ލިޔުންތެރިޔާ
އަޙްމަދު
ވާހަކަ ލިޔުމާއި ސްކްރީންޕްލޭ ލިޔުމަށް ޝައުޤުހުރެ އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަން. އަޅުގަނޑު ލިޔުނު ސްކްރީންޕްލޭ ގަނެ، މަހްދީ އަޙްމަދު އަލުން ލިޔުނު ސްކްރީންޕްލޭ އަކަށް ހަދާފައިވާ ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ 12 އޯގަސްޓް 2014 ގައި ރިލީޒް ވާނެ. މިހާރު ރާއްޖެ.އެމްވީ އަށް "ހަނދުމަވަނީ" ގެ ނަމުގައި ވާހަކައެއް އެބަ ލިޔަން. އަޅުގަނޑުގެ ބްލޮގް Unmaday.blogspot.com އިން އަޅުގަނޑުގެ ވާހަކަތައް ކިޔާލެވޭނެ.
12 : ލިޔުނު ވާހަކަ
64 : ލައިކްސް
51 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

އެއްހާސް އަހަރު (4) ވަނަ ބައި

4 ވަނަ ބައި (ނުނިމޭ)
12 ސެޕްޓެމްބަރ 2015
0
ބިރުވެރި
"ޚާއްޞަކޮށް އަހަރެން ކަހަލަ ވޭމްޕަޔަރަކާ ވައިވެސް އެޅެން ނުވާނެ. އަހަރުމެންނަށް އިޙްތިރާމް ނުކުރާ މީހުންނާއި ދޭތެރޭ އަހަރުމެން އޯގާތެރި ވާނީ ކިހިނެތް؟"

"ޕްލީޒް. މިބުނީނު އަހަންނަކަށް ނޭނގެޔޭ. އަޅެ ޕްލީޒް! މަ ހިގައިދާނަމޭ މިތަނުން... އަހަރެން އެކަކު ކައިރީ އެކައްޗެކޭވެސް ނުކިޔާނަން!" ކުއްލި ބިރުވެރިކަމެއް ބިޝާރާއަށް ލިބުނެވެ. އާދޭހާއި އެކު ބިޝާރާ ވާހަކަ ދައްކަމުން ދިޔައިރު އަޑުވެސް ވަނީ ކުރަކި ވެފައެވެ. ބިރުންގޮސް ކަކުލުހުޅުން ވާގި ދޫވިހެން ހީވިއެވެ.

" އަ..އަހަ.. އަހަރެން އެއްވެސް މީހެއް ކައިރީގަ އެކައްޗެކޭވެސް ނުކިޔާނަން. ހަމަ ހުވާކޮށްފަ މިބުނީ. ޕްލީޒް. ހަމަ ހުވާ!

ޔަރަސްގެ ފަރާތުން އެންމެ ފުރަތަމަ ޖަވާބެއް ނުލިބުނެވެ. ރަތް އަނގުރު ގަނޑެއްހެން ދިލިފައި ހުރި އޭނާގެ ދެލޮލުން ބިޝާރާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. މަޑުމަޑުން ލޮލުގެ ރަތްކަން ފަނޑުވެ އިހު ހުރިގޮތަށް ކަޅު ކުލައަށް ލޮލުގެ ކަޅި ބަދަލުވެއްޖެއެވެ. ދިގުކޮށް ނުކުމެފައި ހުރި ދެ ފޭރާ ދަތުގެ ކޮޅަށް ހަނދުވަރުގެ އަލިކަން އެޅުމުން ދަޅައެއް އަޅާފައި ހުއްޓެވެ.

ޔަރަސްގެ ފޭރާ ދަތަށް ބިޝާރާ ބަލައިލިއެވެ. ބިރުވެރި، ނުރައްކާތެރި މިޔަރެއްގެ ތޫނު ދަތްތައް ފަދައެވެ. ބަލައިލުމުން ހީވަނީ ހަމަ ދެންމެ ދެންމެ ނޮޅާލަފާނެ ހެންނެވެ. ހަފާ ކުދިކުދި ކޮށްލަފާނެ ހެންނެވެ. ބިޝާރާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ދެލޯ މަރައި ތަގުޅިކޮށްލިއެވެ. ބޭނުންވީ ދެންމެ ފެނުނު މަންޒަރު ސިކުނޑިން އެއްފަރާތް ކޮށްލާށެވެ. އޭރުވެސް ޔަރަސް ހުރީ ބިޝާރާއަށް ބަލަހައްޓައިގެންނެވެ. އެހެނަސް އޭނާގެ ފޭރާދަތް ދިގުކޮށް ފެންނާކަށް ނެތެވެ. ޔަރަސް ކަޅި ޖަހައިވެސް ނުލައި ބިޝާރާއަށް ބަލަމުން ދިޔައެވެ.

"އަހަ..އަހަރެން..އަހަރެން މަރާލަންދޯ ތިއުޅެނީ؟" ބިޝާރާ އޭރުވެސް ބިރުން ތުރުތުރު އަޅަމުން ދެއެވެ. ޔަރަސް ދޭނެ ޖަވާބަކާއި މެދު ޖެހިލުންވެ އިނދެ ކުރި ސުވާލުގެ ޖަވާބުގެ އިންތިޒާރުގައި ހުއްޓެވެ. ލިބޭނީ ކޮން ޖަވާބެއްކަން އެނގޭއިރުވެސް ރަނގަޅު ގޮތެއް ވެދާނެ ކަމަށް އޮތް ކުޑަކުޑަ އުއްމީދާއި އެކުގައެވެ.

ޔަރަސް ފަރުވާކުޑަ ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ. އެއްވެސް ވަރަކަށް މަޑުމައިތިރި ކަމެއްނެތް ހަރުކަށި ބަރު އަޑަކުން ވާހަކަދެއްކިއެވެ.

"އާނ."

ޔަރަސް ރުޅިއައިސްފައި ހުރި މިންވަރު އޭނާގެ އަޑުންވެސް ރަނގަޅަށް ހާމަވެއެވެ. ވެމްޕަޔަރުންނަކީ އެއްވެސް ރަޙުމެއް ނެތި އިންސާނުން މަރާއުޅޭ މަޚްލޫޤުން ތަކެއްކަމަށް ލިޔުންތަކުން ބިޝާރާވެސް ވަނީ ކިޔާފައެވެ.

"ލޭ.. ލޭ.. ބޮއެލާފަ މަރާނުލާ ދޫކޮށެއް ނު.. ނުލެވޭނެތަ؟ އަ.. އަހަ...އަހަންނަށް އަނިޔާ ނުކޮށް ތިކަމެއް ނުވާނެތަ؟" ވަރަށް މަސައްކަތުން ބިޝާރާ ކޮށްލި ސުވާލަކީ ހަމަނުޖެހޭ ސުވާލެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ.

"އާނ"

ޔަރަސް ދިން ޖަވާބު ކިތަންމެ ކުރުނަމަވެސް އެހާ ތަފްޞީލް ޖަވާބެއް ނޯންނާނެކަން ބިޝާރާ ދެނެގަތެވެ. އެ ޖަވާބު ލިބުމާއިއެކު ހީވީ ބިޝާރާގެ ގަޔަށް ވިހަ ކައްޓެއް ހެރިގެން ދިޔަހެންނެވެ.

އެހެންވީމާ އޭނާ އަހަރެންނަކީ ދަންނަ މީހަކަށްވެސް ނުހެދިތާއެވެ. އޭނާ ޤަސްދުގައި އަހަންނަށް އެވަރުގެ އަނިޔާއެއް ކޮށްފާނެ ބާވައެވެ؟ އެކަމަކު އެއީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްހެއްޔެވެ؟

މިފަދަ ސުވާލު ތަކެއް ބިޝާރާގެ ހިތަށް އަރަމުން ދިޔައެވެ. އެހެނަސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ދައްކާނެ އިތުރު ވާހަކައެއް ނޭނގުނެވެ. ދުލަށް އެއްވެސް ލަފުޒެއް ނައެވެ. ހަމައެކަނި ޔަރަސް އަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ބިޝާރާގެ ލޮލުން ފެންނަނީ ހިތްދަތި ކަމެވެ.

އަނެއްކާވެސް ޔަރަސްގެ ތޫނު ފޭރާދަތް ދައްކާލިއެވެ. ބިޝާރާ ބިރުގަންނުވަން އުޅޭކަން އޭނާއަށް އެނގުނެވެ. ހަމައެއާއި އެކު އެއްވެސް އިންޒާރެއް ނެތި ކުއްލިއަކަށް ބިޝާރާ ކޮއްޕަމުން ގޮސް ރުކަކާއި ލާ ތަތްކޮށްލި ފަދައެވެ. ޔަރަސް ހުރީ ބިޝާރާގެ ކުރިމަތިން އޭނާގެ އަތުގައި ހިފަހައްޓައިގެން ރުކާލާ ފިއްތާލައިގެންނެވެ. ރުކުގެ ހަރު ތޮށިގަނޑުން ބިޝާރާގެ ބުރަކަށި ޒަޚަމް ވަމުން ދިޔައެވެ. ޔަރަސްގެ ހުޝިޔާރު ކަމާއި އަވަސްކަން ފެނިފައި ބިޝާރާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. ބިރުންގޮސް މާނޭވާ ލަމުން ދިޔައެވެ. ޔަރަސްގެ ދެ އަތުން ބިޝާރާގެ ކޮނޑުގައި ހިފިއެވެ. އެކަތައިގެ ދެއަތް ފަދަ އިޙްސާސެއް ބިޝާރާ އަށް ކުރެވުނެވެ.

ކުއްލިއަކަށް ޔަރަސްގެ ޙަރަކާތްތަކަށް ހުއްޓުން އެރިއެވެ. ބިޝާރާގެ ކުދިކުދި ވެފައިވާ ހިތް އޭނާގެ ބޮޑު ދެލޮލުން ޔަރަސް އަށް ފެނުނެވެ. އެހެނަސް އެއީކީ ކުރިން އެހެން އިންސާނެއްގެ ސަބަބުން އޭނާއަށް ކުރުވި އަސަރެއް ނޫނެވެ. އިންސާނަކު އޭނާގެ ވަކިތަކުގެ ދަށުގައި ވަނިކޮށް އެފަދަ އަސަރެއްގެ ސަބަބުން ސަލާމަތްވުން އެއީ އޭނާގެ ޚިޔާލަށްވެސް މީގެ ކުރިން އައި ކަމެއް ނޫނެނެވެ.

ޔަރަސްގެ ޙަރަކާތްތަކަށް އައި ބަދަލުން އެންމެ ފުރަތަމަ ބިޝާރާ އަށް ހުއްޓުން އެރިއެވެ. ހަމަ އެއާއިއެކު މޮޅިވެރިކަމެއް ގެނުވިއެވެ. އޭރު ޔަރަސްގެ ހިތަށް އަރަމުން ދިޔައީ މިފަދަ ކުއްޖަކު މަރާލުމަކީ ކޮށްގެންވާނެ ކަމެއް ބާވައެވެ. ޔަރަސްގެ ޙަޤީޤަތް އެއްވެސް މީހެއްގާތު ނުބުނާނެކަމަށް ބިޝާރާ ބުނި ބުނުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ޤަބޫލު ކުރެވުނެވެ.

އެހެނަސް، އޭނާއަކީ އިންސާނެކެވެ.

އަނެއްކާވެސް ޔަރަސްގެ ހިލަ ހިތުގެ އެންމެ އަޑިން ހަމްދަރުދީގެ އިޙްސާސެއް ކުރެވުނެވެ. މި ކުއްޖާ ދޫކޮށްލުމަށް ހިތުގެ ކޮންމެވެސް ހިސާބަކުން ބުނަމުން ދިޔައެވެ.

އެހެނަސް އޭނާއަކީ އިންސާނެކެވެ!

ނަމަވެސް ހިތުގެ ބޮޑުބައެއް ގޮވަމުން ދިޔައީ އެވެސް އިންސާނެއް ކަމަށެވެ. ހައިކަން ފިލުވާލަދޭނެ ތާޒާ ޝިކާރައެއް ކަމަށެވެ. އެހެނަސް މިއަޑުތަކަށް ޔަރަސް ބީރުކަންފަތެއް ދިނެވެ. އޭނާ ބޭނުންވީ އެ އަންހެން ކުއްޖާ ދޫކޮށްލާށެވެ.

އަހަންނަށް މިވަނީ ކީއްބާވައެވެ؟ މި ކުއްޖާގެ ފަރާތުން އަހަންނަށް ކުރިމަތި ވަމުން މިދަނީ ކޮންކަހަލަ ޖާދުވީ ބާރެއް ހެއްޔެވެ؟ ޔަރަސްގެ ހިތަށް އެތައް ސުވާލުތަކެއް ފުނިޖެހެން ފެށިއެވެ. ހަމަ އެއާއިއެކު އޭނާގެ ޢާއިލާއަށް މީގެ އެއްހާސް އަހަރު ކުރިން ކުޑަފޫޅުގެ އެ ދަރިފަސްކޮޅުން ކުރި ބަދު ދުޢާއާއި ޖެއްސި އެސްފީނާ މަތިން ހަނދާން އާވެގެން ދިޔައެވެ. އެ ހަނދާންތަކުން އެކަނިވެސް އޭނާގެ ފިޔަވަޅު ފަހަތަށް ޖައްސަން ނުޖެހޭކަން ނުހަނު ސާފެވެ. އެ ޙާދިސާއަށްފަހު އޭނާ އިންސާނުންނަށް ނަފުރަތު ކުރެއެވެ. ވޭތުވެދިޔަ ދިހަ ޤަރުނުވެސް އޭނާ ހޭދަކޮސްފައިވަނީ އެ ރުޅިވެރިކަން ދަމަހައްޓައި ވަރުގަދަ ކުރުމަށެވެ. މިހެން ހިތަށް އެރުމާއިއެކު ބިޝާރާގެ ނިޔަނެތިކަން އޭނާގެ ހަނދާނުން ކެހިގެން ދިޔައެވެ.

"އަނިޔާ އޭ!! ކަލެއަށް؟" މިހެން ބުނުމާއިއެކު ޔަރަސް ބާރަށް ހޭންފެށިއެވެ. ހަމަ އެއާއިއެކު ރުކާދިމާއަށް ބިޝާރާ ގަޅުވާލިއެވެ. އެވަގުތު ބިޝާރާގެ ނޭވާ ހުއްޓިގެން ދިޔައެވެ. ކޮށިއަރާ ވައްތަރަކަށް ކެއްސަން ފެށުމާއިއެކު ބިޝާރާ އޯކަށް ދެމިގަތެވެ.

"އަހަރެން ކަލެއަށް އަނިޔާއެއް ނުކުރާނަން!" ނުބައި ޒާތަކަށް ހީނލަމުން ރުޅިވެރިކަމާއި އެކު ބަރު އަޑަކުން ބުނަމުން ދިޔައެވެ. "އަހަރެން ކަލެއަށް ހާނީއްކަ ކުރާނަން، ކަލޭ ގައިގަ ތަޅާނަން، އަދި ކަލޭގެ ތި ބަލިކަށި ހަށިގަނޑު ކުދިކުދި ކޮށްލާނަން! އަދި އެކަން ކޮށްނިމިގެން އަހަރެން ކަލާގެ މަސްކޮޅެއް ކީއްކުރަން އިސްތައްޓެއްވެސް ދޫކޮށްނުލައި ކާލާނަން – އެވެސް ލަސްލަހުން، އަނިޔާވެރިކޮށް – އަދި އެނގޭތަ އޭރުވެސް ކަލޭ އޮންނާނީ ދިރިދިރި! އަހަރެން ކުރާ އަނިޔާގެ ކޮންމެ ޒައްރެއް ކަލެޔަށް ނިކަން ރަނގަޅަށް އިޙްސާސް ކުރެވެމުންދާނެ! ކަލޭގެ ހަށިގަނޑުގަ ހުރި ކޮންމެ ލެއި ތިއްކެއް އަހަރެންގެ ހަށިގަނޑަށް ދަމަމުން ދާނަން. އަދި ބުނަން، ކަލެޔަސް ނިކަން ވޭން އަޅާނެ!" މިހެން ބުނުމާއި އެކު އަނެއްކާވެސް ބިޝާރާގެ ހަށިގަނޑު ރުކަށް ގަޅުވާލިއެވެ. ހަމަ އެއާއި އެކު ބިޝާރާއަށް ކެހިވަރުގެ ފިޓެއް ޖެހިގެން ދިޔައެވެ. ޖެހުނުލެއް ބާރުކަމުން ރުކުން ހިކި ތޮށިކޮޅުކޮޅު ނެއްޓިގެން ގޮސް ބިޝާރާގެ ބޮލުގައި ޖަހާފައިވާ ދަތި ނެއްޓިގެން ރޫޅެން ތައްޔާރުވެފައިވާ އިސްތަސިގަނޑަށް އެޅުނެވެ.

ބިޝާރާގެ ނޭވާ ހަމައަކަށް އެޅުމުން ޔަރަސް އާއި ދުރަށް މޫނު އަނބުރާލިއެވެ. އެހެނަސް އޭނާއަށް ނޭނގި ކުރެވިގެންދިޔަ އެ ޙަރަކާތުން އޭނާގެ ކަނދުރާ އެއްކޮށް ހާމަވިއެވެ. ލިބުނު ފަހި ދަނޑިވަޅުގައި ޔަރަސް ބަލާކަށް ނުހުރެއެވެ. ވަގުތުން އެ ދޮން ކަނދުރާގައި އަނގަޖެހިއެވެ. ހަމައެއާއިއެކު އޭނާގެ ދިގު ދެ ފޭރާ ދަތް ކޮއްޕާލިއެވެ. އެއަށްފަހު އޭނާގެ އަނގަ ނައްޓުވާލިއެވެ. ހިތުން ލޭ ފޮނުވާ މައި ނާރު ހޯދުމަށެވެ. އެވަގުތު ބިޝާރާއަށް ޔަރަސްގެ އަނގަމަތި ފެނުމުން ހަޅޭއް ލަވައިގަތެވެ. ނަމަވެސް ޔަރަސް އިތުރު ވަގުތެއް ނަގައިނުލާ އަނެއްކާވެސް ދަތް ވައްދާލިއެވެ. ބިޝާރާއަށް ހެދުނުވަރަކަށް ގަދަ ހަދަމުން، ޔަރަސްގެ ގައިގައި ތަޅަމުން ދިޔައެވެ. ނަމަވެސް އެކަންވެސް ވީ ބޭކާރު ކަމަށެވެ. ބިޝާރާގެ ކޮންމެ ގަދަދެއްކުމެއް، ކޮންމެ ވަކި އަޅާލުމެއް ޔަރަސް އަށް ވީ އިތުރު ހިތްހަމަޖެހުމެއް ލިއްބައިދިން ކަމަށެވެ.

އާދައިގެ ކަޓް އިންސި އަންހެނެއް!

ޔަރަސް، ބިޝާރާގެ ގައިން ބުއީ މިވަގުތަށް ވާވަރަށް ރަހަ ބަލައިލުމަށް ކުޑަ ލޭ ފޮދެކެވެ. އަދި ހިތްހަމަ ޖެހޭވަރަށް އޭނާއަށް އަނިޔާއެއް ނުކުރެވެއެވެ. ބިޝާރާގެ ގައިން ޔަރަސް ދޫކޮށްލުމާއިއެކު ބިންމައްޗަށް ކުޑަކަކޫ މައްޗަށް ވެއްޓުނެވެ. އޭރު ބިޝާރާ އަށް ގިސްލައި ރޮވެނީއެވެ. އެވަގުތު ޔަރަސް އަށް އެ ރީނދޫ ފިނިފެންމާ ފެނުނެވެ. ޔަރަސް އަށް ދިނުމަށް ބިޝާރާ ގެނައި ޚާއްޞަ މަލެވެ. ކިސަޑު ބިންމަތީގައި ބިޝާރާ އާއި ދާދި ގާތުގައި އެ މާ އޮތެވެ.

ރީނދޫ ފިނިފެންމަލުގެ މާނައަކީ ރަޙްމަތްތެރިކަމެވެ. ޔަރަސް، އޭނާއާއި ދިމާއަށް ބަލައިލި އިރު، އޭނާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. ޔަރަސް އަށް ނޭނގުނަސް ބިޝާރާގެ ހިތްވެސް ޗިސްޗިސްވެ ކުދިކުދިވަމުން ދިޔައީ އޭނާގެ ގިސްލުން ތަކާއި އެކުގައެވެ.

އެންމެފަހުން ބިޝާރާ ކޮޅަށް ތެދުވެއްޖެއެވެ. އޭރުވެސް އޭނާގެ ކަނދުރާ ދޮށުން ލޭ ފާއްދަމުން ދެއެވެ. އަތުގެ އިނލިތަކުން ލޭ ތިކި ޖަހަމުން ދިޔައެވެ. ތެދުވެގެން ގޮސް ފާޑަކަށް ރުކުގައި ލައްގަނެލިއެވެ.

"އެ މާ އެއީ ތީނައަށް. އަނެއްކާ އެ ވެސް މައްސަލައެއް ދޯ – ތީނަ - ...." ބިޝާރާ އަނެއްކާވެސް ނޭވާ ކުރުވެ ކޮށި އަރައިފިއެވެ.

"އަހަރެން. ކީކޭ؟" އިންސާނުންނާއި ބޭކާރު އަނގަ ތަޅާކަށް ޔަރަސް އަށް ވަގުތެއް ނެތެވެ.
(ނުނިމޭ)
ވާހަކަ ހާއްސަ ކުރަނީ އަޅުގަނޑުގެ ވާހަކަތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ