ލިޔުންތެރިޔާ
ދާމިޔާ
އަޅުގަނޑު ވާހަކަ ލިޔުމަށް ވަރަށް ޝައުގުވެރިވޭ.. އުންމީދު ކުރަނީ އަޅުގަނޑުގެ ވާހަކަތައް ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް..
38 : ލިޔުނު ވާހަކަ
155 : ލައިކްސް
57 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

ދިމްޔާ (18) ވަނަ ބައި

18 ވަނަ ބައި (ނުނިމޭ)
10 ޖުލައި 2016
0
ލޯބީގެ
ނޯޓް: (މިވާހަކައިގެ މިހިސާބުން ފެށިގެން ދެ ދިމްޔާގެ ވާހަކަ ގެނެސްފައި އޮތުމުން ފަހުން ވާހަކައަށް އައި ދިމްޔާއަށް މުޚާތަބު ކުރެވިފައި ވާނީ މާޔާގެ ނަމުން ކަމުގައި ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން)


"އިމޫ.... ކެތްކޮށްލާ... ކޮންމެގޮތެއް ވިޔަސް އެންމެ އަވަހަކަށްވެސް ދެން ދެވޭނީ މާދަމާ.... އަހަރެމެން ދާނީ ދިމްވެސް ގޮވައިގެން.... އޭރުން މާޔާއަށްވެސް އަހަރެމެން ދައްކާ ވާހަކަ ޤަބޫލުކުރެވޭނެ.... މާތް ﷲ އިރާދަކުރެއްވިއްޔާ މާޔާ އަހަރެމެންނަށް މާފުކުރާނެ....." އީމަނަށް ހިތްވަރުލައިދެމުން ރާކިން މިހެން ބުނުމުން އީމަން ރާކިން ދެއްކި ވާހަކަތައް ޤަބޫލުކުރުމުގެ ގޮތުން ބޯޖަހާލިއެވެ.

ދިމްޔާވެސް ގޮވައިގެން ރާކިންމެން ޖެހިގެން އައި ދުވަހު މާލެއަށް ދިއުމަށްޓަކައި ފުރިއެވެ. މާލެދެވުމާއިއެކު ގެއަށްވެސް ނުގޮސް އީމަންމެން މާޔާގެ ގެއަށް ދިޔައީ އެދުވަހު މާޔާ ރާއްޖޭން ބޭރަށް ފުރަން އުޅޭ ޚަބަރު ތާނީގެ ފަރާތުން ލިބުމުންނެވެ. މާޔާމެން ގެއަށް ދާން ޓެކްސީއަށް އެރީއްސުރެ އީމަންގެ ހިތް ތެޅިފޮޅެން ފެށިއެވެ. ބައެއްފަހަރު ޓެކްސީ ދުވާލެއް ލަސްހެން އީމަނަށް ހީވީ މާޔާގެ ގާތަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ރާކިންވެސް އިނީ ހިތް ނުތަނަވަސް ވެފައެވެ. ހަމައެހެންމެ އޭނާ އިނީ މާޔާގެ ގާތުން މާފަށް އެދެންވެސް ހަމަ އެހާމެ ބޭނުން ވެފައެވެ. އެންމެން މާޔާއާއި ދިމްޔާ ވައްތަރޭ ކިޔާތީ ދިމްޔާވެސް އިނީ ވަރަށް ބޮޑަށް މާޔާ ދެކިލަން ބޭނުންވެފައެވެ.

މާޔާމެންގޭގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމުން އީމަންމެން ޓެކްސީން ފޭބިއެވެ. މާޔާމެން ގެއާއި ދިމާއަށް ބަލަހައްޓައިގެން އީމަން ހުރީ އެގެއަށް ވަންނަން ނުކެރިފައެވެ. އޭނާއަށް މާޔާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުންނެވެ. ރާކިން އީމަންގެ ކޮނޑުގައި އަތް ބާއްވާލުމުން އީމަން ރާކިނަށް ބަލާލިއެވެ. ރާކިން ލޮލުގެ އިޝާރާތުން ގެއަށް ވަނުމަށް ބުނެޏެވެ. އީމަން ބޯޖަހާލަމުން ގެއާއި ދިމާއަށް ހިނގައިގަތުމުން ރާކިނާއި ދިމްޔާ އީމަންގެ ފަހަތުން ހިނގައިގަތެވެ. ގޭގެ ދޮރުމަތީ ހުއްޓިލަމުން ފާރުގައި ހަރުކޮށްފައި ހުރި ރަނގަބީލް އަޅާ ސްވިޗަށް ފިތާލިއެވެ. ކުޑައިރުކޮޅެއް ފަހުން ގޭގެ ދޮރު ހުޅުވީ ގޭގައި ގެންގުޅޭ ލަންކާމީހާ ޖޯއީއެވެ. އީމަން މާޔާ ހޯދާންށޭ ބުނުމުން ކޮށިގޮތަކަށް ގޭތެރެއަށް ވަނުމަށް ބުންޏެވެ. ޖޯއީގެ ފަހަތުން އީމަންމެން ގެއަށް ވަދެގެން ހިނގައިގަތެވެ. ގޭގެ ބޮޑުދޮރާށިން ފެށިގެން ގެއަށް ވަންނަން ދިއުމަށްޓަކައި ގަލުން ދެމީހަކަށް ހިނގާލެވޭ ވަރުގެ މަގެއް ހަދާފައިވެއެވެ. މަގުގެ ދެފަރާތުގައި އޮތީ ފެހިކަންގަދަ ބޯ ކުދި ވިނަގަސްތަކެއް ފަޅާފައެވެ. މަގުގެ އެއްފަރާތުގައި ތަންތަންކޮޅުގައި އެކިކުލައިގެ ފިނިފެންމާ ގަސްތަކެއް ހައްދާލާފައިވާއިރު އަނެއްފަރާތުގައި ބޮޑު އަނބުގަހެއް ހުއްޓެވެ. އެމީހާ އަނބުގަހާއިވީ ދިމާއަށް ހިނގައިގަތުމުން އީމަންމެންވެސް އޭނާގެ ފަހަތުން އެދިމާއަށް ދިޔައެވެ. އެންމެފަހަތުގައި ހުރި ދިމްޔާގެ ފިޔަވަޅަށް ހުއްޓުން އެރީ އޭނާގެ ދޯބައްޓާއަށް ވާންވުމުންނެވެ. ފަސްއެނބުރި ބަލާލިއިރު ދޯބައްޓާ އޮތީ އެތަނުން ފިނިފެންމާ ގަހެއްގައި އަޅާފައެވެ. ރާކިންމެނަށް ބަލާލަމުން ދިމްޔާ އެގަހުން ދޯބައްޓާ ނައްޓުވާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެގަހުގައި ޝާއްބަކަމާއިއެކު ފޮޅިފައި އިން ރަތް ފިނިފެންމަލެވެ. ރާކިންމެން ދިޔުމުންވެސް ދިމްޔާ ފިނިފެންމާ ގަސްތައް ކައިރީގައި މަޑުކޮށްލީ އެމަންޒަރު ހިތްގައިމުކަމުންނެވެ.

"ކޮއްކޮ ހޯދަން...." އަނބުގަހުގައި އެލުވާފައި ހުރި އުނދޯލީގައި ލޯމަރާލައިގެން އޮތް މާޔާ ސިހުނީ ޖޯއީ މިހެން ބުނެލުމުންނެވެ. މާޔާ ދެލޯ ހުޅުވާ ބަލާލަމުން ކާކުތޯ އަހާލިވަގުތު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި އީމަނާއި ރާކިން ފެނުމުން ހިސާބަކަށް ހައިރާންވެފައި ހުރެ ދެލޯ ބޮޑުކޮށްލެވުނެވެ. ޖޯއީއަށް ބަލާލަމުން ދެންދިޔަސް އެންމެ ރަނގަޅޭ ބުނުމުން އޭނާ އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. ޖޯއީ ދިޔުމުން މާޔާ އަނެއްކާވެސް އީމަންމެނަށް ބަލާލިއެވެ. އެއަށްފަހު އަނެއްފަރާތަށް އެނބުރިލަމުން މޭމަތީ ދެއަތް ހުރަސްކޮށްލިއެވެ.

"މިހާރު ތިއައީ ކީއްކުރަން....؟؟؟؟ އަހަރެންގެ ބޮލުގައި އަނެއްކާ އިތުރު އިލްޒާމެއް އަޅުވަންތަ...؟؟؟" ހިތްހަމަނުޖެހިފައި ހުރިނަމަވެސް މާޔާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކީގައެވެ. ނަމަވެސް އޭނާގެ އަޑުގައި ވޭނީ ރިހުމެއް އެކުލެވިފައި ވެއެވެ. އީމަނަށާއި ރާކިނަށް އެކަކު އަނެކަކަށް ބާލާލެވުނެވެ.

"މާޔާ.... އަހަރެމެންނަށް މާފުކުރޭ.... އަހަރެމެން ޤަބޫލުކުރަން އަހަރެމެންނަށް މާޔާއާއި ދޭތެރޭ ކަންތައް ކުރެވުނީ އަސްލު ރަނގަޅަށް ނޫންކަން...." އީމަންގެ މޫނަށް ބަލާލަމުން ރާކިން މިހެން ބުނެލީ އީމަން އެއްޗެކޭ ނުބުނުމުންނެވެ. މާޔާ ރާކިންމެނާއި ކުރިމަތިލިއެވެ.

"ކީއްވެ..؟؟؟ އަހަރެންނާއި އެއްވެސް ގުޅުމެއް ނެތްއިރު ކީއްވެ ރެކް ދޮގުހެދީ... ރެކް ބޭނުންވީ އަހަންނާ އީމަން ދުރުކުރުވާކަށްނު.... މިހާރު މިއޮތީ ރެކް ބޭނުންވާގޮތް ވެފައެއްނު...." މާޔާއަށް މިހެން ބުނެލެވުނީ ތަންކޮޅެއް ބާރަށް ނުރުހުންވެފައި ހުރެއެވެ. އޭރު އޭނާގެ ބޮޑުދެލޯވަނީ ފެންކަޅިވެފައެވެ. މާޔާއާއި ދިމާއަށް ބަލާލަމުން ރާކިނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. މާޔާގެ ހިތުގެ ހާލު އޭނާއަށް އިހުސާސް ކުރެވެއެވެ.

"މާޔާ.... އެއީ ކުށްހީއެއް.... ރެކް ގަސްތުގައި ކުރިކަމެއް ނޫން އެއީ...." ރާކިންގެ ދިފާޢުގައި އީމަން ބުނެލިއެވެ. އީމަން މިހެން ބުނުމުން މާޔާ އައިސް މަޑުކޮށްލީ ސީދާ އީމަންގެ ކުރިމަތީގައެވެ.

"މިއަދު ރެކްގެ ދިފާޢުގައި ވާހަކަ ދެއްކިހެން ކީއްވެ އެދުވަހު އިމޫ އަހަރެންގެ ދިފާޢުގައި ވާހަކަ ނުދެއްކީ.... ކީއްވެ އިމޫ އަހަންނަށް އިތުބާރު ނުކުރީ....؟؟؟" އީމަންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ މާޔާއަށް މިހެން ބުނެވުނުއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކުށްވެރިއެއް ފަދައިން އީމަން އިސްޖަހާލީ އިތުރަށް މާޔާއާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރުމުންނެވެ.

"މާޔާ... އެދުވަހު އެހެން އެވީ އަހަންނަށް ކުރެވުނު ކުށްހީއެއްގެ ސަބަބުން... އެހެންވެ އަހަރެމެންނަށް އެކަމުގެ ޙަޤީގަތް އެނގުނީމަ މިއައީ މާޔާގެ ގާތުން މާފަށް އެދެން...." އިސްޖެހިފައި ހުރި އީމަނަށް ބަލާލުމަށްފަހު މާޔާއަށް ބަލާލަމުން މިހެން ބުނެފައި ރާކިން ފަސްއެނބުރުނީ ދިމްޔާ ކޮބައިތޯ ބަލާލުމަށެވެ. ފަހަތުގައި ދިމްޔާ ނެތުމުން ރާކިން ކަންބޮޑުވިއެވެ.

"ރެކް....." އެވަގުތު ދިމްޔާގެ އަޑު އިވުމުން ރާކިން އަޑު އައި ދިމާއަށް ދުއްވައިގަތެވެ. ރާކިންގެ ފަހަތުން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން އީމަންވެސް ދިޔުމުން މާޔާވެސް އެމީހުންގެ ފަހަތުން ހިނގައިގަތީ ވެގެން އުޅޭގޮތެއް ބަލާލުމަށެވެ.

ރާކިން ދުވެފައި އައިއިރު ފިނިފެންމާ ގަސްތައް ތެރޭގައި ދިމްޔާ ދުވަނީއެވެ. ރާކިން ފެނުމުން ދުވެފައި އައިސް ރާކިންގެ ފުރަގަހަށް ވަނެވެ. އޭރު އޭނާއަށް ހުރީ މައިނޭވާ ލެވިލެވިއެވެ. ރާކިން ހާސްވެފައި ކިހިނެއްވީތޯ އަހާލުމުން ދިމްޔާ އިނގިލި ދިއްކޮށްލީ ފިނިފެންމާ ގަހެއްގެ ދޮށުގައި އިން ބުޅަލާ ދިމާއަށެވެ. ރާކިނަށް ވީގޮތް ނަގައިގަނެވުމުން އޭނާގެ ގާތަށް ހިނިއައެވެ. އޭރުވެސް އެބުޅާ އިނީ ދިމްޔާއަށް ބަލަހައްޓައިގެންނެވެ. އެހެން އިނދެފައި އަނެއްކާވެސް ނިގޫ ތަޅުވާލަމުން އޭތި ދިމްޔާއާއި ދިމާއަށް އަންނަން ފެށުމުން ތޫލި އަޑަކުން ހަޅޭލަވައިގެންފައި ދިމްޔާ އަނެއްކޮޅަށް ދުއްވައިގަތެވެ.

ގޭތެރޭގައި މާއަޑުގަދަވެގެން ގޭގެ ބޮޑުކޮޓަރީގައި ތިބި މާޔާގެ މައިންބަފައިންވެސް ބޭރަށް ނުކުތެވެ. އޭރު ބުޅަލުގެ ކިބައިން ސަލާމަތްވުމަށް ދުވެފައި ދިޔަ ދިމްޔާ ގޮސް ލައިގަތީ އެދިމާއަށް އައި މާޔާގެ ގައިގައެވެ. ނަސީބަކުން އަރި އަޅާލި ނަމަވެސް އެކަކުވެސް ނުވެއްޓެއެވެ. އެވަގުތުވީ ދެމީހުނަށްވެސް އެކަކު އަނެކަކާ ދިމާއަށް ބަލާލެވުނު ވަގުތަށެވެ. އެއާއިއެކު ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ދެމީހުނަށްވެސް އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ހުރިތަނުން ގުޑާލަންވެސް ނޭނގިފައެވެ. ރާކިންމެން އެހެން ބުނި ކަމުގައިވިޔަސް މާޔާއާއި އޭނާއާއި އެހާ ވައްތަރުވާނެކަމަކަށް ދިމްޔާ ހިތަށްވެސް ނާރައެވެ. މާޔާވެސް ދިމްޔާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާއަށް ހީވީ ލޯގަނޑަކުން އަމިއްލަ ސޫރަ ފެންނަމުން ދިޔަހެންނެވެ. ދެމީހުންގެ ހެދުން އެޅުމުގެ ތަފާތު ފިޔަވައި އަޅައިކިޔާލެވޭވަރުގެ އެއްވެސް ތަފާތެއް ނެތެވެ. އަވަސްއަވަހަށް އެސްފިޔަ ތަޅުވާލަމުން ދިމްޔާގެ އަތުގައި މާޔާ ހިފާލީ ކުރިމަތިން ފެންނަމުންދާ މަންޒަރަކީ ތެދެއްތޯ ޔަޤީންކޮށްލުމަށެވެ.

އެވަގުތު ގޭގެ ދޮރުމަތީގައި ތިބި މާޔާގެ މައިންބަފައިންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން މާޔާމެންނާއި ދިމާއަށް ބަލާލެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. މިހާދުވަސްކޮށްފައި މިދުވަސް އަތުވެދާނެކަމަކަށް އެދެމީހުން ހިތަށްވެސް ނާރައެވެ. އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު އެމީހުން މާޔާމެނާއި ދިމާއަށް ހިނގައިގަތެވެ. އޭރުވެސް މާޔާމެން ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އެދެމީހުންނާއި ދާދި ގާތުގައި މަޑުކޮށްލައިގެން ރާކިންމެން ތިއްބެވެ.

"ތީ ކާކު.... ކީއްވެ އަހަންނާ އެހާ ވައްތަރީ....؟؟؟ ކީއްވެ މިކަހަލަ ފަށަކާއި ފަށުފުލެއް އަޅައިގެން ތިހުރީ....؟؟؟؟" މާޔާ އޭނާގެ ކަރުގައި އަޅާފައި އޮތް ފަށުފުލުގައި ހިފަހައްޓާލައިގެން ހުރެ ސުވާލުކުރީ ދިމްޔާއާއިއެވެ. ދިމްޔާވެސް ހުރީ ހަމައެސުވާލުތައް މާޔާއާއި ކުރަން ބޭނުންވެފައެވެ. ނަމަވެސް ސުވާލު ކުރާކަށްވެސް އަދި ޖަވާބު ދޭކަށްވެސް އޭނާގެ ދޫ ޙަރަކާތެއް ނުކުރިއެވެ. ހުއްޓުން އަރާފައި މާޔާއަށް ބަލަހައްޓައިގެން ހުރެ އޭނާގެ ކަރުގައި އަޅާފައި އޮތް ފަށުފުލުގައި ފިރުމާލިއެވެ.

"އެއީ ދިމްޔާ... އައިޝަތު ދިމްޔާ... ދަރިފުޅުގެ އެއްމާބަނޑު ދައްތަ...." މާޔާގެ ސުވާލަށް ޖަވާބުދިނީ އެމީހުންގެ ގާތަށް އައިސް ހުއްޓުނު މާޔާގެ ބައްޕަ ދާބިރެވެ. ދާބިރުގެ ޖުމްލައާއިއެކު މާޔާއާއި ދިމްޔާ ހައިރާންވެފައި ދާބިރަށް ބަލާލިއިރު މަރީނާއަށް ދާބިރުގެ ނަމުން ގޮވާލެވުނެވެ. ރާކިނާއި އީމަންވެސް ހައިރާންވީވަރުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

"މަރީނާ.... މިއަދު ޙަޤީގަތް މިއޮތީ ކުރިމަތިން ހާމައަށް ފެންނަން... ދެން ސިއްރުކޮށްފައި ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް...." މަރީނާއަށް ބަލާލަމުން ދާބިރު މިހެން ބުނުމުން މަރީނާއަށް ބަލާލެވުނީ މާޔާއާއި ދިމާއަށެވެ.


"ބައްޕަ ތިކިޔާ އެއްޗެއް އަހަރެންނަކަށް ނުވިސްނުން.... އެއީ އަހަރެންގެ ދައްތައަށް ވެއްޖިއްޔާ ކީއްވެ އަހަންނަށް އޭނަ ކުރިން ނޭނގުނީ....؟؟؟؟ ކީއްވެ އޭނަ މިގޭގަ ނޫޅުނީ؟؟؟؟ ކީއްވެ މިހާ ގިނަދުވަސްވީއިރުވެސް މީ އަހަރެންގެ ދައްތަކަން އަހަންނަށް ނޭނގުނީ...؟؟؟" އެއްފަހަރާ އެތައް ސުވާލެއް މާޔާ ދާބިރާއި ކުރިމަތިކުރުވިއެވެ. ދާބިރު ބޯޖަހާލަމުން މާޔާއަށާއި ދިމްޔާއަށް ބަލާލިއެވެ. އޭރު ދެމީހުންވެސް ތިބީ އެސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވާލެއް ބޮޑުކަމުން ދާބިރަށް ބަލަހައްޓައިގެންނެވެ.

"ބައްޕަ ހިތަށްވެސް ނާރާ މިދުވަސް އަތުވެދާނެކަމަކަށް..... އެކަމަކު...." މިހެން ބުނެފައި ދާބިރު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މާޔާ... ދަރިފުޅު ތީ ބައްޕަމެންގެ ދަރިއެއް ނޫން...." ދާބިރުގެ ޖުމްލައާއިއެކު މާޔާގެ ދެލޯބޮޑުވެގެން ދިޔައެވެ. މާޔާއަށް ބަލާލަމުން މަރީނާވެސް ބޯޖަހާލީ ދާބިރު ދެއްކި ވާހަކައަކީ ތެދުވާހަކައެއްކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. އެއާއިއެކު މާޔާގެ ދެލޮލުން ކަރުނަތައް ފައިބައިގަތީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

"ދަރިފުޅުމެން ދެކުދިން ތީ އަހަރެންގެ ކޮއްކޮ ދީމާގެ ދެދަރިން.... އޭރު އަހަރެމެން އުޅުނީ ލަންކާގައި... ދަރިފުޅުމެންނަށް ބަލިވެ އިނީއްސުރެ ދީމާ އުޅެމުން ދިޔައީ ވަރަށް ބަލިކޮށް... ސްކޭން ހަދައިގެން ލިބެން އުޅެނީ އެއްމާބަނޑު ދެއަންހެން ކުދިންކަން އެނގުނީއްސުރެ ދީމާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދޭ.... ކިތަންމެ ބަލިކޮށް އުޅުނުކަމުގައިވިޔަސް އޭނާ އަބަދުވެސް އިންނަނީ ހިނިތުންވެލައިގެން.... ބަނޑަށް ނުވަމަސް ހަމަނުވަނީސް ދެކުދިންނަށް ކިޔާނެ ނަންވެސް އޭނާ ކަނޑައެޅި.... އެއީ އާއިޝަތު ދިމްޔާއާއި މަރްޔަމް ދިމްޔާ.... ދަރިފުޅުމެންގެ ކަރުގައި ތިއޮތް ފަށާއި، ފަށުފުލަކީވެސް ދަރިފުޅުމެންގެ މަންމަގެ ހަދިޔާއެއް... ނަމަވެސް ތި ހަދިޔާވީ އޭނާގެ ފަރާތުން އޭނާގެ ދެދަރީންނަށް ދެވުނު އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ހަދިޔާއަށް.... ދަރިފުޅުމެން ވިހެއުމާއިއެކު ކިރިޔާ ދެކުދިން ލޮލުކޮޅަށް ފެނުނީ... ތިކުދިންގެ މަންމަ، އަބަދުގެ އަބަދަށް މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔައިފި.... މަންމަ މަރުވުމުން ދަރިފުޅުމެންގެ ބައްޕަ ފުއާދު އުޅުނީ ދެކުދިން ގޮވައިގެން ރާއްޖެ އަންނަން.... އެކަމަކު އަހަރެމެން ވަރަށް އާދޭސް ކޮށްގެން ފުއާދު އަހަރެމެންނަށް ދެކުދިންގެ ތެރެއިން ހަގުކުއްޖާ ދިނީ، އަހަރެމެނަށް ލިބުނު ދަރިފުޅުވެސް މިދުނިޔެއާއި އަލްވަދާއު ކިޔާފައިވާތީ ޑޮކްޓަރު އަހަރެމެންނަށް އިތުރުކުއްޖަކު ނުލިބޭނެކަމަށް ބުނެފައި އޮތުމުން.... ދިމްޔާ ގޮވައިގެން ފުއާދު ރާއްޖެ އައި ފަހުން އަހަންނަކަށް ފުއާދުގެ ޚަބަރެއް ނުލިބޭ.... އަހަރެމެން ރާއްޖެ ބަދަލުވީ މާޔާގެ އުމުރުން ބާރަ އަހަރުގައި.... ރާއްޖެ އައިފަހުންވެސް އަހަންނާ ފުއާދާއި ދިމައެއް ނުވޭ.... އަހަރެން މާޔާއަށް އޭރު ޙަޤީގަތް ނުކިޔައިދިނީ ޙަޤީގަތް އެނގުމުން މާޔާ ދެރަވެދާނެތީ...... " މަރީނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ދާބިރު ދިމްޔާމެނަށް ޙަޤީގަތް ކިޔައިދިންއިރު ދިމްޔާއަށްވެސް އަދި މާޔާއަށްވެސް ހުރީ ހަމަރަނގަޅަށްވެސް ރޮވިފައެވެ.

"ދައްތާ...." ދިމްޔާއަށް ބަލަން ހުރެފައި މާޔާ ދިމްޔާގެ ގައިގައި ބައްދާލުމުން ދިމްޔާވެސް މާޔާގެ ގައިގައި ހިފަހައްޓާލިއެވެ. މިމަންޒަރު ބަލަން ތިބި ރާކިންމެނާއި ދާބިރުގެ ދެމަފިރިން ތިބީ ފެންކަޅިވެފައެވެ. އެހެނަސް އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމެވެ.

"ދައްތާ.... ކޮބާ ބައްޕަ....؟؟؟؟" ދިމްޔާއާއި ދުރަށް ޖެހިލަމުން މާޔާ މިހެން އަހާލުމުން ދިމްޔާއަށް ބަލާލެވުނީ ރާކިންމެނާއި ދިމާއަށެވެ. އެއަށްފަހު ދިމްޔާ މާޔާމެނަށް ފުއާދުގެ މަރުގެ ޚަބަރު ދިނުމަށްފަހު އޭނާއާއި ދޭތެރޭ ކަންތައް ހިނގާފައިވާ ގޮތް ކިޔައިދިނެވެ. ފުއާދުގެ މަރުގެ ޚަބަރު ލިބުމުން މާޔާގެ އިތުރުން ދާބިރުގެ ދެމަފިރިންވެސް ވަރަށް ދެރަވިއެވެ.

"ދައްތަ ކިހާ ނަސީބުގަދަ... އުފަން މަންމަ ފެނުމުގެ ނަސީބު ނުލިބުނަސް ދައްތައަށް އުފަން ބައްޕަ ފެނި އެބައްޕައާއިއެކު އުޅުމުގެ ނަސީބުވެސް ލިބިއްޖެ.... އެކަމަކު އަހަންނަށް ދެމީހުންކުރެ އެކަކުވެސް ނުފެނުނު... އަހަންނަށް މިޖެހުނީ އެހެންބައެއްގެ ގާތުގައި އުޅެން..." ދިމްޔާގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރެ މާޔާ މިހެން ބުނެލިއިރު އޭނާގެ ކޯތާފަތްމަތިން ފޭދިގެން އައި ކަރުނަ ތިކި ވެއްޓުނީ އަތްތިލައަށެވެ.

"ތިހެން ނުބުނޭ މާޔާ.... ހަގީގަތުގައި ނަސީބު ރަނގަޅީ އަހަރެންނެއް ނޫން... މާޔާ.... އަހަންނަށް ބައްޕަ ފެނުމުގެ ނަސީބު ލިބުނު ކަމުގައި ވިޔަސް އަހަރެން އުޅުނީ ވަރަށް ހިތްދަތިކޮށް.... އަހަންނަށް ދިހަ އަހަރުގައި ދިމާވި އެކްސިޑެންޓެއްގައި ބައްޕަގެ ފައި ބިންދައިގެން ދިޔުމާއިއެކު އަހަރެންގެ ދިރިއުޅުންވެސް އެކީބަދަލުވެގެން ދިޔައީ.... ދޮންމަންމައަކީ ވަރަށް ގޯސްމީހެއް.... ބައްޕަ ދުއްވާގޮނޑީގައި އިންނަން ޖެހުމުން ދޮންމަންމަ އޭނަގެ އަސްލުކުލަ އަހަންނަށް ދައްކަން ފެށީ.... އަހަރެން އެހާ ކުޑައިރުވެސް އަހަރެން ލައްވާ ގޭގެ މަސައްކަތްތައް ކުރުވަމުން އެވަރުން ނުފުދިގެން އަހަނަށް އެހާ އަނިޔާވެސް ކުރާނެ.... ކޮންމެފަހަރަކު އަހަރެން ސަލާމަތްކުރަން އުޅެން ހަދައިގެން މާމައަށްވެސް އެތައް އަނިޔާއެއް ލިބިފައި ހުންނާނެ...." ކޮނޑާހަމާލުން އަތުގެ މުލައްދަނޑީގައި ހުރި ލަކުނެއް ދައްކާލަމުން ދިމްޔާ ވާހަކަ ދެއްކިއެވެ.

"ބޮޑުބޭބެމެން މާޔާ ބަލާބޮޑުކޮށްފައި ތިހުރީ އަމިއްލަ ދަރިއެއް ފަދައިން ލޯބިދީގެން... މިއަދު މާޔާ ތިހެން ބުނީމަ އެމީހުން ކިހާދެރަވާނެ...." ދިމްޔާ ވާހަކަ ދެއްކީ މާޔާއަށް ވިސްނައިދޭފަދަ ގޮތަކަށެވެ. މާޔާ އެވާހަކަތައް ޤަބޫލުކުރުމުގެ ގޮތުން ބޯޖަހާލަމުން މަރީނާމެނަށް ބަލާލިއެވެ. މަރީނާ މާޔާގެ އަތުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

"މާޔާ އަހަންނަށް ދިމްގެ ޚަބަރެއް ނުވެގެން އުޅެނިކޮށް އިމޫއާއިއެކު މާޔާ ފެނުނީ... އަސްލުވެސް... އަހަރެން ހީކުރީ މާޔާ ތީ ދިމްކަމަށް.... އެހެންވެ އަހަންނަށް މާޔާ ކުށްވެރިކުރެވުނީ..... މިހާރު މާޔާއަށްވެސް ޤަބޫލުކުރެވޭނެ ކަންނޭނގެ ތިދެމީހުން އެހާ ވައްތަރުވީމަ ކުށްހީއެއް ކުރެވިދާނެކަން.... އަހަރެމެންނަށް މާފްކުރޭ...." ރާކިން ކުރިއަށް ޖެހިލާ ދިމްޔާގެ ގާތުގައި މަޑުކޮށްލަމުން މާޔާގެ ކިބައިން މާފަށް އެދުނެވެ.

"އަހަރެން މާފުކޮށްފިން....."ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން މާޔާ މިހެން ބުނުމުން އީމަނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އެންމެންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ.

"ބައްޕާ..... ހިނގާދާން.... އެއަރޕޯޓަށް ދާ ގަޑި ޖެހިއްޖެ....." ދާބިރުގެ މޫނަށް ބަލާލަމުން މާޔާ މިހެން ބުނުމުން އެންމެންގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ. ހައިރާންކަމާއި އެކު އެންމެންވެސް ތިބީ މާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"މާޔާ.... ދަނީތަ....؟؟؟ އެކަމަކު މާޔާ އަހަރެމެންނަށް މާފުވެސް ކޮށްފީމެންނު... ދެން ކީއްވެ ތިދަނީ....؟؟؟؟ ޕްލީޒް އަހަރެން ދޫކޮށްލާފައި ނުދޭ....." މާޔާގެ އަތުގައި ހިފާލަމުން އީމަން މާޔާ ހުއްޓުވަން މަސައްކަތް ކުރިއެވެ. މާޔާ އީމަންގެ މޫނަށް ބަލާލިއެވެ.

"ރަނގަޅު... އަހަރެން އިމޫއަށް މާފުކޮށްފިން..... އެކަމަކު ދެން އަލުން އިމޫގެ ދިރިއުޅުމަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން.... ޤަބޫލުކުރަން އަހަރެމެން ދެމީހުން ވައްތަރުވީމަ ކުށްހީއެއް ކުރެވިދާނެކަމަށް.... އެކަމަކު އިމޫ އެއްފަހަރު ނަމަވެސް އަހަރެން ދެއްކި ވާހަކަ އަޑުއެހިނަމަ.... ކަމުގެ ޙަޤީގަތް އިތުރަށް އޮޅުން ފިލުވަން މަސައްކަތްކުރިނަމަ.... އެކަމަކު އޭގެ ބަދަލުގައި ރެކް ހަމަ އެހެން ބުނެލާއިރަށް އިމޫ އެވާހަކަ ޤަބޫލުކޮށް އަހަރެން ކުށްވެރިކުރީ...." އީމަންގެ އަތުތެރޭގައި އޮތް މާޔާގެ އަތް ދަމައިގަންނަމުން މާޔާ ވާހަކަ ދެއްކީ އީމަންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ފެންކަޅިވެފައިވާ ދެލޮލުން މާޔާއަށް ބަލަހައްޓައިގެން ހުރެ އީމަން ދެފަރާތަށް ބޯހޫރާލިއެވެ.

"އެއްފަހަރު އެގޮތަށް ކަންތައް ކުރި މީހަކު ދެންވެސް އެގޮތަށް ކަންތައް ކުރާކަށް ފަހަކަށް ނުޖެހޭނެ... އެހެންވީމަ ދެން އަހަރެން ހުއްޓުވަން މަސައްކަތް ނުކުރޭ....." މިހެން ބުނެފައި މާޔާ އަނެއްފަރާތަށް އެނބުރުނެވެ. މާޔާ ހުއްޓުވުމަށްޓަކައި އިތުރަށް އެއްޗެއް ބުނަން ނުކެރުމުން ދެރަވެފައި ހުރެ އީމަން ހިންދިރުވާލިއެވެ.

"މާޔާ.... އެހާ ގިނަދުވަސް ފަހުން އަހަންނާ ދިމާވީމައި އަހަރެންވެސް ދޫކޮށްލާފައި ދަނީތަ....؟؟؟" މިފަހަރު ވާހަކަ ދެއްކީ ދިމްޔާއެވެ. މާޔާ ދިމްޔާއާއި ކުރިމަތިލަމުން ދިމްޔާގެ އަތުގައި ހިފާލިއެވެ.

"އަހަރެން މިފަހަރު ދިޔަދީ.... އަހަރެން ބޭނުން ދުވަސްކޮޅަކަށް މިމާހައުލާ ދުރަށް ގޮސްލަން.... ވަރަށް އަވަހަށް އަންނާނަން....” ދިމްޔާގެ އަތަށް ފިތާލަމުން މިހެން ބުނެފައި މާޔާ ދިޔައީ ގޭތެރެއަށެވެ.

"ކޮއްކޯ... އެއީ ވަރަށް ބޯހަރު ކުއްޖެއް... އެހާފަސޭހައިން ގޮތްދޫކުރާކަށް މާޔާ ބޭނުމެއް ނުވާނެ.... އެކަމަކު އެކޮޅަށް ގޮސްފައިވެސް ދައްތަ ވަރަށް ވިސްނައިދޭނަން އޭނައަށް....." ދިމްޔާގެ ބޮލުގައި ފިރުމާލަމުން މަރީނާ ވާހަކަ ދެއްކީ އީމަނަށް ބަލަހައްޓައިގެން ހުރެއެވެ.

ދިމްޔާ ގޮވައިގެން ގެއަށް ދިޔުމުން ރާކިނާއި ދިމްޔާ އެކުގައި ފެނުމުން ރާނިޔާގެ ސުވާލުތައް އެމީހުނާއި ކުރިމަތިވިއެވެ. ރާކިން ކަންހިނގައިދިޔަ ގޮތް ކިޔައިދިނުމުން ރާނިޔާ އީމަނާއިމެދު ޙަމްދަރުދީވަމުން އޭނާއަށް ހިތްވަރުލައިދިނެވެ.

"މިހުރިހާ ކަމެއްވެސް މިވީ އަހަރެންގެ ސަބަބުން.... ރަނގަޅަށް ޙަޤީގަތް ބަލާފައި އަހަންނަށް އެދުވަހު ވާހަކަ ދެއްކުންނަމަ އިމޫއާއި މާޔާ ދުރުވާކަށް ނުޖެހުނީސް...." ދެރަވެފައި އިނދެ ރާކިން މިހެން ބުނެލީ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. ރާކިން މިހެން ބުނުމުން އީމަން ދެފަރާތަށް ބޯހޫރާލަމުން އެގޮތަށް ނުވިސްނުމަށް ބުންޏެވެ.

"އަނެއްކާ ދިމް ނުގެއްލެނީސް އަވަހަށް ރެކްމެންގެ ކައިވެނީގެ ކަންތައް ހަމަޖައްސަންވީނު...." އީމަން މިހެން ބުނެލީ އޭނާގެ ހިތަށް އަސަރުކޮށްފައިވާކަން އެހެން މީހުނަށް ނޭނގުމަށްޓަކައި ކުޑަކޮށް މަޖާވެލާފައި އިނދެއެވެ. ނަމަވެސް ނުބުނިކަމުގައިވިޔަސް އީމަން ދެރަވާނެވަރު އެތާ ތިބި އެންމެނަށްވެސް އަންދާޒާކުރެވެއެވެ.

"ނޫން އިމޫ.... އަހަރެމެން ކައިވެނި ކުރާނީ އިމޫއާއި މާޔާ އަލުން ގުޅުމުން... އިމޫއަށް މާޔާ ގެއްލުނީ އަހަރެންގެ ސަބަބުން... އެހެންވީމަ އަހަރެން ދިމްއާއި ކައިވެނިކުރާނީ އިމޫއަށް މާޔާ ލިބުނީމަ...." ރާކިން މިހެން ބުނުމުން ދިމްޔާވެސް ރާކިންގެ ބަހަށް ތާއީދު ކުރިއެވެ. ރާކިންމެން އެގޮތަށް ވާހަކަ ދެއްކުމުން އީމަން ރާކިންމެނަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ރާކިންމެން ތިބީ އީމަން ދައްކާ ވާހަކަ ޤަބޫލުކުރާ ގޮތަކަށް ނޫނެވެ.

ރުހާމެނާއި ދިމާވުމުން ދިމްޔާ ހުރީ ވަރަށް އުފާވެ އަދި އެހާމެ ހިތްހަމަވެސް ޖެހިފައެވެ. އެތައް ދުވަހަކަށްފަހު އެކުވެރިޔާ ހެޔޮހާލުގައި ފެނުމުން ރުހާމެން މާތް ﷲ ގެ ކިބަފުޅަށް ޝުކުރުވެރިވެ އެކަމަށް ޙަމްދު ކުރިއެވެ. އެކުވެރިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދިމްޔާއާއި ރާކިން ގެއަށް ދިއުމަށްޓަކައި ސައިކަލުގައި ދަތުރު ފެށިއެވެ.

ގެއާއި ހަމައަށް އާދެވުމުން ދިމްޔާ ސައިކަލުން ފައިބައިގެން އައިސް ގޭގެ ދޮރުމަތީގައި މަޑުކޮށްލީ ރާކިން މަގުގެ އަނެއްފަރާތަށް ސައިކަލް ޕާކުކުރަން ދިއުމުން އޭނަ އަންނަންދެނެވެ. ސައިކަލް ޕާކުކޮށްލުމަށްފަހު އެނބުރުންވަގުތު ދިމްޔާ ބަލަހައްޓައިގެން ހުރުމުން ރާކިން ދިމްޔާއަށް ހިނިތުންވެލުމުން ދިމްޔާވެސް ރާކިނަށް ހިނިތުންވެލިއެވެ. ނަމަވެސް އިސާހިތަކު އޭނާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ދިމްޔާ ބާރުބާރަށް ރާކިނަށް ގޮވާލިއިރު ވާނެއެއްޗެއް ވެނިމިއްޖެއެވެ. ރާކިންގެ ބޮލުގައި ބޮޑު ދަގަނޑުގަނޑަކުން ޖެހުމަށްފަހު އެދުއްވައިގަތީ ދިމްޔާގެ ކުރީގެ ލޯބިވެރިޔާ ޝާއިނެވެ. ރާކިން ބޮލުގައި ދެއަތުން ހިފަހައްޓާލިއިރު މަޑުމަޑުން ވެއްޓެން ދިޔަހެން ހީވިއެވެ. ފުސްވަމުންދިޔަ ދެލޮލުން އޭނާއަށް ދިމްޔާ އެދިމާއަށް ދުވެފައި އަންނަތަން ފެނުނެވެ. އެއާއިއެކު އޭނާގެ ޚަބަރު ހުސްވެގެން ވެއްޓުނެވެ.
(ނުނިމޭ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ