ލިޔުންތެރިޔާ
ދާމިޔާ
އަޅުގަނޑު ވާހަކަ ލިޔުމަށް ވަރަށް ޝައުގުވެރިވޭ.. އުންމީދު ކުރަނީ އަޅުގަނޑުގެ ވާހަކަތައް ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް..
38 : ލިޔުނު ވާހަކަ
155 : ލައިކްސް
57 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

ދިމްޔާ (19) ވަނަ ބައި

19 ވަނަ ބައި (ނުނިމޭ)
17 ޖުލައި 2016
1
ލޯބީގެ
ދުވެފައި ދިޔަ ޝާއިންގެ ނަސީބު ދެރަކަމުން ގޮސް ހުއްޓެވުނީ ފުލުހުންތަކެއްގެ ކުރިމައްޗަށެވެ. އެތަނުން ތިންމީހަކު ޝާއިން ހިފެހެއްޓުމުން ދެންތިބި ދެމީހުން ދިޔައީ ރާކިނާއި ދިމާއަށެވެ. އޭރު ދިމްޔާ އައިސް ރާކިނާ އަރާ ހަމަވެއްޖެއެވެ. ބޯފަޅައިގެން ގޮސްފައި އޮތުމުން ރާކިންގެ ބޮލުން ހުއްޓުމެއް ނެތި ލޭ އަންނަމުން ދިޔައެވެ. ރާކިންގެ ގާތުގައި ދެކަކޫ ޖަހާލަމުން ރާކިނަށް ގޮވާލަމުން ދިމްޔާއަށް ބާރަށް ރޮއިގަނެވުނެވެ. އިސާހިތަކު އެތަނަށް މީހުންތައްވެސް ބޮނޑިވާންފެށިއެވެ. ރާކިންގެ މޫނުގައި ހިފަހައްޓައިގެން އިނދެ ދިމްޔާ ރާކިނަށް ގޮވަން ފެށުމުން އެތާގައި ތިބި ދެފުލުހަކު ދިމްޔާ އެތަނުން ނެގިއެވެ.

އެމްބިއުލާންސްގެ އަޑަށް ގޭގައި އިނދެފައި އީމަން ބޭރަށް ނުކުތީ ވެގެން އުޅޭގޮތެއް ބަލާލުމުގެ ބޭނުމުގައެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ދޮރުމަތީގައި ހުރެފައި ވަރަށް ބާރަށް އީމަން ރާނިޔާމެނަށް ގޮވާލިއެވެ. އެއަށްފަހު ރާކިނާއި ދިމާއަށް ދުއްވައިގަތެވެ. އީމަންގެ އަޑަށް ރާނިޔާމެން ބޭރަށް ނުކުތްއިރު ރާކިން އެމްބިއުލާންސަށް އަރުވަނީއެވެ. "މަގޭ ދަރި" އޭ ކިޔާފައި ރާނިޔާ އެމްބިއުލާންސާއި ދިމާއަށް ދުއްވައިގަތީ ބާރަށް ރޮއިގަންނަމުންނެވެ. ރާނިޔާގެ ފަހަތުން ރީހާންވެސް ދިޔައެވެ. އެމީހުން އެރުމާއިއެކު އެމްބިއުލާންސް ނައްޓާލިއެވެ.

ލެއިން ފޯވެފައި އޮތް ރާކިން އަވަސްފަރުވާދޭ ކޮޓަރިއަށް ވެއްދިއިރު އެދިމާއަށް މީހުންތައް ޖަމާވަމުން ދިޔައީ ވެގެން އުޅޭގޮތެއް ބަލާލުމުގެ ބޭނުމުގައެވެ. އަވަސްފަރުވާދޭ ކޮޓަރީގެ އެއްފަރާތުގައި ހުއްޓިލައިގެންހުރެ ރޮމުންދިޔަ ރާނިޔާ މަސަލަސް ކުރަން ރީހާން މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ދެލޮލުންވެސް ވަނީ ކަރުނަ ހިލިފައެވެ. ދޮރުކައިރި ފާރުގައި ލެނގިލައިގެން ހުރި ދިމްޔާގެ ހެދުމުގައިވެސް ލޭ އުނގުޅިފައި ހުއްޓެވެ. ރާކިނަށް ދެރަގޮތެއް ނުވުމަށް އެދި ހިތާހިތުން މާތް ﷲ އަށް ދުޢާކުރަމުން ދިޔަ ދިމްޔާއަށްވެސް ރޮވެމުންދިޔައެވެ. ބައެއްފަހަރު ތުންފަތުގައި ދަތްއަޅާލަނީ އަޑު ބޭރުވެދާނެތީއެވެ. ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ އީމަންވެސް ހުރީ ހިތްނުތަނަވަސްވެފައެވެ. ފެންކަޅިވެފައިވާ ދެލޮލުން ދިމްޔާއަށް ބަލާލަމުން އީމަން ދިމްޔާގެ ގާތަށް ގޮސް މަޑުކޮށްލަމުން އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ދިމްޔާއަށް ކެތްކުރެވުނީ އެހިސާބަށެވެ. އީމަންގެ ގައިގައި ބައްދާލަމުން އަޑުވީއްލާ ރޯންފެށުނެވެ. ދިމްޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އޭނާއަށް ހިތްވަރު ލައިދިންއިރު އީމަންގެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ.

އޭގެ އިރުކޮޅެއްފަހުން ޑޮކްޓަރާއި ނަރުހެއް ނުކުތުމުން އެންމެން އެއްފަހަރާ ޑޮކްޓަރުގެ ގާތަށް ޖެހިލިއެވެ.
"ރާކިންގެ ހާލު މިވަގުތު ވަރަށް ދެރަ.... ވަކި އެއްޗެއް ބުނަން އެނގޭނީ އޭނާ ހޭއެރުމުން.... ބޮލުން ވަރަށް ބައިވަރު ލޭފައިބައިފައި ހުރުމުން ލޭ އަޅަން ޖެހޭނީ.... ވީ އެންމެ އަވަހަކަށް އޯ ޕޮޒިޓިވް ލޭ ދޭނެ މީހަކު ހޯދާ.... ބަލިމީހާގެ ޢާއިލާ ޤަބޫލިއްޔާ މިތާގެ "ބްލަޑްބޭންކް" އިންވެސް ލޭއެޅިދާނެ...." ޑޮކްޓަރުގެ ވާހަކަ ރަނގަޅަށް ނުނިމި އުޅެނިކޮށް ރާނިޔާ ހޭނެތިގެން ރީހާންގެ އަތްމައްޗަށް ދެމުނެވެ. ދިމްޔާއަށްވެސް އޭނާގެ ދެފައިން ވާގިދޫވާހެން ހީވުމުން އީމަންގެ އަތުގައި ހިފަހައްޓާލެވުނެވެ. އީމަންގެ އެހީއާއިއެކު ދިމްޔާގޮސް ގޮނޑިބަރީގައި އިށީންއިރު އޭނާއަށް ގިސްލެވެމުން ދިޔައެވެ. އެވަގުތު އެތަނަށް ރުހާމެން އައުމުން ދިމްޔާގާތުގައި ރުހާމެން ބޭންދުމަށްފަހު އީމަން އަވަސްވެގަތީ ލޭ ހޯދުމަށެވެ.

ރާކިންގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. މާބޮޑު މަސައްކަތަކާ ނުލާ ލޭ ލިބޭގޮތްވީ އިދާމާއި ރާކިންގެ ލޭގެ ގުރޫޕު ދިމާވުމުންނެވެ. އިދާމް ލޭދޭން ވަނުމުން އާހިލް ބޭރުގައި މަޑުކޮށްލިއެވެ. އީމަން ދިޔައީ ދިމްޔާގެ ގާތަށެވެ. އޭރުވެސް ދިމްޔާ އިނީ ރުހާގެ ކޮނޑުގައި ބޯއަޅާލައިގެން ރޯލަ ރޯލައެވެ. އޭނާގެ ދެފަރާތުގައި އިން ރުހާއާއި ޖަޒްލީވެސް އިނީ ފެންކަޅިވެފައެވެ.

ދުރުގައި މަޑުކޮށްލައިގެން ދިމްޔާއަށް ބަލަން ހުރެފައި ލޮލުން ވެއްޓުނު ކަރުނަ ތިކި ބޮޑުވާއިނގިލީގެ ނުފުށުން ފޮހެލަމުން އީމަން މިސްރާބު ޖެހީ ރާނިޔާ ބާއްވާފައި އޮތްތަނަށް ދިއުމަށެވެ. އީމަން ރާނިޔާގެ ގާތަށް ދިޔައިރު ރާނިޔާ އޮތީ ހޭއަރާފައެވެ. ނަމަވެސް ރުއިމުގެ ސަބަބުން ގައިގެ ވަރުދެރަކަމުން އޮތީ އައިވީ ގުޅާފައެވެ. ރާނިޔާ އޮތް އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިން ރީހާންގެ މޫނުން ފެންނަމުން ދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އީމަން ފެންނަ އިރަށް ލޭ ލިބޭގޮތް ވެއްޖެހޭ އަހާލީ ހިތް އަވަސް ވެފައި އިނދެއެވެ. އީމަން ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން ރީހާންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ކަންބޮޑު ނުވުމަށް ބުނެލިއެވެ.

އިރުކޮޅަކު ރާނިޔާގެ ގާތުގައި މަޑުކޮށްލުމަށްފަހު އީމަން އަނެއްކާވެސް ދިޔައީ ދިމްޔާގެ ގާތަށެވެ. އޭރު ލޭދިނުމަށްފަހު އިދާމްމެންވެސް އައިސް އެތާނގައި ތިއްބެވެ. ވަގުތަކީ ދަންވަރުގެ ވަގުތުކަމުން ދިމްޔާގެ ގާތުން އީމަން އެދުނީ ގެއަށް ދިއުމަށެވެ. ނަމަވެސް ދިމްޔާ އެއްގޮތަކަށްވެސް ގެއަށް ދާކަށް ޤަބޫލެއް ނުވިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ރުހާމެންވެސް ގެއަށް ދިޔައީ ހެނދުނު އަންނާނެކަމަށް ބުނެފައެވެ.

ރުހާމެން ދިޔުމުން އީމަން ގޮސް ދިމްޔާގެ ގާތުގައި އިށީނެވެ. އޭރު ދިމްޔާ އިނީ އިސްޖަހާލައިގެންނެވެ. އުނގުމަތީގައި ބާއްވާލާފައި އޮތް ދެއަތް ދެއަތާ މޮޑެމުން ދިޔައިރު ލަސްލަހުން އޭނާގެ އަތަށް ކަރުނަތިއްކަކަށްފަހު ތިއްކެއް ވެއްޓެމުން ދިޔައެވެ. ދިމްޔާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލަން އިނދެފައި އީމަން ދިމްޔާގެ ދެއަތްމަތީގައި އަތް ބާއްވާލުމުން ދިމްޔާ ސިހިފައި އީމަނަށް ބަލާލިއެވެ.

"ހިނގާ އެއްޗެއް ކާލަން ދާން...." ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައިވާ ދިމްޔާގެ ދެލޮލަށް ބަލަން އިނދެ އީމަން މިހެން ބުނެލުމުން ދިމްޔާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. އަދި ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ތުންފަތުގައި ދަތްއަޅާލީ އިތުރަށް ރޮވޭގޮތްވުމުންނެވެ. ދިމްޔާ ނުރޯން މަސައްކަތް ކުރާކަން އީމަނަށް ފާހަގަވިއެވެ. އެހެންކަމުން ދިމްޔާގެ އަތަށް ފިތާލުމަށްފަހު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ކަރުނަތައް ނުހިފޭއްޓުމަށް ބުނަމުން އީމަން އެދުނީ ހިތްފުރެންދެން ރޯލުމަށެވެ. ދިމްޔާ އީމަންގެ މޫނަށް ބަލާލަމުން މޫނުގައި ދެއަތް އަޅައިގެން އިނދެ ރޯންފެށީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އިތުރަށް ކަރުނަތައް ހިފަހައްޓަން އުނދަގޫވުމުންނެވެ. ދިމްޔާގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިންއިރު އީމަންގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. އޭނާވެސް ރޯން ބޭނުންވެއެވެ. ނަމަވެސް ކެތްކުރެވޭ އެންމެ މަތީ ދަރަޖައަށް ކެތްކޮށްލައިގެން އިނީ އެހެންމީހުންނަށްޓަކައެވެ. އެހެންމީހުންގެ ހިތްވަރު އެލިދާނެތީއެވެ. މިފަދަ ކޮންމެ ވަގުތެއްގައިވެސް އޭނާ މާޔާ މަތިން ވަރަށް ހަނދާންވެއެވެ. މާޔާ އަބަދުވެސް އެކަހަލަ ވަގުތުތަކުގައި އޭނާއަށް ހިތްވަރުލައިދީ ހަދައެވެ. ނަމަވެސް މިއަދު މާޔާ އެވަނީ އޭނާއާއި މާދުރުގައެވެ. އޭނާގެ ދިރިއުޅުމުންވެސް މާޔާ އެވަނީ ދުރަށް ގޮސްފައެވެ. ލޯބިވާ ބައިވެރިޔާއާއި ވަކިވާންޖެހުން މީ ކޮންފަދަ ހިތްދަތިކަމެއްބާވައޭ އީމަންގެ ހިތަށް އެރިއެވެ.

ހިތްފުރެންދެން ރޯލުމަށްފަހު ދިމްޔާ ހުއްޓާލިއެވެ. އޭރު އޭނާގެ ބޮޑު ދެލޯވަނީ އިހުނަށްވުރެވެސް ބޮޑަށް ރަތްވެ ދުޅަވެފައެވެ. އެބޮޑު ދެލޯ ކިރިޔާ ހުޅުވޭވަރުވަނީއެވެ. ރުއިމުގެ ސަބަބުންނާއި ހޭލާ ހުރުމުގެ ސަބަބުން ދިމްޔާގެ ބޮލަށް ބަރުވާން ފެށުމުން އިށީނދެގެން އިން ގޮނޑީގައި ލެނގިލަމުން ދެލޯ މަރާލިއެވެ. އިރުކޮޅެއްނުވެ އޭނާއަށް ނިދިގެން ތާއްޔާ ޖެހެން ފެށިއެވެ. އީމަނަށް މިމަންޒަރު ފެނުމުން މަޑުމަޑުން ދިމްޔާގެ ބޯގެނެސް އޭނާގެ ކޮނޑުމަތީގައި ބާއްވާލިއެވެ. އެވަގުތު ދިމްޔާގެ ކުރު އިސްތަށިކޮޅުތައް އޭނާގެ މޫނުމައްޗަށް ވެއްޓުމުން އޯގާތެރިކަމާއިއެކު އީމަން އެއިސްތަށިތައް އެއްފަރާތް ކޮށްލައިދިނެވެ. އެހިނދު ނުހަނު ގާތުން ދިމްޔާގެ މޫނު ފެނުމުން އީމަނަށް ހުއްޓުން އެރިއެވެ. ފޫހިކަމެއް ނެތި އެތައް އިރެއް ވަންދެން ދިމްޔާއަށް ބަލަން އިނދެފައި އޭނާގެ އިނގިލިތައް ދިމްޔާގެ އޮމާން މޫނާއި ދިމާއަށް ގެންދެވުނީ ހިނދުކޮޅަކަށް ނަމަވެސް އެއީ އޭނާގެ މާޔާކަމަށް ހީކުރެވުމުންނެވެ. ނަމަވެސް އޭނާގެ އިނގިލިތައް ދިމްޔާގެ މޫނާއި ޖެހޭނުޖެހޭހާ ކައިރިވުމުން ކުއްލިއަކަށް އެއީ ދިމްޔާކަން ހަނދާންވުމުން އަވަސް އަވަހަށް އިނގިލިތައް ދުރުކޮށްލަމުން ދެފާރާތަށް ބޯހޫރާލެވުނެވެ. އޭރުވެސް އަރާމު ނިންޖަކުން ދިމްޔާ ނިދާލާފައިވާއިރު ދޭތެރެއަކުން ގިސްލެވެމުން ދިޔައީ މާގިނައިން ރުއިމުގެ ސަބަބުންނެވެ.

އީމަންގެ ކޮނޑުމަތީގައި ބޯއަޅާލައިގެން ނިދިފައި އޮތް ދިމްޔާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ދެލޯ ހުޅުވާލުމަށްފަހު އޮވެވުނީ އީމަންގެ ކޮނޑުގައި ބޯއަޅާލައިގެންކަން އެނގުމުން އަވަސް އަވަހަށް ހަށިގަނޑު ތެދުކޮށްލަމުން ހަމަޖެހިލިއެވެ. ދިމްޔާ ތެދުވުމުން އީމަން ދިމްޔާއަށް ބަލާލުމުން ކުޑަކޮށް ހިނިތުންވެލުމުން ބަދަލުގައި ދިމްޔާވެސް ހިނިތުންވެލިއެވެ.
"ރެކްގެ ޚަބަރެއް ނުވޭތަ...؟؟؟" އީމަނާއި ދިމާއަށް ބަލާލަމުން ދިމްޔާ ރާކިނާއި ބެހޭ ގޮތުން ސުވާލުކޮށްލިއިރު ނޭނގޭ ބާރުމިނެއްގައި އޭނާގެ ހިތް ތެޅެމުން ދިޔައެވެ.
"މިހާރު ލޭ އަޅަނީ.... ވަކި ބަދަލެއް ނާދެ...." ދިމްޔާ ކުރި ސުވާލުގެ ޖަވާބަކީ ދިމްޔާ އަޑުއަހަން ބޭނުންވާނެ ޖަވާބަކަށް ނުވާނެކަން އިނގޭތީ އީމަން ޖަވާބު ދިނީ އިސްޖަހާލައިގެން އިނދެއެވެ.
"ހޭ އަރައިފިތަ....؟؟؟؟" އީމަންގެ އަތުގައި ހިފައި ބާރުކޮށްލަމުން ދިމްޔާއަށް މިހެން އަހާލެވުނީ ހިތް އަވަސްވެފައި އިނދެއެވެ. އީމަން ދިމްޔާގެ ބޮޑު ދެލޮލަށް ބަލާލިއެވެ. އޭރު އެރީތި ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އީމަން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެއާއިއެކު ދިމްޔާގެ ދެލޯ ފުރި ބަންޑުންވާން ފެށީ ތާޒާ ކަރުނައިންނެވެ. އެއީ އީމަން ބޭނުންވާ ގޮތެއް ނޫނެވެ. ދިމްޔާ ދެރަކުރާކަށް އޭނާ ފަހަރެއްގައިވެސް ބޭނުމެއް ނޫނެވެ. އެހެނަސް ނުވާ ކަމެއް ވީކަމަކަށް ހަދާނީވެސް ފަހެ ކިހިނަކުންހެއްޔެވެ...؟؟ އީމަން ހިންދިރުވާލަމުން އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިގެން އިން ދިމްޔާގެ އަތަށް ފިތާލަމުން ހިތްވަރު ކުރުމަށް ބުންޏެވެ. އެވަގުތު ރީހާންވެސް އެތަނަށް އައެވެ.
"ބޭބޭ.... ކޮބާ ދައްތަ....؟؟؟؟ ރަނގަޅުތަ މިހާރު....؟؟؟؟" ރީހާން ފެނުމުން ދިމްޔާގެ އަތުން ދޫކޮށްލަމުން އީމަން އަހާލިއެވެ. ރާނިޔާއަށް އޮތީ ނިދިފައި ކަމަށް ބުނަމުން ރީހާން އެދުނީ އީމަންގެ ގާތުން ދިމްޔާ ގޮވައިގެން ގެޔަށް ދިޔުމަށެވެ. ނަމަވެސް ރާކިން އެހާލުގައި އޮއްވާ ދިމްޔާ ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ.
"އެންމެ ރަނގަޅު.... އެހެން ވީއިރު ހިނގާ ގެއަށް ގޮސް ފެންވަރައިގެން ނަމާދުކޮށް ހަދާލައިގެން އަންނާނީ..... ހަމަޔަޤީނުންވެސް އަހަރެން ދިމް ގެނެސްދޭނަން މިތަނަށް....." އީމަން ޔަޤީންކަން ދިނުމުން އެންމެފަހުން ދިމްޔާ ގެއަށް ދާން އެއްބަސްވިއެވެ. ދިމްޔާމެން ދިޔަ ދިމާއަށް ބަލަން ހުރި ރީހާންގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް އެވަގުތު ލިބިގެން ދިޔައީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ ކުއްޖެއް ހުރިކަން ޔަޤީންވުމުންނެވެ. ލިބުނު ހިތްހަމަޖެހުމާއިއެކު އޭނާ މިސްރާބު ޖެހީ ހޮސްޕިޓަލުގައި ހުރި މިސްކިތާއި ދިމާއަށް ފަތިސް ނަމާދުކޮށްލުމަށްޓަކައެވެ.

ކޮޓަރިއަށް ވަދެ އެކަނި ވުމުންވެސް ދިމްޔާ އެތައް އިރެއް ރުއިމުގައި ހޭދަ ކުރިއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައީ ފެންވަރާލައިގެން ފަތިސް ނަމާދު ކޮށްލެވުމުންނެވެ. ނަމާދުކޮށް އަވަދިވެގެން ރާކިނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި އެތައް އިރެއް ވަންދެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާދެންނެވިއެވެ.

ދިމްޔާ ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު އީމަން އިނީ ސޯފާގައި ނިދިފައެވެ. އީމަންގެ ގާތަށް އައިސް މަޑުކޮށްލަމުން މަޑުމަޑުން އީމަނަށް ގޮވާލުމާއިއެކު އީމަން ދެލޯ ހުޅުވާލިއެވެ.
"ތިއައީ ދޯ.... ނަމާދު ކޮށްލައިގެން އައިސް ދިމް ނުކުމޭތޯ މިތާ މިއިނީ...." ހަށިގަނޑު ތެދުކޮށްލުމަށްފަހު ދެލޯ އުނގުޅާލަމުން އީމަން ބުނެލިއެވެ.
"އިމޫ ދާންވީނު ނިދާލަން.... ވަރަށް ވަރުބަލިވެފައި ދޯ ތިހުރީ.... އަހަރެން ގޮސްދާނަން "ޓެކްސީ" އެއްގައި....." އީމަންގެ މޫނަށް ބަލާލަމުން ދިމްޔާ މިހެން ބުނުމުން އީމަން ކޮޅަށް ތެދުވަމުން ނޫނެކޭ ބުނެލިއެވެ.
"ނޫނޭ.... އަހަރެން ވަރުބައްޔެއް ނުވޭ.... އަހަރެންވެސް ދާނަން ހޮސްޕިޓަލަށް.... އަންނާނަން ތައްޔާރު ވެލައިގެން..." މިހެން ބުނެފައި އީމަން ހިނގައިގަތުމުން ދިމްޔާ އީމަންގެ އަތުގައި ހިފައި ހުއްޓުވިއެވެ.
"ކޮފީއެއް ގިރައިދެންތަ....؟؟؟" އީމަންގެ މޫނަށް ބަލާލަމުން ދިމްޔާ މިހެން އެހުމުން އީމަން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެއަށްފަހު އޭނާ ހިނގައިގައތީ ކޮޓަރިއަށެވެ.

އީމަން ކާގެއަށް ދިޔައިރު ކޮފީ ގިރައިގެން ދިމްޔާ އިނީ އީމަންގެ އިންތިޒާރުގައެވެ.
"ކޮބާ ދިމްއަށް....؟؟؟ ދިމް ކޮފީ ނުބޮނީތަ....؟؟؟؟ އެއް މަގުގައި ކޮފީ ގިރައިފައި ހުރުމުން ސުވާލުގެ ނަޒަރުން ދިމްޔާއަށް ބަލާލަމުން އީމަން އަހާލިއެވެ. ފާޑަކަށް އިނދެފައި ދިމްޔާ ބޯޖަހާލަމުން ބޯހިތެއް ނެތޭ ބުނެލިއެވެ.
"އެކީއްވެ....؟؟؟ ރޭގައިވެސް އެއްވެސް އެއްޗެއް ނުކައި ތިހުރީ.... ދިމް ތިހެން ނުކައި ނުބޮއި ހުންނަންޏާ ރެކްވެސް ކިހާ ދެރަވާނެ.... އާދޭ އަހަންނާ އެކީ ކޮފީ ބޯން....." އީމަން އޯގާތެރިކަމާއިއެކު މިހެން ބުނުމުންވެސް ދިމްޔާ އަރުތެރޭން އެއްވެސް އެއްޗެއް އެތެރެ ކުރާ ޚިޔާލެއް ނުކުރިއެވެ.

"އެންމެ ރަނގަޅު.... ދިމް ހުރޭ ދިމްގެ ގޮތުގައި... އަހަންނަށްވެސް އެނގޭ ހަދާނެ ގޮތް.... ގޭގައި ދިމް ބައިންދާފައި ގެ ތަޅުލާފައި އަހަރެން ހިނގައިދާންނަން ހޮސްޕިޓަލަށް...." ކޮފީތަށީގައި ތުން ޖަހާލަމުން އީމަން މިހެން ބުނުމުން ބަސްއަހާ ކުޑަ ކުއްޖެއް ފަދައި ދިމްޔާ ތެދުވެ ކޮފީ ގިރަން ފެށިއެވެ. މިމަންޒަރު ފެނުމުން އީމަނަށް އެއްމިޔަކަނުން ހިނިތުންވެލެވުނީ ދިމްޔާގެ މައުސޫމުކަމުންނެވެ. އޭނާގެ މާޔާއާއި ދިމްޔާ ސިފައިގެ ގޮތުން ކިތަންމެ އެއްގޮތް ވީކަމުގައި ވިޔަސް ދެމީހުންގެ މިޒާޖު ހާސްބައި ތަފާތުކަން އެވަގުތުވެސް އީމަނަށް ނަގައިގަނެވުނެވެ. މިއަދު ދިމްޔާގެ މަޤާމުގައި މާޔާ ހުރިނަމަ އޭނާއާއި ޖަދަލުކުރާނެކަން އީމަނަށް ޔަޤީންވެއެވެ. މާޔާގެ އެމިޒާޖު އޭނާއަށް ކިތަންމެހާވެސް ކަމުދެއެވެ. ނަމަވެސް މިއަދު މިވަނީ ވަގުތު ފާއިތުވެފައެވެ. ދެން މާޔާ އެނބުރި އޭނާގެ ދިރިއުޅުމަށް އަންނާނެކަމާމެދު އީމަންގެ އެއްވެސް އުއްމީދެއް ނެތެވެ. އެކަމުގެ ކުށްވެރިއަކީ ޚުދު އޭނާއެވެ. ގުޅުމެއް ދެމެހެއްޓޭނީ އެގުޅުމުގައި ލޯތްބާއި އިތުބާރު އޮވެގެންނެވެ. އެކަކު އަނެކަކަށް ފުރިހަމަ އިތުބާރު ނުކުރެވޭކަމުގައި ވަންޏާ ގުޅުމެއް ފުނޑުފުނޑުވެގެންދާކަށް ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ. އެދުވަހު އީމަން މާޔާއަށް އިތުބާރުކޮށް އޭނާ ދެއްކި ވާހަކަ އަޑު އެހިނަމަ މިއަދު އެކަނިވެރިކަމާއި ކުރިމަތިލާކަށް އީމަނަކަށް ނުޖެހުނީހެވެ.

ދިމްޔާމެން ހޮސްޕިޓަލަށް ދިޔައިރު ރުހާމެންވެސް ހޮސްޕިޓަލްގައި ތިއްބެވެ. ރާނިޔާގެ ޙާލު ކުރިޔަށްވުރެ ރަނގަޅުވުމުން ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ދޫކޮށްލިއެވެ. އެހެންކަމުން ރީހާން ދިޔައީ ރާނިޔާ ގޮވައިގެން ގެއަށެވެ.

"ކޮބާ ރެކް...؟؟؟ ހޭ އަރައިފިތަ...؟؟؟" ހޮސްޕިޓަލަށް އައި ގޮތަށް ރުހާގެ އަތުގައި ހިފާލަމުން ދިމްޔާއަށް އަހާލެވުނެވެ. ރުހާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ދިމްޔާ ގޮސް ގޮނޑީގައި އިށީނުމުން ދެން ތިބި މީހުންވެސް އޭނާގެ ގާތުގައި އިށީނެވެ. ރާކިންގެ ޙާލު ނޭނގޭތީ އެންމެނަށްވެސް ތިބެން ޖެހުނީ ހާސްކަމެއްގެ ތެރޭގައެވެ.

އޭގެ އިރުކޮޅެއް ފަހުން ނަރުހަކު އައިސް ދިން ޚަބަރަކުން އެންމެނަށް އެކީ ކޮޅަށް ތެދުވެވުނެވެ. ހުއްޓުން އަރާފައި ހުރި ދިމްޔާ ސިހުނީ ޖަޒްލީ އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލުމުންނެވެ. ދިމްޔާ ޖަޒްލީއަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ރާކިން ހޭއެރިކަމަށްޓަކައި ހިތާހިތުން މާތް ﷲ އަށް ޝުކުރުދެންނެވިއެވެ. ވީއުފަލެއްގެ ބޮޑުކަމުން އޭނާގެ ދެލޮލުން ކަރުނަވެސް ނިރާލިއެވެ. ރާކިންގެ ގާތަށް ދެމީހަކަށް ވަދެވިދާނެކަމަށް ނަރުސް ކުއްޖާ ބުނުމުން އީމަނާއި ދިމްޔާ އެތެރެއަށް ވަނެވެ.

އެތެރެއަށް ވަންނަން ދިޔަ ދިމްޔާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. އޭނާގެ ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. އެތެރެއަށް ވަދެވުމާއިއެކު ރާކިން ފެނުމުން އެއްވެސް އިޚުތިޔާރަކާނުލާ އެރީތި ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. އޭރު ރާކިން އޮތީ އެމީހުނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ބޮލުގައި ވަނީ ބެންޑޭޖް އޮޅާފައެވެ. މޫނުމައްޗަށް ބަލާލުމުންވެސް އޭނާގެ ޙާލު މާ ރަނގަޅު ނޫންކަން އެނގެއެވެ. ރާކިންގެ ގާތުގައި މަޑުކޮށްލަމުން ދިމްޔާ ރާކިންގެ އަތުގައި ހިފާލިއެވެ. ރާކިން ދިމްޔާއަށް ހިނިތުންވެލިއެވެ. ބަދަލުގައި ދިމްޔާވެސް ހިނިތުންވެލިއިރު އޭނާއަށް ރޮވިއްޖެއެވެ. ރާކިން ބޮލިގެ އިޝާރާތުން ނުރޮއުމަށް ބުންޏެވެ. ދިމްޔާ ރާކިނާއި ދިމާއަށް ގުދުވެ އޭނާގެ ނިއްކުރިއަށް ބޮސްދިނެވެ. އަދި އަތުގެ ނުފުށުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ. ރާކިން ދެން ބަލާލީ އީމަނަށެވެ. އަދި އުނދަގޫ ގޮތަކަށް މަންމަމެން ކޮބާތޯ ސުވާލުކޮށްލިއެވެ. ހިނިތުންވެލަމުން އެމީހުން ބޭރުގައި ތިބިކަމަށް އީމަން ބުނެލީ ރާނިޔާގެ ޙާލު ރާކިނަށް ސިއްރުކުރުމުގެ ގޮތުންނެވެ.

"އަހަރެން ވަރަށް ދެރަވި.... އަހަރެން ހީކުރި އަނެއްކާވެސް ރެކްއާއި ދުރުވާން ޖެހުނީ ކަމަށް...." ރާކިންގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ދިމްޔާ ބުނެލިއެވެ. އޭރު ރާކިންވެސް އޮތީ ދިމްޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރާކިން ދިމްޔާއަށް ހިނިތުންވެލީ ވާހަކަ ދައްކަން ބޭނުންވިކަމުގައި ވިޔަސް އޭނާއަށް ވާހަކަ ދައްކަން އުނދަގޫވުމުންނެވެ. އޭރު އޭނާގެ ދެލޮލަށް ދިމްޔާ ފެންނަމުންވެސް ދިޔައީ ފުސް ގޮތަކަށެވެ.

ރާކިންގެ އަތުގެ ހަރަކާތްތައް ހުއްޓުންހެން ހީވެގެން ދިމްޔާއަށް ރާކިނާއި ދިމާއަށް ބަލާލެވުނެވެ. އޭރު ރާކިންގެ ދެލޯވަނީ މެރިފައެވެ. ހާސްވެފައި އިނދެ ދިމްޔާއަށް ބަލާލެވުނީ އީމަނާއި ދިމާއަށެވެ. އޭރު އީމަންވެސް އިނީ ރާކިނަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.
(ނުނިމޭ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ