ލިޔުންތެރިޔާ
ދާމިޔާ
އަޅުގަނޑު ވާހަކަ ލިޔުމަށް ވަރަށް ޝައުގުވެރިވޭ.. އުންމީދު ކުރަނީ އަޅުގަނޑުގެ ވާހަކަތައް ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް..
38 : ލިޔުނު ވާހަކަ
155 : ލައިކްސް
57 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

ދިމްޔާ (20) ވަނަ ބައި

20 ވަނަ ބައި (ނިމުނީ)
21 ޖުލައި 2016
0
ލޯބީގެ
ރާކިންގެ އަތުގެ ހަރަކާތްތައް ހުއްޓުންހެން ހީވެގެން ދިމްޔާއަށް ރާކިނާއި ދިމާއަށް ބަލާލެވުނެވެ. އޭރު ރާކިންގެ ދެލޯވަނީ މެރިފައެވެ. ހާސްވެފައި އިނދެ ދިމްޔާއަށް ބަލާލެވުނީ އީމަނާއި ދިމާއަށެވެ. އޭރު އީމަންވެސް އިނީ ރާކިނަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.

"އިމޫ.... ރެކްއަށް ކިހިނެއް އެވީ...؟؟؟" ހާސްވެފައި އިނދެ ދިމްޔާ މިހެން އަހާލުމުން އީމަން ދިމްޔާއަށް ބަލާލަމުން ބޭރަށް ހިނގައިގަތީ ނަރުހަކު ހޯދުމަށެވެ. ދިމްޔާ ރޮވިފައި އިނދެ ރާކިނަށް ގޮވަމުންދިޔައިރު އޭނާގެ ހިތް ހީވީ މޭފަޅާލާފައި ނުކުމެގެން ހިނގައިދާނެހެންނެވެ. މާގިނައިރެއްނުވެ އީމަން ނަރުހަކާއި ޑޮކްޓަރު ގޮވައިގެން އެތަނަށް އައެވެ. ޑޮކްޓަރު ރާކިން ބެލުމަށްފަހު މާބޮޑަށް ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުން ނިދުނީ ކަމަށް ބުނުމުން ދިމްޔާއަށާއި އީމަނަށް އެކަކު އަނެކަކަށް ބަލާލަމުން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

އޭގެ އިރުކޮޅެއްފަހުން ރާކިން "ޕްރައިވެޓް" ކޮޓަރިއަކަށް ބަދަލު ކުރެވުނެވެ. ދިމްޔާ ރާކިންގެ ގާތުގައި ގޮނޑީގައި އިށީނދެލައިގެން އިނުމުން ވަރުބަލިވެފައި ހުރުމާއިއެކު އީމަން ޖައްސާލީ އެތާ ވަކިން ހުރި ކުޑަ އެނދުގައެވެ.

އީމަނަށް ހޭލެވުނީ ގާތުން ބަޔަކު ހޭއަޑަށެވެ. ދެލޯ ހުޅުވާ ބަލާލިއިރު އެތާ ތެރޭގައި ރުހާމެންގެ އިތުރުން ތާނީވެސް ހުއްޓެވެ. އޭރުވެސް ދިމްޔާ އިނީ ރާކިންގެ ގާތުގައި ގޮނޑީގައި އިށީނދެލައިގެންނެވެ.

"ކޮންކަމަކާ އެންމެން މާވަރަކަށް ތިހެނީ...؟؟؟ ތާނީ ކޮންއިރަކު މިކޮޅަށް އައީ...؟؟؟" މޯޅިއަކަށް ދެމިލަމުން ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން އީމަން އަހާލިއެވެ. އެވަގުތު ތަފާތު ގޮތެއް ހީވުމުން އީމަނަށް އޭނާގެ ބޮލުގައި އަތް ޖައްސާލެވުނެވެ. އޭރުވެސް އެއްވެސް ޖަވާބެއް ނުދީ ތިބެގެން އެންމެން ހެނީއެވެ. ރާކިންވެސް އޮތީ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.

"މީ ކޮންކަމެއް....؟؟؟ ކީއްވެ އަހަރެންގެ ބޮލުގައި ބެނޑޭޖް އަޅާފައި މިހުރީ.... އަނެއްކާ އަހަރެންގެ ބޯވެސް ފަޅައިގެން ދިޔައީތަ...؟؟؟" ބޮލުގައި އަޅާފައި ހުރި ބެންޑޭންޖްގަނޑުގައި އަތް ޖަހާލަމުން އީމަން ސުވާލުކޮށްލީ ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުންނެވެ.
"އެހެންނޭ ވާނީ ... އަދިވެސް ޖެހޭތާކު އޮވެގެން ނިދާތި...." އީމަންގެ ގާތަށް އައިސް މަޑުކޮށްލަމުން ތާނީ މިހެން ބުނެލީ މަޖާވެފައި ހުރެއެވެ.

"ދެން ވަރަށް ހެއްވާ.... ތާނީ ތީ މިތާގެ ނަރުހެކޭ ކިޔާފައި މިތާގެ ބެންޑޭޖް އެއްޗެހި ބޭނުން ނެތް ގޮތުގައި ބޭނުންކުރުމުގެ ޙައްޤެއް ތާނީއަކަށްވެސް ނޯންނާނެ...." އީމަންވެސް މަޖާވެލާފައި އިނދެ ވާހަކަ ދެއްކިއެވެ.

"އިމޫ ތިބުނީ ވަރަށް ބޮޑު ތެދެއް.... އެކަމަކު ތިބެންޑޭޖް ތީ މިތާގެ އެއްޗެއް ނޫން... ތީ އަހަރެމެން ގަނެގެން ގެނައި އެއްޗެއް.... އަސްލު ވީގޮތަކީ ރެކް އެކަނި ބެންޑޭޖް އަޅައިގެން އޮންނަން ވީމަ ފޫހިވާތީ ރެކް ބޭނުންވީ އިމޫވެސް ބެންޑޭޖް އަޅަން.... ދޯ ރެކް...." ހިނިގަނޑެއް ޖަހާލަމުން އާހިލް މިހެން ބުނުމުން ރާކިންވެސް އާހިލްގެ ވާހަކައާއި އެއްބައިވުމުގެ ގޮތުން ބޯޖަހާލިއެވެ.

"އެކަމަކު ދޯ.... އަހަރެން ހަމަ ހައިރާންވެއްޖެ.... ތީ ކުޑަކުދިންތަ މިކަހަލަ ސަކަރާތް ޖަހަން..... ކަލޭމެން އަދި ބޮޑެއް ނުވޭ ދޯ....." އީމަން ބެންޑޭޖްގަނޑު ނަގަން އުޅެންފެށުމުން އެ ނެގިޔަ ނުދީ ޖަޒްލީމެން ހިފެހެއްޓުމުން އީމަން ބުނެލިއެވެ. ޖަޒްލީމެން ގަދަ ކޮށްލުމުން އެންމެ ފަހުން އީމަނަށް ޖެހުނީ ބަލި ޤަބޫލުކޮށް އެމީހުން ބުނި ގޮތެއް ހަދައިގެން އިންނާށެވެ.

ޖެހިގެން އައި ދުވަހުވެސް އީމަނަށް ޖެހުނީ އެބެންޑޭޖް އަޅައިގެން ހުންނާށެވެ. އެ ނަގައިފިއްޔާ އެއަށްވުރެ ބޮޑުވަރުކޮށްލާނެކަމަށް އެމީހުން ބުނުމުން އީމަންވެސް ދެން އިތުރަށް އެނަގާކަށް ނޫޅެނުވެ. ރޭގަނޑު ދިމްޔާއާއި އީމަން ރާކިންގެ ގާތަށް ހޮސްޕިޓަލަށް އައުމުން ރާނިޔާމެން ގެއަށް ދިއައެވެ. އެވަގުތު ތާނީ ވެސް އެތަނަށް އައެވެ. އެވަގުތަކީ އޭނާގެ ޑިއުޓީ ވަގުތުކަމުން އޭނާހުރީ ނަރުސް ޔުނިފޯމްގައެވެ. ހަތަރު މީހުން ވާހަކައިގައި ތިއްބާ ތާނީގެ ފޯން ރިންގް ވާން ފެށިއެވެ. ފޯނަށް ޖަވާބު ދިނުމަށްޓަކައި ތާނީ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

ފޯން ކޯލް ނިންމާލުމަށްފަހު އައިސް ތާނީ ލޮލުން އިޝާރާތްކޮށްލުމުން ރާކިންވަނީ ފާހާނާއަށެވެ. އޭރު އީމަން އިނީ ރާކިން އޮންނަ އެނދުގައި އިށީނދެލައިގެންނެވެ. ދިމްޔާއާއި ތާނީ ހުރީ އީމަންގެ ގާތުގައި ކޮޅަށެވެ. ކުއްލިއަކަށް ދޮރުހުޅުވުނުއަޑަށް އެންމެން އެކީ އެދިމާއަށް ބަލާލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ހުރެ އީމަނަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ދޮރުމަތީގައި ހުއްޓިލައިގެން އެހުރީ އޭނާގެ މާޔާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ދެފަހަރަކަށް އެސްފިޔަ ޖަހާލަމުން އީމަނަށް މާޔާގެ ނަން ކިޔާލެވުން އިރު މާޔާ އައިސް އޭނާގެ ގައިގައި ބައްދާލައިފިއެވެ. އީމަން ހައިރާންކަމާއިއެކު އެއްފަހަރު ދިމްޔާގެ މޫނަށް އަދި އަނެއްފަހަރު ތާނީގެ މޫނަށް ބަލާލީ ވާނުވާ ނޭނގި ހުރެއެވެ. ނަމަވެސް ދިމްޔާމެންގެ މޫނުމަތިން ހައިރާންކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ދެމީހުންވެސް ތިބީ ވަރަށް ހަމަޖެހިލައިގެން ހިނިތުންވެލައިގެންނެވެ.

އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު މާޔާ އީމަނާއި ދުރަށް ޖެހިލަމުން އީމަންގެ ދެއަތުގައި ހިފާލިއެވެ. އެއަށްފަހު އީމަނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު އޭނާގެ ރީތި ދެލޯވަނީ ކަރުނުން ތެމިފައެވެ.

"އަސްލު ކިހިނެއްވީ...؟؟؟ ވަރަށް ތަދުވޭތަ ބޮލަށް...؟؟؟؟" އީމަންގެ ބޮލުގައި އަޅާފައި އޮތް ބެންޑޭޖްގަނޑަށް ބަލާލަމުން މާޔާ މިހެން އަހާލުމުން އީމަނަށް ބަލާލެވުނީ ތާނީއާއި ދިމާއަށެވެ. އޭރު އަނގަމަތީގައި އަތް އަޅައިލައިގެން ތާނީ ހިނިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތްކުރާތަން ފެނުމުން އީމަނަށް ވީގޮތް ނަގައިގަނެވުނެވެ.

"މާޔާ.... އަހަރެން...." އީމަން ވާހަކަ ދައްކަން އުޅެން ފެށުމުން މާޔާ އީމަންގެ އަނގަމަތީގައި އަތް އަޅާފައި ހުއްޓުވިއެވެ. އަދި އީމަންގެ ދެކޮނޑުގައި ހިފާލަމުން އެނދުގައި އިށީނުމަށް ބުންޏެވެ. ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން އީމަން މާޔާ ބުނި ގޮތަށް ކަންތައް ކުރިއެވެ.

"އިމޫ.... އަހަންނަށް މާފުކުރޭ... އަހަރެން އޭރު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި އެހެންވެ އިމޫ ދޫކޮށްލާފައި ދެވުނީ... އެކަމަކު އިމޫއާއި ނުލާ އަހަރެން އެކޮޅުގައި އުޅުނީ ވަރަށް އުނދަގުލުން.... އިމޫ މަތިން ހަނދާންނުވާ އެންމެ ހިނދުކޮޅެއްވެސް ނުދޭ... މަންމަމެން އެހާވަރަށް އާދޭސް ކުރީމަވެސް ގޮތްދޫނުކުރަންވެގެން މިކޮޅަށް ނައިސް ހުރީވެސް..... އެކަމަކު އިއްޔެގައި ތާނީ ގުޅާފައި އިމޫގެ ބޯފަޅައިގެން ދިޔަ ވާހަކަ ބުނުމުން އަހަންނަށް އެންމެ ހިނދުކޮޅަކުވެސް އެކޮޅަކު މަޑެއް ނުކުރެވުން... އަހަންނަށް ހީވަނީ އިމޫއަށް ތިހާލު ޖެހުނީވެސް އަހަރެންގެ ސަބަބުން ކަންނޭނގެ...." މާޔާގެ ވާހަކަ މިހިސާބަށް ދިޔުމުން އީމަނަށް އިތުރަށް އަޑުއަހަން ނީނދެވުމުން މާޔާގެ ނަމުން ގޮވާލިއެވެ. އެއަށްފަހު ދެން އޭނާ ބަލާލީ ތާނީމެންނާއި ދިމާއަށެވެ.

"މާޔާ.... އަހަންނަކަށް އެއްވެސް ކަމެއް ނުވެ...." މާޔާގެ އަތުގައި ހިފާލަމުން އީމަން މިހެން ބުނުމުން މާޔާ ހައިރާންވިއެވެ. ދިމްޔާއާއި ތާނީވެސް އެކަކު އަނެކަކަށް ބަލާލިއެވެ.

" ބޯފަޅައިގެން ދިޔައީ އަހަންނެއް ނޫން.... ރެކްގެ ބޯ ފެޅުނީ.... މީ އިއްޔެ ތާނީމެން ޖެހި ސަކަރާތެއް.... ބޮލުގައި އަޅާފައި އޮތް ބެންޑޭޖްގަނޑު ނެގުމަށްފަހު މާޔާއަށް ދައްކާލަމުން އީމަން މިހެން ބުނުމުން މާޔާއަށް ބަލާލެވުނީ ތާނީއާއި ދިމާއަށެވެ. އެވަގުތު ފާހާނާގެ ދޮރުހުޅުވާލާފައި ރާކިންވެސް ފާހާނާއިން ނުކުތެވެ. ރާކިން އައިސް އެނދުގައި އިށީނުމުން އީމަން އެނދުން ތެދުވިއެވެ.

"މާޔާ.... އަހަންނަށް މާފުކުރޭ.... އަހަންނަކަށް ނޭނގެ އެއީ އެމީހުންގެ ރޭވުމެއްކަން.... އެއީ އަހަންނަށް އެނގިގެން ވީކަމެއް ނޫން.... ފަހަރެއްގައި މާޔާ ޤަބޫލުވެސް ނުކޮށްފާނެ....." މާޔާގެ މޫނަށް ބަލާލަމުން މިހެން ބުނެފައި އީމަން އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު ދިމްޔާ އީމަންގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"ތިދެމީހުން އުޅޭގޮތުން އެހެންމީހުންގެ ހިތަށް ކެތް ނުވީމައޭ ރޭވުންތައް ރާވަންޖެހުނީ.... ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާ ދަރަޖައަށް ލޯބިވާއިރުވެސް ތިތިބެނީ ގޮތްދޫނުކުރަން.... އެހެން ކަންތައް ކުރީމަ ވަކި ކޮންމޮޅެއްތަ ވަނީ...؟؟؟ ހިތަށް ތަދުވުން ނޫންކަމެއް ވޭތަ...." ދިމްޔާ ވާހަކަ ދެއްކީ ތަންކޮޅެއް ހަރުގޮތަކަށް ދެމީހުނަށް ވިސްނައިދޭ ފަދައަކުން ދެފަހަރު ދެމީހުންގެ މޫނަށް ބަލާލަމުންނެވެ. ދިމްޔާގެ ވާހަކަ ނިމުމުން މާޔާއާއި އީމަން އެކަކު އަނެކަކަށް ބަލާލިއެވެ.

"އަހަރެން ޤަބޫލުކުރަން ކުށް ކުރެވުނީ އަހަންނަށްކަން.... އަހަރެމެން މީ އިންސާނުންނަށްވީތީ ކުށްވެސް ކުރެވޭނެ... އަހަރެން މާފަށްވެސް އެދުނިން.... އަލުން ގުޅެންވެސް ބޭނުންވޭ... އެކަމަކު މާޔާ އަހަރެން ދޫކޮށްލާފައި ދިޔައީ އަހަންނަށް ދެވަނަ ފުރުސަތެއްވެސް ނުދީ.... ދެން އެހެންވީމަ އަހަރެން ކީއްކުރާނީ...؟؟؟" ދެރަވެފައި ހުރެ އީމަން ވާހަކަ ދެއްކީ މާޔާއަށް ފުރަގަސްދީގެން ހުރެއެވެ.

"އަހަރެންވެސް ޤަބޫލުކުރަމޭ ދެވަނަ ފުރުސަތެއް ނުދިނުން އެއީ އަހަންނަށް ކުރެވުނު ކުށެއްކަން... އެކަމަށް އަހަރެން މާފަށްވެސް އެދެން.... އަހަރެންވެސް ބޭނުންވޭ އަލުން ގުޅެން.... އެކަމަކު އަހަރެން އައީމަ އިމޫ ތިއުޅުނީ މިތަނުން ދާކަންނު...." ވާހަކަ ދައްކަމުންގޮސް މާޔާއަށް އެންމެ ފަހު ޖުމްލަ ބުނެވުނީ ޝަކުވާގެ ރާގުގައެވެ. އީމަން ފަސްއެނބުރި މާޔާއަށް ބަލާލިއެވެ. އޭރު މާޔާވެސް ހުރީ އީމަނަށް ބަލަހައްޓައިގެންނެވެ. އީމަން ދެފިޔަވަޅު ކުރިޔަށް ޖެހިލުމަށްފަހު މާޔާގެ ކުރިމަތީ މަޑުކޮށްލަމުން އޭނާގެ ދެއަތުގައި ހިފާލިއެވެ. ރާކިން، ދިމްޔާ އަދި ތާނީ ތިބީ ހިނިތުންވެފައި އެމަންޒަރު ބަލާށެވެ.

"އަހަރެން ދުވަހަކުވެސް މާޔާ ނޫން އެހެން މީހަކު ބޭނުމެއް ނޫން.... ދެން ކިތަންމެ ބޮޑު ކަމަކާ ކުރިމަތިލާން ޖެހުނަސް އަހަރެން މާޔާއާއި ދުރަކަށް ނުދާނަން.... މާޔާއަށް ފުރިހަމަ އިތުބާރު ކުރާނަން.... އަހަންނާ ކައިވެނި ކުރާނަންތަ....؟؟؟؟" މާޔާގެ ދެލޮލަށް ބަލަން ހުރެ އީމަން ދެއްކި ވާހަކައިން އުފަލުން ގޮސް މާޔާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. އަވަސް އަވަހަށް ބޯޖަހާލަމުން މާޔާ އީމަންގެ ހުށައެޅުން ޤަބޫލުކުރީ ހިތުން ރުހުމުންނެވެ. އެވަގުތު އީމަންގެ ހިތަށްވެސް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ. އޭނާ މާޔާގެ ނިއްކުރިއަށް ބޮސްދިނުމަށްފަހު މާޔާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައިދިނެވެ. އެމަންޒަރު ބަލަން ހުރެފައި ދިމްޔާވެސް ގޮސް ރާކިންގެ ގާތުގައި އިށީނެވެ.

"އަހަރެމެންގެ އިންތިޒާރަށްވެސް ދެން ވަރަށް އަވަހަށް ނިމުން އައިސްދާނެ.... މާތް ﷲ އިރާދަ ކުރެއްވިއްޔާ ދުވަސްކޮޅަކުން ދިމް ހުންނާނީ އަހަރެންގެ އަންބެއްގެ ގޮތުގައި...." ދިމްޔާގެ އަތަށް ފިތާލަމުން ނުހަނު ލޯތްބާއިއެކު ރާކިން ބުނެލިއެވެ.

ރާކިން ރަނގަޅުވުމުން ގެޔަށް ފޮނުވާލެވުނެވެ. އެއާއިއެކު ރާކިންމެންގެ ކައިވެނީގެ ތައްޔާރީތައް ވާން ފެށުނެވެ. ދާބިރުގެ އެދުމަށް ކައިވެނި ވެވެންދެން ދިމްޔާ ދާބިރުމެންގެ ގެއަށް ބަދަލުވިއެވެ. ދިމްޔާމެންގެ ދެބެން އެތައް ދުވަހެއްގެ ފަހުން އެކީގައި އުޅެލަން ލިބުމުން ދުވަހުގެ ގިނަވަގުތުތައް ހޭދަ ކުރަނީ ދެމީހުން އެކީގައެވެ. އެކިކަހަލަ ސަކަރާތް ޖެހުމާއި މަޖަލުގައެވެ. ކިތަންމެ ފަހުން ދިމާވި ކަމުގައި ވީނަމަވެސް އެދެމީހުންގެ ގުޅުން ބަދަހިކަމުން ހީވަނީ އެކުގައި އުޅެބޮޑުވެގެން އައި ދެކުދިންހެންނެވެ. ދެމީހުންގެ މިޒާޖުގައި ތަފާތުތަކެއް ހުރި ކަމުގައި ވީނަމަވެސް އެކަކު އަނެކަކާ ނުހަނު ގުޅެއެވެ.

އާދައިގެ މަތިން މިއަދުވެސް ދިމްޔާމެން ތިބީ ކޮޓަރީގައި ކޮންމެވެސް ސަކަރާތެއް ޖެހުމުގައެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހުމުން މާޔާ ހިނގައިގަތީ ދޮރު ހުޅުވުމަށެވެ. އޭރު ދެމީހުން އުކާފައި ހުރި ބާލީސްތައް ތަޅުންމަތިން ހޮވުމުގައި ދިމްޔާ އުޅުނެވެ.

"ވާއު.... ބޭފުޅާ ހަމަ އެންމެ ހިނދުކޮޅަކުވެސް ކަމަނާގެ މޫނު ދެކިނުލާ ނުހުރެވޭ ދޯ....." ކުޑަކޮށް ދޮރު ހުޅުވާލައިގެން ހުރެ މާޔާ ވާހަކަ ދެއްކީ ދޮރުމަތީގައި ހުރި ރާކިނާއެވެ. ދިމްޔާއަށް ރާކިން ނުފެނުން ކަމުގައި ވީނަމަވެސް ދޮރުމަތީގައި ހުރީ ރާކިންކަން ޔަޤީންވީ މާޔާގެ ޖުމްލައިންނެވެ. އެހެންކަމުން އެނދުމަތީގައި އޮތް ދޯބައްޓާ ނަގައި ކަރުގައި އޮޅާލަމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރާކިންގެ ގާތުގައި މަޑުކޮށްލިއެވެ.

"ދައްތަ ވަރަށް ނަސީބު ރަނގަޅޭ އަސްލުވެސް.... ބަލާބަލަ ރެކްއަށް ދައްތަ ފެންނަ ހިސާބަށް ނައިސް ނުހުރެވޭ އެންމެ ހިނދުކޮޅަކުވެސް.... އެކަމަކު މަގޭ ސޮރު މިހާރު ވީތަންވެސް ނޭނގެ.... އޭނަ އަހަރެން މަތިން ހަނދާންވެސް ނުވަނީ ތޯއްޗެ...." އަނގަޔަށް ގޮތެއް ހަދާލަމުން މާޔާ މިހެން ބުނެލީ ކުޑަކޮށް އަކުރުތަކަށް ދަމާލަމުން މަޖާ ރާގެއްގައެވެ. ދިމްޔާއަށާއި ރާކިނަށް އެއްފަހަރާ ހިނިގަނޑެއް ޖަހާލެވުނީ އެހެންވެގެންނެވެ.

"އައްދޯއި....." ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރާއި ދިމާލުން ހަޅޭލަވައިގަތް އަޑަށް މާޔާމެން އެދިމާއަށް ގޮސް ދޮރު ކައިރި ހުއްޓުންތަނާ ފެނުނު މަންޒަރުން ތިންމީހުން އެއްފަހަރާ ހޭންފެށިއެވެ. އޭރު އެގޭގައި ގެންގުޅޭ ބުޅާ އޮތީ އީމަންގެ ފައިގައި ދަތްއަޅައިގެންނެވެ.
"އިމޫ.... ތީ ކޮންކަމެއް...." ހިނިގަނޑު ކޮންޓްރޯލްކޮށްލަމުން ދިމްޔާ އަހާލިއެވެ. މާޔާ ގޮތެއް ހަދާލުމުން އެބުޅާ އެތަނުން ދިޔައެވެ.
"ނޭނގެ އަހަންނަކަށްވެސް..... އަހަރެން އުޅުނީ ކުޑަދޮރުން އެތެރެއަށް ވަންނަންވެގެން.... އެކަމަކު އައި ނައި ތަނެއް ނޭނގި ބުޅާގަނޑު އައިސް މަގޭ ފައިގައި ދަތްއެޅީ..... ހީވަނީ ދެން ގެއަށް ވަގެއް ވަންނަން އުޅޭތީ ހިފަހައްޓަން އުޅުންހެން... ވަރެއްގެ ބުޅަލެއް...." ކުޑަދޮރުން އެތެރެއަށް ފުންމާލަމުން އީމަން ބުނެލިއެވެ.

"އެހެނޭވާނީ.... ބޮޑު ދޮރު ހުއްޓައިވެސް ވަންނަން ޚިޔާލުކުރީތި ކުޑަދޮރުން ވިއްޔަ.... ދެން އެސޮރުވެސް ހީކުރާނީ ތީ ވަގެއް ކަމަކަށްނު...." ދެޖީބަށް އަތް ޖަހާލަމުން ރާކިން ބުނެލިއެވެ.

"ކީއްކުރާނީ ރެކް.... ރެކްކަހަލަ ބޯރަނގަޅު މީހެއް ނޫނޭ އެއީ...." ދަނޑިވަޅުގެ ބޭނުންކޮށް މާޔާވެސް އީމަނާއި ދިމާކޮށްލިއެވެ. މާޔާ އެހެން ބުނުމުން އީމަން ލޯހަނިކޮށްލަމުން މާޔާއަށް ބަލާލިއެވެ.

"އަހަރެން އުޅުނީ މާޔާއަށް "ސަޕްރައިޒެއް" ދޭންވެގެންނޭ.... ތަންކޮޅެއް ތަފާތުގޮތަކަށް... އެކަމަކު އަންނަ އިރަށް ތި އެއްޗެހި ގޮވައިގަތީނުން.... އަހަރެން މިދަނީ ދާން...." އީމަން ރުޅިއައިކަމަށް ހަދާލަމުން ދާން ހިނގައިގަތެވެ.

"ތެދެކޭ މާޔާ.... އޭނަ އެހާވަރުން އައީމައިވެސް ފައިރަނގަޅުތޯ އަހާލާނެ ކަމުގައި އެއްޗެހިކިޔަން ވިއްޔަ ތިފެށީ.... ކޮރުޖަހަމުންނޭ ހިނގަނީވެސް... ފަޔަށް ގޮތެއް ވީތަ....؟؟؟" ކޮރުޖަހަމުން އީމަން ހިނގައިގަތުމުން ދިމްޔާ އޭނާ ހުއްޓުވާފައި ކޮޓަރީގައި ހުރި ސޯފާގައި ބޭންދިއެވެ. މާޔާއާއި ރާކިންވެސް ދިމްޔާގެ ގާތަށް ޖެހިލިއެވެ.

"ދިމް.... އަހަންނަށް ކަމެއް ކޮށްދެންޏާ ކައިވެނީގެ ކުރިން މާޔާއަށް ތިކަހަލަ ރީތި އާދަތައް ދަސްކޮށްދީބަލަ.... ކައިވެނިކުރަން އުޅޭ އިރުވެސް އެއުޅެނީ ކުޑަކުދިން އުޅޭހެން...." އީމަން މިހެން ބުނުމުން ދިމްޔާއާއި ރާކިން ހޭންފެށިއެވެ. މާޔާ އީމަނަށް ލޯއަޅާލަމުން އީމަނަށް ރައްދު ދިނެވެ. އެގޮތުގައި އެތައް އިރެއް ވަންދެން މާޔާމެން ޒުވާބުކުރަމުން ދިޔައިރު ދިމްޔާމެން މަޖާވެފައި ކުޅި ބަލަން ތިއްބެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިއަދަކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހެވެ. ކައިވެނި ކުރުން އޮތީ ދާބިރުގެ ގޭގައިކަމުން ރާކިނާއި އީމަން ތައްޔާރުވެގެން ޢާއިލާއާއިއެކު ދާބިރުގެ ގެއަށް ދިޔައެވެ. އެދެމީހުން ތިބީ އެއްގޮތަކަށް ހެދުން އަޅައިގެންނެވެ. އަތްދިގު ހުދުގަމީސް ހުރީ ލައިގެން ހުރި ކަޅު ފަޓުލޫނުގެ ދަށަށް ޖަހާ ދޫކޮށް ބެގީކޮށްލާފައެވެ. ގަމީސްމަތިން ކަޅުކުލައިގެ ވެސްޓެއް ލައިފައި ހުރިއިރު ކަރުގައި ރަތްކުލައިގެ ސްކާފެއް އޮޅާލާފައި ވެއެވެ. ބޮލުގެ އިސްތަށިގަނޑު ކޮޅަށް ނަގާ ތަތްކޮށްލާފައި ހުރިއިރު ދެމީހުންވެސް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.

"ރެކް... އިމޫ...." އާހިލްމެންނާ ވާހަކަ ދައްކަން ތިބި ރާކިނާއި އީމަން ފުރަގަހަށް އެނބުރުނީ ތާނީ ގޮވާލުމުންނެވެ. އޭރު ތާނީގެ ފުރަގަހުގައި ރަތްކުލައިގެ އެސްތަކަކާއި މާތަކަކުން ފަރުމާކުރެވިފައިވާ ހުދުކުލައިގެ ކައިވެނީގެ ބޮޑު ހެދުން ލައިގެން އެތިބީ ދިމްޔާއާއި މާޔާއެވެ. އެދެމީހުންވެސް ތިބީ އެއްވައްތަރެއްގެ ހެދުމެއްގައެވެ. ރަތްކުލައިގެ އެސްތަކެއް ޖެހި ހުދުޝޯލުން ވަށްމޫނުތައް ވަށާލާފައިވާއިރު ދެމީހުންވެސް ނުހަނު ރީއްޗެވެ. ހީވަނީ ބިމަށް ފައިބާ ތިބި ހޫރު ޕަރީންތަކެއްހެންނެވެ. މިރޭ އެއްގޮތަކަށް ހެދުން އަޅާފައި ތިބުމުން ހީވަނީ އެކެއްގެ ހިޔަނި ކުލަކޮށް ފެންނަން ހުރިހެންނެވެ. ދެމީހުން އެހާވެސް ވައްތަރެވެ. ކަޅިޖަހާނުލާ ރާކިނާއި އީމަނަށް ދިމްޔާމެނާއި ދިމާއަށް ބަލަހައްޓައިގެން ތިބެވުނީ ބުރުގައި އަޅާފައި ތިބުމުން އެމީހުން ވަކިން ރީތިވީމައެވެ.
"ޔަޤީން މިރޭ ރެކްއަށްވެސް އަދި އިމޫއަށް ވެސް ދިމްޔާއާއި މާޔާ ވަކި ކުރާކަށް ނޭނގޭނެ....." ރާކިންމެން ސިހުނީ ޖަޒްލީގެ އަޑަށެވެ.
"އަހަންނަށް އެނގޭ އަހަރެންގެ ދިމް ވަކިކުރަން....." ޖީބަށް އަތް ޖަހާލަމުން ރާކިން މިހެން ބުނުމުން އީމަނަށް ރާކިނާއި ދިމާއަށް ބަލާލެވުނީ ހައިރާންވީވަރުންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ..؟ މިރޭ އީމަނަށްވެސް އެދެމީހުން ވަކިކުރާކަށް ނޭނގެއެވެ. ވީއިރު ރާކިނަށް އޭނާގެ ދިމްޔާ ވަކިކުރަން އެނގުނީ ކިހިނެއްބާއޭ އީމަންގެ ހިތަށް އެރިއެވެ.

ރާކިން ދިމްޔާމެނާއި ދިމާއަށް ހިނގައިގަތުމުން އީމަންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
"މީ އަހަރެންގެ ދިމް...." ރާކިން ގޮސް ދިމްޔާގެ އަތުގައި ހިފާލަމުން މިހެން ބުނުމުން ރުހާމެން ރާކިނަށް ތަޢުރީފްކޮށްލިއެވެ.
"ކިހިނެއް ރެކްއަށް އެހާފަސޭހައިން އަހަރެން ފާހަގަ ކުރަން އެނގުނީ....؟؟؟" ރާކިން އެހާ ފަސޭހައިން ދިމްޔާ ފާހަގަ ކުރީތީ ދިމްޔާވެސް ހުރީ ހައިރާންވެފައެވެ.

"އަހަންނަށް އެންމެ ފުރަތަމަވެސް ތިދެމީހުން ވަކިކުރެވުނީ އަހަރެން ދިމްއަށް ދިން އަހަރެމެންގެ ލޯބީގެ ނިޝާނުން... މިރޭވެސް ދެމީހުން ވަކިކުރަން އެނގުނީ ހަމަ އެނިޝާނުގެ ސަބަބުން...." ދިމްޔާގެ އަތުގައި ރާކިން އަޅުވައިދިން ކެވެލިކޮޅާ ކުޅެލަމުން ދިމްޔާއަށް ބަލަހައްޓައިގެންހުރެ ރާކިން މިހެން ބުނުމުން ދިމްޔާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އީމަންވެސް ކުރިއަށް ޖެހިލާ މާޔާގެ އަތުގައި ހިފާލަމުން އޭނާގެ ރީތިކަމަށް ތަޢުރީފުކޮށްލިއެވެ.

މާގިނައިރުތަކެއްނުވެ ކައިވެނިކޮށްދޭ މީހުން އައިސް ކައިވެނި ކޮށްދީފައި ދިޔުމުން ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާތަނަށް އެމީހުން ދިޔައެވެ. ޕާޓިއަށް އަންނަ ކޮންމެ މީހަކަށްވެސް ދިމްޔާއާއި މާޔާ ވައްތަރުކަމުން އެވާހަކަ ނުދައްކައެއް ނުހުރެވުނެވެ. ސަލާމް ކުރަން އަނަން މެހެމާނުން ތަންކޮޅެއް މަދުވުމުން ރާކިން ދިމްޔާއަށް ބަލާލިއެވެ. ދިމްޔާގެ މޫނުމަތި މިއަދު ވަކިން ތާޒާވެފައި އުޖާލާހެން ރާކިނަށް ހީވިއެވެ. ކިތަންމެ ހިތްދަތި ދުވަސްތަކެއް ކަޑައްތު ކޮށްފައި ވީކަމުގައި ވީނަމަވެސް މިއަދު އެމައުސޫމް ކުއްޖާގެ މޫނު އެވަނީ އުޖާލާކަމުން ފުރިފައެވެ. ހީވާކަހަލައެވެ. މިވަގުތު މިދުނިޔެމަތީގައިވާ އެންމެ އުފާވެރިކުއްޖަކީ ދިމްޔާއެވެ. ރާކިން ބަލަހައްޓައިގެން ހުރުމުން ދިމްޔާ ކިހިނެއްވީތޯ އަހާލުމުން ރާކިން ސިއްރުން ދިމްޔާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލިއެވެ. އެއާއިއެކު ދިމްޔާގެ ދޮންމޫނު އެކި ރަތްވެގެން ދިޔައީ މާބޮޑަށް ލަދުގަތުމުންނެވެ. ދިމްޔާ މަޑުމަޑުން ރާކިންގެ ކޮނޑުގައި ޖަހާލިއިރު އޭނާހުރީ ރާކިނާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައެވެ. އޭރު ރާކިންވެސް ލާނެއް ގޮތަކަށް ދިމްޔާއަށް ބަލަހައްޓައިގެން ހުރެފައި ދިމްޔާގެ އަތަށް ފިތާލިއެވެ.
"އީމަންގަނޑާ...." ދިމްޔާއަށާއި ރާކިނަށް އެއްފަހަރާ ޖެހިގެން ތިބި މާޔާމެންނާ ދިމާއަށް ބަލާލެވުނީ މާޔާ އީމަނަށް ގޮވާލި އަޑަށެވެ. އޭރު މާޔާ އޭނާގެ އަތުގެ އުޅަނބޮށިކޮޅުން އީމަންގެ ބަނޑުގައި ޖަހާލަނީއެވެ.
"މާޔާ މިރޭވެސް ޒުވާބުކޮށް ތަޅާފޮޅަނީތަ....؟؟؟؟" ކައިރީގައި ހުރި މާޔާ ކައިރީގައި ސިއްރު ސިއްރުން ދިމްޔާ އަހާލިއެވެ.
"އޭނަ މިތާހުރެގެންވެސް އަހަންނަށް ޖެއްސުން ކުރަނީ...." ތުންފިއްތާލަމުން މާޔާ މިހެން ބުނުމުން ރާކިނާއި ދިމްޔާ އެކަކު އަނެކަކަށް ބަލާލަމުން ހޭންފެށިއެވެ.
"މިހާރު ތީ މީހެއްގެ އަންބެކޭ.... ދެން ކުޑަކުދިންހެން ޝަކުވާ ކުރުން ހުއްޓާލަން ވީނުދޯ...." ލާނެއް ގޮތަކަށް ހެވިފައި ހުރެ އީމަން ބެލީ ދެންވެސް މާޔާ ރުޅިއަރުވާލެވޭތޯއެވެ. ކަންވީވެސް އެހެންނެވެ. އީމަނަށް ލޯއަޅާލަމުން މާޔާ އީމަންގެ ގައިގައި ބޮނޑިއެއް އަޅުވާލިއެވެ.

ދުރުގައި މަޑުކޮށްލައިގެން ދާބިރު ހުރީ ދިމްޔާއާއި މާޔާގެ ހަރަކާތްތަކަށް ބަލާށެވެ. މިރޭގެ މިއުފާވެރި މަންޒަރު ދެކެން އޭނާގެ ލޯބިވާ ކޮއްކޮ ދީމާ ދުނިޔޭގައި ހުރިނަމައޭ ދާބިރުގެ ހިތަށް އެރިއެވެ. ދީމާ މިއަދު ދުނިޔޭގައި ހުރިނަމަ ދިމްޔާމެންގެ މޫނުމަތީގައި އެވާ ހިނިތުންވުން އެތައް ގުނައެއް އިތުރުވެގެންދާނެކަން ދާބިރަށް ޔަޤީންވިއެވެ. އެހެނަސް އެކަމުގައި ވަކި ކުރެވޭނެ ކަމެއްވެސް ނޯންނާނެއެވެ. މަރަކީ އެއްވެސް އިންސާނަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ވަގުތު އައިސް ޖެހުމުން އެންމެންވެސް ޖެހޭނީ މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާށެވެ.

ލޮލުން އައި ކަރުނަތިކި ފޮހެލަމުން ދާބިރު އަނެއްކާވެސް ދިމްޔާމެނަށް ބަލާލިއެވެ. އޭރު އެމީހުން ތިބީ ފޮޓޯއަކަށް ހުއްޓިލައިގެންނެވެ. ދިމްޔާއާއި މާޔާ އަތުގައި ހިފަހައްޓާލައިގެން ހުރިއިރު ދެމީހުންގެ ދެފަރާތުގައި އެމީހުންގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ރާކިނާއި އީމަން ތިއްބެވެ. އެންމެންގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. އެކުދިންގެ އެއުފާވެރިކަން އަބަދަށް ލެހެއްޓެވުމަށް އެދި ދާބިރު މާތް ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވީ ހިތްހަމަޖެހިފައިވާ ޙާލުގައެވެ.
(ނިމުނީ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ