރީ ފަރުވާތެރިކަމާއި އެކު ކިޔާރާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތަކަށް ބަލާށެވެ.
“އަހަރެން ކަލޭ ބޭރަށްލީކީ ތި ގަނޑެއް ހިންގާކަށް ނޫނޭ…. ކާކު ބުނީ ކަލޭ ކައިރީގައި މިތާ ހުރެގެން ހިލޭ ފިރިހެނުންނާ ވާހަކަ ދައްކާށޭ…؟؟؟ އޭނ….؟؟؟” ވައިސޫރިއެއްހެން އައި ގޮތަށް ކިޔާރާގެ އިސްތަށިގަނޑުގައި ހިފައިގަންނަމުން ހުޝާމް ކަޅިއަޅާލީ އައިމަންއަށެވެ.
“އައްދޯއި…. ހުޝާމް އަހަންނަށް ތަދުވޭ…. ދޫކޮށްލަބަލަ….” ކިތަންމެ ތަދުވިޔަސް ކިޔާރާ ބުނެލީ މަޑުމަޑުންނެވެ. އޭނާ ހުރީ އައިމަން ކުރިމަތީ ހުޝާމް އޭނަޔަށް އަނިޔާ ކުރާތީ ލަދުގަނެ ދެރަވެސް ވެފައެވެ. އޭރު ދޮރުމަތީ ހުރި އަންހެންކުއްޖާވެސް މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ކުޅި ބަލަން ހުއްޓެވެ.
“ތަދުވަން ބޭނުންވާތީއެއްނު ކަލޭ ތިވައްތަރަށް ތި އުޅެނީ….” އިސްތަށިގަނޑަށް އިތުރަށް ވާން ކޮށްލަމުން ރުޅިވެރިކަމާއިއެކު ހުޝާމް ބުނެލިއެވެ.
“އޭނާތަ ވައްތަރަކަށް އެ އުޅެނީ….؟؟؟ ކޮންމެ ދުވަހަކު އަމިއްލަ ފިރިމީހާ ހިލޭ އަންހެނުން ގޮވައިގެން އުޅޭނެ ގޮތަކަށް އުޅެމުންދާއިރުވެސް އޭނަ އެހުންނަނީ އަނގައިން ނުބުނެ ކެތްކޮށްލައިގެން…. އަހަންނަށް ހިޔެއްނުވެ ދެން ކަލެއަކަށް ވަކި ކިޔާއަށް ވުރެ ރަނގަޅު އަންބަކު ލިބޭނެހެންނެއް…. ތީ ފިރިހެނެކޭ ބުނަންވެސް އަހަރެން ފަސްޖެހޭ….” އައިމަންއަށް ކުޅިބަލަން އެތާ ހުންނާކަށް ކެތެއްނުވިއެވެ.
އައިމަންގެ ޖުމަލައާއިއެކު ކިޔާރާ ދުރަށް ކޮށްޕާލަމުން ހުޝާމް ދެން ކުރިމަތިލީ އައިމަނާއެވެ. ކިޔާރާ ރޮވިފައިހުރެ ދެފަރާތަށް ބޯ ހޫރާލީ ކަންތައް ވަރަށް ގޯސްވާނެކަން އެނގުމުން އިތުރަށް އެއްޗެކޭ ނުބުނުމަށް އައިމަންއަށް އިޝާރާތް ކުރަމުންނެވެ. ކިޔާރާގެ ހާލުފެނި އައިމަން ވަރަށް ދެރަވިއެވެ.
“އޯ…. ކިޔާ އޭ….” މަލާމާތުގެ ރާގަކަށް ހުޝާމް ބުނެލިއެވެ.
“ކަލޭމެންގެ ގުޅުންވެސް ވަކި ދެރަހެނެއް ހިޔެއްނުވެ…. ކަލެއަށް ހުރިހާ ހަގީގަތެއްވެސް އޭނާ ކިޔާދީފިދޯ….” ކިޔާރާއަށް ކަޅިއަޅާލަމުން ހުޝާމް ދެން ބަލާލީ އައިމަންއަށެވެ.
“އަހަންނަށް ކިހިނެއް އެނގެނީ އަހަރެން މި އުޅޭ ގޮތަށް ކަލޭ މިހިރަ ފިރިހެނާއާއެކީ ނޫޅޭކަމެއް….؟؟؟؟” އައިމަންއަށް އިޝާރާތްކޮށް މިހެން ބުނަމުން ހުޝާމް ބަލާލީ ކިޔާރާއާ ދިމައަށެވެ. އެވަގުތު އައިމަންގެ އަތުގެ ހޫނު އެތިފަހަރެއް ހުޝާމްގެ މޫނުމައްޗަށް އެރިއެވެ. ކިޔާރާއަށް އޭނާގެ އަނގަމަތީ އަތްއަޅާލެވުނެވެ. ދޮރުމަތީ ހުރި އަންހެން ކުއްޖާގެ މޫނުމަތިންވެސް ހިނިތުންވުން ފިލައިގެން ދިޔައެވެ.
“ހަބަރުދާރު…. ކިޔާއާއި ދިމާއަށް އިތުރަށް ދެން އެންމެ ލަފުޒެއް ބުންޏަސް އަހަރެން މީ ނުބައި މީހެއްކަން އަންގާލާނަން…”އައިމަން ހުރީ ވަރަށް ރުޅިގަދަވެފައެވެ.
ހުޝާމް އޭނާގެ ކޮލުގައި އަތުން ފިރުމާލިއެވެ. ދެވަނަ ސިކުންތުގައި ސިންގާއެއްހެން އަރައިގެން އައިސް ހިފީ އައިމަންގެ ގަމީހުގެ ގިރުވާނުގައެވެ.
“ކީކޭ ހިތައް އަރައިގެންތަ ކަލޭ އަހަރެންގެ މޫނުގައި ތި ޖެހީ….؟؟؟؟ އަހަރެންގެ އަތުން މަރުވާ ހިތުންތަ ތި އުޅެނީ….؟؟” އެހުރިގޮތަށް ހުރެ ހުޝާމް ބުނެލިއެވެ.
“ނޫން… ހުޝާމް ތިހެން ނަހަދާ…. އޭނަ ދޫކޮށްލާ….” ކިޔާރާއަށް މި މަންޒަރު ބަލަން ކެތް ނުވެގެން ދެމީހުން ދުރުކުރުވަން އުޅުނެވެ.
“ކަލޭ ހުރެބަލަ ދުރުގާ…” ކިޔާރާ ކޮށްޕާލަމުން ހުޝާމް ބުނެލިއެވެ. ކިޔާރާގޮސް ޖެހުނީ ފާރުގައެވެ. އޭނާގެ ކަނާތް ފަރާތުން ނިއްކުރިމަތި ފާރުގައި ޖެހިފައި ފަޅައިގެން ދިޔައެވެ. އައިމަންއަށް މިމަންޒަރު ފެނުމުން ހުޝާމްގެ މޭގައި އަޅާ ދުރަށް ކޮށްޕާލާފައި ކިޔާރާ ގާތަށް ގޮސް އޭނާ ނެގިއެވެ. އޭރު ކިޔާރާގެ ނިއްކުރިން ލޭ އަންނަނީއެވެ.
އައިމަން އަވަސް ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް އޭނާގެ އެޕާރޓްމެންޓަށް ވަދެ އައީ ފޮތިކޮޅެއް ހިފައިގެންނެވެ. އައިމަން އެ ފޮތިކޮޅު ކިޔާރާގެ ނިއްކުރިމަތީ އައްސާލީ ލޭ ބަންދުކޮށްލުމަށެވެ. އެއަށްފަހު ދެން ކުރިމަތިލީ ހުޝާމްއާއެވެ.
“އަހަރެން މަރާލިޔަސް ފަރުވާލެއް ނެތް…. އެކަމަކު އަހަރެންގެ ކުރިމަތީ އަންހެނަކަށް އަނިޔާ ކުރާތަން ބަލާކަށް އަހަންނެއް ދުރުގައެއް ނުހުންނާނަން….” ނިކަން ކެރިހުރެ އައިމަން ބުނެލިއެވެ.
“އެހެންތަ….؟؟؟ އެހެންވީއިރު އޭނާ ގޮވައިގެން ދާންވީއެއްނު….” ރުޅިވެރިކަމާއިއެކު ހުޝާމް ބުނެލިއެވެ.
“އަދިވެސް އަހަރެންތަ އޭނާ ގެންދަންވީ…. އެއީ ހުޝާމްގެ އަންހެނުންނޭ…. އަންބެއްގެ ހައިސިއްޔަތުން އޭނައަށްވެސް ލިބެންޖެހޭ ހައްގުތަކެއް އޮންނާނޭ…. އޭނައަށް ލޯބިދީ އޭނާގެ ހައްގުތައް އަދާ ކޮށްދިނުމަކީ ހުޝާމްގެ ޒިންމާއެކޭ….” އައިމަން ވާހަކަ ދެއްކީ ނަސޭހަތުގެ ރާގުގައެވެ.
“އޯ…. އަނބިމީހާގެ ހައްގުތައް ދޯ…. މަޑުކުރޭ…. އަހަރެން އެބަ އަންނަން….” މިހެން ބުނެފައި ހުޝާމްވަނީ އޭނާގެ އެޕާރޓްމެންޓަށެވެ. ދިހަވަރަކަށް މިނެޓްފަހުން އޭނާ ނުކުމެގެން އައީ ފޮށްޓެއް ހިފައިގެންނެވެ. “އަން…. މި ހިފައިގެން ދާތާކަށް ދޭ…. ކަލޭ ތިހުރީ ވަރިކޮށްފާ…. މިހާރު ކަލެއަށް ހުންނާނީ ކަލޭގެ ހައްގުތައް ލިބިފާ….” ކިޔާރާއާއި ދިމާއަށް ފޮށިއެއްލަމުން ހުޝާމް ބުނެލިއެވެ. ކިޔާރާ ހުރީ ކަންފަތަށް އިވުނު އަޑު ގަބޫލުކުރަން ދަތިވެފައެވެ. އޭނާ އެސްފިޔަވެސް ޖަހާނުލާ ހުޝާމާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ރޯންވެސް ނޭނގިފައެވެ. އައިމަންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަލާމާތުގެ ފާޑަކަށް ކިޔާރާއަށާއި އައިމަންއަށް ބަލާލުމަށްފަހު ދޮރުމަތީ ހުރި އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ހުޝާމް އެތެރެއަށްވަދެ ދޮރު ލެއްޕިއެވެ. ދޮރު ލެއްޕި އަޑަށް ސިހިފައި ކިޔާރާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭނާ ދުވެފައި ގޮސް ދޮރުގައި ތަޅައިގަތެވެ.
“ނޫން ހުޝާމް…. އަހަންނަށް ތިހެން ނަހަދާ…. ޕްލީޒް….” ދޮރުގައި ހިފަހައްޓައިގެން ހުރެ ކިޔާރާ ތިރިވިއެވެ. ނަމަވެސް އެތެރެއިން އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ތިރީގައި އިށީނދެ ދެކަކުލުގައި ބޯއަޅައިލައިގެން އިނދެ ކިޔާރާ ގިސްލާފައި ރޮމުން ދިޔައެވެ. ދުރުގައި މިމަންޒަރު ބަލަން ހުރި އައިމަން ހުރީ ފެންކަޅިވެފައެވެ. ކިޔާރާގެ ގިސްލުމުގައި ވޭނީ ރިހުމެއް އެކުލެވިފައިވެއެވެ. އައިމަން އައިސް ކިޔާރާ ކައިރި ތިރީގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމާލިއެވެ. ކިޔާރާ އައިމަންގެ ގައިގާ ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ.އެފަދަ ވަގުތެއްގައި އެހެން މީހެއްގެ އެހީތެރިކަން ލިބުނީމަ ކޮންމެ މީހަކަށްވެސް ވާނީ އެހެންނެވެ. އައިމަން ވަރަށް އާދޭސް ކޮށްގެން ކިޔާރާ އެތަނުން ތެދުވިއެވެ. ވާއަތް ކިޔާރާގެ ކޮނޑަށް ލައިގެން ހުރެ ކަނާތުން ކިޔާރާގެ ފޮށި ހިފައިގެން އައިމަން ވަނީ އޭނާގެ އެޕާރޓްމެންޓަށެވެ.

އެލީޝާ ތިރިއަށް ފޭބިއިރު ކަރަމް އިނީ ސޯފާގައި ޓީވީ ބަލާށެވެ. އެލީޝާ މިސްރާބު ޖެހީ އަރޫނާގެ ކޮޓަރިއާއި ދިމާއަށެވެ. އެވަގުތު ކަރަމް ކެއްސަން ފެށުމުން އެލީޝާ ބަލާލިއެވެ. އަރޫނާގެ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އެލީޝާ މިސްރާބުޖެހީ ކާގެއާއި ދިމާއަށެވެ. ކަރަމް ވަށްކަޅިން އެލީޝާއަށް ބަލާލިއެވެ. އިރުކޮޅެއް ނުވެ އެލީޝާ އައީ ބަދިގެއިން ފެންތަށްޓެއް ހިފައިގެންނެވެ. އެލީޝާ ފެންތަށި ހިފައިގެން އައިސް ކަރަމްއަށް ދިއްކޮށްލުމަށްފަހު އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ. އެވަގުތު ކަރަމް ހުށިޔާރުކަމާއިއެކީ އަނެއް އަތުން އެލީޝާގެ އަތުގައި ހިފެހެއްޓިއެވެ.
“ސޮރީ….” އެލީޝާ ބަލާލުމުން ކަރަމް ބުނެލިއެވެ. އެލީޝާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އޭނާގެ ފޯން ރިންގްވާން ފެށިއެވެ.
“އަހަރެން އެބަ އަންނަން….” ފޯނުގެ ސްކްރީނަށް ބަލާލަމުން މިހެން ބުނެފައި އެލީޝާ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. “އަހަރެންގެ ގާތުގައި ހުރެގެން ފޯނަށް ޖަވާބު ނުދެވުނީ… އަނެއްކާ އެއީ ކާކުގެ ފޯންކޯލެއްބާ…؟؟؟” ކަރަމްގެ ހިތަށް އެރި އެއްޗަކުން ނިއްކުރިމަތީ އަތް ކާއްތާލެވުނެވެ. ފަސްވަރަކަށް މިނެޓްފަހުން ދެން ފެނުނީ ހޭންޑްބޭގް ހިފައިގެން އެލީޝާ ސިޑިން ފައިބާ ތަނެވެ. އަވަސްއަރުވާލާފައި ހުރިވަރުން ކަރަމް އެތާ އިންމަތިންވެސް އޭނާ ހަނދާން ހުރިހެނެއް ހިއެއްނުވެއެވެ. ކަރަމްގެ ކުރިމަތިން ލާފާއި ދިޔައިރު ކަރަމް ފެނުންހެނެއްވެސް ހިޔެއް ނުވެއެވެ. ކަރަމްއަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން އިނދެވުނީއެވެ. މިހާރު އެދަނީ ކޮންތާކަށްބާއޭ ކަރަމްގެ ހިތަށް އެރިއެވެ. ފަސްފަހަތުން ދާ ތަނެއް ބަލަން ދާންވެސް ކަރަމްގެ ހިތަށް އެރިއެވެ. ނަމަވެސް އެއީ މާ ދަށުދަރަޖައިގެ ކަމަކަށްވުމުން އެހިޔާލު ދޫކޮށްލިއެވެ.

އޭގެ ބައިގަޑިއެއްހާއިރު ފަހެވެ. ކަރަމް އިނީ ބަގީޗާތެރޭގައި ހުރި އުނދޯލީގައެވެ. ގޭގެ މައިދޮރު ހުޅުވާލި އަޑަށް ކަރަމް އެދިމާއަށް ބަލާލިއެވެ. ފޫކޮޅުގައި ކަށްޓެއް ޖެހިހެން އޭނާ ކޮޅަށް ތެދުވީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. އޭރު ކިޔާރާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ އެލީޝާ އެތެރެއަށް ވަންނަނީއެވެ. ކިޔާރާ ހުރީ އިސްޖަހާލައިގެންނެވެ. އޭރުވެސް މަޑު ގިސްލުމެއްގެ އަޑު އިވެމުން ދެއެވެ. އެމީހުންގެ ފަހަތުން ކިޔާރާގެ ފޮށި ހިފައިގެން އައިމަން ވަނެވެ. “ކިޔާ….” ކަރަމްގެ އަޑު އިވުމުން ކިޔާރާ އިސްއުފުލާ ބަލާލިއެވެ. އަދި ދުވެފާ ގޮސް ކަރަމްގެ މޭގައި ބޯއަޅާލައިގެން ހުރެ ރޯންފެށިއެވެ. އެލީޝާއާއި އައިމަން މިމަންޒަރު ބަލަން ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ދެމީހުންވެސް ތިބީ ފެންކަޅިވެފައެވެ.
“ހެއި ސްވިޓީ…. ހުއްޓާލަބަ…. ކީއްވެ ތި ރޮނީ….؟؟؟” ކިޔާރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ކަރަމް ބަލާލީ އެލީޝާމެންނާއި ދިމާއަށެވެ. ކޮންމެވެސް ބޮޑުކަމެއް ހިނގައިފިކަން އެދެމީހުންގެ މޫނުމަތީގެ ކުލަވަރުތަކުން ކަރަމްއަށް ޔަގީންވިއެވެ.
“ހިނގާ އެތެރެއަށް….” މިހެން ބުނެފައި ކިޔާރާ ގޮވައިގެން ކަރަމް ދިޔައީ އެތެރެއަށެވެ. ކަރަމްގެ ފަހަތުން އެލީޝާމެންވެސް އެތެރެއަށް ވަނެވެ. ކަރަމް އެތެރެއަށް ވަދެފައި އެންމެނަށް ގޮވިއެވެ. އެވަގުތު ގޭގައި ފަހުމީއާއި ކައުޝަލް ފިޔަވައި އެންމެންވެސް އުޅެއެވެ.
ކިޔާރާގެ ހާލު ފެނުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ކިޔާރާ ރޯވަރުން ވާހަކަވެސް ދެއްކެނީއެއް ނޫނެވެ. ސޯފާގައި ހަފްސާގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮވެ އޭނާ ރޮމުން ދިޔައެވެ.
“އެލީ…. ކިހިނެއްވެގެން މިއުޅެނީ….؟؟؟؟” ކިޔާރާގެ އަނެއް ފަރާތުގައި އިނދެފައި ތެދުވެ އެލީޝާގެ ގާތަށް ދަމުން ކަރަމް އަހާލިއެވެ. ކަރަމް ތެދުވުމުން ކިޔާން ކިޔާރާގެ ގާތުގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ގޭގެ އެންމެ ހަގު ކުއްޖާއަށްވެފައި ހުރި ހަމައެކަނި އަންހެންކުއްޖާއަށް ވީތީ ގޭގެ އެންމެންވެސް ކިޔާރާ ދެކެ ވަރަށް ލޯބިވެއެވެ. އެލީޝާ އިއްޔެ އޭނާއަށް ފެނުން މަންޒަރުތަކާއި މިއަދު ކަންހިނގާދިޔަގޮތް އައިމަން ކިޔާދީފައިވާތީ އެވާހަކަތައް ގޭގެ އެންމެނަށް ކިޔާދިނެވެ.
“އެނުލަފާ މީހާގަނޑު މަގޭ ކޮއްކޮގެ ދިރިއުޅުން ހަލާކުކޮށްލާފި…. ނުލަފާ މީހާގަނޑު…. އަހަރެން އޭނާގެ ދިރިއުޅުންވެސް ހަލާކު ކޮށްލާނަން….” ދެއަތް މުށްކަވާލަމުން ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ކަރަމް ބުނެލިއެވެ. އަދި އެހުރިގޮތަށް މިސްރާބުޖެހީ ބޭރަށް ދިޔުމަށްޓަކައެވެ.
“ދަރިފުޅާ ކަރަމް… ކޮންތާކަށް ތިދަނީ….؟؟؟” ކަރަމް ރުޅިއައިސްފައި ހުރެ ހިނގައިގަތުމުން ހަފްސާ އަހާލިއެވެ.
"އަހަރެން މިދަނީ ހުޝާމްގާތަށް….” މަޑުޖަހިލުމަށްފަހު ހަފްސާގެ ސުވާލަށް ޖަވާބުދާރީވުމަށްފަހު އަނެއްކާވެސް ކަރަމް ހިނގައިގަތެވެ.
“ކަރަމް….” އަނެއްކާވެސް ކަރަމް ހުއްޓި ފަހަތްބަލާލީ އައިމަން ގޮވާލުމުންނެވެ.
“އޭނަޔާ ވާހަކަ ދައްކަން ގޮސްގެން ވާނެ އިތުރު ފައިދާއެއް ނޯންނާނެ…. އެއީ އެއަށްވުރެ މާ ނުލަފާ މީހެއް…. އޭނާޔާ ޖަދަލުކުރަން ހަދައިގެން ފެންނާނީ އަތުންފައިން ގޯހެއް ހެދުނުތަން….” އެހާ ގިނަދުވަސް ނުވަނީސް ކިޔާ އެތަނުން ސަލާމަތްވީކަން އެއީ ކިޔާގެ ނަސީބު…. މިވަގުތު ކިޔާއަށް ކަރަމްމެންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ….” އައިމަން އުޅުނީ ކަރަމްއަށް ވިސްނައިދީގެން އޭނާ ހުއްޓުވޭތޯއެވެ.
“އަތުންފައިން ގޯހެއް ހެދުނަސް އަހަންނަށް ހެޔޮ…. މިފަހަރު އޭނައަށް ރަނގަޅު ފިލާވަޅެއްދޭނަން….” މިހެން ބުނެފައި ކަރަމްއަނެއްކާވެސް ހިނގައިގަތެވެ.
އެލީޝާ ބިރުގަތެވެ. އޭނާއަށްވަނީ ކަރަމްގެ ރުޅިގަނޑު ކޮންމެވެސްވަރަކަށް ފެނިފައެވެ. މިއަދު އެހުރީ ހައްދުފަހަނައަޅާ ދާ ވަރަށް ރުޅިއައިސްފައެވެ. އަތުން ފައިން ގޯހެއް ހަދާކަށްވެސް މިއަދު އޭނާ ފަހަކަށް ނުޖެހޭނެކަން އެލީޝާއަށް އެނގެއެވެ. އެލީޝާ ދުވެފައިގޮސް ކަރަމްގެ އަތުގައި ހިފިއެވެ. ކަރަމް މަޑުކޮށްލިއެވެ.
“ކަރަމް ޕްލީޒް…. އޭނައާ ޖަދަލުކުރަން ނުދޭ…. އޭނައާ ކިތަންމެވަރަކަށް ޖަދަލުކުރިޔަސް ކިޔާއަށް އޭނާކުރި އަނިޔާއާއި ހިތްދަތިކޮށްލި ދުވަސްތައް އަނބުރައެއް ނުލިބޭނެ…. އެހެންވީމަ ތި ބޭކާރު ވިސްނުން ދޫކޮށްލާ… ހިނގާ އެތެރެއަށް….” އެލީޝާ މަޑުމައިތިރި ރާގެއްގައި މިހެން ބުނުމުން ކަރަމްވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން އެލީޝާއާއި އެކު އެތެރެއަށްވަނެވެ.
އޭރު ހަފްސާ ކިޔާރާ ގޮވައިގެން މައްޗަށް އަރަނީއެވެ. ދެންތިބިމީހުން ސޯފާގައި މާޔޫސްވެފައި ތިއްބެވެ. އެލީޝާމެންވެސް އައިސް ސޯފާގައި އިށީނެވެ.
“އަހަރެން އޭރުވެސް އެލީގާތު ބުނީމެއްނު ކިޔާ ގެއަށްގެންދާށޭ…. ކިޔާ ނުބުނާށޭ ބުންޏަސް އެލީ ރަނގަޅުވީސް ގޭމީހުންނަށް އެހުރިހާ ވާހަކައެއް ކިޔާދިންނަމަ….” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ އައިމަންއެވެ. އައިމަންގެ ޖުމްލައާއިއެކު ކަރަމްއަށް ބަލާލެވުނީ އެލީޝާއަށެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެންދިޔައެވެ.
“ކިޔާ ނުބުނާށޭ ބުނީމަ ނުކެރުނީ ބުނަން….” ކުރަކި ގޮތަކަށް އެލީޝާ ބުނެލިއެވެ. ކަރަމްއާއި ކިޔާން ކިޔާރާއަށް އެހީވެދިންކަމަށްޓަކައި އައިމަންއަށް ޝުކުރުވެރިވިއެވެ. އަދި އެގެއަށް ގިނަގިނައިން އައުމަށް ދައުވަތު ދިނެވެ.

އެލީޝާ ހުރީ ބެލްކަނީގައެވެ. އެވަގުތު ކަރަމްއައިސް އޭނާގެ ގާތުގައި މަޑުކޮށްލިއެވެ.
“އެލީ އިއްޔެ ދިޔައީ ކިޔާމެން ގެއަށްތަ….؟؟؟” އެލީޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“ސޮރީ….” އެލީޝާއަށް ބަލާލަމުން ކަރަމް ބުނެލިއެވެ. އެލީޝާ ހުރީ ފުރިބާރުވެފައިވާ މަގުމައްޗަށް ބަލަހައްޓައިގެންނެވެ. “ކޮންކަމަކާ….؟؟؟؟” އެހުރިގޮތަށްހުރެ އެލީޝާ އަހާލިއެވެ.
“ކުށްހީ ކުރެވުނީމަ…. އެލީ ކީއްވެ ރީތިކޮށް ތެދަށް ނުބުނީ….؟؟؟”
“އިޓްސް އޯކޭ…. އަހަންނަށް މަޖުބޫރުވެގެން ނުބުނީ….” މިހެން ބުނެފައި އެލީޝާ އެތަނުން ދިޔައީއެވެ.
ކަރަމްގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެލީޝާ މިއުވާނާ ބައްދަލް ނުކުރާކަން އެނގުމުންނެވެ. ނަމަވެސް އެދުވަހު އެލީޝާ ފޯނުން ދެއްކި ވާހަކަ ހަނދާންވުމުން އޭނާގެ ބޮލުގައި ރިއްސާލިއެވެ.

މަހެއްހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ކިޔާރާއަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ކުރީގަ އެހުންނަ ސަކަ ގޮތްގަނޑުވެސް ފިލައިގެން ހިނގައްޖެއެވެ. އަބަދު ހުންނަނީ މަޑުމައިތިރިކޮށެވެ. ފާއިތުވި އެއްމަސް ދުވަސްތެރޭ ކޮންމެ ދުވަހަކުވެސް އައިމަން ކިޔާރާމެންގެއަށް ދެއެވެ. އޭނާގެ ސަކަ ވާހަކަތަކުން ކިޔާރާ ހެއްވާލައެވެ. އައިމަންގެ މިޒާޖުގެ ގޮތުން ގޭގެ އެންމެންނާ އޭނާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދުނެވެ.
އާދައިގެ މަތިން މިއަދުވެސް އައިމަން އިނީ ކިޔާރާއާއެކު ބަގީޗާގައި ހުރި އުނދޯލީގައެވެ. ދޭތެރެއަކުން އައިމަން ބުނެލާ އެއްޗަކުން ކިޔާރާ ހީލައެވެ. މިމަންޒަރު ބަލަން ޓެރެސްގައި ކަރަމްއާއި ކިޔާންއާއި ކައުޝަލް ހުއްޓެވެ.
“އަހަންނަށް ހީވަނީ އައިމަންއަށް ކިޔާ ވަރަށް ކަމުދާހެން….” އިރުކޮޅަކު އެހެން ހުރުމަށްފަހު ކައުޝަލް ބުނެލިއެވެ.
“ރަނގަޅަށް ތިބުނީ…. އޭނައަށް ކިޔާ ވަރަށް ކަމުދޭ…. ކުރީ ދުވަހެއްގަ އަހަރެންގެ ގާތު އެވާހަކަ ދެއްކި….” އެހުރި ގޮތަށް ހުރެ ކަރަމް ބުނެލިއެވެ.
“އަހަންނަށް ޔަގީން އޭނަ ކިޔާ އުފަލުގަ ބަހައްޓާނެކަން…. އެކަމް ކިޔާ ހަމައަކަށް އެޅެން އަދި ވަގުތު ނަގާނެ….” ކައުޝަލް ބުނެލިއެވެ.
“ހިނގާ ދަތުރެއް ރާވަމާ…. ދުވަސްކޮޅަކަށް ރިޝާ މަންމަގެ ރަށަށް ދާނީ…. މާހައުލު ބަދަލުވެލީމަ ކިޔާވެސް ހިތްހަމަޖެހޭނެ….” ކިޔާން ހިޔާލެއް ދިނެވެ. ކައުޝަލްވެސް ކިޔާންގެ ހިޔާލަށް ތާއީދުކުރިއެވެ. އައިމަން ވެސް ގޮވައިގެން ދިއުމަށް އޭނާ ލަފާ ދިނެވެ. އަދި އޭނަޔަށް މިފަހަރު އެދަތުރުގައި ބައިވެރިވެވެން ނެތްކަމަށާއި އެމީހުން ދިޔުމަށް ބުންޏެވެ.

އޭގެ ދެދުވަސް ފަހެވެ. ކަރަމްގެ ދެމަފިރިންނާއި ކިޔާންގެ ދެމަފިރިންގެ އިތުރުން ކިޔާރާއާއި އައިމަން ވޭނުގައި މިސްރާބުޖެހީ ލޯންޗް ދޮށަށް ދިޔުމަށެވެ. ވޭން ގޮސް މަޑުކޮށްލުމުން އެންމެންފޭބިއެވެ. އެވަގުތު ކަރަމްގެ ލޮލުގައި އަޅައިގަތީ ދަބަހެއް އަޅުވައިގެން ރަޝާ ގާތު ހުރި މިއުވާންއެވެ. އޭރު މިއުވާންގެ ނަޒަރު ސީދާވެފައި ހުރީ އެލީޝާއާއި ދިމާއަށެވެ. މިމަންޒަރު ފެނުމުން ކަރަމްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
(ނުނިމޭ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ